13 ނޮވެންބަރު 2025
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން, ފޮޓޯ: މިހާރު

ޕީއެންސީގެ އިންތިޚާބު މިމަހުގެ 23 ވަނަ ދުވަހަށް ފަސްކޮށްފި

ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބު މިމަހުގެ 23 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. މީގެ ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިންތިޚާބުގެ ތާރީޚު ފަސްކުރަން ޖެހުނީ މިމަހުގެ 10 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެންނެވެ. މިމަހުގެ 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވެފައި، 9 ވަނަ ދުވަހަކީ ހަފްތާ ބަންދު ދުވަހަކަށްވާތީ، 10 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވި ކަމަށް ޕީއެންސީން މަޢުލޫމާތު ދީފައިވެއެވެ.

އިތުރަށް ޕީއެންސީން ފާހަގަކޮށްފައިވަނީ، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ލިބޭ 4 ދުވަހުގެ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން، 9 ވަނަ ދުވަހު އިންތިޚާބު ބާއްވައިފިނަމަ މެންބަރުންނަށް ވޯޓުލުމަށް ދަތިވާނެތީ، ގިނަ އަދަދެއްގެ ކެންޑިޑޭޓުންނާއި ޕާޓީގެ މެންބަރުންގެ އެދުމުގެ މަތިން އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބު ފަސްކުރުމާ ގުޅިގެން، އިންތިޚާބުކުރަންޖެހޭ މަޤާމުތަކާއި ކެންޑިޑޭޓުންގެ ނަންތަކުގެ އިތުރުން ވޯޓުލެވޭ މީހުންގެ ލިސްޓު މިމަހުގެ 10 ވަނަ ދުވަހު ޢާންމުކުރާނެ ކަމަށް ޕީއެންސީން ހާމަކޮށްފައިވެއެވެ.

މި އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބު ކަމަށް ޕީއެންސީން ބުނެފައިވެއެވެ. މި އިންތިޚާބުގައި ޖުމްލަ 2095 މަޤާމަކަށް މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފައިވެއެވެ. އިންތިޚާބުކުރާ މަޤާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން، ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުން، ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު