11 ފެބުރުވަރީ 2026

މިސްރުގެ ޕިރަމިޑްތަކުގެ ތާރީޚަށް ބަލައިލުމެއް

ޕިރަމިޑަކީ މިސްރުގެ ތާރީޚުގައި އެންމެ މަޝްހޫރު އަދި ސިއްރުކުރެވިފައިވާ އެއް ތަރިކައެވެ. ގީޒާގެ ޕިރަމިޑްތައް ބިނާކުރެވުނީ މީލާދީން 2550 އަހަރުގެ ހިސާބުގައި ފިރުއައުނު ޚުފޫގެ ފަރާތުންނެވެ. އޭނާގެ މަހާނަ ކަމުގައިވާ ގްރޭޓް ޕިރަމިޑަކީ ގީޒާގައި ހުރި އެންމެ ބޮޑު ޕިރަމިޑެވެ. މި ޕިރަމިޑް އަސްލު އުސްމިނުގައި ހުރީ 481 ފޫޓު (147 މީޓަރު) އެވެ. މި ޕިރަމިޑް ބިނާކުރުމަށް ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް 2.3 މިލިއަން ހިލައެވެ. މި ހިލަތަކުގެ ބަރުދަނަކީ އެވްރެޖްކޮށް 2.5 ޓަނުން 15 ޓަނަށެވެ.

ޚުފޫގެ ދަރި، ޚަފްރޭ ވަނީ ގީޒާގައި ދެވަނަ ޕިރަމިޑް ބިނާކޮށްފައެވެ. މިއީ މީލާދީން 2520 އަހަރު ކުރިން ހިސާބުގައެވެ. މި ޕިރަމިޑްގެ ސަރަޙައްދުގައި ހުންނަ އެންމެ މަޝްހޫރު އެއްޗަކީ ސްފިންކްސްއެވެ. މިއީ ސިންގާއެއްގެ ހަށިގަނޑާއި ފިރުއައުނެއްގެ ބޯ ހުންނަ ގޮތަށް ހިލައިން ހަދާފައިވާ މޮނިއުމެންޓެކެވެ. ސްފިންކްސް އަކީ ފިރުއައުނުގެ މަހާނަ ސަރަޙައްދު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް މިއީ ޚަފްރޭ ބިނާކުރި އެއްޗެއްކަން ޔަގީންކުރެވިފައެއް ނުވެއެވެ.

ގީޒާގެ ތިންވަނަ ޕިރަމިޑަކީ ފުރަތަމަ ދެ ޕިރަމިޑަށްވުރެ ކުޑަ ޕިރަމިޑެކެވެ. މި ޕިރަމިޑްގެ އުސްމިނަކީ ގާތްގަނޑަކަށް 218 ފޫޓެވެ. މި ޕިރަމިޑް ބިނާކުރެއްވީ ޚަފްރޭގެ ދަރިކަލުން މެންކައުރޭއެވެ. މިއީ މީލާދީން 2490 އަހަރު ކުރިން ހިސާބުގައެވެ. މި ޕިރަމިޑްގެ ސަރަޙައްދުގައި ދެ މަހާނަ ގެއެއް ހުރެއެވެ. އަދި މި ދެ މަހާނަގެ ގުޅުވާލާފައިވަނީ ދިގު މަގަކުންނެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ތިން ރަނިކަނބަލުންގެ ޕިރަމިޑްވެސް ހުރެއެވެ.

ޕިރަމިޑްތައް ބިނާކުރެވުނު ގޮތް، މިއަދާ ހަމައަށްވެސް ސައިންޓިސްޓުންނާއި އިންޖިނިއަރުންނަށް ޔަގީންކަމާއެކު ނޭނގެއެވެ. ނަމަވެސް ޕިރަމިޑް ބިނާކުރި މީހުންނާއި އެކަމަށް ބޭނުންވި ސިޔާސީ ބާރުގެ މައުލޫމާތު ލިބިފައިވެއެވެ. ޕިރަމިޑް ބިނާކުރި މަސައްކަތްތެރިންނަކީ ހުނަރުވެރި މިސްރު މީހުންނެވެ. މި މީހުން ދިރިއުޅުނީ ޕިރަމިޑް ކައިރީގައި ވަގުތީގޮތުން އުފައްދާފައިވާ ސިޓީއެއްގައެވެ. މި ސިޓީގެ ބޮޑުމިނަކީ 17 އޭކަރެވެ. މި ސިޓީގައި ހުރި ބޭކަރީތަކާއި ޖަނަވާރުންގެ ކަށިތަކުން އެނގެނީ މި މަސައްކަތްތެރިންނަށް ވަރަށް ރަނގަޅަށް ކާންދީފައިވާކަމެވެ. މި ސަރަޙައްދުގައި ކުރެވުނު އާކިއޮލޮޖިކަލް ދިރާސާތަކުން ދައްކާގޮތުގައި މިއީ ވަރަށް ރަނގަޅަށް ރޭވިފައިވާ، ވަސީލަތްތައް މުއްސަނދި އަދި ވަރުގަދަ މަރުކަޒީ ވެރިކަމެއްގެ ދަށުން ހިންގާފައިވާ މުޖުތަމައުއެކެވެ.

މިސްރުގެ އެކި ކަންކޮޅުތަކުގައި ކުރެވުނު އާކިއޮލޮޖިކަލް ދިރާސާތަކުންނާއި ޕެޕައިރަސްގައި ލިޔެފައިވާ ރެކޯޑުތަކުން ދައްކާގޮތުގައި ނައިލް ކޯރާއި އިތުރު މަސްނޫއީ މަގުތައް ބޭނުންކޮށްގެން ގީޒާ ސަހަރާއަށް ތަކެތި ގެނެސްފައިވެއެވެ. މީގެ ތެރޭގައި އަސްވާން ހިލަ އަދި ސިނާއީ ޖަޒީރާއިން ގެނެވުނު ނަހާސް ހަތިޔާރުތަކާއި ލެބަނަނުން ގެނެވުނު ލަކުޑި ހިމެނެއެވެ. މަސައްކަތްތެރިންނަށް ކާންދިނުމަށްޓަކައި ނައިލް ޑެލްޓާ ކައިރީގައި ހުރި ދަނޑުތަކުން ގެރި ގެނެވުނެވެ.

މިސްރުގެ އެކި ސަރަޙައްދުތަކުން، މަސައްކަތްތެރިންނަށް ކާނާ އަދި އެހެނިހެން ބޭނުންތެރި ތަކެތި ފޯރުކޮށްދީފައިވާކަމަށް ބެލެވެއެވެ. މިއީ ގައުމީ ފެންވަރުގައި ކުރެވުނު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ. މިގޮތުން ޕިރަމިޑްތަކަކީ އޭރުގެ ފިރުއައުނުންގެ މުއްސަނދިކަމާއި ބާރު ދައްކުވައިދޭ އެއްޗެއްގެ ގޮތުގައި ބެލެވެއެވެ.

ޕިރަމިޑްތައް ބިނާކުރެވުނު ގޮތާ ބެހޭގޮތުން ސައިންޓިސްޓުންނާއި އިންޖިނިއަރުން އަދިވެސް ބަހުސްކުރަމުން ދެއެވެ. އާންމުގޮތެއްގައި ޤަބޫލުކުރެވޭ ގޮތުގައި މިސްރު މީހުން ބޮޑެތި ހިލަތައް މައްޗަށް އުފުލާފައިވަނީ ބޮޑެތި ރޭމްޕްތައް ބޭނުންކޮށްގެންނެވެ. މި ރޭމްޕްތަކުގައި ފެން ނުވަތަ ތެތް މަޑު ބޭނުންކޮށްގެން ހިލަތައް އުފުލާފައިވާކަމަށް ބެލެވެއެވެ. މީގެ އިތުރުން ސްލެޖްތަކާއި، ވާތަކާއި، ރޯލަރތަކާއި އަދި ލީވަރތައް ބޭނުންކޮށްފައިވާކަމަށް ބެލެވެއެވެ.

ޕިރަމިޑްތަކަކީ މިސްރުގެ ޤަދީމީ ތާރީޚާއި ހުނަރުވެރިކަން ދައްކުވައިދޭ އެއްޗެކެވެ. މިއަދާ ހަމައަށްވެސް ޕިރަމިޑްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ތަނެކެވެ. އަދި ސައިންޓިސްޓުންނާއި އާކިއޮލޮޖިސްޓުން މި ތަންތަނުން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުން ދެއެވެ.


މަޢުުލޫމާތު ނަގާފައިވަނީ: www.nationalgeographic.com

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު