މީގެ 36 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަކީ ދިވެހި ތާރީޚުން ފޮހެނުލެވޭނެ ހަނދާނެކެވެ. އެ ރޭގެ ހާދިސާތަކުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމް ދެކެވަޑައިގެންނެވި ކަންތައްތަކާއި އިހުސާސްތައް މިއަދު ވެސް ވަރަށް ސާފުކޮށް ހަނދުމަފުޅު ހުރި ކަމަށް ވިދާޅުވެއެވެ. މިވާހަކަތައް ޙިއްސާކުރައްވާފައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ނަޞްރީނާ ވިދާޅުވި ގޮތުގައި، އެ ރޭ ރައީސް މައުމޫން އަވަހާރަފުޅު ލައްޕަވަން އުޅުއްވި ވަގުތު މާލެއަށް ވަރަށް ގަދައަށް ގުގުރައެވެ. ދަންވަރު އެކެއް ޖެހި އިރުވެސް ގުގުރަމުން ދިޔައެވެ. ފަތިހު 4:30 ހާއިރު ހޭފުޅު ލެއްވުމުން ވެސް އެ ރައީސް މައުމޫނަށް އިހުސާސްވީ ގުގުރަމުންދާ ކަމަށެވެ. ނަމަވެސް، އެއީ ހަޤީޤަތުގައި ބަޑީގެ އަޑުކަން ކުއްލިއަކަށް އެނގިވަޑައިގަތުމާއެކު ވަގުތުން އެލާޓްވެވަޑައިގަތެވެ.
ރައީސް މައުމޫން ވަގުތުން ރިޔާސީ ގަނޑުވަރު ތީމުގޭ ބަލަހައްޓަން ތިބި ސިފައިންނާއި ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމަށް ގުޅުއްވިއެވެ. އިލްޔާސް ހުންނެވި ގެކޮޅު މއ. ކިނބިގަސްދޮށުގެއަށް ދުޝްމަނުން އަތުވެއްޖެ ކަމުގެ ޚަބަރު އިލްޔާސް ދެއްވިއެވެ. މި ހިސާބުން ރައީސް މައުމޫނަށް އެނގިވަޑައިގަތީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ، ތަމަޅައިންގެ 80 ވަރަކަށް މީހުން ގޮވައިގެން ހަތިޔާރާ އެކު މާލެ އަރައި ވެރިކަން ބަދަލުކުރުމުގެ އުދުވާނީ ހަމަލާ ފަށައިފި ކަމެވެ.
ރައީސް މައުމޫނަށް އެނގިވަޑައިގަތީ މި ހަމަލާގައި އެންމެ ބޮޑަށް އަމާޒުކުރާނީ އެ މަނިކުފާނު ހުންނެވި ތަނެއް ހޯދަން ކަމެވެ. އެހެންކަމުން، އެންމެ ބޮޑު އިސްކަމެއް ދެއްވީ ރިޔާސީ ގަނޑުވަރު ތީމުގެ ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަތުމަށެވެ. އަލްފާޟިލާ ނަސްރީނާ ވިދާޅުވި ގޮތުގައި، "ފުރަތަމަ ވިދާޅުވީ ކާރުކޮޅު ގެންނަން. އަޅުގަނޑަށް ހީވަނީ [މައުމޫންގެ] ހިތްޕުޅުގައި އޮތީ ސިފައިންގެ އަށް ވަޑައިގަންނަވަން ކަން ނޭނގޭ ފުރަތަމަ. ދެން އާދަމް ނައީމް [ތީމުގޭގެ] ވަލުދޮރާށިން ވަންނަވާފައި ވިދާޅުވެއްޖެ މިތާނގައި ވެސް އެބައުޅެއޭ މި ހިސާބުގައި ވެސް އެބައުޅެއޭ [ދުޝްމަނުން]. އެހެންވީމާ ކަމަކު ނުދާނެއޭ. [ތީމުގެ އިން] ހަމަ ނުކުމެވަޑައިގަންނަވަން ޖެހޭނެއޭ."
އެ ވަގުތު މާލޭގައި ހުންނެވީ ރައީސް މައުމޫންގެ ދަރިންގެ ތެރެއިން މިހާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އެކަންޏެވެ. އޭރު ޣައްސާންގެ އުމުރުފުޅަކީ އެންމެ 8 އަހަރެވެ. އެހެން ދަރިން ތިއްބެވީ ރާއްޖެއިން ބޭރުގައި ކިޔަވާ ވިދާޅުވުމަށެވެ. އެހެންކަމުން، ރައީސް މައުމޫނާއި އަލްފާޟިލާ ނަސްރީނާ އާއި ޣައްސާން އަދި ނަސްރީނާ ބަލަހައްޓަވާ އަންހެން ކުއްޖަކު ގޮވައިގެން ތީމުގޭގެ ވަލުދޮރާށިން ހިންގަވާފައި ގިނިކަންޏާ ނުކުމެވަޑައިގަތެވެ. އެ ބޭފުޅުންނާ އެކު ހުރީ އެންމެ ބޮޑީގާޑެކެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި، "ޣައްސާން ހުރީ އެންމެ ކުރީގައި." ފުރަތަމަ ވަދެވަޑައިގަންނަވަން އުޅުއްވީ ތީމުގޭގެ ކައިރީގައި ހުންނަ އަސުރުމާގެއަށެވެ. ނަމަވެސް، އަސުރުމާގޭގެ ވަލުދޮރާށި ތަޅުލާފައި ހުރުމުން ދެން ވަޑައިގަތީ ކައިރީގައި ހުރި ގުލިސްތާނުގެ އަށެވެ.
ގުލިސްތާނުގެއަށް ވަދެވަޑައިގެން ނަމާދުކުރެއްވުމަށްފަހު ރައީސް މައުމޫން އިށީނދެވަޑައިގެން އިންނެވިއެވެ. އަލްފާޟިލާ ނަސްރީނާ ވިދާޅުވި ގޮތުގައި، "މާން އެ ގެއަށް [ގުލިސްތާނުގެއަށް] ވަދެވަޑައިގެން ނަމާދު ކުރައްވައިގެން އެ އިށީންނެވި ގޮތަށް އެ އިންނެވީ ތެދުވެވަޑައިނުގެން. އެ މީހުން [އިންޑިއާ ސިފައިން] އަންނަންދެން އެންމެ ފަހަރަކު ކަން ނޭނގޭ ހިންދަމާލައްވަން ނުވާނެ 15 މިނިޓު ވެސް."
ރައީސް މައުމޫން ގުލިސްތާނުގޭގައި އިންނަވައިގެން ތިން ފޯނުން ހުއްޓުމެއް ނެތި ގެންދެވީ އެކި ފަރާތްތަކަށް ގުޅުއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ސިފައިންގެ އިސްވެރިންނާއި ވަޒީރުންނާއި އެހެން ބޭފުޅުންނަށް ހިތްވަރު ދެއްވައި އަމަލު ކުރަންވީ ގޮތް އޭރު ވެސް ވިދާޅުވެދެއްވަމުން ގެންދެވި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އަލްފާޟިލާ ނަސްރީނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ރައީސް މައުމޫންގެ ކެރުންތެރިކަމާއި ކަންކަމާ ކުރިމަތިލެއްވުމުގެ ގާބިލްކަމެވެ. އެ ނުރައްކާތެރި ވަގުތުގައި ވެސް އެ މަނިކުފާނު ދެއްކެވީ ހިތްވަރުގަދަ، ކެރޭ ލީޑަރެއްގެ ސިފައެވެ.
ނޮވެމްބަރު 3 ގެ ހަމަލާއަކީ ދިވެހި ތާރީޚުގެ އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމުގައި ވީނަމަވެސް، އެ ދުވަހު ދިވެހި ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުން ދެއްކި ހިތްވަރާއި ޤައުމީ ރޫހަކީ މިއަދު ވެސް ފަޚުރުވެރިވާންޖެހޭ ކަމެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތި ޝަރަފުގެ ޙައްގު ވެރިޔަކީ މައުމޫން އަބްދުލް ގައްޔޫމް.
ޢެއްޗެއްދިނީމަ ދެއްކުންތެރިކަމުގެ އެތިބަ ރުއިންތަކުގެ މީހުނަށް އެދުވަހު ހަގީގަތުގަވެސް ހަދާނެ އެއްގޮތެއްވެސް ނޭގިފަ ތިބީ. އެދުވަހު ޝަހީދުވި އަބްތާލުންގެ ތެރެއިން ތިއިން އެއްވެސްމީހަކު ފެނިފަ ނުވާކަމީ އޭގެ ސާފު ހެއްކެއް. މި ގައުމު ދިފާއުކުރީ ތިމީހުންނެއް ނޫން ޝަހީދުވެގެން އެދިޔަ ޝަރަފްވެރިން. ކަންކަން އޮޅުވާލަން ބަޔަކު އުޅުނަސް އެކަމެއް ރައްޔިތުންނަށް އޮޅުނައެއް ނުލެވޭނެ.