13 ނޮވެންބަރު 2025

ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ފަށައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުން ފޮނުވާފައިވާ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.

ޢިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި މަހުގެ 5 އިން 21 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. އަދި މި ދިރާސާތަކަކީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތް ރޭވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމާއެކު، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑްކުރުމާއި، ސްޓޯމް ވޯޓަރ ނިޒާމާއި ފަޔަރ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރެވޭނެއެވެ. އަދި ވިލިމާލޭގައި 5.6 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައިވެސް މަގުތަކުގެ އަޑިން އަޅަންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެން ހިންދާ ނިޒާމު އެޅުމަށް ހަމަޖެހިފައިވެއެވެ.

ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢު ނިމުމުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު