ރިއަލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ، ފްރާންސް ގައުމީ ޓީމުން ވަކިވާން ނިންމައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ނިންމުމަށް އައިސްފައިވަނީ، ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކަށް އޭނާ ނުހޮވުމާ ގުޅިގެންނެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝަމްޕްސް ވަނީ، އިސްރާއީލާއި އިޓަލީއާ ކުޅޭ މެޗުތަކަށް އެމްބާޕޭ ނުހޮވާ ސަބަބު ބަޔާންކޮށްދީފައެވެ. އޭނާ ބުނީ މިއީ ހަމައެކަނި މި ދެ މެޗަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެމްބާޕޭ އަށް ޓީމުގައި ބައިވެރިވާން ބޭނުންވި ކަމަށްވެސް ޑެޝަމްޕްސް ބުންޏެވެ.
ނަމަވެސް، މިހާރު ލިބެމުންދާ މަޢުލޫމާތުތަކުން ދައްކާގޮތުގައި، މި ހާދިސާއާ ގުޅިގެން އެމްބާޕޭ ވަނީ ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން ގެއްލިފައެވެ. މިހާރުގެ ހާލަތުގައި އޭނާ ގައުމީ ޓީމަށް ކުޅުމަށް ބޭނުން ނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ކަމާ ގުޅޭ ގޮތުން އެމްބާޕޭ އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް، މި ޚަބަރު ތެދުވެއްޖެނަމަ، މިއީ ފްރާންސްގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.