12 ފެބުރުވަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮޓޯ: ރައީސް އޮފީސް

"އެއީ ބޭސް ފަރުވާއަށް ދޫކޮށްލި މީހެއް، ރައީސް މަޢާފެއް ނުދެއްވާ"

ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވައިގެން، މިނިވަންކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކުޑަކުއްޖަކާއެކު ބަދު އަޚުލާގީ ޢަމަލު ހިންގި މީހަކު ދޫކޮށްލި ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށާއި އެކަމުގެ ހަގީގަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރައްވާފައިވާކަމަށެވެ.

އަދި،، ކަރެކްޝަނަލް ސާރވިސްއިން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވީ ދޫކޮށްލިކަމަށް ބުނާ ހއ.ހޯރަފުށީ ހާޝިމް އަބޫބަކުރަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމަށެވެ. އަދި 2022 އިން ފެށިގެން އޭނާގެ އުނަގަނޑުގެ މައްސަލައެއް ހުރެ އެކަމުގެ ވޭން ތަހައްމަލުކުރަމުން ދިޔަކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އޭނާގެ ސަރޖަރީ ރާއްޖޭގައި ކުރެވެން ނެތްކަމަށް ޑޮކްޓަރުން ލަފާދެއްވުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމުން، މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީފައިވާކަމަށް ބަޔާނުގައިވެއެވެ.

ބޭސްފަރުވާއަށްފަހު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އޭނާވަނީ މާލެ އައިސްފައިކަމަށާއި އޭނާގެ ބަލި ޙާލު ހުރިގޮތުން ޖަލުގައި ހުރެގެން ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުގެ މަތިން ފަރުވާ ކުރިއަށް ނުގެންދެވޭނެތީ، ވަގުތީގޮތުން ޙުކުމް ތަންފީޒުކުރުމަށް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި އޮންނަ އުސޫލުގެ ދަށުން އޭނާ މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ސަރުކާރުން މިކަން ހާމަކުރެއްވީ ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު