11 ފެބުރުވަރީ 2026
ފުރަތަމަ ފަހަރަށް ބާއްވާ ފަތުވާ މަހާސިންތާ ފެށުނން, ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފުރަތަމަ ފަހަރަށް ބާއްވާ ފަތުވާ މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން "ފަތުވާ މަހާސިންތާ" ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ފަށައިފިއެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ މަޤްޞަދެއްގައި ބޭއްވޭ ފުރަތަމަ މަހާސިންތާއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި މަހާސިންތާގެ މައުޟޫޢަކީ "މުޖުތަމަޢު އިޞްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، އިސްލާމްދީނުގެ މަތިވެރި އަލިކަން ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް އެއްތަނެއްގައި ބައްދަލުވެ، މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން، މި މަހާސިންތާގެ އަމާޒުތަކުގެ ތެރޭގައި ހިމެނެނީ:
• ރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުން
• މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނީ މައްސަލަތަކުގައި ޚިޔާލު ހޯދައި މަޝްވަރާކުރުން
• ކަމާގުޅޭ ފަރާތްތައް އެކުގައި މަސައްކަތްކޮށް، މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުން

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. އަދި ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް މައްސަލަ ޙައްލުކުރައްވައި، ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ އަދަދަށް މެންބަރުން ޢައްޔަންކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަހާސިންތާގައި ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެ ކަމަށާއި، މި ޑިސްކަޝަންތަކުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު