ގައިދީންނާއި ބަންދުމީހުން އާއިލާއާ ބައްދަލުކުރާ ގެ ހުޅުމާލޭ ޖަލުގައި، ތަރައްޤީކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އާއިލާއަކަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެއް ކަމަށެވެ.
މިހާރު ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.
ބައްދަލުވުމަށް އާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ޚާއްސަ ކިޑްސް ކޯނަރއެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން އިވެއިޓިންގ ރޫމެއް ވެސް ގާއިމްކޮށްފައިވެއެވެ.
މި ވެއިޓިންގ ރޫމް ބޭނުންކުރާނީ އާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމަށް އެމްސީއެސްއިން ވިދާޅުވިއެވެ.
މި ބައްދަލުކުރާ ގޭގެ ސަބަބުން، ގައިދީންނަށާއި ބަންދު މީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.



