ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް މާކެޓުކުރާތީ، އެފަދަ ތަކެތި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ފާހަގަކުރެއްވި ގޮތުގައި، ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ހަޤީޤަތާ ޚިލާފަށް ކާބޯތަކެތި މާކެޓުކުރުމަކީ ބޭނުންކުރާ ފަރާތްތަކުގެ ޞިއްޙަތަށް، ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި، މާބަނޑު މީހުންނާއި ގާތުންކިރުދޭ މައިންނަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމެކެވެ.
އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގައިވާ ގޮތުން، ވަކި ސިއްޙީ ފައިދާއެއް ކުރާނެކަމަށް ނުވަތަ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމާއި، ހަޤީޤަތް އޮޅޭފަދަ ގޮތަކަށް މަންސަތަކުގައި މަޢުލޫމާތު ދައުރުކުރުމަކީ މަނާކަމެކެވެ.
އެހެންކަމުން ގަވާއިދާ އެއްގޮތަށް އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި ސައްޙަނޫން މަޢުލޫމާތަށް ނުބަލައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެ ކަސްރަތުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.


