(ހޮނިހިރު ދުވަހުގެ ބައިތަކާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ..)
****
"ޕިސްޕިސް.. ގޮތް ހުސްވިޔަސް ގޮތްދޫނުކުރާތި… މިއަދު ގޮތްދޫކޮށްފަ މާހިރުގެ ސައިކަލު ފަހަތަށް އަރައިން ގެއަށް އައި ނަމަ މިހާރު ހުރީހީ އާދެވިފަ.. މިހާރު ހިނގާ ހިނގާ ވަރުބަލިވެއްޖެ…" ރާމިޔާ އޭނާގެ ނިތްކުރިމަތީގައި ހުރި ދާ ތިކިތައް ފޮހެލަމުން އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ.
މައިނޭވާ ލަމުން، ބާރު ބާރަށް ހިނގަމުންއައިސް ކޮޓަރިއަށް ވަނުމާއެކު، ބޭރު ދުނިޔޭގެ ބުރަދަން އުފުލަން ދަތިވެފައިވާ ފަދަ ގޮތަކަށް ރާމިޔާ ތުރުތުރުއަޅާ އިނގިލިތަކުން ދޮރު ލައްޕާލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ބިންމައްޗަށް ވައްޓާލުމަށްފަހު، ދެތިން ފިޔަވަޅެއް އެޅުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. އެކަނިވެއްޖެކަން އިހުސާސްވުމާއެކު، މުޅި ދުވަހު އޭނާ ހިފަހައްޓައިގެން ހުރި ހިތްވަރު އެއްކޮށް ބިނދިގެން ދިޔައެވެ. ދެއަތުން މޫނު ނިވާކޮށްލައިގެން އިނދެ ގިސްލާ ރޯން ފެށުމުން، ކައިރީގައި ހުރި މެހެކް ސިހިގެން ގޮސް ރާމިޔާގެ ކައިރީގައި އިށީނދެ، އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން ވީގޮތް ތަކުރާރުކޮށް އަހަން ފެށިއެވެ. ނަމަވެސް ރާމިޔާއަށް ކުރެވުނުހާވެސް ކަމަކީ ކަރުނުން ފުރިފައިވާ ލޮލަކުން ކަރުނަ ބޭލުމަށްފަހު ބޯ ހޫރާލުމެވެ. ބޭއިޙްތިޔާރުގައި ރާމިޔާ ދުލުގައި ޖަހާފައިއޮތް ގޮށް މުހި އޭނާގެ ހިތުގެ އުދާސްތައް މެހެކްގެ ކުރިމަތީގައި ބަންޑުންވާކަށް ލަހެއް ފަހެއް ނުވިއެވެ.
"މެހެކް… އަހަންނަށް މިވަނީ ކީއްކަމެއްވެސް މިހާރަކު ނޭނގޭ. އަހަރެން މިއީ ކާކުކަމެއްވެސް މިހާރު ނޭނގޭ. ކޮންމެ ދުވަހަކު ހެނދުނު އަހަރެން ހޭލަނީ އަހަރެންނަކީ ވަރުގަދަ މީހެއް ކަމަށާ، ދިރިއުޅުމުގަ ކުރިން ދިމާވި ހިތްދަތި ކަންކަމަށްވުރެ ބޮޑު ކަމެއް ދެން ދިމާނުވާނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން. އެކަމަކު ކޮންމެ ދުވަހަކު އިރުއޮއްސިގެން ގެއަށް އަންނައިރު، ކުރީ ދުވަހަށްވުރެ ބޮޑަށް އަހަރެން ބަލިކަށިވެއްޖެކަން އިހުސާސްވޭ. އަހަރެންގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ބީވެގެންދާހެން ހީވޭ. ހުރިހާ ކަމެއް ކޮންޓްރޯލްގެ ދަށުގައި ހުރި ކަމަށް ދައްކައިގެން އުޅެން އަހަރެން ވަރުބަލިވެއްޖެ. ހަގީގަތަކީ އަހަރެންގެ އެތެރެހަށީގައި އެއްވެސް ކަމެއް ކޮންޓްރޯލެއްގައި ނެތްކަން. ސިކުނޑި އެއްޗެކޭ ބުނާއިރު ހިތް އެއަށްވުރެ މުޅިން ތަފާތު އެއްޗެކޭ ބުނަނީ. އަހަރެން ގަބޫލުކުރަންވީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެ. ސިކުނޑި ހަނދާންކޮށްދެނީ އަހަރެންނަށް ގެއްލުނު ކަންތައްތައް. އަހަރެން އަތުން ބީވެ ދިޔަ މާޒީޔާ އެ މާޒީގެ ހިތްދަތި ހަނދާންތައް… އެކަމަކު ހިތް ބުނަނީ އަދިވެސް އުންމީދެއް އެބައޮތޭ…. އަހަރެން އެ އުންމީދަށް ނަފްރަތު ކުރަން… އެއީ އުންމީދަކީ މިހާރު އަހަރެން އެންމެ ބިރުގަންނަ އެއްޗަށް ވެފައިވާތީ… ކޮންމެ ފަހަރަކު އުންމީދެއް ކުރާއިރަށް، ހުވަފެނެއް ދެކޭ އިރަށް، އެކަމެއް ހާސިލުވުމުގެ ކުރިން ނޫނީ އެ ހުވަފެނެއްގަ ކުލަޖެހުމުގެ ކުރިން ދިރިއުޅުން އެކަމެއް އަހަރެންގެ އަތުން ފޭރިގަނޭ. އަހަރެން މީ ކިހާ ބަދުނަސީބު މީހެއް ދޯ… ދެން ކީއްވެ އަހަރެންގެ ހިތް މިހާ ބަސްނާހަނީ… ކީއްވެ އަހަރެންގެ ބޯ މިހާ ހަރީ… ކީއްވެ އަހަރެންގެ ތަޤުދީރުގަ ކަން އޮތްގޮތް ގަބޫލުކުރަން އަހަރެންގެ ހިތް ނުރުހުންވަނީ.. ކީއްވެގެން ހިތް މިކަންކަން ދަސްނުކުރަނީ؟ ކީއްވެ އަހަރެންގެ ހިތް މިކަންކަން ނަގައި ނުހަންނަނީ…. ކީއްވެ އަދިވެސް އަހަރެން ނޭވާލާން މި މަސައްކަތް ކުރަނީ؟ އަހަރެން… އަހަރެން އަބަދުވެސް އަހަރެންގެ ހިތަށް ދަސްކޮށްދިނީ ހިމޭނުން އޮންނަން. އެކަމަކު އަދިވެސް އިހުސާސްތައް ހުރިކަން މި ހިތް ހަނދާންކޮށްދެނީ ކީއްވެ؟ އެއްވެސް ކަމެއް އިހުސާސް ކުރުމަކީ ނުރައްކާތެރި ކަމެއްކަން އެނގޭއިރުވެސް.. މެހެކް، އަހަރެން މިގޮތަށް ދިރިއުޅޭކަށް ބޭނުމެއް ނޫން. ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ހަނގުރާމަ ކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. އެހެން މީހަކަށް ނުފެންނަ، އެކަނިވެރި ހަނގުރާމައެއް އުފުލަ އުފުލާ އަހަރެންގެ ހިތްވަރު އެލިއްޖެ… މާޔޫސްވެ މި ދުނިޔެ މަތިން ފޫހިވެއްޖެ…."
ރާމިޔާ އޭނާގެ ކަރުނަތައް ފޮހެލަން މަސައްކަތް ކުރި ނަމަވެސް، މެހެކްގެ އަތުގައި އުންމީދެއް ނެތް ފަދަ ގޮތަކަށް ބާރަށް ހިފަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް، އެ ކަރުނަތައް މާ ބާރަށް އޮހެމުން ދިޔައެވެ. "އެންމެ ބޮޑަށް އަހަރެންގެ ހިތަށް ތަދުވަނީ ކޮން ކަމަކުންކަން އެނގޭތަ… މިހާރު މިއީ ބިރުގަތުމެއްވެސް ނޫން… އަހަރެން ބިރުވެރިކަމުގެ ތެރޭގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ… އެއީ މިހާރު އަހަރެންގެ ހަށިގަނޑުގެ ބައެއް…. ބިރުވެރިކަމުގެ ތެރޭގައި ދިރިހުންނާނެ ގޮތް އަހަންނަށް އެނގޭ… ކޮންމެ ދުވަހަކުވެސް ވޯސްޓް ސިނާރިއޯތަކަށް އުންމީދުކޮށްގެން ހޭލަން އަހަންނަށް އެނގޭ… ވޭނާ އުދާހުގާ މިހިތް ފިސްފިސްވެ ދިޔަޔަސް ހިނިތުންވާން އަހަންނަށް އެނގޭ… އަދި އަހަރެން ނިމުމެއްނެތް ހިތާމައިގެ ކަނޑަކަށް ޣަރަގުވަމުންދާހެން ހީވާއިރުވެސް އަހަރެން ރަނގަޅޭ ބުނެ މީހުންނަށް ތަސައްލީދޭން އަހަންނަށް އެނގޭ…. އެކަމަކު އަހަރެން މިހާރު ތަހައްމަލް މިކުރާ ވޭނުގެ ތެރެއިން ސަލާމަތްވާނެ ގޮތެއް އަހަންނަކަށް ނޭނގޭ…. މިއީ އަދި މުޅިން ތަފާތުކަމެއް… އަހަރެން ދުވަހަކުވެސް ބޭނުން ނުވާނެ ކަމަށް އަމިއްލަ ނަފްސަށް ވީ ވައުދުތަކާ ހިލާފަށް، ކަންތައްތަކަށް އެދެން މަޖުބޫރުކުރުވާތީ ބިރުގަންނަނީ…. މިއީ މާދަމާއާ މެދު ތަފާތު ގޮތަކަށް ދެކެން މަޖުބޫރުކުރުވާ ކަމެއް، އަނިޔާވެރިކަމުގެ ބަދަލުގައި އޯގާތެރިކަން އިހުތިޔާރު ކުރި ނަމަ ދިރިއުޅުން އޮންނާނެ ގޮތަކާ މެދު ވިސްނަން މަޖުބޫރުކުރުވާ ކަމެއް، އަދި ކޮންމެ ފަހަރަކު އެ ހިޔާލު އަހަރެންގެ ސިކުނޑިއަށް އައުމުން، އެހެން އަޑަކުން ވަގުތުން ހަނދާންކޮށްދެނީ އަހަންނަކީ އެފަދަ ގޮތަކަށް ވިސްނުން ހައްގު މީހެއް ނޫންކަން، އަހަރެން ކަހަލަ މީހުންނަށް އަމާން ނިމުމެއް ނުލިބޭނެކަން، މި ހުރިހާ ކަމެއް ހިނގާދިޔުމަށްފަހު، މި ހުރިހާ ލެޔަކާއި، މި ހުރިހާ ގެއްލުމަކާއި، މި ހުރިހާ ބިރުވެރިކަމަކަށްފަހު، އާދައިގެ އުފާވެރިކަމަކަށް ހުވަފެން ނުދެކެން އަހަންނަށް އެނގެންވާނެކަން… އެއީ އާދައިގެ އުފާވެރިކަމަކީ ދިރިއުޅުން ހަނގުރާމައިގެ މައިދާނަކަށް ވެފައިވާ މީހަކަށް ލިޔެވިފައިވާ އެއްޗެއް ނޫންވީމަ ކަމަށް އަހަރެންނަށް އިހުސާސްކުރެވޭތީ… އެކަމަކުވެސް އެ ހިޔާލުތައް ވަރުގަދަވުމުގެ ކުރިން އަހަރެން އެ ހިޔާލުތައް ވަޅުލަން މަސައްކަތް ކުރަން…. ދިރިހުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ބޭނުން ނުވާކަމަށް އަމިއްލަ ނަފްސަށް ގަބޫލުކޮށްދޭން މަސައްކަތް ކުރަން… ދިރިހުރުން އެކަނި އަހަންނަށް ފުދޭނެ ކަމަށް، އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ހަމައެކަނި ދިރިހުރުމަކީ މިހާރު ދިރިއުޅުން ކަމަކަށް އިހުސާސެއް ނުވޭ، އަދި އެކަން ގަބޫލުކުރެވޭތީވެސް އަހަރެން އަމިއްލަ ނަފްސު ދެކެ ފޫހިވޭ…. ދިރިހުރުމަކީ އަހަރެން އެންމެ ބޭނުންވި ކަންތައް ކަމުގައިވި ދުވަސްތަކެއް ދިޔަ، އެކަމަކު މިހާރު އަހަރެންގެ ހިތަށް އަރަނީ ހުރިހާ އުފާތަކުން މަހުރޫމުވެ ދިރިހުރުމަކީ އަހަރެންގެ މުޅި އުމުރަށް ހަމަ އަސްލަށްވެސް ފުދޭވަރުގެ ކަމެއް ބާވައޭ." މެހެކްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، މުޅި ހަށިގަނޑު ތެޅެމުންދިޔަ ހާލު، ރާމިޔާ މަޑުމަޑުން ބުންޏެވެ. "އަހަންނަކަށް ނޭނގެ ﷲ އަހަރެން މިގޮތަށް އިމްތިހާން ކުރައްވަނީ ކީއްވެގެން ކަމެއް…މަގޭ ދިރިއުޅުން މިހާ އުނދަގޫކޮށް އޮންނަންވީނަމަ، އަމާންކަމަކީ ކޮބައިކަން ފެންނަން އޭނާކަލާނގެ މެދުވެރިކުރައްވަނީ ކީއްވެގެން؟ މި ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އަދިވެސް އުފާވެރިކަން ވާކަން ހަނދާންކޮށްދެއްވަނީ ކީއްވެގެން؟ ކަނު އަނދިރިކަމަކީ ދާއިމީ އެއްޗެއް ނޫންކަމަށް މަގޭ ހިތް ގަބޫލުކުރަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދޫކޮށްލައްވަނީ ކީއްވެގެން؟ އޭގެ ޖެހިގެން އަންނަ ސިކުންތުގައި އަހަރެން ބިރުން ފިތްކަނޑައިގެންދަނީ، ކޮންމެ ރީތި އެއްޗަކީވެސް ކިހާ އަވަހަށް ގެއްލިދާނެ އެއްޗެއްކަން އަހަންނަށް ޝައިތާނާ ވަސްވާސްދޭތީ ދޯ… އެއީ އަހަރެންގެ އީމާންތެރިކަން ކުޑަވަނީ ކަމަށްވެސް ވެދާނެ ދޯ… އެއީ މަގޭ ފުރާނަ ދުއްވާލާ ކަމަކީ މެހެކް…. މިހާރު އަހަރެންގެ އަތުގައި ހުރި އެއްޗެއް ގެއްލިދާނެތީއެއް ނޫން އަހަރެން ބިރުގަންނަނީ… އަހަރެން ބިރުގަންނަނީ، އަހަރެން އަތުގަ ނެތް އެއްޗަކަށް އެދެން… އަހަރެން ބިރުގަންނަނީ، އަހަރެންނަށް ހައްގު ނޫން އެއްޗަކާ ދިމާލަށް އަހަރެންގެ ހިތް ލެނބިދާނެތީ… އަހަރެން ބިރުގަންނަނީ އަހަންނަށް މިލްކުވުން ނެތް އެއްޗަކަށް އަހަރެންގެ ހިތް އެދިދާނެތީ…. އެއީ… އެއީ އެއްޗަކަށް އެދުމަކީ އެ އެއްޗެއް އަހަރެންގެ އަތުން އަތުލުމަށް ދިރިއުޅުމަށް ދެވޭ އިތުރު ފުރުސަތަކަށް ވާނެތީ…. އަދި އިތުރު ގެއްލުމަކަށް ކެތްކުރާނެ ހިތްވަރެއް މި ހަށީގަ ނެތީތީ…. ތެދަށް ބުނަންޏާ ހަމަ އެއްގޮތަކަށްވެސް ދިރިއުޅުމުގަ އިތުރު އެއްޗެއް ގެއްލިއްޖެ ނަމަ ކެތްކުރާނެ ހިތްވަރެއް އަހަރެންގެ ހައްޓަކު ނެތް…. ތަގުދީރު އަނެއްކާވެސް އަނިޔާވެރިވާން ނިންމައިފިނަމަ، އަލުން އަމިއްލަ ނަފްސު ބިނާކުރާނެ ހިތްވަރެއް މަގޭ މި ޖިސްމަކު ނެތް…." ރާމިޔާ އަނެއްކާވެސް މޫނުގައި އަތްއަޅައި، ގިސްލާފައި ރޮމުން ދިޔައީ ކޮންމެ ނޭވާއަކުން ވޭން އިހުސާސްވާ ފަދަ ގޮތަކަށެވެ. ރާމިޔާ ރޮމުންދިޔަ ވަރުން މެހެކަށްވެސް ރޯން ނުފެށުނީ ވަރަށް ހިތްވަރުގަދަކޮށްގެންނެވެ. މެދުކެނޑެމުންދިޔަ އަޑަކުން ރާމިޔާ އޭނާގެ ވާހަކަތައް އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. "ބައެއް ފަހަރު ހިތަށްއަރާ މަގޭ ހިތުގެ އިހުސާސްތައް މުޅިން ހުއްޓޭނެ ނަމައޭ….އޭރުން ހުރިހާ ކަމެއްވެސް މާ ފަސޭހަވީސް. މިހާރުވެސް އުޅެމުން މިދާ ގޮތަށް އުޅެވުނީސް. ހޭލައިގެން، ދުވަސް ނިންމާލާފައި، ގެއަށް އައިސް، ނިދާފައި، މިއޮތް ފޫހި ދިރިއުޅުން އެއްވެސް ސުވާލެއް ނެތި ތަކުރާރު ކުރެވުނީސް. އެކަމަކު އޭގެ ބަދަލުގައި މަގޭ ހިތް ގަބޫލެއް ނުކުރޭ ފިނިވާކަށް. މި ހުރިހާ ހިތާމަތަކުގެ އަޑީގައިވެސް، އަހަރެން މިއީ މި ބަނަ ދިރިއުޅުން ހަމައަކަށް އެޅި އުޖާލާވާނޭ ކަމަށް އެއްދުވަސްވަރެއްގައި ގަބޫލުކުރި މީހާކަން އަހަރެންގެ މި ނާޒުކު ހިތް އަހަރެންނަށް އަދިވެސް ހަނދާންކޮށްދޭ… މަގޭ ހިތުގަ އެ އުންމީދުގެ ދަންމަރު އަދިވެސް ދިއްލިފައި ހުރިކަން އިހުސާސްވާ ކޮންމެ ފަހަރަކު އަހަރެން ބިރުގަނޭ… ފިތްކަނޑައިގެންދާވަރުވޭ… ބައެއްރޭރޭ ނުވެސް ނިދޭ… ހާސްވާ ވަރުން ނޭވާ ލާންވެސް އުނދަގޫވޭ… ކޮންމެ ކާމިޔާބީއަކާއެކު އަގެއް ދައްކަންޖެހޭނެކަމާ، އުފާވެރިކަމަކީ ދާއިމީ އެއްޗެއް ނޫންކަމާ، ދިރިއުޅުމަށް އިތުބާރު ކުރުމަކޮށް ފޮނި ހުވަފެންތައް ދެކުމަކީ އަމިއްލަ ނަފްސު އަލުން ހަލާކުކޮށްލަން އޮތް އެންމެ ކުރު މަގުކަން މި ހިތަށް ބުނެދޭނެ ގޮތެއް އަހަންނަކަށް ނޭނގޭ… މިހާރު އަހަންނަށް އިހުސާސްކުރެވެނީ އަހަރެން މި ހުރީ އެއްވަރަކަށް ވޭންދެނިވި ދެ މަގުގެ ދެމެދުގައި ދާނެ މިސްރާބެއް ނޭނގި މަގު އޮޅިފަހެން… އެއީ މަގޭ ހުރިހާ އިހުސާސްތަކެއް ފިއްތާލައިގެން ހުރެއްޖެނަމަ، މުޅި އުމުރު ހުސްކަމެއްގެ ތެރޭގައި ހޭދަކުރަން ޖެހޭނެކަން އެނގޭތީ. އެކަމަކު އަލުން އިހުސާސްތަކަށް ފުރުސަތު ދީފިނަމަ، ކުރިންވެސް ކަންތައް ވީ ފަދައިން ހުރިހާ ކަމެއް ބިމާ ހަމަވެދާނެކަމުގެ ބިރު ހީވާތީ. މީގެ ތެރެއިން އެންމެ ބިރުވެރީ ކޮން މުސްތަގުބަލެއް ކަމެއް އަހަންނަކަށް ނޭނގޭ."
ރާމިޔާ އެންމެފަހުން އޭނާގެ ކަރުނުން ފުރިފައިވި ދެލޯ މެހެކްއާ ދިމާއަށް އުފުލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހަމައެކަނި ބަސްތަކަކުން ކިޔައިދޭން ނޭނގޭނެ ފަދަ އެތައް އަހަރެއްވީ ހިތާމައެވެ. ހިތްކުދިކުދިވާ ފަދަ ނިކަމެތިކަމާއެކު ރާމިޔާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ؛ "އަހަރެންގެ ގާތުގަ، މި އުޅެނީ ކީއްވެގެންހޭ ނާހާތި…. އަހަރެން ވިސްނާ ވިސްނާވެސް އަހަންނަކަށް ނޭނގުނު އަހަރެން މި ވާހަކަތައް އެކަކު ކައިރީވެސް ހިއްސާކުރާނީ ކިހިނަކުން ކަމެއް… އަހަންނަށް އެނގޭހާވެސް އެއްޗަކީ، އަހަރެން ކިތަންމެ ބޭނުން ނުވި ނަމަވެސް އަހަރެންގެ އެތެރެހަށީގައި ކޮންމެވެސް ކަމެއް އެބަ ބަދަލުވަމުންދާކަން… އެއްވެސް އިހުތިޔާރަކާ ނުލާ… އެއްވެސް ޝަރުތަކާ ނުލާ…. އެކަމްވެސް، ކޮންމެވެސް ދުވަހަކުން މިކަމާ ހަނގުރާމަކުރުމުގެ ހިތްވަރު އަހަރެންގެ ކިބައިން ހުސްވެދާނެތީ އަހަރެން އިންތިހާއަށް ބިރުގަނޭ… އެއީ އެދުވަސް އައުމުން… އެކަމުގެ ސަބަބުން އަހަރެން ސަލާމަތްވާނީ ކަމެއް ނޫނީ އަހަރެންގެ ދިރިއުޅުން ހަފުސްވާނީ ނޫންކަމެއްވެސް އަހަންނަށް ނޭނގޭތީ… އަހަރެންނަށް އެނގޭހާވެސް އެއްޗަކީ، އަހަރެން ވިސްނާ ވިސްނާވެސް ދުނިޔޭން މޮޔަވާ ވަރު ވެއްޖެކަން…. މި ދުނިޔެ މީ ހާދަ އަނިޔާވެރިތަނެކޭ… ތަދާ ވޭނުގާ އަހަރެން ކޮންމެ ދުވަހަކު އެބަ ދިރިހުއްޓާ މަރުވޭ…"
ރާމިޔާގެ އެ ހިތްދަތި އިއުތިރާފު އިވުމުން، މެހެކް ކުޑަހިނދުކޮޅަކަށް ގަނޑުވި ކަހަލައެވެ. ރާމިޔާ އެ ދައްކަނީ ކޮން ވާހަކައެއް ކަމެއްވެސް އަދި އެއީ ކީއްވެގެން ދައްކަމުންދިޔަ ވާހަކައެއް ކަމެއްވެސް މެހެކްއަކަށް ފަހުމެއް ނުވިއެވެ. ހަމަ ގައިމުވެސް ކޮލެޖަށް ދިޔައިރު ރާމިޔާ ހުރީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އެވަރަށް އޭނަ ހިތުގަ ޖެހޭނީ ކޮލެޖު ތެރެއިން ނޫނީ ގެއަށް އައި މަގުމަތީގައި ކޮންމެވެސް ވަރުގަދަ ކަންތައްގަނޑެއް ހިގައިގެންކަން މެހެކްއަށް ވިސްނުނެވެ. އޭނާ ރާމިޔާގެ ގައިގައި ބާރަށް ބައްދާލައިގެން އިނީ، ރާމިޔާ މުޅިން ފުނޑުފުނޑުވެގެން ދިއުމުގެ ކުރިން އޭނާ ހިފަހައްޓަން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. އެއަށްފަހު، އޭނާ މަޑުމަޑުން ރާމިޔާގެ އިސްތަށިގަނޑުގައި ފިރުމަން ފެށީ ރާމިޔާ ހަމައަކަށް އެޅުވުމަށެވެ. އެހާ ނާޒުކު ދަނޑިވަރެއްގައި، އެހާމެ ނާޒުކު ފައްތަރެއްގައި ރާމިޔާ އިނުމުން މެހެކް ބޭނުންވީ އަނގަމަޑުންލައިގެން އިންނާށެވެ. ރާމިޔާގެ ހުރިހާ އުދާހަކާއި އާހެއް ކަނުލާ އަޑުއަހާށެވެ. ސަބަބަކީ އެ ވަގުތާއި ދަނޑިވަޅުގެ ގޮތުން، މެހެކް އޭނާ ދެކޭ ގޮތާ ބެހޭ ގޮތުން އެއްޗެކޭ ބުނެފި ނަމަ، ހިޔާލެއް ދީފިނަމަ ނޫނީ މެހެކްގެ ރައުޔެއް އެކަމުގައި ހިއްސާކޮށްފިނަމަ އެކަމުން ރާމިޔާއަށް އިތުރު އުނދަގުލެއް ވެދާނެހެން މެހެކްއަށް ހީވާތީއެވެ. ރާމިޔާ ގިސްލަމުން ވާހަކަދައްކަމުން ދިޔުމުން މެހެކްގެ އަޑުގައި މަޑުމޮޅިކަމެއް ހުރި ނަމަވެސް، އިވެމުންދިޔަ ވާހަކަތަކުން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން އެކުލެވިގެންވިއެވެ. އެހެންކަމުން އަނގަ ބަންދުކޮށްގެން އިންނަން މެހެކްއަށް އުނދަގޫވިއެވެ. މި ހާލަތު މެދުވެރިވާން ދިމާވި ސަބަބަކީ ކޮބައިތޯ އޭނާ އޯގާތެރިކަމާއެކު ތަކުރާރުކޮށް ރާމިޔާ ގާތު އަހަމުން ދިޔައެވެ. ސަބަބަކީ ރާމިޔާ މިއަދު ހެނދުނު ކޮލެޖަށް ދިޔައިރު ވަރުބަލިކަމެއް ހުރި ނަމަވެސް، މިފަދަ ގޮތަކަށް ނުފެނެއެވެ. މުޅި ދުނިޔެ އެންމެ ދެތިން ގަޑިއިރު ތެރޭގައި ބޯމައްޗަށް ވެއްޓިފައިވާ މީހަކު ފަދައަކުން ނޫނެވެ. މެހެކް ކުޑަކޮށް ފަހަތަށް ޖެހިލުމަށްފަހު ރާމިޔާގެ މޫނަށް ބަލާލިއެވެ. އަދި އޭނާގެ ބޮޑުވައި އިނގިލިން ރާމިޔާގެ ކަރުނަތައް ފޮހެލަމުން، އޮޅުންބޮޅުންވެފައިވާ ނަމަވެސް ފަރުވާތެރި ރާގަކަށް ބުންޏެވެ. "ރާމިޔާ… އާދޭސްކޮށްފަ މި ބުނަނީ.. ރާމި ތިގޮތަށް ރޯތަން ބަލަން މެހެކްއަކަށް ކެތެއް ނުކުރެވޭނެ… އިޓް ހާޓްސް މީ ސޯ ބޭޑްލީ… ޕްލީސް ނުރޮއެ ހުއްޓާލަބަ… ރޮއެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއޭ… ރާމި ކުރިން ވެސް މެހެކް ކައިރީ ކިޔާދިނީމެއްނު… ތީ ވަރަށް ސްޓްރޯންގް ކުއްޖެއްނު… ލައިފްގަ ކިތަށް އަޑިގުޑަނަށް ވެއްޓިފަ ސަލާމަތްވެގެން މިހާތަނަށް އައިސްފަ ތި ހުރީ…. ގައިމު ހާދަ ހިތްވަރެއްކުރީމައޭ…. ރާމި… އަހަންނަށް ރަނގަޅަށް ބަލާބަލަ…. ރާމި ތި ބުނަން ބޭނުންވާ އެއްޗެއް، ތަންކޮޅެއް ސާފުސީދާކޮށް، އަހަރެންނަށްވެސް ވިސްނޭނެ ފަދައިން ކިޔާދީބަ.. އަހަރެން ބޭނުމެއް ނޫން ރާމި ތިހާލުގަ ދޫކޮށްލާކަށް… މެހެކް ހުއްޓަ، ރާމި ދުވަހަކުވެސް ބާކީވިޔަކަ ނުދޭނަން… ރާމި ރޯލާ ކޮންމެ ފަހަރަކު މެހެކް ތި ލޮލުން ކަރުނަ ފޮހެދޭން ހުންނާނަން… ޕްލީސް މެހެކްއަށް ކިޔާދީބަ ތި ވެގެން އުޅޭ ގޮތެއް… މީހަކު އެއްޗެކޭ ބުނީތަ؟ މީހަކު އަނިޔާއެއް ދިނީތަ؟ ކޮލެޖު ކުދިން މިއަދުވެސް ބުލީކުރީތަ؟ ވަޓްއެވަރ އިޓް އިޒް، މެހެކް އެއްވެސް އެއްޗެކޭ ހިތަކަށް ނާރުވާނަމޭ… ރާމި ޖަޖް އެއްވެސް ނުކުރާނަމޭ… އައި ވިލް ލިސެން… އޯލް އައި ނޯ އިޒް، ތީ ހަމައެކަނި ސްޓްރެސްއެއް ނުވަތަ ވަރުބަލިކަމެއް ނޫންކަން… ޕްލަސް ތީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއްވެސް ނޫން. ރާމިއަށް ތި ކުރެވެނީ، ކުއްލިއަކަށް ރާމިގެ އެތެރެހަށީގައި ކޮންމެވެސް އެއްޗެއް ބިންދައިގެން ދިޔަ ކަހަލަ އިހުސާސެއް. އެއީ ކޮން އެއްޗެއްތޯ ބަލަން އަހަރެން މިހާ ބޮޑަށް މި މަސައްކަތް ކުރަނީ އެހެންވެ. މިއަދު ކޮލެޖުގައި ކަމެއް ހިނގީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟ މީހަކާ ބައްދަލުވީތަ؟ ނޫނީ މާޒީގެ ކަމެއް ހަނދާންވެ އަލުން ހިތުގައި ޖެހުނީތަ؟ މިއަދު ކޮލެޖަށް ދިޔައިރު ކިހާ ހެޕީކޮށް ހުރީ… އައި ނޯ ވަރުބަލިވެފަ ހުއްޓަސް ޔޫ ލުކްޑް ފައިން ކަން… އެހެންވީމަ…. ތިހާ ބޮޑަށް ތުރުތުރުއަޅާ، ބަޔާންކުރަން ނޭނގޭ އެއްޗެއް ގެއްލިގެން އުޅޭ މީހަކު ފަދައިން ތި ރޮނީ ކީއްވެގެންކަން މެހެކްއަށް ކިޔާދީ… ވީގޮތް ފިޔަވަޅަކުން ފިޔަވަޅަކަށް މެހެކްއަށް ކިޔައިދީ… ފްރޮމް ދި ބެގިނިންގ ޓު ދި ވެރީ އިންޑް… އޭމް ސޭޔިން ދިސް ބިކޯޒް، ތިކަން ފެށުނު ތަނެއް ނޭނގި ކިހިނެއް މެހެކްއަށް ހެލްޕް ވެވޭނީ… މެހެކް މިހެން މި އަހަނީ ރާމިއަށް ފާޑުކިޔާކަށް ނުވަތަ މަޖުބޫރުކުރާކަށް ނޫން… މެހެކް ބޭނުންވަނީ، ރާމި ތިފަދަ ގޮތަކަށް ހަލާކުކުރަމުންދާ ހުރިހާ ކަމަކުން ރާމި ރައްކާތެރިކުރާނެ ގޮތެއް އެނގެން."
މެހެކް ވާހަކަދައްކަމުން ދިޔައިރު ރާމިޔާގެ މޫނުމަތީގެ އަސަރުތައް ވަރަށް ކައިރިން ބަލަމުން ދިޔައީ ސާފު ސަބަބެއް ފެނޭތޯއެވެ. ނަމަވެސް ރާމިޔާ ހަމައެކަނި މަޑުމަޑުން ބޯހޫރުވާލީ ރޮމުންނެވެ. އޭނާ އިނީ މެހެކްގެ އަތްކުރީގައި ބާރަށް ހިފަހައްޓައިގެންނެވެ. އެއީ ދޫކޮށްލައިފިނަމަ ހުރިހާ ކަމެއް އިތުރަށް ގޯސްވެދާނެ ފަދަ ގޮތަކަށެވެ. އަދި ވަރަށް އުނދަގުލުން ކޮންޓްރޯލް ކުރަމުން ދިޔަ އަޑަކުން އޭނާ ސިއްރުސިއްރުން ބުންޏެވެ. "ކަމެއް ނުވޭ… ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވޭ… ހުރިހާ ކަމެއްވެސް ދިޔައީ އާދައިގެ މަތިން… އެންމެންވެސް ހީނ ސަމާސާކޮށް، އެސައިންމަންޓްތަކާ ބެހޭގޮތުން ސުވާލުކޮށް، ދިރިއުޅުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދައްކައިގެން އުޅުނީ. އަދި އަހަރެންވެސް އެމީހުންނާއެކު އެގޮތަށް އުޅުނީ. އަހަރެން އިނީ ކްލާހުގައި ލެކްޗަރު އަޑުއަހަން، ނޯޓްސް ނަގަން، އަދި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ސުވާލުތަކަށް ޖަވާބުދޭން. އެކަމަކު މެހެކް، އަހަރެން ހިއެއްނުކުރަން މެހެކްއަށް މިކަން ވިސްނޭނެހެން… ބައެއް ފަހަރު ބޭރުފުށުން އެއްވެސް ކަމެއް ފެންނަން ނެތަސް، އެތެރެހަށި އޮވެދާނެ ސުންނާފަތިވެފަވެސް… އެއީ.. އެއީ ވަށައިގެންވާ ހުރިހާ ކަމެއް އާދައިގެ ގޮތަކަށް ފެންނަން ހުރުމުން، ވިސްނުމަށް މާ ބޮޑަށް ފުރުސަތު ލިބޭތީ. އަދި އަހަރެންގެ ސިކުނޑި އަހަރެން ދާން ބޭނުންނުވާ ފަދަ ތަންތަނަށް ގެންދާތީ…."
މެހެކްގެ ނިތްކުރިއަށް ރޫގިނަވެ، އެ ޖަވާބާމެދު ހިތްހަމަނުޖެހިފައި އިނދެ، މަޑުމަޑުން ބޯހޫރުވާލަމުން އަނެއްކާވެސް ސުވާލުކުރިއެވެ. މިފަހަރު އޭނާގެ ރާގުގައި އަވަސްކަމެއް ހުއްޓެވެ. "ނޫން ރާމިޔާ، ތި ބުނާ އެއްޗެއް މެހެކްއަކަށް ނުވިސްނުނު ހަމަ… އެއީ ހަމައެކަނި ސިކުނޑި މާ ބޮޑަށް ވިސްނާތީއޭ ކިޔާފައި މީހުން ތިގޮތަށް ރޮމުން ގެއަކަށް ނާންނާނެ. ކޮންމެވެސް ކަމެއް މެދުވެރިވާންވާނެ، އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ރާމިއަށް އެއީ މުހިންމު ނޫން ކަމެއް ކަމަށް ފެނުނަސް. ޖަސްޓް ޓެލް މީ ވަން ތިންގ… މިއަދު ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަން ރާމިގެ ލޮލުން މެހެކްއަށް އެބަ ފެނޭ… އެހެންޏާ ތި ދެލޮލުން ނުފެންނަ އަސަރެއް މިއަދު އެބަ ފެނޭ… ތިއީ ހަމައެކަނި މާ ބޮޑަށް ފިކުރުބޮޑުވެފަ ހުރި މީހެއް ނޫން.. ޓް ބީ ވެރީ ފްރޭންކް، ރާމި ކިތަންމެ ސިއްރުކުރިޔަސް، ތި ހިތަށް ކޮންމެވެސް ނުތަނަވަސްކަމެއް ލިބިގެން ތި އުޅެނީ… ހީވަނީ ރާމި ފޮރުވަން އުޅުނު ޒަޚަމެއްގައި ކޮންމެސް އެއްޗެއް ބީހިލީހެން. އެހެންވީމާ އާދޭސްކޮށްފަ މި ބުނަނީ… މެހެކްއަށް އިތުބާރުކޮށްފަ، ޖަސްޓް ޓޯކް ޔުއަރ ހާޓް އައުޓް.. އަބަދުވެސް ބުނަމެއްނު ރާމި މެހެކް ދެކެނީ ބިގް ސިސް އެއް ގޮތަށޭ… މީހުން އެންމެ ބޮޑެތި ސީކްރެޓްތައްވެސް ހިއްސާކުރަނީ ހަމަ ބިގް ސިސް އޯރ ބްރޯސް އާ ދޯ.. ސޯ ތިހެން މެހެކް ބާކީ ނުކުރޭ… ޖަސްޓް ޝެއަރ އިޓް އޯލް ވިތު މީ…"
އަނެއްކާވެސް ކަރުނައިގެ ރާޅެއް ބާނިޖަހާލުމުން ރާމިޔާ އޭނާގެ ލޯ ތަގުޅިކޮށްލިއެވެ. އަދި ސާފުސީދާކޮށް ކިޔައިނުދީ، މެހެކްއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ އަޑު އިތުރަށް ތުރުތުރުލަމުން ދިޔައެވެ. "އަހަންނަކަށް ނޭނގެ މެހެކްއަށް ވިސްނައިދޭނެ ގޮތެއް. އެއީ، އަމިއްލައަށްވެސް އަހަންނަށް މިއީ ކޮން ކަމެއްކަން ނުވިސްނޭތީ. މިއީ ހިނގި އެންމެ ހާދިސާއެއް ނޫން. މިއީ ހީވަނީ… އަހަރެންނަށް އިހުސާސްކުރެވެނީ، މީހަކު އަހަރެންގެ ދިރިއުޅުމުގަ ހުންނަހެން…. ފެންނަން ނެތަސް ކައިރީގަ ހުންނަ ހެން… ކައިރިން ގޮވާލާހެން… ހީވަނީ، އެމީހަކު ހުރީ، އެއްވެސް ބަދަލެއް ބޭނުން ނެތް ގުޅުމެއްގަ ގޮށެއް ޖަހަން ބޭނުންވެފައިހެން… ހީވަނީ، އެމީހަކު ހުރީ، އެއްވެސް ކަމަކަށް މަޖުބޫރު ނުކޮށް، އަދި އެއްވެސް ކަމަކަށް އެދުމެއް ނެތި، އެއްވެސް ކަމަކަށް މަތިކުރުމެއްނެތި އަހަރެންގެ ޙަޔާތުގަ ހުންނަން ތައްޔާރުގަ ހުރިހެން… އެކަމަކު ކޮންމެވެސް ގޮތަކުން އެ މީހެއްގެ ހުރުން، ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށްވުރެ ބާރުގަދަވެގެންދަނީ… އަދި ކުރިން ނުކުރެވި ހުންނަ އެހެން އިހުސާސްތައްވެސް ކުރެވެން ފަށަނީ.. ހިތްބިރުގަންނަނީ… ދުވަހަކުވެސް އިހުސާސް ނުކުރަން އަމިއްލަ ނަފްސަށް ވައުދުވި ކަންތައްތަކެއް އިހުސާސްވާން ފަށަނީ. ދެން އަހަރެން އިތުރަށް ބިރުގަންނަން ފަށަނީ… އެއީ… އެއީ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭކަން އިހުސާސްވާތީ."
މެހެކް ވަގުތުން ސީދާވެލައިގެން އިށީނެވެ. އެ ބަސްތައް މާނަވީ ގޮތަކަށް މާނަކުރަން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. އަދި އެ ބަސްތަކުގެ މާނަ ޓެސްޓުކޮށްލާ ފަދަ ގޮތަކަށް މަޑުމަޑުން އެ ބަސްތައް ތަކުރާރުކޮށްލިއެވެ. "މީހަކު ހުރުން…" "ރާމި ތިޔަ ކިޔަނީ ކީކޭތަ؟ ތިޔަ ދައްކަނީ ރަހުމަތްތެރިއެއްގެ ވާހަކަތަ؟ ބޭރުތެރެއިން މީހަކު އުނދަގޫ ކުރަނީތަ؟ ނޫނީ ކޮލެޖުގަ އުޅޭ މީހަކު ރާމިއަށް އުނދަގޫވާ ފަދަ ކަމެއް ކުރަނީތަ؟ ނޫނީ، މާޒީން ގެންނަން ބޭނުން ނުވާ މީހަކު، އަލުން އަނބުރާ ރާމިގެ ދިރިއުޅުމަށް ވަންނަން އުޅެނީތަ ނޫނީ ކޮންމެވެސް ގޮތަކުން ބާރު ފޯރުވަނީތަ؟" ރާމިޔާ ރޮމުން ރޮމުން ވަރަށް އަވަހަށް އަނެއްކާވެސް ބޯހޫރުވާލިއެވެ. މިފަހަރު ކުރިއަށްވުރެ ބޮޑަށް މާޔޫސްވެފައިވާ ހާލުގައެވެ. އޭނާގެ އަޑު ކުރެހިގެން ދިޔައީ މެހެކްގެ ވާހަކަ މެދުކަނޑާލަމުންނެވެ. "ނޫން ނޫން، އެކަހަލަ ކަމެއް ނޫން. މީހަކު އަހަންނަށް އަނިޔާއެއް ކުރަނީއެއް ނޫން، ނޫނީ ގޯސް ކަމެއް ކުރަނީއެއްވެސް ނޫން. އެއީ މައްސަލައަކީ މެހެކް.. އެއީ އޭ އަހަރެން މި ބުނާ ވާހަކައަކީ…. މިއީ ނުރައްކާތެރި ކަމެކޭ ބުނެ އިނގިލި ދިއްކުރެވޭނެ އެއްވެސް ކަމެއް ނެތް… މިކަމާ ދެކޮޅަށް، އަހަރެންގެ ހިތާއި ޞަމީރާއި ދެކޮޅަށް އަހަންނަށް ހަނގުރާމަ ކުރެވޭނެ ކަމެއް ނެތް… އަދި ކުށްވެރި ކުރެވޭނެ ކަމެއްވެސް ނެތް…. އޮތީ.. ހަމައެކަނި އިހުސާސެއް… ހަމައެކަނި ޖަޒުބާތެއް…. މި ހިތުގަ ސަބަބަކަށްޓަކައި ޖަހާ ވިންދެއް…. އަހަރެން ހިތަށް އަރާ، އެ ވިންދާ، އެ އިހުސާސް ކޮންޓްރޯލް ކުރުމުގެ ބާރު އަހަންނަށް ލިބޭނެ ނަމައޭ… އެއީ އެންމެ ބޮޑު ހިތާމައަކީ… އެ އިހުސާސުގެ މައްޗަށް އަހަރެންނަށް އެއްވެސް ބާރެއް ނުފޯރުވޭނެތީ… އެ އިހުތިޔާރު އޮވެމެ، އެ ޖަޒުބާތުތައް އަހަރެންގެ ހިތުން ނެރެ ބޭރު ނުކޮށްލެވޭނެތީ…. އައި ހޭޓް މައިސެލްފް… އައި ހޭޓް މައިސެލްފް ސޯ މަޗް…"
މެހެކްގެ މޫނުމަތިން އަނެއްކާވެސް އޯގާތެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވާ އޮޅުންބޮޅުންގަނޑު އަދިވެސް ފިލައިގެން ނުދެއެވެ. އޭނާ މަޑުމައިތިރިކަމާއެކު ކަންތައްތައް ސާފުކުރަން މަސައްކަތް ކުރިއެވެ. "އިހުސާސަކަށް މީހަކު މިހާ ބޮޑަށް ހަލާކެއް ނުކުރެވޭނެ ރާމިޔާ. އެ އިހުސާސެއްގެ ފަހަތުގައި ސަބަބެއް ނެތިއްޔާ މީހުން މިގޮތަށް ބިންދައެއް ނުލެވޭނެ. ހާދަ ބޮޑު ރާޅެކޭ ތި ހިތަށް ބިންދާލައިގެން ތި އުޅެނީ… އެހެންވީމާ ވިސްނާލާފައި ތެދަށް ބުނެބަލަ. މިއީ ރާމިޔާ އިތުބާރު ކުރަން ފެށި މީހަކާ ގުޅޭ ކަމެއްތަ އަނެއްކާ؟ މިއީ މީހަކު މާ ބޮޑަށް ގާތްވާތީ ވާ ކަމެއްތަ؟ މީހަކު ރާމިއަށް އުނދަގޫ ކުރާނަމަ ރާމި އެކަނި އެމީހަކާ ކުރިމަތިލާކަށް ނުޖެހޭނެ. އައި ވިލް ބީ ވިތު ޔޫ…"
އެހިސާބުން ރާމިޔާގެ ކަރުނުން ފުރިފައިވާ ދެލޮލާއެކު، ބަލިކަށި ހިނިތުންވުމެއް ބޭރުވިއެވެ. އޭނާ އަނެއްކާވެސް މެހެކްގެ އުނގުގައި މޫނު ފޮރުވާލަމުން މަޑުމަޑުން ބުންޏެވެ. "އަހަރެން ސާފުކޮށް ކިޔައިދިނަސް މެހެކަށް ނުވިސްނޭނެ… އެއީ ޚުދު އަހަންނަށްވެސް އެކަން ނުވިސްނޭތީ… އަހަންނަށް އެނގޭހާވެސް އެއްޗަކީ، އެއްވެސް އެއްޗެއް އިހުސާސް ނުކުރަންވީ ވަގުތު އަހަންނަށް މާ ބޮޑަށް އެކަމާ ބެހޭގޮތުން އެބަ އިހުސާސް ކުރެވޭކަން. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި ވަރަކަށް ކަންތައްތައް ވަނީ ގޯސްކަން… އަހަރެން ބިރުގަނޭ މެހެކް. މިވަގުތު އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަހަރެން އަމިއްލަ ނަފްސު ދެކެ ބިރުގަނޭ. ސަބަބަކީ މީގެ ނިމުން އަންނާނީ ކޮންތާކުން ކިހިނެއް ކޮން ގޮތަކަށް ކަމެއް ނުވަތަ މީގެ ސަބަބުން އަހަރެން ނޫނީ އަހަރެންގެ ލައިފް ބަދަލުވާނީ ކޮން ކަހަލަ ގޮތަކަށް ކަމެއް އަހަންނަށް ނޭނގޭތީ…. އައި ވިޝް… އަހަރެންނަށް ބުނެވެން އޮތް ނަމައޭ އަހަރެންނަށް މީހަކު އަނިޔާ ކުރީއޭ ނުވަތަ މިއަދު ކަމެއް ގޯސްވީއޭ… ނޫނީ ކޮލެޖުގަ ބަޔަކު އަހަންނަށް ބުލީ ކުރީއޭ… އެކަމަކު ހަގީގަތް މާ ގޯސް… ހަގީގަތަކީ ބޭރުފުށުން އެއްވެސް ކަމެއް މިއަދު ގޯސް ނުވާކަން. ހުރިހާ ކަމެއްވެސް ދަނީ ދާންޖެހޭ ގޮތަށް. އެކަމަކު އަހަރެންގެ އެތެރެހަށީގައި، ނަންވެސް ނުކިޔޭނެ ސަބަބުތަކަކާ ހުރެ ހުރިހާ ކަމެއް ފުނޑުފުނޑުވަމުންދާ ކަމުގެ އިހުސާސް ކުރެވެނީ."
ރާމިޔާގެ ރުއިން ހުއްޓުމަކަށް ނައި ނަމަވެސް، މެހެކް އޭނާއާ ދުރަށް ނުގޮސް ގާތުގައި އިނދެ ރާމިޔާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ރާމިޔާ އަމިއްލަ ނަފްސުގެ ތެރެއަށް ގެއްލި، ބޮނޑިވާން މަސައްކަތްކުރާ ކޮންމެ ފަހަރަކު، މެހެކް މަޑުމައިތިރިކަމާއެކު އޭނާގެ އަތުގެ ތެރެއަށް ރާމިޔާ ގެނެއެވެ. އަދި މަޑުމައިތިރި، ސާބިތު އަޑަކުން ވާހަކަދައްކަމުން ދިޔައީ ރާމިޔާގެ ސަމާލުކަން މިވަގުތަށް އަނބުރާ ގެނައުމަށެވެ. ހަމަ އެއާއެކު، ވެގެން އުޅޭގޮތް އޮޅުންފިލުވުމަށް މަސައްކަތްކުރަމުން، މެހެކް މަޑުމައިތިރި ނަމަވެސް ސީދާ ރާގަކަށް ތަކުރާރުކޮށް އަހަމުން ދިޔައެވެ. "ރާމިޔާ ޕްލީޒް، އެއް ޖުމްލައިން ހުރިހާ ކަމެއް ރަނގަޅުކޮށްދޭކަށް މެހެކް ނުބުނަން. ކުއްލިއަކަށް ހުރިހާ ކަމެއް ހަމައަކަށް އެޅި، މުޅި ދިރިއުޅުން މިވަގުތު ކިޔައިދޭކަށްވެސް މެހެކް ނޭދެން. މެހެކް މި އެދެނީ ހަމައެކަނި ކުޑަ ނަމަވެސް ތަފްސީލެއް ބުނެދިނުމަށް. އޭރުން ދޯ މެހެކްއަށްވެސް އެނގޭނީ އެހީވާންވީ ގޮތެއް… އޭމް ސީއިން… ރާމި މިހާރު ތިއޮތީ ހިތްފަޅައިގެން ގޮސްފަކަން….. ވެގެން އުޅޭގޮތް ނޭނގޭތީ މެހެކްވެސް މީނީ މުޅިން ގޮތް ހުސްވެފަ. ތިހާ ބޮޑު ތަދެއްގަ ތިހެން އޮންނައިރު، މިއަދު ތި ބަދަލުވީ ކޮން ކަމެއްތޯ އޮޅުންފިލުވަން މަސައްކަތް ނުކޮށް ބަލަން ހުންނާކަށް މެހެކްއަކަށް ކެތެއް ނުވާނެ."
ރާމިޔާ ރޮމުން ތަކުރާރުކޮށް ބޯ ހޫރުވަމުން ދިޔައެވެ. އޭނާ ޖަވާބެއް ދޭން މަސައްކަތް ކުރި ނަމަވެސް، ވާހަކަ ދެއްކެނީ މެދުކެނޑެމުންދާ އަޑަކުންނެވެ. އޭނާ މަޑުމަޑުން ބުންޏެވެ. "އަހަރެންނަކަށް ނޭނގެ ކިޔައިދޭނެ ގޮތެއް… ބަސްތަކުން ބުނެދޭކަށް ނޭނގެ… އެއްވެސް ކަމެއް ސާފެއް ނޫން… އެއްވެސް ކަމެއް ފަސޭހައެއް ނޫން… އަހަރެންނަށް ހީވަނީ، އަހަރެން އަހަރެންގެ އަމިއްލަ ޚިޔާލުތަކުގެ ތެރޭގައި އަހަރެން މި ޣަރަގުވަނީހެން. ނޭވާލާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ހީވަނީ ނޭވާވެސް ތާށިވެފަ ހުންނަހެން…"
މެހެކް، ރާމިޔާގެ މޫނުމަތިން އިސްތަށިތައް އެއްފަރާތްކޮށްލަމުން، އޭނާގެ އަތުގެ ތެރޭގައި ރާމިޔާ ބާރުކޮށްލިއެވެ. އަދި އިތުބާރާއެކު، ނަމަވެސް ކަންބޮޑުވުމުން ފުރިގެންވާ އަޑަކުން ބުންޏެވެ. "އެހެންވީމާ ހުރިހާ ކަމެއް ކިޔައިނުދީ. ހަމައެކަނި އެއް ކަމެއް ބުނެބަލަ. ތިއީ މިއަދު ފެށުނު ތަދެއްތަ؟ ނޫނީ ދުވަސްތަކެއް ވަންދެން ހިތުގަ އުދާސްތަކެއް ފުނިޖެހެމުން އައިސް، މިއަދު ކެތްނުކުރެވޭ ވަރުވީތަ؟"
ރާމިޔާ ރޮމުން ތުރުތުރުއަޅާ ނޭވާއެއް ދޫކޮށްލިއެވެ. އަދި ދޫކޮށްލައިފިނަމަ ވެއްޓިދާނެތީ ބިރުން އުޅޭ ފަދައަކުން މެހެކްގެ އަތްކުރީގައި ބާރަށް ހިފަހައްޓާލަމުން މަޑުމަޑުން ބުންޏެވެ. "މިއީ ފުނިޖެހެމުން އައި ކަމެއް… އަހަރެންނަށް ހީވަނީ މިއީ ދުވަސްތަކެއް ވަންދެން ހިތުގައި އޮތް ކަމެއްހެން. އެކަމަކު އަހަރެން އެކަންކަން ހިތުގެ އަޑީގައި ފޮރުވީ. އަހަރެން ހީކުރީ އަޅާނުލާ ހުރެއްޖެނަމަ އެކަން ފިލައިގެން ހިނގައިދާނެ ކަމަށް. އަހަރެން ހީކުރީ މަސައްކަތުގައި މަޝްޣޫލުވެ، ސަމާލުކަން އެހެން ކަންކަމަށް އަނބުރާލައިގެން، މާ ފުންކޮށް ނުވިސްނާ ހުރެއްޖެނަމަ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް. އެކަމަކު މެހެކް، އެކަމެއް ނުފިލި. އެ އަޑު އަހަރެންގެ އެތެރޭގައި ދިޔައީ ގަދަވަމުން."
މެހެކް ކުޑަކޮށް ނިތްކުރިއަށް ރޫއަރުވާލަމުން، ވިސްނޭތޯ މަޑުމަޑުން ބޯޖަހާލިއެވެ. އަދިވެސް މުޅިން ސާފުނުވި ނަމަވެސް، އޭނާ އުންމީދު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. "އޯކޭ، އެހެންވީމާ ތިއީ ފުނިޖެހެމުން އައި ކަމެއް. އޭގެ މާނައަކީ ކޮންމެވެސް ކަމަކުންނޭ ތިކަމެއް ފެށޭނީ… އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް، ނުވަތަ އެވަގުތު ފާހަގަ ނުކުރެވުނު ކަމެއް ކަމުގައި ވިޔަސް، ކޮންމެވެސް ކަމެއްގެ ސަބަބުން ތި އިހުސާސް ހިތުގަ އުފެދޭނީ. އެންމެ ފުރަތަމަ ތިހެން އިހުސާސްވާން ފެށީ ކޮން އިރަކުތޯ ހަނދާން ކުރެވޭތޯ ބަލާބަލަ. އެއީ އަނެއްކާ، ކޮލެޖަށް ދާންފެށި ފަހުންތަ؟ ނޫނީ ޔުއަރ އެކްސް ހަސްބެންޑް މަރުވުމުގެ ކުރިން ދިމާވި ކަމެއްތަ؟ ނޫނީ މީހެއްގެ ހަނދާންތައް އާވީމަ ނުވަތަ މީހަކާ ބައްދަލުވީމަ ވީ ކަމެއްތަ؟
ނަމަވެސް ރާމިޔާ ވަގުތުން މާ ބާރަށް ބޯ ހޫރުވާލިއެވެ. އަދި އިންތިހާއަށް ކަރުނަ އޮހެމުން ދިޔައިރު، ވަރަށް މާޔޫސްކަމާއެކު މަޑުމަޑުން ބުންޏެވެ. "ނޫން… އެއީ އެކަހަލަ ގޮތަކަށް ވީ ކަމެއް ނޫނޭ…އެއީ އެނބުރި އަންނަ ކަމެއްގެ ވާހަކައެއް ނޫން… ތި ހީކުރާ ގޮތަށް މާޒީއާ ގުޅުންހުރި ކަމެއްވެސް ނޫނޭ… މިއީ މިހާރު ހިނގަމުންދާ ކަމެއް… އަހަންނަށް ސީދާ ގޮތުން އަނިޔާއެއް ނުލިބުނަސް، އެތެރެހަށިން އަހަރެން ހަލާކުކޮށްލާ ކަމެއް…" މެހެކް މަޑުޖެހިލިއެވެ. އޭނާގެ ހައިރާންކަން އިތުރުވަމުން ދިޔަވަރަކަށް، ލަސްލަހުން އެ ޖުމްލަ ތަކުރާރުކުރިއެވެ.
މެހެކް ކުޑަހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އޭނާގެ ހައިރާންކަން އިތުރުވަމުންދިޔަ ވަރަކަށް، މަޑުމަޑުން ތަކުރާރުކޮށްލިއެވެ. "މިހާރު ތިބުނާ ކަމެއް އެބަހިނގާ… އެކަމަކު ސީދާ ރާމިޔާއަށް އަނިޔާއެއް ނުލިބޭ….. އާހް… ތިޔަ ބުނާ އެއްޗެއް މެހެކްއަކަށް ހަމަ އެއް ގޮތަކަށްވެސް ނުވިސްނޭ. ކަމަކުން އަނިޔާއެއް ނުލިބި، ތިހާ ބޮޑަށް މީހާ ބަލިކަށިކޮށްލާނީ ކިހިނެއް؟" ރާމިޔާގެ އަނގައިން މަޑު، ހިތްދަތި އަޑެއް ނުކުތެވެ. އޭނާގެ މޫނު އަނެއްކާވެސް ފޮރުވަމުން ސިއްރުސިއްރުން ބުންޏެވެ. "ތިޔައީ ހަމަ އަހަންނަށްވެސް ނުވިސްނޭ ކަންތަކަކީ… އަހަރެން ބިރުގަންނަ ސަބަބަކީވެސް ތިޔައީ… އެއީ އާންމުކޮށް އިހުސާސްކުރެވޭ ކަހަލަ ތަދެއް ނޫން… އެއީ މުޅިން ތަފާތު ކަމެއް… އެއީ އެއްފަހަރާ ހޫނުކަމާއި ބިރުވެރިކަން އިހުސާސްކޮށްދޭ ކަމެއް. އަހަރެންގެ ހަށިގަނޑުގެ ތެރޭގައި އެކަން ބޮޑުވަމުންދާ ދިއުން ހުއްޓުވާނެ ގޮތެއް އަހަންނަކަށް ނޭނގޭ."
މެހެކްގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވެ، މިހާރު ކުރިއަށްވުރެ ބޮޑަށް ސަމާލުވެ ހުރެ، ވަރަށް ފަރުވާތެރިކަމާއެކު އެހިއެވެ. "ހޫނުކަމާއި ބިރުވެރިކަން… ރާމިޔާ، ތިޔަ ދައްކަނީ މީހެއްގެ ވާހަކަތަ؟ ރާމިއާ ނަފްސާނީ ގޮތުން މާ ބޮޑަށް ގާތްވަމުންދާ މީހަކު އެބަހުރިތަ؟ ރާމި ބޭނުން ނުވި ނަމަވެސް، ލޯބިވެވޭ ނުވަތަ ގުޅުން ބަދަހިވަމުންދާ މީހަކު އެބަހުރިތަ؟ އެއީ ކަންތައް އޮތް ގޮތް ކަމަށްވާނަމަ، ރާމިޔާ އެކަނިމައި އެކަނި އެކަމާ ހަނގުރާމަކުރާކަށް ނުޖެހޭނެ. އިންތަކެއް ކަނޑައަޅަން މެހެކް އެހީތެރިވެދީފާނަން. ރާމިގެ އިހުސާސްތަކާ ކުޅޭ ކޮންމެ މީހަކާވެސް ދުރަށް ދިއުމަށް މެހެކް އެހީތެރިވެދީފާނަން."
ރާމިޔާ އަވަސްއަވަހަށް އަނެއްކާވެސް ބޯހޫރުވާލިއެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުން ބިރުވެރިކަން ފެންނަން ހުއްޓެވެ. އޭނާ ބުންޏެވެ. "ނޫން، ނޫން، މިއީ އިންތަކެއް ކަނޑައެޅުމުގެ ވާހަކައެއް ނޫން… މިއީ މީހަކު ގޯސް ކަމެއް ކުރުމުގެ ވާހަކައެއްވެސް ނޫން… މެހެކް، އެކަން މާ ބޮޑަށް ގޯސްވަނީ އެހެންވެ… އެއްވެސް ކަމެއް ގޯހެއް ނޫން… އިނގިލި ދިއްކުރެވޭނެ އެއްވެސް ކަމެއް ނެތް… ކުށްވެރިކުރެވޭނެ އެއްވެސް ކަމެއް ނެތް… ދުރަށްލާން ބަހަނާއެއް ދެއްކޭނެ ކަމެއްވެސް ނެތް."
މެހެކް ކުޑަހިނދުކޮޅަކަށް ހިމޭންވެލިއެވެ. އޭނާ ރާމިޔާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނެވެ. އޭނާގެ އަޑު މިހާރު މަޑެވެ، އެކަމަކު މާ ބޮޑަށް ސީދަލެވެ. އޭނާ ރާމިޔާއާއި އިތުރަށް ގާތަށް ޖެހިލާފައި ބުންޏެވެ. "އެހެންވިއްޔާ ރާމިޔާ ތިޔަހާ ބޮޑަށް ތިޔަ ތަހައްމަލު ކުރަނީ ކީއްވެ؟ ސަބަބެއް ނެތި މީހަކު ތިޔަހެން ބަލިކަށްޓެއް ނުވާނެ…އޭމް 9 އިޔާސް އޯލްޑަރ ދެން ޔޫ… ރާމިޔާއަށްވުރެ ގުނަ ތަޖުރިބާތައް ކޮށްފަ ހުންނާނެ މީހެއްގެ ހައިސިއްޔަތުން މި ބުނީ…. އަދި މިހެން މި ބުނަނީ.. މިވީ ކުޑަ ދުވަސްކޮޅުންވެސް، މެހެކްއަށް ރާމިޔާގެ ގޮތް ވަރަށް ރަނގަޅަށް ދަސްވެފަ ހުރީމަ….. މެހެކްއަށް ޔަގީނަށްވެސް އެނގޭ ކަމަކީ، މީހަކު ތިހާ ބަލިކަށިވާނީ، ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން….
ރާމިޔާ ވާހަކަދައްކަން އުޅުނު ނަމަވެސް، އޭނާގެ ކޮނޑު ތުރުތުރުއަޅަމުން ދިޔައެވެ. ބަސްތައް ބޭރުވަނީ މެދުކެނޑެމުންނެވެ. އެންމެ ފަހުން ކަރުނުން ފުރިފައިވާ އަޑަކުން ސިއްރުސިއްރުން ބުންޏެވެ. "ތެދަށް ބުނަންޏާ، އަހަރެންނަށް މިވަރު މިވަނީ، އަހަރެން ދުވަހަކުވެސް އިހުސާސް ނުކުރަން އަހަރެން އަމިއްލަ ނަފްސަށް ވައުދުވި ކަންތައްތަކެއް އަހަންނަށް އިހުސާސް ކުރެވޭތީ… އަނެއްކާވެސް މާދަމާއަށް އުންމީދުކުރަން ބޭނުންވާ ކަހަލަ ކަންތައްތަކެއް އިހުސާސް ކުރެވޭތީ… އަހަރެން އެކަމަށް ނަފްރަތު ކުރަން… ވަރަށް ބޮޑަށް ނަފްރަތު ކުރަން. އެއީ އެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު، އެކަމުގެ އަދަބެއްގެ ގޮތުން ވަރަށް ބިރުވެރި ކަމެއް ހިނގާފާނެހެން އަހަންނަށް ހީވާތީ."
މެހެކްގެ ހިތް ވަގުތުން މަޑުވެ، ރާމިޔާ ގާތަށް ދަމާލިއެވެ. މިހާރު އޭނާގެ ހައިރާންކަން ކުޑަވެ، ކަންބޮޑުވުން އިތުރުވިއެވެ. އޭނާ ސިއްރުސިއްރުން ބުންޏެވެ. "ރާމިޔާ، މެހެކް މި ބުނާ އެއްޗެއް ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހާތި. ރާމިއަށް ކޮންމެ އެއްޗެއް އިހުސާސް ކުރެވުނަސް، އެއީ ރާމިޔާއަކީ ގޯސް މީހަކަށް ހަދާ ކަމެއް ނޫން. އެއީ ގޯސް ކަމެއް ހިނގާނެ ކަމުގެ ނިޝާނެއްވެސް ނޫން. އަދި އެއީ ރާމިއަށް ލިބޭ އަދަބެއްވެސް ނޫން. އިހުސާސްތަކަކީ ކުށެއް ނޫން… އެހެންވީމަ، ރާމި އެކަނި ތިޔަ ކަމާ ހަނގުރާމަކުރާކަށް ނުޖެހޭނެ."
ރާމިޔާ މަޑުމަޑުން ބޯހޫރުވާލަމުން، މެހެކްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ މަޑުމަޑުން ރޮމުން ބުންޏެވެ. "އެއީ ކުށެއްހެން ހީވަނީ… ހަމައެކަނި އެކަން އިހުސާސް ކުރެވޭތީވެސް ނުރައްކާތެރި ކަމެއް ކުރެވެނީހެން ހީވަނީ… އެ ހުރިހާ ކަމެއް އަނެއްކާވެސް ހަލާކުވެގެން ދިއުމުގެ ކުރިން، އެކަން ހުއްޓުވާނެ ގޮތެއް އަހަންނަކަށް ނޭނގޭ…"
ރާމިޔާގެ ރުއިން ކޮންޓްރޯލުން ނެއްޓެމުން ދިޔައިރު، މެހެކް އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާލައިގެން އިނެވެ. އެއީ ހީވަނީ އޭނާގެ ހިތުގައިވާ އުދާސްތައް ރާޅުތަކެއްގެ ސިފައިގައި އައުމުގެ ބަދަލުގައި، ނޭވާލާނެ ފުރުސަތެއްވެސް ނުލިބޭހާ ބާރުމިނުގައި އެއްފަހަރާ ބިންދާލި ހެންނެވެ. ރާމިޔާ ބުނަން ބޭނުންނުވެ ހިފަހައްޓައިގެން ހުރި ވާހަކަތަކުގެ ތެރެއިން އޭނާ ސަލާމަތްކުރުމަށްޓަކައި، މެހެކްގެ އަޑު އިތުރަށް މަޑުކޮށްލަމުން، އޯގާތެރިކަމާއެކު ނަމަވެސް ކަންބޮޑުވެފައިވާ ރާގަކަށް އެހިއެވެ. "ރާމިޔާ އަހަންނަށް ބަލާބަލަ، ހަމަ އެންމެ ސިކުންތަކަށް ނަމަވެސް އަހަންނަށް ބަލާބަލަ. އަހަންނަށް އެނގޭ ތި އުޅެނީ އާދައިގެ ކަމެއް ވެގެން ނޫންކަން.. މީ މެހެކް ރާމިޔާ ގާތު މި ވާހަކަ އަހާނެ އެންމެ ފަހު ފަހަރު… އިފް ޔޫ ކީޕް ހައިޑިން ދިސް، މެހެކް ފަސީއަށް ތި ހުރިހާ ވާހަކައެއް ތި ކިޔައިދިން ގޮތަށް ކިޔައިދޭނަން… ރާމިޔާ ވާހަކަ ދައްކަމުން ގޮސް މެދުތެރެއިން ހުއްޓާލާ ގޮތުންވެސް އަހަންނަށް އެކަން އެބަ ފެނޭ. އެހެންވީމާ އަމިއްލަ ނަފްސަށް ތިހެން ނަހަދާ.."
ރާމިޔާ އަނެއްކާވެސް ބޯހޫރުވާލަން މަސައްކަތް ކުރި ނަމަވެސް، މިފަހަރު އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. ބުނަން އުޅޭ ބަސްތައް އުފެދި، ހަމަ އެވަގުތު ފުނޑުފުނޑުވަމުންދާ ފަދަ ގޮތަކަށް އޭނާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. އަދި ވަރަށް މަޑުމަޑުން ބުންޏެވެ. "އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން… ހުވާ މިބުނީ… އެކަމަކު އެ ވާހަކަ ދުލުން ބޭރުކޮށްފިއްޔާ އެއީ ހަގީގަތަކަށް ވެދާނެ… އަދި އެއީ ހަގީގަތަކަށް ވެއްޖެއްޔާ، ދެން އެކަން ކޮންޓްރޯލް ކުރާނެ ގޮތެއް އަހަންނަކަށް ނޭނގޭނެ… މެހެކް ޕްލީސް އާދޭސްކޮށްފަ މި ބުނަނީ އަހަރެންނަށް އެއްވެސް ކަމަކަށް މަޖުބޫރު ނުކުރައްޗޭ ޕްލީސް… "
"ކޮން ކަމެއް ހަގީގަތަކަށް ވަނީ ރާމިޔާ؟ ތިހާ ބޮޑު ސިއްރެއް ހިތުގައި ފޮރުވައިގެން ތިހާ ބޮޑަށް ތި ހަލާކުވަނީ ކޮން ކަމެއް ހަގީގަތަކަށް ވެދާނެތީ ބިރުން؟" އެ ސުވާލާއެކު ރާމިޔާ އެއްކޮށް ގަނޑުވި ކަހަލައެވެ. އޭނާގެ ނޭވާ ކުރުވެ، މެހެކްގެ އަތްކުރީގައި ބާރަށް ހިފަހައްޓާލިއެވެ. އަދި ފުރަތަމަ ފަހަރަށް، ވަރަށް މަޑުމަޑުން ސިއްރުން ބުންޏެވެ. "އެއީ އަހަންނަށް ނަން ދެވޭނެ ކަމެއް ނޫން…"
މެހެކް މަޑުމަޑުން ބޯހޫރުވާލީ، އޭނާ ހަގީގަތާ ކުރިމަތިނުލާ ދޫކޮށްލަން ބޭނުންނުވާތީއެވެ. "އެހެންވިއްޔާ އެކަން ސިފަކޮށްދީ. ނަން ނުކިޔުނަސް އަހަންނަށް ކިޔައިދީ. ކޮންމެވެސް ވަރަކަށް އެ ވާހަކަ ބޭރުކޮށްލަންދެން އަހަރެން ރާމިޔާ ދޫކޮށްލާފައެއް ނުދާނަން." ރާމިޔާގެ ތުރުތުރުލުން އިތުރުވެ، ކަރުނަތައް ބާރަށް އޮހެމުން ދިޔައިރު ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. "އެއީ ހީވަނީ… ހީވަނީ މީހަކު އަހަރެންނާ ވަރަށް ކައިރީގައި ހުންނަހެން… އަހަރެން ދުރަށް ދާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ހީވަނީ ކަންތައް ގޯސް ކުރަނީ އަހަރެން ހެން… އަހަރެން އަމިއްލައަށް މި އުފައްދަނީ ދުވަހަކުވެސް ދެން ވިޔަ ނުދޭނަމޭ ބުނެ އަމިއްލަ ނަފްސަށް ވީ ވައުދާ ހިލާފު ކަމެއް ހެން…"
މެހެކް އޮޅުންބޮޅުންވެފައި ހުރެ ލޯ ހަނިކޮށްލި ނަމަވެސް، ކެތްތެރިކަމާއެކު ބުންޏެވެ. "މީހަކު މާ ކައިރީގައި ހުންނަނީއޭ؟ ރާމިޔާ، މިއީ މީހަކާ ބެހޭ ކަމެއް ދޯ އެހެންވީމަ؟ މީހަކު ރާމިޔާއަށް އުނދަގޫކޮށް ބިރުދައްކަނީ ދޯ؟ އެހެންވަންޏާ އެމީހަކު ހިމާޔަތް ކުރާނެ ކަމެއް ނެތް… ރާމިޔާ ޖެހޭނީ އަމިއްލަ ނަފްސު ހިމާޔަތް ކުރަން.. ޖަސްތް އެކްސްޕޯސް ދެޓް ޕާސަން…"
ރާމިޔާ ވަގުތުން ވާހަކަ މެދުކަނޑާލިއެވެ. އޭނާގެ އަޑުގައި ހާސްކަން ހުއްޓެވެ. "ނޫން ނޫން، އާހް… މެހެކްއަކަށް ނުވިސްނޭނެ. އެއީ މިކަން ކުރަން ނުކުޅެދޭ ސަބަބަކީވެސް. އެއީ އޭނާ އެއްވެސް ގޯސް ކަމެއް ނުކުރާތީ. އޭނާ އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ. އޭނާ އެއްވެސް ކަމަކަށް ނޭދޭ. އޭނާ ހަމައެކަނި…" ރާމިޔާ އޭނާ ވާހަކަ މެދުކަނޑާލިއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައިރު، ބޭރުކޮށްލަން ނުވާވަރުގެ ވާހަކައެއް ބުނަން އުޅެވުނު ކަހަލަ ގޮތަކަށް އޭނާގެ ލޯ ބޮޑުވިއެވެ. މެހެކްއަށް އެ ހުއްޓުން ވަގުތުން ފާހަގަވިއެވެ. އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ. "އޭނާ.؟ އޭނާއޭ ތި ބުނަނީ ކާކުގެ ވާހަކައެއް؟" ރާމިޔާ އޭނާގެ ދެލޯ ބާރަށް މަރާލުމަށްފަހު، ބޭރުވި ބަސްތައް ފޮހެލަން އުޅޭ ފަދައަކުން ބޯ ހޫރާލަމުން އަވަސްއަވަހަށް ސިއްރުސިއްރުން ބުންޏެވެ. "ނޫން، އަހަރެން އެހެންނެއް ނޫން މި މާނަ ކުރީކީ… ވަކި މީހަކަށް އަމާޒުކޮށް ބުނި އެއްޗެއް ނޫން އެއީ، ހަމަ އާންމުކޮށް ބުނެވުނީ، އަހަރެންނަކަށް ނޭނގެ އެހެން ބުނެވުނީ ކީއްވެގެން ކަމެއް." ނަމަވެސް މެހެކް އެކަން ދޫކޮށެއް ނުލިއެވެ. އޭނާގެ އަޑު މަޑު ނަމަވެސް، މާ ބޮޑަށް ސަމާލުކަން ދެމުން ބުންޏެވެ. "ނޫން، ތިބުނީ ހަމަ ވަކި މީހެއްގެ ވާހަކަ. މެހެކް މަޖުބޫރެއް ނުކުރާނަން، އެކަމަކު މިވަގުތު ދޮގު ނުހަދާ. ތި އަޑުން އަހަރެންނަށް އެނގޭ ކޮންމެވެސް މީހަކު ހުރިކަން." އެހިސާބުން ރާމިޔާ މާ ބޮޑަށް ރޮއިގަނެ، އަމިއްލަ ބަސްތަކުން ފިލަން އުޅޭ ފަދައަކުން މެހެކްގެ ކޮނޑުގައި ނިތްކުރި ޖައްސާލަމުން، ގިސްލަމުން ސިއްރުން ބުންޏެވެ. "އާދޭސްކޮށްފަ ބުނަން، އެ ވާހަކަ ބުނަން މަޖުބޫރު ނުކުރޭ… އާދޭސްކޮށްފައި ބުނަން މެހެކް، އަހަރެންނަށް އެ ވާހަކައެއް ނުބުނެވޭނެ. އެއީ އަހަރެން އެ ވާހަކަ ބުނެފިނަމަ، އަހަރެންގެ ހިތުގައި އެ އިހުސާސްތައް ވާކަމަށް އިއުތިރާފުވާން ޖެހޭނެތީ. އަދި އެ އިހުސާސްތައް އަހަރެންގެ ތެރޭގައި ވާނަމަ، އޭގެ މައްޗަށް އޮތް ކޮންޓްރޯލް އަހަރެންނަށް މުޅިން ގެއްލިދާނެތީ."
މެހެކްގެ ހިތް ވަގުތުން މަޑުމޮޅިވެ، ރާމިޔާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ބުންޏެވެ. "އެންމެ ރަނގަޅު، އެންމެ ރަނގަޅު، ނޭވާލާ… ތައްޔާރު ނޫން އެއްވެސް ވާހަކައެއް ބުނާކަށް ނުޖެހޭނެ. އެކަމަކު އަޑުއަހާ، ތިއީ ކޮންމެ ކަމަކަށް ވިޔަސް، ތިއީ މިހާރުވެސް ރާމިޔާގެ ހިތުގެ ތެރޭގައި އޮތް ކަމެއް. ރާމިޔާ އޮޅުވާލާ ސިއްރުކުރަން ކިތަންމެ މަސައްކަތްކުރިޔަސް، މެހެކްއަށް މިހާރު ވަރަށް ކްލިއާރލީ އަންޑަސްޓޭންޑް ވެއްޖެ.."
ރާމިޔާ އެހީތެރިކަމެއް ނެތް ގޮތަކަށް ބޯހޫރުވާލިއެވެ. އަދި އަޑު ކުރެހިފައިވާ ހާލު މަޑުމަޑުން ބުންޏެވެ. "ގަސްތަކާ ނުލައިވެސް އަހަރެންނަށް މިހާރު ރަތް ރޮނގު ހުރަސްކުރެވިއްޖެ… ދުވަހަކުވެސް އިހުސާސް ނުކުރަން ހުވާކުރި ކަންތައްތަކެއް މިހާރު އަހަރެންނަށް އިހުސާސް ކުރެވެން ފަށައިފި… އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި ވަރަކަށް އެކަން ދަނީ އިތުރުވަމުން… އަހަރެން ވަރަށް ބިރުގަނޭ މެހެކް… އަހަރެން ވަރަށް ބިރުގަނޭ…އެއީ އާދައިގެ ކަމަކަށްވުރެ ބޮޑުވާން ފެށީ ކޮން އިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގޭ… އިންތިޒާރު ކުރަން ނުޖެހޭ ކަމަކަށް އިންތިޒާރު ކުރެވެން ފެށީ ކޮން އިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގޭ…" ރާމިޔާ އަނެއްކާވެސް ހުއްޓާލިއެވެ. އަދި ބިރުވެރިކަމުގެ ތެރޭގައި ތާށިވެފައިވާ ނަމެއް ދުލުގެ ކުރިއަށް އައިސްފައިވާ ފަދައިން ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. މެހެކް އިތުރަށް ގާތްވެލަމުން، ސިއްރުން ކަހަލަ ގޮތަކަށް ބުންޏެވެ. "ކޮން ކަމަކަށް ރާމިޔާ… ކޮން ކަމަކަށްތަ ތި އިންތިޒާރު ކުރަނީ؟" ރާމިޔާގެ ނޭވާ ތާށިވެ، އެ ބަސް ބުނަން އުޅުނު ކަހަލައެވެ. އޭނާގެ އަނގަ ކުޑަކޮށް ހުޅުވި، އަނބުރާ ނުގެނެވޭނެ ފަދަ ބަހެއްގެ ފުރަތަމަ އަޑު ބޭރުވާން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އަނެއްކާވެސް ބޯހޫރުވާލުމަށްފަހު، މެހެކްގެ ކޮނޑުގައި މޫނު ފޮރުވައި ބާރަށް ރޮމުން، މެދުކެނޑެމުންދާ އަޑަކުން ބުންޏެވެ. "އެއްވެސް ކަމަކަށް ނޫން… އަހަރެން އެއްވެސް ކަމަކަށް އިންތިޒާރެއް ނުކުރަން… އެކަން ހަނދާން ނައްތާލާ… އާދޭސްކުރަން، އަހަރެން އެއްޗެކޭ ބުނިކަންވެސް ހަނދާން ނައްތާލާ…" ރާމިޔާގެ މުޅި ހަށިގަނޑު، އެމީހެއްގެ ނަން ނުގަނެ ހުރިހާ ކަމަކަށް އިއުތިރާފުވާން ގޮވަމުން ދިޔަ ނަމަވެސްމެއެވެ.
****
އުނދަގޫ އިހުސާސްތަކާއެކު ހެލީނާ އޭނާގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދިގު ދަތުރެއް ކޮށްފައި އައި އިރު އޭނާ ހުރީ ދަތުރުމަތީގައި ހޮޑު ލައިލައި ވަރުބަލިވެފައެވެ. ހެލީނާ އޭނާގެ ތުރުތުރުއަޅާ އިނގިލިތަކުން ގޭގެ ދޮރާށީގައި ބާރަށް ހިފަހައްޓާލައިގެން ހުރީ، އެގޭގެ އޮޅިގަނޑުން ވަންނަން ފަސްޖެހޭތީއެވެ. އެގެއަށް އޭނާ ދެން ނިސްބަތްނުވާކަން ގަބޫލުކުރަން ޖެހި މަޖުބޫރުވެފައި ވާތީ އެކަމުގެ ހިތާމައިގައެވެ. އެންމެ ފަހުން އޭނާ ގޭތެރެއަށް ވަދެ ފިޔަވަޅު އެޅިއިރު، އެތަނުގެ ހިމޭންކަން އޭނާއަށް މަރުހަބާ ކީއަކީ އަމިއްލަ ގެއެއް ފަދައިންނެއް ނޫނެވެ. އިހުސާސްކުރެވެމުން ދިޔައީ ފާރުތަކުގެ ތެރޭގައި ގަނޑުވެފައިވާ، ނޭވާ ހާސްކުރުވާ ފަދަ ފަޅުކަމެކެވެ. ވައިގެ ތެރޭގައި ހިފާފައި ހުރި ފަނޑު ވަހާއެކު އޭނާ މަޑުމަޑުން ވަށައިގެން ބަލައިލިއެވެ. އެތަން މިތަނަށް އުކާލެވިފައިވާ ފަރުނީޗަރުތަކާއި، ފާރު ކައިރީގައި ވެއްޓިފައި އޮތް ގޮނޑިއާއި، ކުރިން އޭނާގެ ބައްޕަގެ ހިމޭން އަދަބުވެރިކަމުގެ ސަބަބުން އަބަދުވެސް ސާފުކޮށް ހުންނަ ތަންތަނުގައި ހުރި ހިރަފުހެވެ. ޖެހިލުންވެ ހުރެ އެތެރެއަށް ހިނގައިގަތް ވަރަކަށް އޭނާގެ ހިތް ދިޔައީ ބިރުން ފެތެމުންނެވެ. ސަބަބަކީ މިއީ ހަމައެކަނި ކުނިވެފައިވާ ގެއެއް ނޫން ކަމަށް ވުމެވެ. މުޅި ގޭތެރޭގައި އެއްވެސް ދިރުމެއް ނެތެވެ. ކާ މޭޒުމަތީގައި ހުރި ތަށިތަކުގައި ހުރި ކާނާ ހަރުވެ ކުނިވެފައި ހުރިއިރު، ހީވަނީ އެތަނުގައި ވަގުތު ހިނގުން ހުއްޓިފައިވާ ހެންނެވެ. ސޯފާ މައްޗަށް އުކާލެވިފައިވާ ހެދުންތަކާއި، ދެބައިކުޅަ އެއްބައި ދަމާފައިވާ ފަރުދާތައް ފެނުމުން ހީވަނީ ދުވާލުގެ އަލިކަން ވެސް އެތެރެއަށް ވަނުމަށް އުންމީދު ކަނޑާލާފައިވާ ހެންނެވެ. އެވަގުތު އަނެއްކާވެސް އެ އަޑު އިވުނެވެ. ކޮރިޑޯގެ ކޮޅުގައި ހުރި ކޮޓަރިން އިވުނު އެ ހަރުކަށި، ބިންދައިގެން ގޮސްފައިވާ ކެއްސުމުގެ އަޑެވެ. އެއާއެކު އޭނާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ޖެހިލުންވުމުގެ ބަދަލުގައި ހާސްކަން އިހުސާސްވެ، އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އަދި ނޭވާ ކުރުވެފައިވާ ހާލު މަޑުމަޑުން ގޮވާލިއެވެ. "ބައްޕާ…"
ނަމަވެސް އެ ގެއިން ޖަވާބެއްގެ ގޮތުގައި އިވުނީ އަނެއްކާވެސް ކެއްސުމެއްގެ އަޑެވެ. މިފަހަރު އެ އަޑު މާ ބަރެވެ، މާ ވޭނީއެވެ، އަދި މާ އުނދަގުލެވެ. އޭނާގެ ކޮޓަރިއާ ހަމައަށް ގޮސް، މަޑުމަޑުން ދޮރު ހުޅުވާލި ހިނދު، ކުރިމަތިން ފެނުނު މަންޒަރުން ހެލީނާގެ ކަކޫ ދޫވެ، ވަގުތުން ވަރުދެރަވިއެވެ. އެއީ އޭނާގެ ބައްޕައެވެ. އެއްދުވަސްވަރެއްގައި މުޅި ދުނިޔެއާ ދެކޮޅަށް އޭނާއަށްޓަކައި އައްޑަނައެއް ފަދައިން ހުރި ބައްޕައެވެ. މިހާރު އެނދުގައި ލެގިލައިގެން އެ އިނީ އަމިއްލަ ކަށިތަކަށްވެސް ނުއުފުލޭހާ ހިކި އަނަރޫފަ ހަށިގަނޑަކާއެކުގައެވެ. މޫނުމަތި ވަނީ މިލާމޯޅިވެ، ކޯތާފަތް ވަދެފައެވެ. ނިދިނުލިބުމުގެ ސަބަބުން ލޯ ވަނީ ވަޅުވަދެފައެވެ. އަދި އެ މޫނުމަތިން ބަލިމަޑުކަމަށްވުރެ ބޮޑަށް، ބޭވަފާތެރިކަމުގެ ފުން އަސަރުތަކެއް ފެންނަން ހުއްޓެވެ.
ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ދުލުން އަކުރުން ބަޔާންކުރަންވެސް ހަނދާން ނެތިފައިވާ ފަދައިން، ކުޑަހިނދުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހެލީނާ މަޑުމަޑުން ކުރިއަށް ޖެހިލީ ދެއަތުން ފެންތަށީގައި ހިފަހައްޓައިގެން ހުރެއެވެ. އޭނާގެ އަތް ތުރުތުރުލާވަރުން ތަށީގައި ހުރި ފެންތައްވެސް ދިޔައީ ބޭރަށް ބޮކިޖަހަމުންނެވެ. އޭނާ މަޑުމަޑުން، އަދި ރޮވިފައިވާ އަޑަކުން ބުންޏެވެ. "ބައްޕާ… އާދޭސްކުރަން… މީތި ބޯލަބަލަ… ބައްޕައަށް މީގެ ބޭނުންޖެހޭނެ… އަހަރެން މިހުރީ ބައްޕަގެ ކައިރީގަ… ބައްޕައަށް އެހީވާން އަހަރެންނަށް ފުރުސަތު ދީ… ހެލީ ދެން ދުވަހަކުވެސް ބައްޕަ ނުރުހޭ ގޮތަކަށް ނޫޅޭނަން.. ހެލީއަށް މާފުކޮށްބަ ޕްލީސް…"
އެވަގުތު ބައްޕަގެ ނަޒަރު ފުރިހަމައަށް ހެލީނާއަށް ހުއްޓުނެވެ. އަދި ވަގުތުން އޭނާގެ މިޒާޖަށް ބަދަލެއް އައެވެ. އޭނާގެ ހިމޭންކަން ހިތްހަމަޖެހުމަކަށް ބަދަލެއް ނުވިއެވެ. އޭގެ ބަދަލުގައި އެ ހިމޭންކަން ބަދަލުވީ ރުޅިވެރިކަމާއި، ބަޔާންކުރަން ނޭނގޭ ފަދަ ފުން ވޭނަކަށެވެ. އޭނާ މަޑު، ބިނދިފައިވާ ހިނިގަނޑެއް ޖަހާލިއެވެ. އެ ހިނިގަނޑު ވަގުތުން ކެއްސުމަކަށް ބަދަލުވިއެވެ. ސީދަލަށް އިނުމަކީވެސް ބޮޑު ހަނގުރާމައެއް ފަދައިން އޭނާ އެނދުގައި ބާރަށް ހިފަހައްޓާލިއެވެ.
އެންމެ ފަހުން އޭނާ ވާހަކަދެއްކިއެވެ. އެ އަޑު ހަރުކަށްޓެވެ، ތުރުތުރުލައެވެ، އަދި އެތައް އަހަރެއްގެ ހިތާމައިން ބަރުވެފައިވެއެވެ. އޭނާ ބުންޏެވެ. "އަހަރެންނަށް އެހީވާށޭ؟ ހުރި ހަޔާތްކުޑަކަން ދެކިބަލަ…ކަލޭ ލަދެއް ނުގަނޭތަ މަގޭ ކަލޭ މިގެއިން ނެރެލީމަވެސް އަނެއްކާ އައިސް ވަންނާކަށް…މަގޭ ބުނެފަ އޮންނާނީ މިގޭގެ ހުރިހާ ދޮރެއް ކަލެއަށްޓަކާ ބަންދުކޮށްފައޭ ހުންނާނީ….މި ގެ މިހާލަތަށް ބަދަލުކޮށްލި ހުރިހާ ކަމަކަށްފަހު، އަދި މަގޭ މި އިން ނިކަމެތި އެކަނިވެރި ހާލަތަށް ގަންބާ ވައްޓާލާފަ، އަދިވެސް މަށާ ތިހެން ވާހަކަދެއްކުމުގެ ހައްގު ކަލެއަށް ދިނީ ކާކު…؟
އެ ބަސްތަކުގެ ފުންމިނުން ހެލީނާ ސިހި، ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ބައްޕަ ހުއްޓައެއް ނުލިއެވެ. އެތައް މަހެއް ވަންދެން ހިތުގައި ފޮރުވާފައިވާ ހުރިހާ އިހުސާސްތަކެއް، އަލުން ހުޅުވުނު ފާރެއް ފަދައިން ބޭރަށް އޮހެން ފެށިއެވެ. "ހެލީނާ، 'މިހާރު މިހުރީ' އޭ ބުނާއިރު ކަލެއަށް ތި ބުނެވެނީ ކީކޭކަން އެނގޭތަ؟ އަހަރެން ކަހަލަ މީހަކަށް 'މިހާރު' ގެ މާނައަކީ ކޮބައިކަން ކަލެއަށް އިހުސާސްވޭތަ؟ މަގޭ މި ދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކު ވަގުތު ގުނަމުން މިދަނީ ގަޑިއަކުން ނޫން، ކަލޭގެ ވަކިވުމުން. މި ދޮރުން ނުކުމެގެން ދިޔަ ދުވަހު ކަލޭ ދޫކޮށްލި ހިމޭންކަމުގެ އަޑުން. ކަލޭ ދިޔަ ދުވަހު އެކަންޏެއް ނޫން އަހަރެންނަށް ކަލޭ ގެއްލުނީ. އޭގެ ފަހުންވެސް ކޮންމެ ދުވަހަކު މަށަށް ދިޔައީ ކަލޭ ގެއްލެމުން. ކޮންމެ ދުވަހަކު މަގޭ ހޭލަނީ ކަލޭ ކައިފިތޯ، ސަލާމަތުން ހުރިތޯ، ނޫނީ އަހަރެންނާ އެއް ދުނިޔެއެއްގައި ދިރިހުރިތޯ ނުވަތަ ކަލޭގެ އެއްވެސް ޚަބަރެއް ނުލިބޭތީ އަހަރެންގެ ޚިޔާލުތަކުގައި ކަލޭ ވަޅުލައިފިންތޯ ހިތާ ސުވާލުކުރަމުން."
އޭނާ މަޑުޖެހިލިއެވެ. ނޭވާ ކުރުވެ، ކެއްސުމުގެ ސަބަބުން މޭގަނޑަށް ތަދުވަމުން ދިޔައިރު ކުޑަހިނދުކޮޅަކަށް ލޯ މަރާލިއެވެ. އަދި އަލުން ލޯ ހުޅުވާލިއިރު، ރުޅިވެރިކަމަށްވުރެ ބޮޑަށް ވޭނުގެ އަސަރު ގަދައެވެ. "ކަލެއަށް ހީވަނީ މި ގެ މިހާ ހަޑިކޮށް މިއޮތީ އަހަރެން އަޅާނުލާތީ ކަމަށްތަ؟ މަށަށް މިގޮތްގޮތް ކަމުދާތީ ކަމަށްތަ؟ ނޫން ހެލީނާ. މި ގެ މިހެން މިއޮތީ، ކަލޭގެ އެންމެ ނިންމުމަކުން ހަލާކުކޮށްލި އެއްވެސް އެއްޗެއް ރަނގަޅުކުރުމުގެ ބޭނުމެއް އަހަރެންނަށް ނުފެނުނީމަ. މިގޭގެ ކޮންމެ ކަނަކުން އަހަރެންނަށް ހަނދާންކޮށްދެނީ، އަހަރެން ބޮޑުކުރީ އިހުތިރާމަކީ ކޮބައިކަން ދަންނަ ކުއްޖެއް ކަމަށް އަހަރެންނަށް ހީވި ހީވުން.. ދިރިއުޅުމުގެ މާނައާއި މަގުސަދަކީ ކޮބައިކަމާ، ޒިންމާއަކީ ކޮބައިކަމާ، އަދި ލޯތްބަކީ ކޮބައިކަން ދަންނަ މީހަކު ކަމަށް ހީކޮށްގެން… އެހެނަސް، ކޮންމެވެސް ސަބަބަކާހުރެ އަހަރެން މިވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފަ… އަމަޔަކާ ނުލާ އަހަރެން ކަލޭ ބަލާ ބޮޑުކުރީމަވެސް، ކަލޭ ކުރިމަތީގަ މަގޭ އެއްވެސް އަގެއް ނެތް.. މުސްކުޅި ވީ ދުވަހު މަގޭ ވީ ހާލެއްގަ ވާން ދޫކޮށްލާފަ ކަލޭ ރިސޯޓަށް ވަޒީފާއަށް ދިޔައީ މަގޭ ކުރި އެތައް އާދޭހެއްގަ ކޮޅުފައިން ޖަހާފަ.. މަގޭ ހިތުގަ ޖައްސާފަ…. މަގޭ އެކަނިކޮށް މުޅި ދުނިޔެއަށް ބިކަކޮށްލާފަ… ބާކީކޮށްލާފަ…. މަގޭ ކަލެޔާ މެދު ހާދަ އުއްމީދެއް.. ހާދަ ހުވަފެންތަކެއް ދުށީމޭ… ކަލެއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ހާދަ މަސައްކަތެއް ކުރީމޭ… އެކަމަކު މަށަށް މިހާރު ވިސްނިއްޖެ އެ ހުރިހާ ކަމަކީ ބޭކާރު ކަމެއްކަން…"
ހެލީނާ ރޮމުން ރޮމުން، އާދޭސްކުރަމުން ބުންޏެވެ.. "ނޫން… ނޫން… ބައްޕާ… އާދޭސްކޮށްފަ ބުނަން… ތިހެން ނުބުނޭ… އަހަރެން ބައްޕަ ދޫކޮށްލީއެއް ނޫން… އަހަރެންނަށް މަގުއޮޅުނީ… އަހަރެން ބިރުގަތީ… އަހަންނަށް ކުރެވުނު ކަންތައްތަކަށްފަހު، އެނބުރި އަންނާނެ ގޮތެއް ނޭނގުނީ…"
"…ބަލާބަލަ! އަހަރެން މިތާނގައި ބަލިވެ، ހިތްކެނޑި، އެކަނިވެފައި މި އިނީ ކަލޭދެކެ ލޯބިވުން ހުއްޓާލީމައެއް ނޫން. އެކަމަކު އަހަރެން ކަލޭދެކެ މާ ބޮޑަށް ލޯބިވީތީ އޭގެ އަދަބު މީ… ކަލޭގެ ވަކިވުން އެއީ އަހަރެންގެ ހަށިގަނޑުގައި އުފެދުނު އެންމެ ބޮޑު ވޭނަށް ވީތީ."
ހެލީނާ ބައްޕަގެ ގާތަށް ޖެހިލަން މަސައްކަތް ކުރިއިރު، އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތް ކަރުނަތައް ބާރަށް އޮހިގަތެވެ. ނަމަވެސް ބައްޕަ މޫނު އަނބުރާލިއެވެ. އެއީ މުޅިން ދުރުކޮށްލުމެއް ނޫނެވެ. އެކަމަކު އޭނާގެ ކުރިމަތީގައި ހުރި ދަރިފުޅުގެ އެ މަންޒަރު ބަލަން ހިތަށް ކެތްނުވީއެވެ. އަދި މަޑުމައިތިރި، ނަމަވެސް ހިތް ތޮރުފާލާ ފަދަ ތޫނު ރާގަކަށް ބުންޏެވެ. "ކަލޭ ހީކުރީ، ފުނޑުފުނޑުވެފަ މިވާ މަގޭ ހިތް އަލުން ކޮޅަށް ޖަހަން ތިވަރުން ފުދޭނެ ކަމަށްތަ؟ ކަލޭ ނެތި ދިރިއުޅެން އަހަރެން މަޑުމަޑުން ހިތް ހަމަޖައްސަމުން އައި އެތައް މަސްތަކެއްގެ ހަނދާންތައް ފޮހެލާފަ، ކަލޭ ތެޅޭނެހާ ތާކު ތެޅި ބާލާފަ މިގެއަށް އައިސް ވަނީމަ އަލުން އަހަރެންގެ ދަރިއަކަށް ވެވިދާނެ ކަމަށްތަ ކަލޭ ހީކުރީ… މިއޮތްހާ ދުވަހު ކޮބާތަ ކަލޭ ބަފާ؟ ކަލޭ ބަފައެއް މި ދުނިޔޭގަ ހުރިކަންވެސް ކަލޭ ހަނދާން ހުރިތަ؟ ކުޑަމިނުން ގުޅާވެސް ނުލާ.. ގުޅީމަ ފޯނުވެސް ނުނަގާ… ތިޔަ ކަހަލަ މީހަކު މަށަށް ބައްޕާއޭ ކިޔާފަ ގޮވަންވެސް ލަދުގަންނަންޖެހޭނެ… ތިޔަ ކަހަލަ ދަރިންނަކީ މައިންބަފައިންގެ ހަލާކު…"
އެއަށްފަހު ބައްޕަގެ އަޑު ކުޑަކޮށް މަޑުވިއެވެ. އޭނާގެ ހިތުގައިވީ ބަރު ވަރުބަލިކަމެއްގެ ސަބަބުން ހިތް ތިރިވީއެވެ. "ހެލީނާ! މަގޭ ހިތަށް އެންމެ ބޮޑަށް ތަދުވަނީ ކޮން ކަމަކުންކަން އެނގޭތަ؟ އެއީ ކަލޭ ފެނުމުން އަދިވެސް އަހަރެންގެ ހިތް ތެޅޭކަން އިހުސާސް ކުރެވޭތީ. ކަލޭ ކުރިމަތީގަ ހުރީތީ.. ކަލޭ ކުރި ހުރިހާ ކުށަކަށް މާފުކޮށްފަ ކަލޭގެ ގައިގައި ބައްދާލަން ބޭނުންވާ މަގޭ ހިތުގެ އެ ބައި އަދިވެސް ދިރިހުރިކަން އެނގޭތީ. މިވަގުތު އަހަރެން އެންމެ ރުޅި އަންނަނީ އަހަރެންގެ އަމިއްލަ ނަފްސު ދެކެ. އެއީ، މަގޭ ހިތުން ގަބޫލުކުރަން ދެކޮޅުހަދާ ހަގީގަތް ވިސްނައިގަންނަން މަގޭ ސިކުނޑިއަށް މަޖުބޫރުވެފައިވާއިރުވެސް، މި ވޭނީ ހިތް ކަލޭދެކެ ލޯބިވުން ހުއްޓާލަން އެއްބަސްނުވާތީ."
"އެނގޭތަ މީހަކަށް ވާނެ ގޮތް، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ގެއަށް އައުން ހުއްޓާލުމުން؟ އެނގޭތަ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން، ދުވަހަކުވެސް ނީވޭނެ ފިޔަވަޅެއްގެ އަޑަށް ކަންފަތް ސުމާރުކޮށްލެވުމުން ވާނެ ގޮތް؟ ދުވަސް ދިޔައީ ކިހިނެއްތޯ، ދިރި ހުރިތޯވެސް ބަލައިލާނެ ދަރިއަކު ނެތް ބަފައެއްގެ އިހުސާސްތައް، ކަލެއަށް ތަސައްވުރުވެސް ނުކުރެވޭނެ ހެލީނާ … ހިޔާލަށްވެސް ނުގެނެވޭނެ…"
ހެލީނާގެ ތުންފަތް ތުރުތުރުއަޅަމުން ދިޔައީ ވާހަކަ މެދުކަނޑާލަން މަސައްކަތް ކުރަމުންނެވެ. "ބައްޕާ، އާދޭސްކުރަން…" އޭނާ މަޑުމަޑުން ބުންޏެވެ.
ނަމަވެސް ބައްޕަ އަތް އުފުލާލީ ހަރުކަށިކަމާއެކުގައެއް ނޫނެވެ، ވަރަށް ބަލިކަށިކޮށެވެ. އެއީ އެ ހަރަކާތް ކުރުމަށްވެސް އޭނާގެ ހަކަތަ ހުސްވާ ކަހަލަ ގޮތަކަށެވެ. އަދި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ނޫން… އަހަރެން މި ވާހަކަ ނިންމިޔަދީ… ހެލީނާ، ކަލޭގެ މަންމަ މަރުވި ފަހުން އަހަރެން ކަލޭ ބަލާ ބޮޑުކުރީ އެކަނިމާ އެކަނި. އެކަނިވެރި ބައްޕައަކު ސަލާމަތްވިޔަސް، ހަލާކުވިޔަސް ނުވަތަ ގެއްލިގެން ދިޔަސް އެއްވެސް ފަރުވާލެއް ނެތް ދުނިޔެއެއްގަ. އަދި އަހަރެން ކޮންމެ ދުވަހަކު އަމިއްލަ ނަފްސަށް ބުނަމުން ދިޔައީ، ދިރިއުޅުން ކިތަންމެ އުނދަގޫވިޔަސް، ކަލޭ ރަނގަޅާއި ނުބައި ވަކިކުރަން އެނގޭ، ހާލަތްތަކުގެ ތެރެއަށް ގެއްލިގެން ނުދާ، އަދި އަމިއްލަ އަބުރަކީ ދުނިޔެއަށް އަތުލައިނުގަނެވޭނެ އެއްޗެއްކަން ދަންނަ މީހަކަށް ވާތަން ފެނުމުން، އަހަރެން ވީ ހުރިހާ ގުރުބާނީއެއްގެ މާނަ ހުންނާނެއޭ. އެ އެކަނިވެރިކަމާ، ނުނިދާ ހޭދަކުރި ރޭތަކާ، އަހަރެން ގައިން ވަރުދޫވާ ވަގުތުވެސް ރަނގަޅު ކަމަށް ހެދިގެން އުޅުނު ދުވަސްތަކުގެވެސް މާނަ ހުންނާނެއޭ…"
އޭނާ ބާލީހުގައި ބޯ އަޅާލިއިރު އަޑު ކުޑަކޮށް ކުރެހުނެވެ. ސިކުންތުކޮޅަކަށް ލޯ މަރާލުމަށްފަހު، އަލުން ލޯ ހުޅުވާލީ ވޭނީ ސާފުކަމަކާއެކުގައެވެ. "އެކަމަކު ދެން ކަލޭ ދިޔައީ… މަށަށް ދިރިއުޅެން ނޭނގޭ ފަދަ ބާކީ ދިރިއުޅުމެއްގެ ތެރެއަށް މި މުސްކުޅި ބައްޕަ ދޫކޮށްލާފަ ކަލޭ ދިޔައީ… މަގޭ އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައީ، މަށަށް ކަލެއަށްޓަކައި ކޮށްދެވުނު ކަންކަމުގަ އުނިކަމެއް ހުރީބާއޭ، ކަލޭ ބޭނުންވި އެއްވެސް އުފަލެއް މަށަށް ބައްޕައެއްގެ ހައިސިއްޔަތުން ކަލެޔަށް ހޯދައި ނުދެވުނީބާއޭ… ކަލެއަށް މަގޭ ބިނާކޮށްދިން ދިރިއުޅުމުން ފިލަން ޖެހުނީ… ނުވަތަ މަގޭ ކަލޭ ބޮޑުކުރީ އެހާ ހަރުކަށިކޮށްބާއޭ، މަގޭ އަދަބުވެރިކަމަކީ ނުރުހުން ކަމަށް ކަލެއަށް ހީވީ ބާއޭ؟ މި ނިކަމެތި ބައްޕަ އެ ހުރިހާ ސުވާލަކަށް ޖަވާބު ބޭނުންވިޔޭ… އެކަމަކު އެ ސުވާލުތަކަށް ކަލޭގެ ފަރާތުން ދުވަހަކުވެސް ޖަވާބެއް ނުލިބުނޭ…"
ހެލީނާ އެންމެ ފަހުން ކައިރިއަށް ޖެހިލިއެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތް ކަރުނަ އޮހެމުންދިޔައިރު، މަޑުމަޑުން ބުންޏެވެ. "އަހަރެން އެނބުރި އަންނަން ބޭނުންވި ބައްޕާ… ހުވާކޮށްފަ ބުނަން އަހަރެން ބޭނުންވި… އެކަމަކު އެ ހާލަތުގަ ބައްޕައާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތީ… ވީގޮތް ކިޔައިދޭނެ ގޮތެއް އަހަރެންނަކަށް ނޭނގުނު… އަހަރެންނާ މެދު ބައްޕަ ކުރި ހުރިހާ އުންމީދެއް އަހަރެން ފުނޑުފުނޑުކޮށްލުމަށްފަހު، ބައްޕަގެ މޫނަށް ބަލާނެ ގޮތެއް އަހަރެންނަކަށް ނޭނގުނު…"
ނަމަވެސް އޭނާގެ ބައްޕަގެ ދެލޯ އަނެއްކާވެސް ތޫނުވިއެވެ. ޒަހަމްވެފައިވާ އިތުބާރު ނެތްކަމުގެ އަސަރާއެކުގައެވެ. "ކަލެއާ މެދު އަހަރެން ކުރި އުންމީދުތައް ފުނޑުފުނޑުކޮށްލިއްޔޭ…؟ ކަލެއަކީ ފުރިހަމަ މީހެއް ކަމަށް އަހަރެން ދުވަހަކުވެސް ގަބޫލުކުރި ކަމަށްތަ ހީކުރީ؟… ލޯބި ބިނާވެފައިވަނީ ފުރިހަމަކަމުގެ މައްޗަށް ކަމަށްތަ ހީކުރީ؟… މަގޭ ދުވަހަކުވެސް ކަލޭގެ ކިބައިން ފުރިހަމަކަމަކަށް އުންމީދެއް ނުކުރަމޭ.. މަގޭ އުންމީދުކުރީ ތެދުވެރިކަމަށް… އޯގާތެރިކަމަށް.. ކުލުނަށް… މަށަށް ކަލޭ ރައްކާތެރިކޮށްނުދެވޭނެ ދުނިޔެއަކަށް ގެއްލިގެން ދިއުމުގެ ބަދަލުގައި، މަގުއޮޅުނު ވަގުތު ތައުބާވެގެން މަގޭ ގާތަށް އަންނާނެ ކަމަށް…"
ހެލީނާގެ ބައްޕަ އަނެއްކާވެސް މަޑުޖެހިލިއެވެ. އޭނާ ދިޔައީ އުނދަގުލާއެކު ބާރަށް ނޭވާލަމުންނެވެ. އޭނާގެ މޭމަތި އަރާފައިބަމުން ދިޔައީ ފެންނަ ފެނުމަށްވެސް ވަރަށް ބޮޑު ތަކުލީފަކާއެކުގައެވެ. ހެލީނާ އިޚްތިޔާރަކާ ނުލައި އަނެއްކާވެސް ފެންތަށި ހިފައިގެން އޭނާގެ ގާތަށް ޖެހިލިއެވެ. އަދި މަޑުމައިތިރިކަމާއެކު އާދޭސްކުރިއެވެ. "އާދޭސްކޮށްފައި ބުނަން، ފުރަތަމަ މީގެން ފެންފޮދެއް ބޯލަބަލަ… ބައްޕަ އެހަށް ހަމަޖެހިލަބަލަ.. ތިހާ ވަރުވަންޏާ އަނެއްކާވެސް ބީޕީ މައްޗަށް ހިނގައިދާނެ…"
(ނުނިމޭ)


