(ހޮނިހިރު ދުވަހުގެ ބައިތަކާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ…)
މެންދުރުގެ ގަދަ ހޫނުން ރާމިޔާގެ ރޫހަށް އެއްވެސް އަލިކަމެއް ނުލިބުނެވެ. އޭނާގެ ފިޔާތޮށިކުލައިގެ ސްކޫޕީ ސައިކަލުގައި ތޮއްޖެހިފައިވާ މަގުތަކުގެ ތެރެއިން ދުއްވަމުން ދިޔައިރު، އިހުސާސްވަމުން ދިޔަ ހޫނު އޭނާގެ ޖިސްމު އަންދަމުން ގެންދިޔައެވެ. އޭނާގެ އިނގިލިތަކުން ސައިކަލުގެ ހޭންޑްލްގައި ހިފަހައްޓާފައިވަނީ އިންތިހާ ބާރަށެވެ. އެ ބާރުމިނުގެ ސަބަބުން އޭނާގެ އިނގިލިތަކުގެ ހުޅުތަކުގައި ރިއްސަމުން ދިޔައެވެ. އެ ގޭންގު މީހާގެ ފިނި، މަލާމާތުގެ އަޑު އަދިވެސް އޭނާގެ ސިކުނޑީގައި ވިހަ ސިއްރެއް ފަދައިން ގުގުމަމުން ދިޔައެވެ. އެ ބިރުވެރި ބަސްތައް ތަކުރާރުވަމުން ދިޔައެވެ. ""ކޮލެޖު ދޮރުމަތީގައި ކަލެއަށްޓަކައި ވަރަށް ރީތި ސަޕްރައިޒެއް ބާއްވާފައި އަހަރެމެން މިއައީ. އަވަހަށް ކޮލެޖަށް ދޭ… އެ މަންޒަރު ބަލާލަން ކަލޭ ބޭނުންވާނެ."
އޭނާގެ ހިތް މޭގެ ތެރޭގައި ބާރަށް ތެޅެމުން ދިޔައީ، ފުރިހަމައަށް ނޭވާލާންވެސް އުނދަގޫވާ ފަދަ ހާސްކަމެއްގެ ތެރޭގައެވެ. ނިތްކުރިމަތިން ފިނި ދަލެއް ހިއްލާލައި، ތެތް ފިނިކަމާއެކު އޭނާގެ ފަނޑު ކޯތާފަތް މަތިން ތިރިއަށް ފައިބަމުން ދިޔައެވެ. ކޮލެޖަށް ދެވުމުން ފެންނާނީ ކޮން އެއްޗެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ލިބެމުންދިޔަ ބިރުދެއްކުމާއި ނަފްސާނީ އަނިޔާތަކުގެ ސަބަބުން، އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ލެއިން ތަތްތެޅިފައިވާ ބިރުވެރި މަންޒަރުތަކެކެވެ.
ކޮލެޖަށް ވަދެވޭ އެންމެ ފަހު ކަންމަތިން ލަނބާލި ވަގުތު، އޭނާގެ ނޭވާ ކަރުތެރޭގައި ތާށިވި ކަހަލައެވެ. އަދި ސައިކަލުގެ ދުވެލި މަޑުކުރުމަށްޓަކައި އޭނާގެ ފައި ބިންމަތީގައި ކާއްތާލެވުނެވެ.
ކޮލެޖުގެ މައި ގޭޓާއި ދިމާލުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި މީހުން އެއްވެފައި އޮތެވެ. އެމީހުންގެ މަޑު، ހާސްކަމުން ފުރިފައިވާ އަޑުތަކުން މުޅި މާހައުލުގައި ނުތަނަވަސްކަން އުފެދިފައިވެއެވެ. އޭނާއަށް ސައިކަލު ޕާކު ނުކުރެވެނީސް، ފުލުހުންގެ ސައިރަންގެ ތޫނު އަޑު މެންދުރުގެ ހޫނުގަނޑުގެ ތެރެއިން އިވިގެން ދިޔައެވެ. އެއާއެކު ފެންނަން ފެށި ރަތާއި ނޫކުލައިގެ ބައްތިތަކުގެ އަލި، ކޮލެޖުގެ ފާރުތަކަށް އެޅި، ބިރުވެރި ގޮތަކަށް ދިއްލެމުން ދިޔައެވެ.
ރާމިޔާގެ ކަކުލުން ވަރުދޫވެ، ސައިކަލުން ފޭބިއިރު ފައިދަށުން ބިންގަނޑު ދަމައިގަތް ކަހަލައެވެ. އޭނާ ސައިކަލު މަގުގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު، ބަރު ފިޔަވަޅުތަކަކާއެކު އެއްވެފައިވާ މީހުންގެ ތެރެއަށް ދުއްވައިގަތެވެ. އޭނާގެ ކިރުކުލައިގެ ހުދު ދެލޯ ވަނީ ބިރުވެރިކަމުން ބޮޑުވެފައެވެ. ސިއްރުސިއްރުން ވާހަކަދައްކަމުން ދިޔަ ދަރިވަރުންގެ ތެރެއިން އޭނާ ކުރިއަށް ދިޔައީ، ތުރުތުރުއަޅަމުންދާ ދެއަތުން މީހުން އެއްފަރާތް ކުރަމުންނެވެ.
ކުއްލިއަކަށް، ފުލުހުންގެ އޮފިސަރުންތަކެއް ކުރިއަށް ޖެހިލައި، ރީނދޫކުލައިގެ 'ކްރައިމް ސީން' ޓޭޕް ދަމާލިއެވެ. އަދި އެއްވެފައިވާ މީހުން ފަހަތަށް ޖެއްސިއެވެ. މީހުންގެ ދޭތެރެއިން ފެންނަން އޮތް ހުސްތަނުން ރާމިޔާގެ ނަޒަރު ކޮލެޖުގެ ގޯތިތެރެއަށް ހުއްޓުނެވެ. އެއާއެކު އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ.
އެތަނުގައި، ގޯތިތެރޭގައި އަތުރާފައިވާ ގާތަކުގެ މަތީގައި، ވަރަށް ބޮޑަށް ފެތުރިފައިވާ، ތާޒާ ގަދަ ރަތްކުލައިގެ ލޭގެ ކޯރެއް އޮތެވެ. އެ ލޭގެ ކޯރު ކައިރީގައި ބިމަށް ކަކޫޖަހައިގެން ތިބީ މެޑިކަލް ޓީމެކެވެ. އެމީހުން ދިޔައީ، ލެޔާއި ދުޅައިގެ ސަބަބުން މޫނު ވަކިކުރަން ނޭނގޭ ވަރަށް ޒަޚަމްވެފައިވާ ފިރިހެން ކުއްޖަކަށް، ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ވީދި، ލެއިން ތަތްތެޅިފައި އޮތް ގަމީސް ފެނުމާއެކު، ރާމިޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދި ބިރުން ގޮސް އޭނާގެ އަރުތެރެއިން ނުކުތް އަޑު ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. އެއީ ހަމަ އެ ކުއްޖާއެވެ. ފާއިތުވި ހަފުތާތަކުގައި އޭނާއަށް މަލާމާތްކޮށް، އިހާނެތި ގޮތްގޮތަށް ކަންތައްކޮށް ބުލީކުރަމުން ދުވި ބަގަޔަށް ނިސްބަތްބާ ކުއްޖެކެވެ.
"ސުބުހާނﷲ… ކީއްވެ އެމީހުން އެ ކުއްޖާއަށް މިވަރު އެ ކޮށްލީ؟" ރާމިޔާގެ ހިތް ބާރަށް ގޮވަމުންދިޔައެވެ. އޭނާގެ އެތެރެހަށި ބިރުގަނެ، ރޮވޭ ހާލަތަކަށް ދިޔައެވެ. "އެ ނުބައި ނުލަފާ މީހުން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެތާއެވެ. އެމީހުންނަށް ކުރެވޭނެ ކަންތައް ދައްކާލުމަށްޓަކައި، މުޅި ދުނިޔެއަށް ފެންނަ ގޮތަށް، އަހަރެންގެ ކޮލެޖު ދޮރުމަތީގައި މިކަންވެސް ކުރީއެވެ. މަގުސަދަކީ ކޮބައިބާއެވެ. އަހަރެންގެ ބޮލުގައި މިކަންތައް އަޅުވަންބާއެވެ. މިހާރު މި ލޭގެ ޒިންމާ އޮތީ އަހަރެންގެ ބޮލުގަ ބާއެވެ. މިއީ އަހަރެންގެ ސަބަބުން ވީ ކަމެކެވެ."
ރާމިޔާއަށް އެތަނުން ދުރަށް ދެވުމުގެ ކުރިން، އެ ގްރޫޕުގައި ހިމެނޭ ދެ އަންހެން ކުއްޖަކު ފުލުހުންގެ ކައިރީގައި ތިއްބާ ފެނުނެވެ. އެކުދިން ދިޔައީ ވަރަށް ބާރަށް ރޮމުންނެވެ. ބިރުން ގޮސް މޫނުމަތިން ކުލަވަރު އޮއްސިފައިވާއިރު، ތުރުތުރުއަޅާ އިނގިލިތަކުން ކޮލެޖުގެ ދޮރާށްޓާ ދިމާއަށް އިޝާރާތް ކުރަމުންދިޔައެވެ.
ކުޑަ ނޯޓުފޮތެއް ހިފައިގެން ހުރި ފުލުހަކު، އެކުދިންނާ ކައިރިވެލާފައި ސީރިއަސްކަމާއެކު އެހިއެވެ. "ތިޔަ ބުނާ އެއްޗެއް ޔަގީންތަ؟ އޭނާއަށް މިހެން ހެދީ ކާކުކަން ފެނުނުތަ؟ މީގެ ކުރިން އެއްވެސް މީހަކު އޭނާއަށް އިންޒާރު ދިންތަ؟ ނޫނީ މި ކުއްޖާއާ އެއްވެސް މީހަކާ ދުވަހަކުވެސް މައްސަލައެއް ޖެހުނުތަ؟"
އެތަނުން އަޑުގަދަކޮށް ވާހަކަދެއްކި ކުއްޖާ، ރާވައިގެން ހާސްވެފައިވާ ފަދަ ގޮތަކަށް ބޯޖަހާލިއެވެ. "އާނ! އާނ، އޮފިސަރު! މިއަދު އޭނާއަށް ހަމަލާދިން މީހުންގެ މޫނެއް އަހަރެމެންނަކަށް ނުފެނޭ، އެކަމަކު… އެކަމަކު މިކަމުގެ ފަހަތުގައި ހުރީ ކާކުކަން އަހަރެމެންނަށް އެނގޭ! އެއީ ހަމަ ޔަގީނުންވެސް މާހިރު! އޭނާ ދަނީ ހަފުތާތަކެއް ވަންދެން ރާމިޔާގެ ދިފާއުގައި ވާހަކަދައްކަމުން. ހަމަ އިއްޔެ، މާހިރު މިތަނުގައި ހުރެ އަހަރެމެންނަށް އިންޒާރު ދިން… އޭނާ އަހަރެމެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނީ، ދެން ދުވަހަކުވެސް ރާމިޔާއަށް ގޯނާކޮށްފިނަމަ، މާހިރްގެ ކުރިން ނުފެންނަ ވަރަށް ބިރުވެރި ނުލަފާ ފަރާތެއް ފެންނާނެ ކަމަށް! އޭނާ ބުނީ އަހަރެމެން ހަލާކުކޮށްލާނަމޭ.. އަހަރެމެންގެ ދުވަސް ދުއްވާލާނަމޭ…. ވީ ތޯޓް އެއީ އޭނަ އަހަރެމެން ބިރުގަންނަވާލަން ކީ އެއްޗެއް ކަމަށް… ހިއެއް ނުކުރަން މިވަރު ކަމެއް ކުރާހާ ގަޓު އެ މާހިރުގެ ހުންނާނެ ކަމަކަށްވެސް.. އެކަމަކު އަންފޯޓުނޭޓްލީ، ވަޓް ވީ ތޯޓް ވޯސް ވރޯންގް… މާހިރް އަސްލުވެސް ބަދަލުހިފަން ފެށީ އެ…"
އެ ލޭއޮހޮރުވުމުގެ ތެރެއަށް މާހިރުގެ ނަން ވައްދާލި އަޑު އިވުމާއެކު، ރާމިޔާއަށް އިހުސާސްވީ ފިނި، ބަރު އަތަކުން އޭނާގެ ކަރުގައި ހިފާ ފިއްތާލިހެންނެވެ. އެ ކުރި ބޮޑު އިހާނެތި ތުހުމަތުން އޭނާގެ ހިތް ކުދިކުދިވިއެވެ. މާހިރު އެއީ އެއްވެސް ކުށެއް ނެތް، މަޑުމައިތިރި އިންސާނެކެވެ. އޭނާގެ ފިނިވެފައިވާ ދުނިޔޭގައި ހަމައެކަނި އޯގާތެރިކަން ދިން މީހާއެވެ. އެފަދަ މީހަކު، ރަހުމެއް ނެތް ގޭންގު މީހުން ކުރި ކުށެއްގައި ބައްދާލަން ހެޔޮނުވާނެއެވެ.
"ނޫން!" ރާމިޔާ ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު ބެދި، ރޮމުން ފުލުހުންގެ ބެރިކޭޑުތައް ފަހަނައަޅާ ދިޔައެވެ. ފުލުހުން އޭނާ ހުއްޓުވަން އުޅުނު ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދެއެވެ. "ނޫން، ތިއީ ދޮގެއް! ތިއީ ހުސް ދޮގު! މާހިރުގެ މިކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް! އޭނާ ދުވަހަކުވެސް އެފަދަ ވާހަކައެއް ނުބުނޭ! އޭނާއަކީ ކުށްވެރިއެއް ނޫން… އާދޭސްކުރަން، އަހަރެންގެ ވާހަކަ ގަބޫލުކުރޭ، އޭނާއަކީ ކުށެއް ނެތް މައުސޫމް މީހެއް! މި މީހުން އެ އުޅެނީ މާހިރް ނުވެސް ކުރާ ކުށެއްގަ އޭނަ ބައްދާލަން.. އޭނަ ފްރޭމްކޮށްލަން…"
ރާމިޔާ ކުއްލިއަކަށް، ހާސްކަމާއެކު ކަންތައްތަކުގެ ތެރެއަށް ވަނުމުން، އިސް ތަހުގީގުވެރިޔާގެ ސަމާލުކަން ވަގުތުން އޭނާއަށް ހުއްޓުނެވެ. އެ އޮފިސަރުގެ ތޫނު، ކަޅު ދެލޯ އަމާޒުވީ ރާމިޔާގެ ދޮން، ކަރުނުން ފުރިފައިވާ މޫނަށެވެ. އޭނާ ރާމިޔާއަށް ބަލާލުމަށްފަހު، ރޮމުންދިޔަ އަނެއް ދެ އަންހެން ކުދިންނަށް ބަލާލިއެވެ. އެ ދެކުދިން ފަހަތަށް ޖެހިލީ ބިރުވެރިކަމާއި ނަފުރަތުން ފުރިފައިވާ ބަލާލުމަކާއެކުގައެވެ.
"މީތަ ތި ބުނާ ރާމިޔާއަކީ؟" އަމުރުވެރި، ފިނި އަޑަކުން އޮފިސަރު އެހިއެވެ.
"އާނ! މީ އޭނާ!" އެކުވެރިޔާގެ ފަހަތަށް ނިވާވަމުން، ގިސްލަމުން އެ ކުއްޖާ ބުންޏެވެ. "މާހިރު މިކަން ކުރީ އޭނާއަށްޓަކައި! މީ މާހިރާ ރާމިޔާ ދެމީހުން ރާވައިގެން އެއްބައިގަ ކުރި ކަމެއްކަން ޔަގީން…"
ކުއްލިއަކަށް މާހިރްވެސް ދުވެފައި އައިސް މައި އިމާރާތުން ބޭރަށް ނުކުތެވެ. އެތަނުގައި ހިނގަމުންދިޔަ ހަލަބޮލި މަންޒަރު ފެނުމުން އޭނާގެ ނިތްކުރިއަށް ރޫއަރައި، ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ. ފުލުހުންގެ ވަށައިގެންވާ ސަރަހައްދުގެ މެދުގައި، ރޮއި ރޮއި ތުރުތުރުއަޅަމުންދިޔަ ރާމިޔާ ފެނުމާއެކު، އޭނާ ރާމިޔާ ރައްކާތެރިކުރުމުގެ ޖޯޝު އުފެދުނެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ރާމިޔާއާ ދިމާއަށް ދުއްވައިގަތެވެ. "ރާމިޔާ! ކިހިނެއްވީ؟ ރަނގަޅުތަ؟"
"މާހިރޫ… ނޫން… ނޫން… ދޭ! ދުރަށް ދޭ!" ނޭވާކޮޅަށް ގޮސްފައިވާ އަޑަކުން ރާމިޔާ ރޮމުން ބުންޏެވެ. އޭނާ މާހިރު ފަހަތަށް ޖައްސަން މަސައްކަތް ކުރީ، އެމީހުންގެ ވަށައިގެން ބެދެމުންދިޔަ މަޅިން މާހިރު ސަލާމަތްކުރުމުގެ އުންމީދުގައެވެ. "އާދޭސްކުރަން، ހަމަ މިހާރު ދޭ… އެމީހުންނަށް މާހިރު އަހަރެންގެ ކައިރީގައި ހުއްޓާ ފެނުނަ ނުދީ…"
ނަމަވެސް އޭރު ވަނީ މާ ލަސްވެފައެވެ.
އިސް ތަހުގީގުވެރިޔާ ކުރިއަށް ޖެހިލައި، މާހިރުގެ ކޮނޑުގައި ބާރަށް ހިފަހައްޓައި އޭނާ ހުއްޓުވިއެވެ. އަނެއް ދެ އޮފިސަރުން ރާމިޔާއާއި އޭނާއަށް ތުހުމަތުކުރި ދެ އަންހެން ކުދިންނާ ދިމާއަށް ޖެހިލިއެވެ. އެމީހުންގެ މޫނުމަތިން އެއްވެސް ހަމްދަރުދީއެއް ނުފެނެއެވެ.
"ތިޔަ ދެމީހުންވެސް އިންޓަރޮގޭށަނަށް އަހަރެމެންނާއެކު ސްޓޭޝަނަށް ދާންޖެހޭނެ" ގާނޫނީ ހަރުކަށިކަމާއެކު ތަހުގީގުވެރިޔާ ބުންޏެވެ. "ލިބިފައިވާ އަނިޔާތަކުގެ ނުރައްކާތެރިކަމަށާ، މިތަނުގަ ހާޒިރުވެ ތިބި ހެކިން ދީފައިވާ ބަޔާންތަކަށް ބަލާ، ކަލޭމެން ދެމީހުންވެސް ފުލުސްއޮފީހަށް ހާޒިރުކުރަން އެބަ ޖެހޭ.."
ރާމިޔާގެ ހަށިގަނޑު ބާރަށް ތުރުތުރުއަޅަމުން ދިޔުމުން، މާހިރު އޭނާގެ ގައިގައި ހިފަހައްޓައި ހަމައަކަށް އެޅުވިއެވެ. މާހިރުގެ ހޫނު އިނގިލިތައް ރާމިޔާގެ ފިނިވެފައިވާ އަތުކުރީގައި ބީހިލުމުން، ބިރުވެރިކަމުގެ ތެރެއިން ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. "ރާމިޔާ ހާސްނުވެބަލަ.. ހަމަޖެހިބަލަ…" ހާލަތުގެ ނުރައްކާތެރިކަމާއެކުވެސް، ވަރަށް މަޑުމައިތިރިކަމާއެކު މާހިރު ސިއްރުން ބުންޏެވެ. "އަހަރެމެން ގޯސް ކަމެއް ނުކުރަމެންނު. ހަގީގަތް އަހަރެމެން ސަލާމަތްކުރާނެ. ބިރުނުގަނޭ… ވަގަކަށް ހާސްދުވަސް އޮތަސް ވެރިޔައަކަށް އެންމެ ދުވަހެއްވެސް ފުދޭނެ… އަބަދުވެސް ފަހުގަޑީގަ ވިން ވާނީ ތެދުވެރިން، ނިޔަތް ރަނގަޅުމީހުން.. އެހެންވީމަ ރާމިޔާ ހާސްނުވޭ.. ﷲ އިޒް ވިތު އަސް…"
ފުލުހުން އެ ދެމީހުން ޕެޓްރޯލް ކާރުތަކާ ދިމާއަށް ގެންދިޔައިރު، ކާރުގެ ބަރު ދޮރުތައް ލެއްޕުނު އަޑާއެކު ރާމިޔާ އޭނާގެ މޫނުގައި އަތްއަޅައި ދެއަތުން ފޮރުވައިލިއެވެ. އޭނާގެ އިނގިލިތަކުގެ ދޭތެރެއިން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ހިތް ހިމޭނުން ރޮމުންދިޔައީ ބިރުވެރި ހަގީގަތެއް އެނގޭތީއެވެ. އެއީ އޭނާގެ މާޒީގެ އަނދިރި، ފެންނަން ނެތް ޖަލުން ފުލުހުންނަށް އެމީހުން ސަލާމަތް ނުކުރެވޭނެ ކަމެވެ. އަދި އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި، މާހިރަށް އެ ވަދެވުނީ ނުރައްކާތެރި މަޅިއެއްގެ ތެރެއަށް ކަމެވެ. ރާމިޔާ ގިސްޖަހަޖަހާފައި ރޮމުންދިޔައިރު މާހިރަށް އެ ރުއިމުގެ އަޑު އިވުމުން ހިތުގައި ނުހަނު ބޮޑު ކޫރުމެއް އެޅި މުޅި އެތެރެހަށީގައި ހުޅުރޯވެ ދިލަނަގަން ފެށިއެވެ.
****
ޖޫލީގެ ގަނޑުވަރެއް ފަދަ ގޭގެ ބޮޑު ދޮރާށިން ބޭރުގައި، މެންދުރުގެ ގަދަ އަވީގައި މަގުގެ އެއްފަރާތުގައި ޒުނާމްގެ ކާރު މަޑުކޮށްލައިގެން އޮތެވެ. ކާރުގެ ތެރޭގައި އޭސީގެ ފިނިކަން ހުރި ނަމަވެސް، އެ ފިނިކަމުން ޒުނާމްގެ ހިތުގައި އަނދަމުންދިޔަ ވޭނީ އަލިފާނަކަށް އެއްވެސް ލުޔެއް ނުލިބެއެވެ.
އޭނާ އިނީ ހުންގާނު ފަހަތުގައި އެއްވެސް ހަރަކާތެއް ނެތި ހިމޭނުންނެވެ. އޭނާގެ ކަޅު ކުލައިގެ ދެލޯ ހުއްޓިފައި ހުރީ އުނގުމަތީގައި އޮތް ސްމާޓްފޯނުގެ ސްކްރީނަށެވެ. މިނެޓުތައް ދެމިގެން ގޮސް ކެތްކުރަން ދަތި ގަޑިއިރުތަކަކަށް ބަދަލުވަމުން ދިޔައިރު، ހިނގަމުންދިޔަ ކޮންމެ ސިކުންތަކީ އޭނާގެ ބަލިކަށި ހިތަށް ލިބެމުންދިޔަ އަނިޔާއެކެވެ. އޭނާގެ ނޭވާލުން ހުރީ ކުރުވެފައި އަދި ހަމަނުޖެހިފައެވެ. މޭމައްޗަށް ބާރުވެ، ފުން އަދި ތޫނު މާޔޫސްކަމެއް އޭނާއަށް އިހުސާސްވަމުން ދިޔައެވެ.
"ޕްލީސް ޖޫ.. އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް ގުޅާލަބަލަ…" އޭނާގެ ހިތް އާދޭސްކުރަމުން ދިޔައެވެ. އެއީ އެކަނިވެރިވެދާނެކަމުގެ ބިރުވެރިކަމުގެ ތެރެއަށް ޣަރަގުވަމުންދިޔަ މީހެއްގެ ހިމޭން، ކެތްތެރިކަން ކުޑަ ދުޢާއެކެވެ. "އާދޭސްކޮށްފަ ބުނަން… އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް ގުޅާލަބަލަ.. އަހަރެންނާ ރުޅިއައިސް ވާހަކަ ދެއްކުނީތީ އެކަމާ މައާފަށް އެދެން ނަމަވެސް ގުޅާލަބަލަ… އަހަރެން މި ހުރީ ކޮންތާކުތޯ އަހާލަބަލަ…. މި އެކަނިވެރި އިހުސާސްތަކުން އަހަރެންގެ ހިތަށް ކުރާ އަސަރުގެ ހިލަމެއްވެސް ޖޫއަށް ނުވަނީތަ… އަހަރެންގެ ހިތުގަ މި އަޅާ ވޭން ޖޫއަށް ތަސައްވުރުވެސް ނުކުރެވެނީތަ.. ކާންޓް ޔޫ ފީލް މައި ޕެއިން…. ދެން ކީއްވެ އަހަރެން ކައިރީ ބުނީ… އަހަރެމެން މީ އެއް ހަށިގަނޑެއްގަ ވާ ދެ ފުރާނައޭ…. މި ލޯބީގަ އެއްވެސް މާނައެއް ނެތްނަމަ ކީއްވެ އެހާބޮޑަށް އަހަރެންގެ ހިތް ތަޅުވަނީ… ޕްލީސް… އަހަރެން ގާތު އެތެރެއަށް އަންނަން ބުނެބަލަ…. އެ ފިނި، ވިހަގަދަ ބަސްތަކަކީ ގަސްތުގައި ބުނި ބަސްތަކެއް ނޫންކަމަށް ބުނެބަލަ. އެންމެ ނިޝާނެއް ނަމަވެސް ދައްކާލަބަލަ… ކުރިން އަހަންނަށްޓަކައި ތި ހިތުގައި އޮތް އޯގާތެރިކަމުގެ ކުޑަ މިންވަރެއް ނަމަވެސް ދައްކާލަބަލަ…. ޖޫ ނުގުޅައިފިނަމަ… މި ފިނީގެ ތެރެއަށް އަހަރެން ދޫކޮށްލައިފިނަމަ… އޭގެ މާނައަކީ އަހަރެންގެ ސިކުނޑީގައި އެ ބުނާ ވާހަކައަކީ ތެދެކޭ…. އޭގެ މާނައަކީ ޔޫ ހޭވް ނެވަ ރިއަލީ ލަވްޑް މީ ޖެނިއުންލީ…"
ނަމަވެސް ފޯނުގެ ސްކްރީން އޮތީ އަނދިރިކޮށް، ހިމޭންކޮށް، އަދި އެއްވެސް ބަދަލެއް ނައިހެވެ. ޒުނާމްގެ ހާލު ބަލާލަންވެސް ޖޫލީ ބޭނުންނުވާކަމާއި، އޭނާގެ ހިމޭން ހިތާމައިގެ ތެރޭގައި އޭނާ އިންނަން ދޫކޮށްލުމުން ޖޫލީއަށް އެއްވެސް އަސަރެއް ނުކުރާކަން އެނގުމުން، ޒުނާމްގެ ރޫހު ހާސްބައިބަޔަށް ކުދިކުދިވެގެން ދިޔައެވެ. ޒުނާމްއަށް ގަބޫލުކުރެވުނީ ޖޫލީ އެގޮތަށް ކަންތައް އެކުރަނީ ޖޫލީ ޒުނާމްގެ އިހުސާސްތަކަށްވެސް "ރެސްޕެކްޓް" ނުކުރާތީއެވެ.
ކުއްލިއަކަށް، އޭނާގެ އުނގުމަތީގައި އޮތް ފޯނު ބާރަށް ވައިބްރޭޓްވާން ފެށިއެވެ. އެ ތޫނު އަޑާއެކު އޭނާގެ ހިތް ކަރުތެރެއަށް އައި ކަހަލައެވެ. ކުޑަ ހިނދުކޮޅަކަށް، އުފާވެރިކަމާއެކު އޭނާގެ ނޭވާ ހުއްޓުނެވެ. އެއީ ޖޫލީގެ ކޯލެއް ކަމަށް ހީކޮށްފައެވެ. ނަމަވެސް ސްކްރީނަށް ބަލާލިއިރު، ފެންނަން އޮތީ ނޭނގޭ، ސޭވްނުކުރާ ނަންބަރެކެވެ.
ތޫނު އަދި ހިތި މާޔޫސްކަމެއް އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. ނަފްސާނީ ގޮތުން ވަރުބަލިވެފައި ހުރި ޒުނާމް، އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ރުޅިވެރިކަމާއެކު ސްކްރީން ކަހާލައި، ކޯލް ކަނޑާލުމަށްފަހު، ފޫހިވެފައިވާ ފުން ނޭވާއަކާއެކު ފޯނު ކައިރީގައި އޮތް ސީޓަށް އެއްލާލިއެވެ.
ނަމަވެސް ދެތިން ސިކުންތު ވެސް ނުވަނީސް، ފޯނު އަނެއްކާވެސް ރިންގުވާން ފެށިއެވެ. ޑޭޝްބޯޑުގެ އަލީގެ ތެރެއިން އެ ނޭނގޭ ނަންބަރު ބާރަށް ދިއްލެމުން ދިޔައެވެ.
ރުޅިވެރިކަމާއެކު ޒުނާމް ފޯނު ނަގައި، ކަންފަތުގައި ޖެއްސިއެވެ. އޭނާގެ އަޑުގައި ހުރީ ހަރުކަށި ރުޅިވެރިކަމެކެވެ. "ކާކު ތީ؟ އަހަރެން ކޯލް ކަނޑާލީމަވެސް ތަކުރާރުކޮށް ތި ގުޅަނީ ކީއްވެ؟ އަހަރެންގެ އަތަކު މިކަމަށް ހޭދަކުރާނެ ވަގުތެއް ނެތް، އަދި އަހަރެން ނޭނގޭ މީހުންނާ ވާހަކައެއް ނުދައްކަން!"
ހިނދުކޮޅަކަށް އިވުނީ ހަމައެކަނި ބާރު ނޭވާތަކެއްގެ އަޑާއި، މަޑު ގިސްލުމެއްގެ އަޑެވެ. އެއަށްފަހު، މުސްކުޅި ފިރިހެނެއްގެ ފުން ހިތާމައިން ފުރިފައިވާ، ކުރަކި އަޑަކުން ޒުނާމްގެ ނަން ކިޔާލުމުން، ޒުނާމްގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ.
"ޒުނާމް… އާދޭސްކުރަން، ފޯނު ނުކަނޑާލާތި… ނޫމާނުބެއޭ މީ…."
ޒުނާމްގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ވަގުތުން ފިލައިގޮސް، މޫނު އަޅިކުލައިގެ މަރުވެފައިވާ ކުލައަކަށް ބަދަލުވިއެވެ. އޭނާގެ އަތް އެހާ ބާރަށް ތުރުތުރު އަޅަން ފެށުމުން، ފޯނު ނުވެއްޓި ހިފެހެއްޓުމަށްޓަކައި ދެއަތުން ފޯނުގައި ބާރަށް ހިފަހައްޓަން ޖެހުނެވެ. "ނ-ނޫމާން ބޭބޭ…؟"
ޒުނާމް މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑު ހުރީ ކުރަކިވެ، ނޭވާ ކޮޅަށް ގޮސްފައެވެ. "ކީއް… ކީއްވީ؟ މިހާ ގިނަ އަހަރުތަކަކަށްފަހު ތި ގުޅީ ކީއްވެ؟"
ފޯނުގެ އަނެއްކޮޅުން، އެ ދޮށީ އުމުރުގެ މީހާ މުޅިން ހިތްފަޅައިގެން ގޮސް ރޯން ފެށިއެވެ. އޭނާގެ ރުއިމުގެ އަޑު އެހާވެސް ބާރެވެ، އަދި އެހާވެސް ވޭނީއެވެ. އެ އަޑުގެ ތެޅުން ކާރުގެ ދަގަނޑުގަނޑުގެ ތެރެއިންވެސް އިހުސާސްވާ ކަހަލައެވެ. "ޒުނާމް، ދަރިފުޅާ… ޑޮކްޓަރުން… އެމީހުން ބުނެފި އެންމެ ގޯސް ހާލަތަށް ތައްޔާރުވާށޭ…. އެމީހުން ހުރިހާ އުންމީދެއް ދޫކޮށްލައިފި. އެމީހުން ބުނަނީ… ބުނަނީ ލަތިކާގެ ގުނަވަންތައް ފެއިލްވާން ފަށައިފިއޭ… ކޮންމެ ވަގުތަކުވެސް އޭނާ މަރުވެދާނެއޭ."
ކުއްލިއަކަށް ޒުނާމްގެ މޭތެރޭގައި ބިރުވެރިކަމެއް އުފެދި، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެއީ އިންސާނެއްގެ އަތުން ފިތާލެވޭނެ ވަރަށްވުރެ މާ ބާރު ފިތުމެކެވެ. ލަތިކާ. އޭނާގެ ފުރަތަމަ ލޯބިވެރިޔާ. އޭނާދެކެ އިންތިހާއަށް ލޯބިވި އަންހެން ކުއްޖާއެވެ. އެދެމީހުން ވަކިވާން ޖެހުނީ ލަތިކާ ކާރުގެ އެކްސިޑެންޓެއްވެ ކޯމާއަކަށް ދިއުމާއި ގުޅިގެންނެވެ. އޭނާގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން ވޭތުވެދިޔަ ދިހަ އަހަރު ދުވަހު، އޭނާ އޮތީ ހިމޭން ކޯމާއެއްގައެވެ. ހޮސްޕިޓަލް އެނދެއްގައި ބާއްވާފައި އޮތް، ނޭވާލާ ބުދެއް ފަދައިންނެވެ. އޭނާގެ މައިންބަފައިން ދިރިއުޅެމުން ދިޔައީ ކޮންމެ ދުވަހަކު މަރުވަމުންދާ ފަދަ ހިތާމައާއި ކުށްވެރިކަމުގެ އިހުސާސްގައެވެ. ޒުނާމް ދެ އަހަރުވަންދެން ލަތިކާގެ އިންތިޒާރުގައި ހުއްޓެވެ. އެހެނަސް ޒުނާމްގެ މަންމަ އެކަމަށް އިންކާރު ކުރާތީ، އަދި އެ ދެމީހުންގެ އެއްވެސް މުސްތަގުބަލެއް ނެތްކަމަށް ދެކޭތީ ޒުނާމްއަށް ލަތިކާ ދޫކޮށްލަން މަޖުބޫރުވީއެވެ.
"އޭނާ ވަކިވެގެން ހިނގައްޖެނަމަ، ބޭބެގެ އިތުރުން ރާބިއާގެ ދިރިއުޅުންވެސް މުޅިން ބަނަވެގެންދާނެ ޒުނާމް…" ނޫމާން ރޮމުން ބުންޏެވެ. އޭނާގެ އަޑުން އިހުސާސްވަނީ ހަމައެކަނި ހުރި ދަރިފުޅު ވަޅުލާން ޖެހިފައިވާ ބަފައެއްގެ ކެތްނުކުރެވޭ ފަދަ ބަރު ހިތާމައެވެ. "އެއީ އަހަރެމެންގެ ހުރި ހަމައެކަނި ފުރާނަ… އަހަރެމެންގެ މުޅި ދުނިޔެ. ދިހަ އަހަރު ވަންދެން އަހަރެމެން ކެތްތެރިކަމާއެކު އޭނާގެ އެނދު ކައިރީގައި ކަކޫޖަހައިގެން ތިބެ، މާތްﷲ އަށް ދުޢާކޮށް، ރޮއި، އޭނާ އަހަރެމެންގެ ގާތަށް އަނބުރާ ފޮނުއްވައިދެއްވުމަށް އާދޭސްކުރިން. އޭނާ އެ ހާލަތަށް ދިޔައީ އަހަރެމެންގެ އިހުމާލުންކަން އެނގޭތީ، އަހަރެމެން ދިރިއުޅުނީ ނުހަނު ވޭނުގަ. އޭނާ މަރުވެގެންދާ މަންޒަރު ބަލާކަށް އަހަރެމެންނަކަށް ކެތެއް ނުކުރެވޭނެ ޒުނާމް… އޭނާ ނެތް ހުސް ގެއެއްގަ އަހަރެމެންގެ ބާކީ އޮތް ދިރިއުޅުން ހޭދައެއް ނުކުރެވޭނެ."
ނޫމާން ފުން ނޭވާއެއްލިއެވެ. އޭނާގެ އަޑު މަޑުވެ، އާދޭހުގެ ރާގަކަށް ބަދަލުވިއެވެ. އެ އަޑު ޒުނާމްގެ ރޫހާ ކުޅެލިއެވެ. "ޑޮކްޓަރުން ބުނަނީ ބޭސްވެރިކަމުގެ އެއްވެސް އުންމީދެއް ނެތޭ… އެކަމަކު ޒުނާމް… އޭނާ ލޯބިވީ ޒުނާމްދެކެ… ﷲގެ އިރާދަފުޅާއެކު، އޭނާގެ ރޫހު ހޭލައްވާލެވޭނެ ހަމައެކަނި މީހަކީ ތިއީ. އާދޭސްކޮށްފައި ބުނަން، ހިތްހަލާކުވެފައިވާ ނިކަމެތި ބަފައެއްގެ ހައިސިއްޔަތުން… ވަގުތު ފާއިތުވުމުގެ ކުރިން އަހަރެންގެ ދަރިފުޅޫގެ ގާތަށް އައިސްދީ… އައިސް އަލްވަދާޢު ކިޔާ، ނޫނީ އެންމެ ފަހު ފަހަރަށް ނަމަވެސް ޒުނާމްގެ އަޑު އޭނާއަށް އިއްވާލަދީ… އޭނާއަށް ޒުނާމްގެ ޕްރެސެންސް އިހުސާސްކޮށްލަ ދީ… އާދޭސްކޮށްފަ ބުނަން ޒުނާމް.. ބޭބެމެން ޒުނާމްއަށް އެއްވެސް އުނދަގުލެއް މިވީހާ ދުވަހު ނުކުރަމެންނު ދޯ.. މިއަދު މި ގުޅީ، ގޮތް ހުސްވެގެން.. މަޖުބޫރުވެގެން… އިތުރުގޮތެއް ނެތީމަ… އެހެންވީމަ، މި އާދޭހުގަ ކޮޅުފައިން ނުޖަހައްޗޭ…"
"ބޭބެ… ޕްލީސް ތި ރުއިން ހުއްޓާލަބަލަ… އަހަރެން، ހަމަ މިހާރު މި ދަނީ… " ޒުނާމްގެ އަޑު ނުކުތީ އުނދަގުލުންނެވެ. އެއީ ކުށްވެރިކަމުގެ އިހުސާސާއި ބިރުވެރިކަމުގެ ސަބަބުން އޭނާގެ ކަރުތެރެއިން ބޭރުވި ބަސްތަކެކެވެ. "އަހަރެން އެންމެ އަވަހަށް ނައްޓާލާ ފުލައިޓުން ތިކޮޅަށް ދާން މި ފުރަނީ.. ބޭބެ ހާސްނުވޭ.."
ޒުނާމް ހާސްވެފައި ހުރިވަރުން އަވަސްއަވަހަށް ފޯނު ކަނޑާލިއެވެ. އޭނާގެ ނޭވާ ހުރީ އަވަސްވެ، ބިރުގެންފައެވެ. ލަތިކާ މަރުވަމުންދާ މަންޒަރު ސިފަވުމާއެކު އޭނާގެ ސިކުނޑީގައި ހުރި އެހެން ހުރިހާ ފިކުރެއް ފޮހެލިއެވެ. އޭނާ ކާރުގެ ދޮރު ހުޅުވާލައި، ގަދަ އަވީގެ ތެރެއަށް ނުކުމެ ދުއްވައިގަތެވެ. އޭނާގެ ފިޔަވަޅުތައް ހުރީ ހާސްކަމުގެ ތެރޭގައެވެ. އޭނާ ދުވެފައި ގޮސް ގެއަށް ވަނެވެ.
ގޭގެ ސިޓިންގ ރޫމް ތެރޭގައި، ކުޑަދޮރުތައް ކައިރީގައި ޖޫލީ ހުއްޓެވެ. އޭނާ ހުރީ ދެއަތް މޭމަތީގައި ބަނދެލައިގެން، މޫނުމަތިން ކުރިން ކުރި ޒުވާބުގެ ނުރުހުންތެރިކަން ފެންނާށެވެ. ނަމަވެސް، ޒުނާމް ކުއްލިއަކަށް ދޮރުން ވަދެގެން އައި މަންޒަރު ފެނުމާއެކު، ޖޫލީ ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ.
އޭނާ ހުރީ މުޅިން ބަދަލުވެފައެވެ؛ އެއީ ކާކުކަން ވަކިކުރަންވެސް ނޭނގޭހާ ބޮޑަށެވެ. އޭނާގެ ކަޅުކުލައިގެ ދެލޯ ބޮޑުވެފައިވާއިރު، އެ ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. މޫނުމަތި ވަނީ މިލާފައެވެ. މޭފިތި، ނޭވާ ކުރުވެފައި ހުރިގޮތުން ހީވަނީ އެތައް މޭލަކަށް ދުވެފައި އައިސް ހުރި ހެންނެވެ. އޭނާ ޖޫލީގެ ކައިރިން ދުވެފައި ސިޑިން މައްޗަށް އެރިއިރު، ޖޫލީއާ ދިމާއަށް ބަލައިވެސް ނުލައެވެ. އޭނާގެ ބަރު ފިޔަވަޅުތަކުގެ އަޑު މުޅި ސިޑިގަޑުގައި ގުގުމަމުން ދިޔައެވެ.
ކުއްލިއަކަށް ޖޫލީގެ މޭތެރޭގައި ބިރުވެރިކަމާއި ހާސްކަން އުފެދުނެވެ. ޒުނާމްގެ ހަރަކާތްތަކުގައި ހުރި އަވަސްކަމާއި ނުތަނަވަސްކަން އިހުސާސް ކުރެވިގެން، ޖޫލީވެސް އޭނާގެ ފަހަތުން ސިޑިން މައްޗަށް އެރިއެވެ. ޖޫލީގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، ފެނުނު މަންޒަރުން ޖޫލީ ހުއްޓުން އެރިއެވެ.
ޒުނާމް ހުރީ އަލަމާރި ކުރިމަތީގައެވެ. އޭނާ ދިޔައީ އަލަމާރީގައި ހުރި ގަމީސްތައް ދަމައިގަނެގެން، ވަރަށް ބޮޑު ޓްރެވެލް ބޭގަކަށް އޮޅާލާފައި އަޅަމުންނެވެ. އޭނާގެ ހަރަކާތްތައް ހުރީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައިވާ މީހަކު ފަދައިންނެވެ. އޭނާގެ ކިބައިން ކުރިން ފެންނަ ހަމަޖެހުމާއި ކެތްތެރިކަމެއް މިހާރަކު ނެތެވެ.
"ޒުނާމް، ތީ ކޮން ކަމެއް؟!" ޖޫލީ ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑުގައި ރުޅިވެރިކަން ދައްކަން އުޅުނަސް، އެ އަޑުގައި ހުރީ ބިރުގަނެފައިވާ މީހެއްގެ ތުރުތުރުލުމެވެ. "ކީއް ތިކުރަނީ؟ ކީއްވެ ދަބަސް ތިޔަ ތައްޔާރުކުރަނީ؟ ތިޔަ އުޅެނީ… ތިޔަ އުޅެނީ ހަމަ އަސްލަށްވެސް މި ގެއިން ނުކުމެގެން ދާންތަ؟!"
ޒުނާމް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ އިތުރު ގަމީހެއް ނެގިއިރު، އޭނާގެ އަތް ތުރުތުރުލާ ވަރުން އެ ގަމީހުގައި ރަނގަޅަށް ހިފަހައްޓާލަންވެސް އުނދަގޫވިއެވެ.
ޖޫލީ ޒުނާމްއާއި ގާތަށް ޖެހިލިއެވެ. އޭނާގެ ކިބުރުވެރިކަން މުޅިން ނެތިގޮސް، ޒުނާމް ގެއްލިދާނެތީ އުފެދުނު ބިރުވެރިކަން އާދޭހަކަށް ބަދަލުވިއެވެ. ޖޫލީއަށް ހީވީ ޒުނާމް އެކަން އެކުރަނީ ދެމީހުންގެ ދެމެދުގައި ހިނގި ކުޑަ ޒުވާބެއްގެ ސަބަބުން ކަމަށެވެ. އޭނާ އެކަނި ބަހައްޓާފައި ދާން ބުނުމުން ޒުނާމް ރުޅިއައީ ކަމަށެވެ. ލަތިކާގެ ވާހަކައެއް ޖޫލީއަކަށް ނޭނގެއެވެ. ކޯމާއެއްގައި އޮވެ މަރުވަމުންދާ ލަތިކާގެ ޚަބަރެއް އޭނާއަކަށް ނޭނގެއެވެ. އަދި ޒުނާމްގެ މާޒީގެ ސަފުހާތަކުގައި އެ ނަން ކިޔާ ކުއްޖަކު ވީ ކަމެއްވެސް ޖޫލީއަކަށް އަދި އަދަށްދާންދެންވެސް އެނގިފައެއް ނެތެވެ.
"ޒުނާމް، އާދޭސްކުރަން، ތިޔަކަން ހުއްޓާލާ!" ރޮމުން ރޮމުން ޖޫލީ ބުންޏެވެ. އޭނާ ޒުނާމްގެ އަތުގައި ހިފެހެއްޓީ ވަރަށް ބާރަށެވެ. "އަހަރެންނަށް މާފުކޮށްބަ… ޖޫއަށް އެނގޭ ވަރަށް ރޫޑްކޮށްކަން ވާހަކަ ދެއްކުނީ.. އޭމް ސޮރީ ޒުވާބު ކުރެވުނީމަ… ކޮން ދެމަފިރިންނެއްތަ ޒުވާބު ނުކުރަނީ؟ އަހަރެމެންނަށް މިކަމާ ވާހަކަ ދެއްކިދާނެ! އާދޭސްކުރަން، ޖޫއާ ދިމާއަށް ބަލާލަބަލަ… ތިހެން ނަހަދާ، ޕްލީޒް!"
ޒުނާމްގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔައީ ދިހަ އަހަރު ވަންދެން އޭނާގެ ހިތުގައި އޮތް ކުށްވެރިކަމުގެ އިހުސާސާއި، ލަތިކާގެ ހާލަތެވެ. ޖޫލީއަށް ކަންތައްތައް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ޖޫލީގެ އާދޭސްތައް އޭނާއަށް އިވެނީ ވަރަށް ދުރުން އިވޭ އަޑުތަކެއް ފަދައިންނެވެ.
"ޕްލީސް ޖޫލީ.. އަހަރެން ހުއްޓުވަން ނޫޅޭ.. ލީވް މީ އެލޯން…" ޒުނާމް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑު ހުރީ ކުރަކިވެފައެވެ. އޭނާ ޖޫލީގެ އަތް ފޮޅުވާލުމަށްފަހު، ދަބަހުގެ ޒިބު ދަމާލައި، ކޮނޑުގައި އަޅުވައިފިއެވެ.
"ނޫން، ޒުނާމް! އާދޭސްކުރަން!" ޖޫލީ ހަޅޭއްލަވައިގަތެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ޒުނާމް ހިނގައިގަތުމުން އޭނާގެ ފަހަތުން ދުވަމުން ޖޫލީ ދިޔައެވެ. "އަހަރެން އެކަނި ދޫކޮށްލާފަ ނުދޭ! އަހަރެން އެހެން ބުނީ ގަސްތަކު ނޫން! ޒުނާމް، ޕްލީޒް!"
ނަމަވެސް އޭރު އޭނާ ހުރީ ދުވެފައި ސިޑިން ތިރިއަށް ފައިބައިފައެވެ. އޭނާ ގޭގެ މައި ދޮރު ހުޅުވާލުމަށްފަހު، ބޭރުގައި އޮތް ގަދަ އަވީގެ ތެރެއަށް ނުކުމެ، އޭނާގެ ދަބަސް ކާރުގެ ފަހަތު ސީޓަށް އެއްލައިލިއެވެ. ޖޫލީ ދުވަމުން ގޮސް ގޯތިތެރެއަށް ނުކުތްއިރު، އޭނާގެ ހުސްފައިތިލަ ޖެހެމުންދިޔައީ ދިލަ ހޫނުގަދަ ގާތަކުގައެވެ. ޒުނާމް ކާރުގެ އިންޖީނު ސްޓާޓްކޮށްލި ވަގުތު، ޖޫލީ ގިސްލަމުން ރޮމުން ގޮސް ގޭގެ ދޮރާށި ކައިރިއަށްގޮސް ހުއްޓުނެވެ.
ކާރުގެ ބާރު އަޑާއެކު، އެއްވެސް ފަސްބެލުމެއް ނެތް ގޮތުގައި ބާރު ދުވެލީގައި މަގުމައްޗަށް ނުކުމެގެން ދިޔައެވެ. ޖޫލީ އެކަނިމާއެކަނި އެ ދޮރާށި ކައިރީގައި ހުއްޓި ހުރިއިރު، މެންދުރުފަހުގެ އެ ހިމޭން ހޫނުގަދަ ވަގުތުގައި އޭނާ ރޮމުންދިޔަވަރުން މުޅި ހުރީ ތުރުތުރުއަޅައެވެ. އޭނާއަށް ގަބޫލުކުރެވުނީ އޭނާގެ އަމިއްލަ ފަރުވާކުޑަކަމާއި ހަރުކަށިކަމުގެ ސަބަބުން ފިރިމީހާ އަބަދުގެ އަބަދަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށެވެ. ނަމަވެސް، ޒުނާމްގެ އިންތިޒާރުގައި އޮތް އޭނާގެ މާޒީގެ ބިރުވެރި ހިޔަންޏެއްގެ އެއްވެސް ހިލަމެއް ޖޫލީއަކަށް ނެތެވެ.
(ނުނިމޭ)


