މެދުކެނޑުމަކަށްފަހު ރާއްޖެއާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފެށުން، ފޮޓޯ: މޯލްޑިވިއަން

މެދުކެނޑުމަކަށްފަހު ރާއްޖެއާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފަށައިފި

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މޯލްޑިވިއަނުން ރާއްޖެއާއި ލަންކާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.

މިކަން ރަސްމީކޮށް ފަށްޓަވައިދެއްވީ މިކަމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މިދަތުރުތައް ފެށުމާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ދަތުރުތައް ފަށަނީ ގިނަ ލުއިތަކާއެކު ކަމަށާއި މިކަމަށް ވަރަށް ބޮޑަށް އެކުންފުނިން ތައްޔާރު ވެފައިވާކަމަށެވެ.

ދަތުރުތައް ރޭވިފައިވާ ގޮތުން ހަފްތާ ބަންދަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރު ކުރެވޭނެކަމަށާއި، މީގެ އިތުރުން ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހިންނަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިދަތުރުތައް ފަށާފައިވާއިރު، މޯލްޑިވިއަންގެ ފަރާތުން މި ދަތުރުތައް ރާވާފައިވަނީ ހަފްތާއަކު ދެދުވަހު ކުރާ ގޮތަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. މިފްލައިޓުތަކާއެކު މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް ކަނެކްޝަން ފަސޭހައިން ލިބޭނެކަން އެކުންފުނިންވަނީ ހާމަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށިގެން ދިއުމުން އިތުރު އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށޭނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *