ބާޒާރުގައި ތަކެތީގެ އަގުތައް ހުރިނެތްގޮތް ފަސޭހައިން ބަލާލުމަށްޓަކައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. 2025 ފެބްރުއަރީ 28 ގައި ލޯންޗްކުރި އަގުމަގު ޕޯޓަލް މެދުވެރިކޮށް މީގެކުރިން ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ނަމަވެސް، އަލަށް ނެރުނު އެޕާއެކު އަތޮޅުތެރޭގެ ރަށްރަށުގެ އަގުތައްވެސް ދެން ބަލާލެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ އެންމެ ހެޔޮ އަގު، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގު އެއްތަނަކުން ފެންނާނެއެވެ. މީގެއިތުރުން، ފާއިތުވި 10 ދުވަހު އަގުތަކަށް އައި ބަދަލުތަކުގެ ތާރީޚު ބަލާލެވުމާއެކު، އަގުތަކަށް ބަދަލެއް އަންނަ މިންވަރަކުން ވަގުތުން ނޮޓިފިކޭޝަން ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަންގެ ސަބަބުން ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ދެނެގަނެވޭނެއެވެ. އަދި އާންމުކޮށް ގަންނަ ތަކެތީގެ ޝޮޕިންގ ލިސްޓު ސޭވްކޮށްލުމުން، މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮކޮށް ލިބޭނެ ފިހާރަތައް ވެސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
އަގުމަގު އެޕް މިހާރު ޑައުންލޯޑް ކުރެވޭނެ.
އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަނެ، ފަސޭހަކަމާއެކު ތަކެތީގެ އަގުތައް އަޅާކިޔައި، އަގުތަކަށް އަންނަ ބަދަލުތައް ބަލާލެވޭނެ.
އަވަހަށް ޑައުންލޯޑްކުރައްވާ!
🔗 https://t.co/WAWYF4LNZy pic.twitter.com/oKZTKjToNw
— Ministry of Economic Development,Transport & Trade (@MoEDmv) July 15, 2026


