ވާހަކަ: ކަލާޔަށްޓަކާ ހަމަހިމޭންވީ…އެޕިސޯޑް 191އިން 194އަށް

(ހޮނިހިރު ދުވަހުގެ ބައިތަކާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ..)

****

ކޮލެޖުގެ މައި ހޯލު ތެރޭގައި، ދަރިވަރުންގެ ބޫޓުތަކުގެ ތޫނު އަޑާއި ދަގަނޑު ލޮކަރުތަކުގެ ދޮރުތައް ބާރަށް ލެއްޕޭ އަޑު އިވެމުންދިޔައެވެ. އެއީ ކްލާސްތައް މެދުކެނޑޭ އެންމެ ހަލަބޮލި ވަގުތެވެ. ދަރިވަރުން ކްލާސްތަކަށް ދިއުމަށް ދުވުމާއި، ހީނސަމާސާކުރުމާއި، ވާހަކައިގައި ތިބުމުގެ ސަބަބުން މުޅި ތަން އޮތީ އެއް އަޑުކޮށްލާފައެވެ.

ސީނިއަރ ދަރިވަރުންގެ ލޮކަރުތަކާ މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑު ކޮންކްރީޓް ތަނބެއްގެ ފުރަގަހުގައި، އެހެން މީހުންނަށް ނުފެންނާނޭހެން ރާމިޔާ ހުއްޓިލައިގެން ހުއްޓެވެ. ބޭރުފުށުން ބަލާއިރު އޭނާގެ މޫނުމަތިން ފާޅުވަނީ ފިނި، ހިލަފަދަ ހަރުކަށިކަމެކެވެ. އޭނާގެ ބުމަ ވަނީ ގޮށްޖެހިފައެވެ. އަދި އޭނާގެ ދެއަތް މޭމަތީގައި ބާރަށް ހުރަސްކޮށްލައިގެން ހުރީ އަމިއްލަ ނަފްސު ރައްކާތެރިކުރާ އައްޑަނައެއް ފަދައިންނެވެ. އޭނާގެ ދޮންވެފައި އޮމާންވީ ހަމާއި ހަރުކަށި މޫނު ފެނުމުން، އެތަނުން ހިނގާފައިދިޔަ ކޮންމެ މީހަކުވެސް އޭނާއާ ދުރުން ދެވޭތޯ ބެލިއެވެ. އޭނާ ވައްތަރީ ކުއްލިއަކަށް އައިސްދާނެ ގަދަ ތޫފާނަކާއެވެ.

ނަމަވެސް، އެ ހަރުކަށިކަމުގެ އެތެރޭގައި، އޭނާގެ ހިތް ވަނީ ބާރަށް ތެޅިފޮޅެން ފަށާފައެވެ.

"މި މާހިރުގަނޑު މާ ބާރަކަށް މި ދައްކަނީ ކޮން ވާހަކައެއްބާ..؟" އޭނާގެ ހެދުމުގެ އަތްކުރީގައި ހާސްކަމާއެކު ހިފަހައްޓާލަމުން ރާމިޔާގެ ހިތަށްއެރިއެވެ.  "ދުނިޔޭގެ ހުރިހާ އެއްޗެއް ދޫކޮށްލާފައި، އޭނާ އެ ދައްކަނީ ކޮން މޭވާއެއްގެ ވާހަކައެއްބާ… މޫމ ސައުންޑްސް ވެރީ އިންޓަރަސްޓިން…"

ތަނބުގެ އަނެއްކޮޅުގައި… މާހިރު އޭނާގެ ފޮތްތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ލޮކަރުގައި ލެނގިލައިގެން ހުއްޓެވެ. އޭނާގެ ބައެއް ރަހުމަތްތެރިން އޭނާގެ ވަށައިގެން ތިއްބެވެ. މާހިރު ވާހަކަދައްކަމުންދިޔައިރު، އޭނާގެ ކުރިމަތީގައި ނުފެންނަ މިއުޒިކް ކުޅޭ ބަޔަކު ތިބެގެން އެމީހުންނަށް އިޝާރާތްކުރާ ފަދައަކުން އޭނާގެ ދެއަތް ވައިގެ ތެރޭގައި ހޫރަމުންދިޔައެވެ. ހަގީގަތުގައި އޭނާ ހުންނަންޖެހޭނީ ރާމިޔާއާ ދުރުގައެވެ. ރާމިޔާ ވަނީ އޭނާއާ ދުރުގައި ހުރުމަށް ވަރަށް ހަރުކަށިކޮށް މާހިރު ގާތު ބުނެފައެވެ. "މާހިރްގެ ސަބަބުން އަހަންނަށް ވަރަށް އުނދަގޫވޭ… ޕްލީސް އަހަންނާ ދުރުގަ ހުރެބަލަ…" ރާމިޔާ ފިނިގޮތަކަށް އެހެން ބުނި ވަގުތު މާހިރުގެ މޫނުމަތިން ފާޅުވި މާޔޫސްކަމާއި އޮޅުންބޮޅުންވުން ރާމިޔާގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.

އެއީ އިތުރުފުޅެކެވެ. ހިތް ކަނޑައިގެންދާ ފަދަ ހިތްދަތި އިތުރުފުޅެކެވެ. ހަގީގަތަކީ މާހިރު ފެންނަ ކޮންމެ ފަހަރަކު، ރާމިޔާގެ މޭގައިވީ ބަރުކަން ކުޑަކޮށް ލުއިވެގެންދާ ކަމެވެ. މާހިރުގެ އެ މޮޔަ ހިނިތުންވުންތަކަށާއި،  މަޖާ މިޒާޖާއި، ކަންކަމުގައި އޭނާ ގެންގުޅޭ ފޮނި އުންމީދުތަކަށް ރާމިޔާގެ ހިތުގައި ނުހަނު ފުން ލޯތްބެއް ވަނީ އުފެދިފައެވެ. ނަމަވެސް މާހިރު އޭނާގެ ގާތަށް އައުމަށް ދޫކޮށްލެވޭކަށް ނެތެވެ. އެއީ އޭނާގެ ދިރިއުޅުމަށް އެޅިފައިވީ ކަޅު ހިޔަނީގެ ސަބަބުންނެވެ.

ރާމިޔާ ކުޑަހިނދުކޮޅަކަށް އޭނާގެ ދެލޯ މަރާލިއެވެ. އެއާއެކު ފާއިތުވި ހަފުތާގައި އޭނާއަށް އައި ބިރުވެރި ފޯނު ކޯލުތަކާއި ގޭންގު މީހުންގެ ކުރިމަތިލުންތަކުގެ ހަނދާންތައް ސިކުންތަކަށް ސިކުންޑީގައި އެނބުރިގަތެވެ. "ކަލޭގެ މަރުވެފައިވާ ފިރިމީހާ އަހަރެމެންނަށް ބޮޑު އަދަދަކުން ދަރަނިވެރިވެފައި އެބައޮތް… އެ ހުރިހާ ދަރަންޏެއް ދައްކާ ޚަލާސްކުރަން ޖެހޭނީ ކަލޭ…" އެ ނުރައްކާތެރި މީހާގެ ކުރަކި، ފިނި އަޑު އޭނާގެ ކަންފަތްދޮށުގައި ގުގުމާލި ފަދައެވެ. "އޭނާ ފިލީ އަމިއްލައަށް މަރުވެ، ފިނޑިއެއް ފަދައިން… އެކަމަކު ކަލޭ… ކަލޭ އަދިވެސް އެބަ ދިރިހުރީމެންނު…. އަހަރެމެންނަށް އަހަރެމެންގެ ފައިސާ ނުލިބިއްޖެނަމަ، ކަލޭގެ ދިރިއުޅުން އަހަރެމެން ހަލާކުކޮށްލާނަން…. އަދި ކަލޭ ލޯބިވާ ކޮންމެ މީހަކު، ކަލެއަށް ބަލައިލާ ހިނިތުންވެލާ ކޮންމެ މީހެއްގެވެސް ދުވަސް ދުއްވާލާނަން.."

އެދުވަހުވެސް ބިރުން ގޮސް އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އަދި މިއަދުވެސް އޭނާ ހުރީ އެފަދަ ބިރުވެރިކަމެއްގެ ތެރޭގައެވެ. މާހިރަކީ މުޅިން މައުސޫމް މީހެކެވެ. ރާމިޔާގެ ނަޒަރުގައި އޭނާއަކީ އަލިގަދަ، ރީތި ނޫރެކެވެ. އެ ނުރައްކާތެރި މީހުންނަށް ރާމިޔާގެ ގާތުން މާހިރު ފެނިއްޖެނަމަ، ރާމިޔާއަށް އިންޒާރެއް ދިނުމުގެ ގޮތުން އެމީހުން މާހިރު ކުދިކުދިކޮށްލާނެއެވެ. އޭނާ މާހިރު ރައްކާތެރިކުރަންޖެހެއެވެ. އެކަމުގެ ސަބަބުން މާހިރު އޭނާދެކެ ފޫހިވި ކަމުގައި ވިޔަސްމެއެވެ.

މާހިރަށްވެސް އެކަހަލަ އެއްޗެކޭ އޮތީ ހީވެފައެވެ. ރާމިޔާ އޭނާއާއި ދުރުވާން މަސައްކަތްކުރަނީ ރާމިޔާގެ ހިތުން ރުހުމުން ނޫންކަން މާހިރަށް ވިސްނެއެވެ. އެކަމުގެ ފަހަތުގައި ކޮންމެވެސް ކަހަލަ މަޖުބޫރީއެއް އެބަ އޮތްކަން މާހިރަށް ދިޔައީ ފަހުމްވަމުންނެވެ. އެހެނަސް އޭނާ ރާމިޔާއަށް ވަގުތުދޭން ބޭނުންވިއެވެ. މަޖުބޫރުން، ރާމިޔާގެ ހިތުގައި ވާ އިހުސާސްތައް ބަންޑުން ކުރާކަށް މާހިރް ބޭނުމެއް ނުވެއެވެ.

"ގާއިޒް… ހެލޯ ލަވްލީ ޕީޕަލް…. ކަމޯން… އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އެންމެން މިކޮޅަށް އައިސްބަލަ… ތިޔަ ފޮތްތައް ބާއްވާ، ތިޔަ ކުރާ ކަންކަން ކުޑަކޮށް މެދުކަނޑާލާފަ ޖަސްޓް ކަމް ހިއަރ…. ސްޓޯރީ ޓައިމް…. އަހަރެންގެ މާތް ﷲ ގަންދީ ބުނަން…. މިދުވަސްކޮޅު އަހަރެންގެ ސިއްހަތަށާ، ނަފްސާނީ ގޮތުންނާ، ހަށިގަނޑަށްވެސް ވަރަށް ބޮޑެތި ބަދަލުތައް އެބަ އާދޭ…" ތަމްސީލީ ކުޅިވަރެއް ފަދަ ބާރު އަޑަކުން، ލޮކަރުތަކާއި ދިމާލުން މާހިރުގެ އަޑު އިވެމުންދިޔައެވެ. "އަހަރެން ހީވަނީ…. އަހަރެންގެ ރޫހު…. އަހަރެންގެ ހަށިގަނޑު ދޫކޮށް، އެހެން މަޚްލޫޤެއް އެ މަގާމަށް އައިސްފިހެން…. ޑޮކްޓަރަކު މިހާރު އަހަރެންގެ މޭގެ އެކްސްރޭއެއް ނަގައިފިނަމަ، އަހަރެންގެ ހިތެއް ނުވަތަ ފުއްޕާމެއެއް އެމީހުންނަކަށް ނުފެންނާނެ…. އޭގެ ބަދަލުގައި ފެންނާނީ ސައުވީސް ގަޑިއިރު އޭނާގެ ނަން ދިއްލި ދިއްލި ހުންނަ ނިއޮން ބޯޑެއް… އަހަރެންގެ ސިކުނޑީގެ ދިރުންތައް ވަނީ އޭގެ މަގާމުތައް ދޫކޮށްލާފަ….މައި މައިންޑް އިޒް ސޯ އޮކަޕައިޑް… އެއްޗެއް ވިސްނަން އުޅުނަސް ވިސްނެނީއެއްނޫން… ފިކުރެއް ކުރަން އުޅުނަސް އެނޫން ފިކުރެއް ކުރެވެނީއެއްނޫން…. ހީވަނީ ސިކުނޑީގެ ހުރިހާ ނާރުތަކާ ސެލްތަކާ ތިބީ ދިރުން ގެއްލި އާވާރާ ވެފަހެން…. މައި ހާޓް އިޒް ސިންގިންގ ރޮމޭންޓިކް ސޯންގްސް…. އަތާ އަތް ގުޅާލައިގެން، ލޯބީގެ ލަވަތައް ކިޔަނީ… އިން ދުއަ ލިޕާސް ވޮއިސް…. އޭމް ޓެލިން ފޯ ރިއަލް…"

"ބްރޯ… ކައޭ މޮޔަވީތަ؟ އެބަ އެނގޭތަ ތި ކިޔޭ ނުކިޔޭ އެއްޗެއްވެސް؟ ކީކޭތަ ތި ކިޔަނީ…. ތި ކިޔާ އެއްޗެއް މީހަކަށް ފަހުމްވާ ގޮތަކަށް ކިޔާބަލަ ދޯ… ޑޯންޓް ބީޓް އެރައުންޑް ދަ ބުޝް…" މާހިރް ދައްކަމުންދިޔަ ވާހަކައާއި މެދު ފުންކޮށް ވިސްނަމުން އެ ކުލާސް ކުއްޖަކު ބުންޏެވެ.

ތަނބުގެ ފުރަގަހުން ރާމިޔާގެ ދެލޯ ކުޑަކޮށް ބޮޑުވެގެންދިޔައެވެ. މާހިރް އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ މާހިރް ހިތުގަ ޖެހިގެންގޮސް އަނެއްކާ ކަމެއް ވީ ބާއެވެ؟ އޭނާގެ ސިކުނޑިއަށް ލޮޅުމެއް އެރީބާއެވެ؟ ކުއްލިއަކަށް ވެރިވި ހާސްކަމާއެކު ރާމިޔާގެ ހިތް މޭގެ ކަށިތަކުގައި ބާރަށް ތެޅެން ފެށިއެވެ.

"ޕިސްޕިސްޕިސް މޭން…. ވަޓް ދަ ފަ** އާޔޫ ޓޯކިން އެބައުޓް…؟ ކައޭ ހަމަތަ؟" މާހިރުގެ އެހެން ރަހުމަތްތެރިއަކުވެސް ވާނުވާ ނޭނގިގެން ފޫހިވެފައި ބުންޏެވެ.

"އެއަށްވުރެ މާ ގޯހޭ…" މާހިރު ފުންކޮށް ދޫކޮށްލި ނޭވާގެ އަޑުގައި ވަނީ ހިތްދަތި ތަމްސީލެއްގެ އަސަރެވެ. "އަހަންނަށް މީހަކު ދެކެ އިންތިހާއަށް ލޯބިވެވިއްޖެ. ފުރަތަމަ ނަޒަރުންވެސް، އޭނާ އަހަރެންގެ ހިތް ކަތިލައިފި…. ބިޕާޝާ… އަހަންނަށް ބިޕާޝާދެކެ އިންތިހާއަށް ލޯބިވެވިއްޖެ… ސީރިއަސްކޮށް ބުނާނަމަ، އަހަރެން މިއީ ހަމައެކަނި އޭނާގެ ޚިޔާލުގައި މޮޔަވެފައި ހުރި މީހެއް ނޫން… އަހަރެންގެ ސިކުނޑި މިވަނީ މުޅިން އޭނާއަށްޓަކައި ހުސްވެފަ…. ބިޕާޝާދެކެ ލޯބިވުމަކީ ކުށަކަށްވާނަމަ، އަހަންނަށް ލިބޭނީ ކަފާލާތުގެ ފުރުސަތެއް ނެތް އުމުރު ދުވަހުގެ ޖަލު ހުކުމެއް… އިފް ފޯލިން ފޯ ހާ އިޒް އަ ކްރައިމް، އަހަރެންނަށް މަރުގެ ހުކުމް އިއްވިޔަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް…. އަހަރެން ޖަލަށް ލައިފީޔާ، ޖަލުގެ އަނދިރި އަނދިރި ޑާކް ޑާކް ގޮޅިއެއްގަ ގޮޅިއެއްގައި އިނދެ، ޕްލާސްޓިކް ސަމުސަލަކުން ޖަލުގެ ފާރުތަކުގައި އޭނާގެ ނަން އަހަރެން ލިޔާނަން… އޭމް ސޯ ކްރެޒިލީ އިން ލަވް ވިތު ހާ…. އައި ޖަސްޓް ފީލް ލައިކް، ބިޕްސްއާ ނުލާ އަހަރެން މީ މި ކާއިނާތުގެ ކުރިމަތީގައި އެހީތެރިކަމެއް ނެތް މަޖުބޫރު މީހެކޭ… މައި ޑިއަރ ބިޕްސް… ޕްލީސް ތި ހިތުން މަށަށް ޖާގައެއް ދީބަ!!…"

ރާމިޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ބިޕާޝާ؟ ކުއްލިއަކަށް އުފެދުނު ސާފު، ގަދަ ހަސަދަވެރިކަމުގެ އަސަރު އޭނާގެ މޭގެ ތެރޭގައި ހަލުވިކަމާއެކު ދައުރުވެގަތުމުން ބޯއަނބުރާލާ ފަދަ އިހުސާސެއް ކުރެވުނެވެ. އެ ބިޕާޝާއަކީ ކާކު ހެއްޔެވެ؟ އޭނާ ބިޕާޝާއެއް ދަންނަނީ ކޮން އިރަކުން ފެށިގެން ހެއްޔެވެ؟ އަހަރެން މާހިރް ގާތުގައި، އަހަރެންނާއި ދުރުގަ ހުންނަން ބުނުމުން އޭނާ އެހާ ފަސޭހައިން އެގޮތަށް ރުހުނީ ހެއްޔެވެ. މިއީ ހާދަ އިތުބާރެއްނެތް ފޭކު މީހެއްތާއެވެ. އެހާ އަވަހަށް އޭނާ އެހެން އަންހެން ކުއްޖަކަށް ހިތް ކީބާއެވެ. އަދި މިއުޅެނީ ބައިގަޑިއިރުވެސް ނުވެގެންނެވެ. އޭނާ އެހާ އަވަހަށް އަހަންނާ ގުޅުން ކަނޑާލީ އެ ސަބަބާ ހުރެ ހެއްޔެވެ؟ ބިޕާޝާ ކިޔާ އަންހެން ކުއްޖެއްގެ ސަބަބުން ހެއްޔެވެ؟! ރާމިޔާއަށް އޭނާގެ ކޮލުގެ އެތެރެފަރާތުގައި ބާރަށް ދަތްއަޅާލެވުމުން، އަރުގައި ލޭ ރަހަ ލިއެވެ. އޭނާގެ މޫނުމަތީގެ ރުޅިވެރިކަން އިތުރުވެ، ދެބުމަ ގޮށްޖެހި ބާރުވިއެވެ. ރާމިޔާއަށް ކުރެވެމުންދިޔައީ ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެކެވެ.

"ވެއިޓް އަ މިނެޓް ބްރޯ…ބިޕާޝާއަކީ ކާކު؟" ރާމިޔާގެ ސިކުނޑީގައި އަނދަމުންދިޔަ ސުވާލު، މާހިރުގެ ރަހުމަތްތެރިޔަކު ބާރަށް ކޮށްލިއެވެ. "އެއީ ކޮލެޖަށް މިއަދު އަލަށް ޖޮއިންކުރި ގޮލާތަ އަނެއްކާ؟ ޕިސްޕިސް… އަން ކިޔައިފީޔާ ވަރިހަމަ ދޯ ކޮންމެ މީހަކަސް…"

"ބިޕާޝާ؟ ބިޕާޝާއަކީ މި ފަނާވަނިވި ދުނިޔޭގައި އަހަރެންގެ މުޅި ހަޔާތުގައިވެސް ދެކުނު އެންމެ ފުރިހަމަ، އެންމެ ރީތި އަންހެން ކުއްޖާ… ޝީ ހޭސް އޯލްރެޑީ ސްޓާޓެޑް ރޫލިން މައި ހާޓް…!" ދަގަނޑު ލޮކަރުތަކުގައި އަޑު ހިފާލާނޭހެން މާހިރު ބާރަށް ބުންޏެވެ. "ކޮންމެ ދުވަހަކު ހެނދުނު އަހަރެން ހޭލާއިރަށް، ކުއްލިއަކަށް އަހަރެންގެ ހިތަށް އެންމެ ފުރަތަމަވެސް އަންނަނީ ބިޕާޝާގެ ޚިޔާލު. ކޮންމެ ރެއަކު ބޯދަށަށް ބާލީސްލައި، ދެލޯ މަރާލާއިރަށް، ކުއްލިއަކަށް ބިޕާޝާ އެތަނަށް އާދޭ… ބޮލީވުޑްގެ ބަތަލާއެއް ފަދައިން، ބެކްގްރައުންޑް ޑާންސާސްއާއެކީ ތަފާތު މަންޒަރުތަކާއެކު އޭނާ އަހަރެންގެ ހުވަފެންތަކުގައި ނަށާ…. އަހަރެން މިހާރު މި ދިރިއުޅެނީ ހަމައެކަނި ބިޕާޝާގެ ވަށައިގެން އެނބުރޭ ދުނިޔެއެއްގަ… އެނގިއްޖެތަ؟ އަހަރެންގެ ދުނިޔެ އެނބުރެނީ އޭނާގެ ވަށައިގެން… އަހަރެން މިއީ އޭނާގެ ދަމާބާރުގެ ތެރޭގައި ތާށިވެފައިވާ ކުޑަކުޑަ، ނިކަމެތި ސެޓެލައިޓެއް…. އަހަރެން މުޅިން އަނދާހުލިވަންދެން އޭނާގެ ވަށައިގެން އެނބުރި އެނބުރި ހުންނާނެ….

"އައި ހޭޓް ޔޫ ސޯ މަޗް މާހިރް!!!…" ރުޅިވެރިކަމާއެކު މާހިރްއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ، ރާމިޔާގެ ހިތަށްއެރިއެވެ. އޭނާގެ ދެލޯ ވަނީ ރުޅިން ރަތްވެފައެވެ. "ހަވް ޑެއަރ ހީ…" ރާމިޔާ ތުން އަނބުރާލަމުން އުނދަގޫ ގޮތަކަށް ހިންދިރުވާލިއެވެ.

"ބުރޯ ތިހުރީ ހަމަ ރަނގަޅަށްވެސް އިޝްޤީ ބަލި ޖެހިފަ… އަމަށަކު ވަރެއް ނޫންވިއްޔަ ވެފަ ތިހުރީ.. ދެޓްސް އިންސޭން ބްރޯ… ޔޫ އަރ ޖަސްޓް ކްރެޒީ…." މާހިރުގެ ރަހުމަތްތެރިޔާ ހެމުން ހެމުން ބުންޏެވެ.

"އޮފްކޯރޒް އޭމް ކްރެޒީ… ލޯބި ވެވުނީމަ އިހުސާސްވާނީ… ލޯބީގަ ހުންނަ ބާރު.. އެއީ ކިހާ ވަރުގަދަ އިހުސާސެއްކަން…. ކުޑަކުދިންނަކަށް ނުވިސްނޭނެ.. ދެންވެސް ތި ބުއްފުޅި ބުއިން ހުއްޓާލާފަ ދުނިޔެއަށް ލޯ ހުޅުވާލަބަލަ… ކަލޭމެން ތި ތިބީ ކަނުވެފަތަ!" އަމިއްލަ ނަފްސު ދިފާއުކުރާ ފަދަ ރާގަކަށް މާހިރު ބާރަށް ބުންޏެވެ. "ކަލޭމެން މި ކޮލެޖު ތެރޭގައި ތިޔަ ހިނގަނީ ދެލޯ މަރާލައިގެން ތިބެދޯ! އެ އަންހެން ކުއްޖާ… އޭނާއަކީ ހަމަ އަޖައިބެއް…. އޭނާއަކީ ފުރިހަމަ ކުރެހުމެކޭ ބުންޏަސް ދޮގަކަށް ނުވާނެ.. މޮނާ ލިސާވެސް ނަހަދާނެ އެއްޗަކަށް އިން ކޮމްޕޭރިސަން ޓު ހާ… އޭނާގެ މޫނަކީ ބަލާލަން ނުހަނު ރީތި، އަގުބޮޑު މޭވާ ވަށިގަނޑެއް ކަހަލަ އެއްޗެއް… އެންމެ މަތިން ފަށަމާ ހިނގާ ދޯ!!! އޭނާގެ ދެބުމަ؟ އޭނާގެ ބުމައިގަ ވަނީ ހަމައެކަނި އާދައިގެ އިސްތަށިތަކެއް ނޫން… އެއީ ތާޒާ، އަގުބޮޑު ދަނޑަކުން ބިންދާލާފައިވާ، ނުހަނު ފުރިހަމައަށް ބައްޓަންކޮށްފައިވީ އަވަކާޑޯ ފޮތިތަކެއް ފަދަ ދެބުމަ… އެ ދެބުމަ އެހާވެސް ތޫން…. އިންތިހާއަށް ފޫހިވެފައި އޭނާ އަހަންނާ ދިމާލަށް އޭގެއިން އެއް ބުމަ ހިއްލާލާ ވަގުތު، ތޫނު ކަތުރަކުން ކަނޑާލާ ފަދައިން އަހަރެންގެ ނާރުތައް ބުރިބުރިވެގެންދޭ… އަދި އޭނާގެ ދެލޯ؟ އެ ދެލޯ ފެންނަ ކޮންމެ ފަހަރަކު އަހަރެން އަޖައިބުވެ އަންތަރީސްވޭ… ސުޕްރީމް ކޯޓުން އެ ދެލޯ މަނާކުރަން ހުކުމްކުރާ ވަރުވޭ… އެ ދެލޯ ވައްތަރީ ޝަބްނަމީ ޢާލަމެއްގައި ވިދަމުންދާ ބޮޑު ދެ ކަޅު މޭބިސްކަދުރާ… ޖަސްޓް ލައިކް އަގުބޮޑު މޭވާ ފިހާރަތަކުގެ ޚާއްސަ ބޮކިތަކުގެ ދަށުގައި ބަހައްޓާފައި ހުންނަ، ފެނުމުން ކޮޅަށް ހުރެގެން ދިހަ މިނެޓު ވަންދެން ބަލަން ހުންނަންޖެހޭ ފަދަ ގްރޭޕްސް… އެއްވެސް ތަފާތެއް ނުހުންނާނެ…. އެކަމަކު އޭނާ އަހަރެންދެކެ އިންތިހާއަށް ރުޅިއަންނަ ވަގުތު، އެ ދެލޯ ކުޑަކޮށްލުމުން ވައްތަރުވަނީ ބިރުވެރި ކުޑަކުޑަ ބްލޫބެރީއަކާ.. އެ ބްލޫބެރީ ދެލޮލުން އިންވިސިބްލް ލޭޒާ ދޯދިތަކެއް ފޮނުވާ، އަހަރެންގެ ހަށިގަނޑުގެ ލޭ ގަނޑުކޮށްލާ…."

ރާމިޔާ މަޑުޖެހިލިއެވެ. އޭނާ އެސްފިޔަޖަހާލިއެވެ. އަވަކާޑޯ ބުމައެއް؟ ބްލޫބެރީ ދެލޮލެއް؟ އޭނާ މަޑުމަޑުން އަތް ހިއްލާލައި، އަމިއްލަ ލޮލުގެ އަތްލިއެވެ. އެ ސިފަކުރުންތަކާއި އޭނާގެ ލޮލާއި ކަޅީގެ ބައްޓަމާއި ދިމާވޭތޯއެވެ.

"އޭނާގެ ނޭފަތް! އާހް…." މާހިރު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެ އަޑުން ފާޅުވަނީ އިންތިހާ ދަރަޖައިގެ އަޖައިބުވުމެކެވެ. "އޭނާގެ ނޭފަތްވެސް ހީވާނީ ކުޑަކުޑަ ޖަނބުރޯލެއްހެން…. އޭނާ އަހަންނާ ދިމާލަށް އެއްޗެހި ކިޔާ ކޮންމެ ފަހަރަކު، ރުޅިއައިސްގެން އެ ނޭފަތް ހަރަކާތްކޮށްލާނެ…އާހް… އަހަރެން އެ ޖަންބު ކުލައިގެ، ކިޔުޓް ކިޔުޓް ނޭފަތުގަ މަޑުމަޑުން އަތްލާން ބޭނުންވޭ…. އެކަމަކު އަހަރެން އެކަން ކުރަން އުޅެފިނަމަ، އޭނާ އަހަރެންގެ އިނގިލިތައް ތިން ތަނަކުން ބިންދާލާނެކަން ޔަގީން! އާހް…އޭނާގެ ދެކަންފަތްވެސް ވައްތަރީ އޭނާގެ އިސްތަށިގަނޑުގެ ތެރެއިން ފާޅުވާން ހުންނަ ފިޔާތޮށި ގްރޭޕްފްރޫޓްގެ ދެ ފޮތިކޮޅާއެވެ. އަހަރެން މޮޔަ މަޖާ ވާހަކައެއް ބުނާ ކޮންމެ ފަހަރަކު، އަނދަމުންދާ މިރުހެއް ފަދައިން އެ ދެކަންފަތް ގަދަ ރަތްކުލައަކަށް ބަދަލުވެ… އޭނާގެ ދެކޮލޯ؟ އާހް… ހީވަނީ ބީޓްރޫޓަކުން ފިޔާތޮށި ކުލަ ފެލާލާފަ ބްލަޝް ޖައްސާލާފަ ހުންނަހެން… އަހަރެން އޭނާ ކައިރީ ހުންނަ ކޮންމެ ފަހަރަކު، އައި ފީލް ލައިކް، މި އުޅެވެނީ ސަލަޑް ތައްޓެއްގެ ތެރޭގައޭ… ދުނިޔޭގަވާ ހުރިހާ މޭވާއެއް އެއްކޮށްލިޔަސް، އައި ޑޯންޓް ތިންކް އެނީތިން އެލްސް ކޭން ބީ ސްވީޓަރ… ޝީ އިޒް ނަތިން ލެސް ދެން އަ މިރަކަލް…"

ކުއްލިއަކަށް ރާމިޔާގެ ދެކޮލަށް ހޫނުވެ، ރަތްވެގެންދިޔައެވެ. މަޑުކޮށްބަލަ… އަހަރެން އަބަދުވެސް ހުންނަނީ އޭނާދެކެ ރުޅިއައިސްފައެވެ. އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުންނަ މީހަކީ އަހަންނެވެ. ރާމިޔާގެ ހިތް ބާރަށް ތެޅިގަތެވެ. ހަސަދަވެރިކަމުގެ ބަދަލުގައި މުޅި ހިތް ހާސްވެ، ތަޅުވައިގަތެވެ. އޭނާ އެ ދައްކަނީ… އޭނާ އެ ދައްކަނީ އަހަރެންގެ ވާހަކަ ހެއްޔެވެ؟

"ސުބުހާނަﷲ… ތި ހުރީ ގުރައިދޫއަށް ގެންދަންވެފަ… ޔޫ އަރ ގޮއިން އައުޓް އޮފް ހޭންޑްސް…" މާހިރުގެ ރަހުމަތްތެރިޔާ ފުންކޮށް ދޫކޮށްލި ނޭވާއަކާއެކު ބުންޏެވެ.

"މަގޭ ބުއްދި ސަލާމަތުން ހުރި ނަމަތާ! މިހާރު ސިކުންޑި އެއްކޮށް ސަކަރާތްވެއްޖެ. މަގޭ ގެންގޮސް ތަނަކަށް ލާފަ ތަޅުއަޅުވާފަ، ތަޅުދަނޑިވެސް އެއްލާލަން ވީ…!" މާހިރު އެއްވެސް ފަރުވާލެއް ނެތް ފަދަ ގޮތަކަށް ސަމާސާ ރާގަކަށް ބުންޏެވެ. "އަދި ބާކީ އޮތްބައިވެސް އަޑުއަހަން ވާނެއެއްނު… މަށަށް އެންމެ ސަޅީ އޭނާގެ ތުންފަތް. ހީވަނީ ހަމަ ތާޒާ ސްޓްރޯބެރީއެއް ހެން… މަދެކެ ފޫހިވެގެން ތުންދަމާލާ ވަގުތު، ތިރީ ތުންފަތް ބޭރަށް ނެރެލާ ގޮތް ރީތިކަމުން ހަމަ ބަލަހައްޓައިގެން ހުރެވޭނީ. ބަލާލި ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނާނެ. އޭނާ ހިނިތުންވެލާއިރު، އެ ފާޅުވާ ދަތްތައް ހީވަނީ ހުދު މުތީތަކެއް ހެން. އޭނާ ހޭނީވެސް ވަރަށް މަދުން، މަދުވެގެން އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް. އެކަމަކު އެ ހިނިތުންވުން… އޭގެ ވާހަކަ ދައްކާނެވެސް ކަމެއް ނެތް. އޭނާ ކުޑަކޮށް، ނޭނގި ނަމަވެސް ހިނިތުންވެލާ ކޮންމެ ފަހަރަކު، މައި ހާޓް މެލްޓްސް.. އެކަމަކު އެންމެ ދެރަވަނީ ކީއްވެގެންކަން އެނގޭތަ؟ އޭނާއަށް އަމިއްލައަށްވެސް ނޭނގޭނެ އޭނާގެ ސަބަބުން އަހަރެންނަށް މިވަރު ވާނެކަމެއް…"

ރާމިޔާ ހުރީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެންނެވެ. އެކަމަކު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައީ ހިފަހައްޓާނުލެވުނު އުފާވެރި ހިނިތުންވުމެކެވެ. މޭގެ ތެރޭގައި އުފެދުނު އަސަރާއެކު މުޅި ހަށިގަނޑަށް ނޭނގޭ ހޫނުކަމެއް ވެރިވިއެވެ. މީގެކުރިން ދުވަހަކުވެސް މީހަކު އޭނާއާ ދިމާލަށް އެފަދަ ނަޒަރަކުން ބަލައި، އެފަދަ ރީތި ބަސްތަކަކުން ސިފަކޮށްފައެއް ނުވެއެވެ. މަރުވެފައިވާ ފިރިމީހާވެސް އޭނާއަށް ބެލީ ހަމައެކަނި އަމިއްލަ މުދަލެއްގެ ގޮތުގައެވެ. އަދި އެންމެ ފަހުން، އަމިއްލަ ދަރަނިތަކުން ސަލާމަތްވުމަށްޓަކައި އޭނާ ދޫކޮށްލީ ފިލާނޭ އައްޑަނައެއްގެ ގޮތުގައެވެ. ނަމަވެސް މާހިރަށް ފެނުނީ އޭނާގެ ހިނިތުންވުމުން މުޅި ދުނިޔެ ދިއްލޭ މަންޒަރެވެ. މާހިރުގެ ލޮލުގައި އޭނާއަކީ އަގުނުކުރެވޭނެ ފަދަ ފުރިހަމަ ސޫރައެކެވެ.

އެވަގުތު، ފިނިފެން ބާލިދީއަކުން ފެން އެއްޗެއް ބޮލަށް އަޅައިލި ފަދައިން، ހަމަބިމަށް އާދެވި ހަގީގަތާ ކުރިމަތިލާން ރާމިޔާއަށް މަޖުބޫރުވިއެވެ. މޫނުމަތީގައި ހުރި އުފާވެރި ހިނިތުންވުން ކުއްލިއަކަށް ފިލައިދިޔައެވެ. "ނޫން. ތިޔަކަން ހުއްޓާލާ ރާމިޔާ. މާހިރް ދައްކާ ވާހަކަ އަޑުނާހާ. އަމިއްލަ ނަފްސަށް އުފާވެރިކަން ވެރިވާން ދޫކޮށްލައިފިނަމަ ބަލިކަށިވެދާނެ. އަދި ބަލިކަށިވެއްޖެނަމަ، އޭނާ އަހަރެންގެ ހަޔާތާ ކައިރިވާން ފުރުސަތު ދެވޭނެ. އެ ފަތްބޯމީހުންނަށް، މާހިރުގެ ލޮލުން ފާޅުވާ އެ ބޮޑު ލޯތްބާއެކު އަހަރެންނަށް ބަލަން ހުންނަ މަންޒަރު ފެނިއްޖެނަމަ، އެމީހުން އޭނާގެ ދިރިއުޅުން މުޅިން ސުންނާފަތިކޮށްލާނެ…"

ރާމިޔާ ގަދަކަމުން މޫނުގެ ކުލަވަރު ބަދަލުކޮށް، ހަރުކަށިވެލިއެވެ. އަދި ކުރިން ހުރި ފަދަ ރުޅިވެރި ބެލުމަކުން މާހިރްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

"މާހިރް ފަކީރު އަތުވާކަށް ނެތް… އަސްލުވެސް ގެއްލި ނިމިއްޖެ…" ރަހުމަތްތެރިޔާ ބުންޏެވެ.

"ފަކީރެކޭ؟ އަހަރެން މި އުޅެނީ ކިހާ ބޮޑު ތަކުލީފެއްގަ ދޯ…! މިހާރު މަގޭ ދިރިއުޅުމަކީ ސަލާމަތުން ހުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރާ ބޮޑު ޖިހާދަކަށް ވެއްޖެ…." ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ މާހިރު ބުންޏެވެ. "އޭނާ މަގޭ ކައިރިން ހިނގާލާފައިދާ ކޮންމެ ފަހަރަކު، މަގޭ ސިކުނޑި އެއްކޮށް ސަކަރާތްވޭ. މަސައްކަތް ކުރުން ހުއްޓާލާ، ބުނާނެ ބަހެއް ނޭނގި ދުލުގައި ގޮށް ޖެހޭ ގޮތްވޭ. އިއްޔެވެސް އޭނާ މަށަށް ބަލައިލީ އެންމެ ދެ ސިކުންތު… އެންމެ ދެ ސިކުންތު! މަށަށް ވީވަރު އެނގޭތަ؟ އޭގެ ފަހުން ހޭދަވި ތިން ގަޑިއިރާއި ބައި ވަންދެން، މަގޭ ސިކުނޑީގައި އެ ދެ ސިކުންތުގެ މަންޒަރު ތަކުރާރު ވޭވޭ ހުރި… ކޮންމެ ސިކުންތެއް ވަކިވަކިން، ނުހަނު ސާފުކޮށް، މަޑުމަޑުން، ބާރު މިއުޒިކަކާއެކު ފިލްމެއްހެން! އޭނާގެ ދަތްދޮޅި ހުރި ގޮތާއި، އެ ބެލުމުގެ ބާރުމިނާއި، އޭނާ ފިޔަވަޅު އެޅި ގޮތްވެސް މަގޭ ދިރާސާކުރިން! ބުނެބަލަ، މިއީ އާދައިގެ ކަމެއްތަ؟ އޭނާގެ އެންމެ ބެލުމަކުންވެސް އަހަރެންގެ ހިތް ކަތިލާފަ ނޫނީ ނުދޭ…"

"އެއްގޮތަކަށްވެސް ތީ އާދައިގެ ކަމެއްނޫން… ތިޔަށް ކިޔަނީ މޮޔަގެރި އަވަލުން…" ރަހުމަތްތެރިޔާ ބުންޏެވެ.

"ބަރާބަރު! ތިޔަބުނީ ހަމަ ރަނގަޅަށް! އަދި ބުންނަތް… މީގަ އެންމެ ހައިރާންވާ ކަމަކީ އެއީ…." މާހިރު ޝަކުވާގެ ރާގަކަށް ބުންޏެވެ. ނަމަވެސް އޭނާގެ އަޑުން ފާޅުވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. "އާދައިގެ ކުދިކުދި ކަންތައްތަކާވެސް އޭނާ މަށާ ޒުވާބުކުރާނެ. ހަރު ދަގަނޑުވެސް ވިރޭހާ ބާރު ނަޒަރަކުން މަށާ ދިމާލަށް ބަލާނެ. އަދި އޭނާގެ މުޅި ދިރިއުޅުމުގައިވެސް ހުރި އެންމެ ބޮޑު، އެންމެ ބޮލަށް އުނދަގޫވާ މީހަކީ އަހަރެން ކަމަށް ހަދައިގެން އުޅޭނީ! އެކަމަކު ކޮންމެވެސް ސިހުރަކުން… އޭނާ ރުޅިއައިސްގެން ތުންދަމާލާ ކޮންމެ ފަހަރަކު، މާ ލޯބިވާނެ! ރުޅިއައުމަކީވެސް މިހާ ލޯބި ކަމަކަށް ވެދާނެ ކަމެއް މަށަކަށް ކުރިއަކުން ނޭނގެ! އެއީ ދުނިޔޭގެ އެއްވެސް ހަމައަކަށް ފެތޭ ކަމެއް ނޫން ދޯ…. އަސްލު މަށަކަށް ނޭނގެ ކީއްވެގެންކަމެއް… މަގޭ ހުންނަނީ އެވަގުތު އަންނާނެ އިރެއްގެ އިންތިޒާރުގައި! އެ ހިނދުކޮޅަށް ކެތްމަދުވެފަ… އޭނާ މަށާ ދިމާލަށް އެއްޗެހި ކިޔާނެ ގޮތެއް ހަދަން ވެގެން މަގޭ ހިތަށްއަރާ ގަސްތުގަ މޮޔަ ކަންތައްތައް ކުރަންވެސް…. މޮޔަ މަޖާ ވާހަކަ ދައްކާ، އޭނާގެ ކުރިމައްޗަށް އަރައި ހުންނަން! 'މާހިރު، ޔޫ އާރ އޭން އިޑިއަޓް…' އޭ އޭނާ ބުނާ ކޮންމެ ފަހަރަކު މަގޭ ހިތަށް ލިބެނީ ބަޔާންކުރަން ނޭނގޭ އުފަލެއް!"

ރާމިޔާގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އޭނާ ހުރީ މަޖާވެސްވެފައި، އެހެންމެ ކުޑަކޮށް ހިތްހަމަނުޖެހި ތުންދަމާލައިގެންނެވެ. ރާމިޔާ މާހިރު ދުރުކުރަން އުޅޭކަމާއި، އޭނާއަކީ ފޫހި މީހެއް ފަދައިން އޭނާ އަމަލުކުރާކަން މާހިރަށް އެނގެއެވެ.

"ކަލޭގެ ކަންތައް ތި ނިމުނީ. ކަލޭ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް،" ރަހުމަތްތެރިޔާ ފޫހި ރާގަކަށް ބުންޏެވެ.

"އެއްކޮށް ނިމުނީ! ފަސްދާނުލެވުނީ!" މާހިރު ވަރަށް އުފާވެފައި ހުރެ އެއްބަސްވިއެވެ. "އަދި މަށަށް ނުކިޔާދެވޭ ދޯ އޭނާގެ އިސްތަށިގަނޑުގެ ވާހަކައެއް… އެއްބައި ފަހަރު ވަރަށް ތަރުތީބުންވެސް އޮވެދާނެ، އަނެއްބައި ފަހަރު ގަޑިޖެހިގެން ދުވާއިރު އޮންނާނީ ހޭވިފަ. އެކަމަކު ކޮންމެ ސިފައެއްގައި އޮތަސް ހީވަނީ ހަމަ ޕެރިހުގެ ރަންވޭއެއްގައި ހިނގާފައިދާ ސުޕަމޮޑެލްއެއް ހެން! ކްލާހަށް ދާން އަވަސްއަރުވާލާފައި ހުންނައިރު ވިޔަސް، އިންތިހާއަށް ރުޅިއައިސްފައި ހުންނައިރު ވިޔަސް، ނުވަތަ މަގޭ މަޖާ ވާހަކަތަކަށް ނުހީ ހުންނަން ވެގެން ކޮލުގެ އެތެރެއިން ދަތްއަޅައިގެން ހުންނަ ވަގުތުވެސް އޭނާ ފެންނަނީ ހަމަ ނުހަނު ރީތިކޮށް. އަދި އޭނާގެ އަޑު… އާހް… އެ އަޑަކީ ނަފްސާނީ ގޮތުން އޭނާ އަހަރެންނަށް ދޭ މާ ބޮޑު އަދަބެއް. އޭނާ އުފާވެފައި ހުންނައިރު އެ އަޑު އިވުމުން އެ އިވޭ މިއުޒިކީ ރާގު، އަބަދުމެ އަޑުއަހަން ހުންނަން މަގޭ ހިތް އެދޭ. ރުޅިއައިސްގެން މަށާ ދިމާލަށް ހަޅޭއްލަވާއިރުވެސް ބޭނުންވަނީ އަޑުއަހަން. މަގޭ ކަންތައް މިހާރު މިހިރީ އެވަރަށް ގޮސްފަ. އޭނާ މަށާ ދިމާލަށް ހަޅޭއްލެވުމަށް މަގޭ މިހިރީ ދެވިހިފާފަ!"

"ދެން ތިޔަވަރަށް ދެވިހިފާފައި ހުންނައިރު… ގޮސް އޭނާ ގާތު ބުނަންވީނު؟ ވަރަށް ލޯބިވެޔޭ، ތިމަންނައާ ރައްޓެހިވާށޭ.. ކީއްވެ ތި ވާހަކަތައް އޭނަ ކައިރީގަ ނުކިޔާދީ އަހަރުން ކައިރީގަ ތި އަޅި ބުރުވަނީ… ފިނޑިކަމުންދޯ؟ މާހިރްގެ އޮންނާނީ އަނގައެއް..ދުވަހަކުވެސް އަނގަޔަކުން ދެރައެއް ނުވާނެ.. ނިކަން ގައްޑާވާނެ… އެކަމަކު ކަމެއް ކުރަންވީމަ އެހާ ސޮޑުވެސް ވާނެ" ރަހުމަތްތެރިޔާ ހެމުން ހެމުން އެތަނުގައި ތިބި އެންމެންނަށް ނަޒަރު ހިންގާލަމުން ބުންޏެވެ.

ރާމިޔާ ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. ނޭވާވެސް ކަރުތެރޭގައި ތާށިވި ކަހަލައެވެ. "ނޫން، ތިޔަހެން ނަހަދާ. މާހިރް އަހަރެން ދެކެ ލޯބިވިޔަސް، އަހަރެންނަށް މަރުދިނަސް، އަހަރެން ގާތު ތި ވާހަކަތައް ނުބުނާތި.. އަހަރެންނަށް ނޫނެކޭ ނޫން ޖަވާބެއް ނުދެވޭނެ… އަހަރެން ބެދިފައި މިވާ ކަސްތޮޅުން އަހަރެންނަށް ސަލާމަތްނުވެވެނީސް، މާހިރްގެ ލޯތްބަށްވެސް އަހަރެން ކުރަން ޖެހޭނީ އިންކާރު… ބޭނުން ނުވިޔަސް، ރޮއެފައިވެސް، މާހިރްގެ ހިތް ހަލާކުކޮށްލަން އަހަރެންނަށް މަޖުބޫރުވާނެ… އަހަރެންނަށް އެނގޭހާވެސް އެއްޗަކީ، މާހިރްގެ ލޯތްބަށް އިންކާރު ކުރާނެހާ ހިތްވަރެއް، އަހަރެން ގަޔަކު ނެތްކަން..

"އޭނާ ގާތު ބުނާށޭ؟! ކަލޭ ތިހުރީ ފޮތި ކެހިފަތަ؟؟!" ބިރުން ހުރެ މާހިރް ބުންޏެވެ. "ކަލެއަށް އޭނަޔާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ނޭނގޭތީވެއޭ ތިހެން ތި ބުނަނީ…. މަގޭ މޫނުމަތީގަ ޕަންޗުކޮށްލަންވެސް އޭނާ ފަހެއް ނުޖެހޭނެ.. ނޯ ތެންކްސް.. މަ ބޭނުމެއް ނޫން މަގޭ މޫނު ފިސްފިސްވެގެން ދާކަށް… މަގޭ މޫނު ސަލާމަތުން ބަހައްޓަން ބޭނުން… އަނެއްކޮޅުން، މިހާރު އޭނާ މަދެކެ އެހާ ގަޔާވާހެނެއް ހިއެއްނުވޭ. މަގޭގެ ކިބައިން ސަލާމަތްވާން އޭނާ އުޅޭލެއް ބޮޑުކަމުން ހީވަނީ މަގޭ މިއީ ގައިންގަޔަށް އަރާ ނުރައްކާތެރި ވައިރަހެއް ހެން. މަގޭ އެއް ފިޔަވަޅު ކުރިއަށް އަޅާއިރު، އޭނާ ތިން ފިޔަވަޅު ފަހަތަށް ޖެހެނީ މަގޭ ގައިން ނުރައްކާތެރި ކެމިކަލް ދުމެއް އަރާތީ އުޅޭހެން!"

ރާމިޔާގެ ހިތަށް ކުއްލިއަކަށް ބަރުވެ، ކުށްވެރިކަމުގެ ބޮޑު އިހުސާސެއް މުޅި ނަފްސަށް ވެރިވެގެންދިޔައެވެ. ނުރައްކާތެރި ވައިރަހެއް؟ އޭނާއަށް މާހިރަށް އިހުސާސްކޮށްދެވުނީ އެފަދަ ގޮތަކަށް ހެއްޔެވެ؟ އެވަގުތު މާހިރްގެ ކުރިމައްޗަށް އަރައި، މާހިރު ލައިގެން ހުރު އަތްކުރު ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަނެ، "ތީ ވައިރަހެއް ނޫން! ތީ މަގޭ ދިރިއުޅުމުގައި ހުރި ހަމައެކަނި އުންމީދޭ" ބުނެ ބާރަށް ހަޅޭއްލަވައިގަންނަން ރާމިޔާ ބޭނުންވިއެވެ. އެކަމަކު އޭނާއަށް ހުރި ފިޔަވަޅުމަތިން ގުޑާލަންވެސް ނުކެރުނެވެ. ބިރުން ގޮސް އޭނާގެ އަތުގެ އިނގިލިތައް ހުރީ ބާރަށް ބޮނޑިކޮށްލެވިފައެވެ.

"ދެން އެހެންޏާ ތި ދައްކާ ވާހަކަތަކުގެ އެއްވެސް މާނައެއް ނެތެއްނު… ތި ދައްކަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއްނު.. ތަދަކާ ހުރެ ބިރެއް ނުފިލާނެ…" ވާނުވާ ނޭނގި ހައިރާންވެފައި ހުރެ ރަހުމަތްތެރިޔާ ބުންޏެވެ.

"އޭނާ މަދެކެ އިންތިހާއަށް ރުޅިއައިސްފައި ހުންނައިރުވެސް، މަށާ ވާހަކަދައްކާނެ! އިސްއުފުލާ ބަލައިލާނެ.. އެއްކޮށް އަޅާނުލައި ދޫކޮށެއް ނުލާނެ! މަށަކީ ރޫހެއް ކަމަށް ހަދައި، ފެންނަކަމަށްވެސް ނުހަދައި ހުރެވެން އޮތްއިރުވެސް، އޭނާ އިޚްތިޔާރު އެކުރަނީ މަށާ ދިމާލަށް ހަޅޭއްލަވަން. މަގޭ ދުވަސް އުޖާލާކޮށްލަން މިހާރު އެވަރު ހަމަ ފުދޭ! އަދި މާ އަވަސް ކަންނޭނގެ އަހަރެން އޭނައާ މެދު ފީލް ވާ ގޮތް ބަޔާންކޮށްދޭން.. ޕްލަސް، ވީ އަރެންޓް ކްލޯސް އެހާ… ހަމައެކަނި ކޮލެޖުން ފެންނަކަން… ކޮލެޖުން ދިއުމަށްފަހު ނޭނގެ އޭނަ ކުރަނީ ކީއްކަމެއްވެސް.. އުޅެނީ ކާކާ އެކީ ކަމެއްވެސް.. އޭނަގެ ލައިފާ ބެހޭގޮތުން މަށަކަށް އަސްލު ނޭނގެ އެކައްޗެއްވެސް… ވަރަށް ބޭނުން އެނގެން… އޭނަގެ ޙަޔާތާ ބެހޭ ހުރިހާ ތަފްސީލެއް.. އެކަމް ފޯ ނަވް، އެވްރީތިން ލުކްސް ވަރަށް ހޯޕްލެސް…" މާހިރުގެ އަޑު ކުއްލިއަކަށް މަޑުމޮޅިވެ، އޯގާތެރިކަމުން ފުރިގެންދިޔައެވެ.

"އަސްލު އޭނާ ކިބައިގަ ހުންނަނީ ހާދަ ދެވިހިފާ ސިފަތަކެކޭ.. އެ ސޫރަ މަގޭ ހިތުން އެންމެ ސިކުންތަކަށްވެސް ފިލައިގެން ނުދޭ.. ކައިރީގަ ނެތަސްވެސް އަބަދުވެސް ކައިރިން ގޮވާލާހެން ހީވޭ… އޭނާގެ ހާޒިރުކަން މެހެސޫސްކުރެވޭ… އެކަމަކުވެސް، ކޮންމެ ދުވަހަކު ހޭލައިގެން މަގޭ އަމިއްލަ ނަފްސަށް ވިސްނައި ދެވޭތޯ މަސައްކަތްކުރަން، 'މާހިރޫއޭ، މިއަދުން ފެށިގެން އޭނާގެ މަތިން ހަނދާންނައްތާލާށޭ. ލިބެން ނެތް އުފަލެއްގެ އުންމީދުގައި ހިޔާލުނުކޮށް، ވަގުތު ބޭކާރުނުކޮށް، ކިޔެވުމަށް ފޯކަސް ކުރާށޭ…' އެކަމަކު ކޮންމެ ދުވަހަކުވެސް ފަސް މިނެޓުވެސް ނުވަނީސް މަގޭ މަގުސަދުގަ މަށަށް ކާމިޔާބު ވެވޭ ގޮތެއް ނުވޭ.. އަބަދުވެސް މި ބަލިވަނީ! އޭނާގެ މަތިން ހަނދާންނައްތާލަން މަސައްކަތްކުރާ ވަރަކަށް، މަގޭ މުޅި ސިކުންޑި އެކަމަށް ދެވިހިފާ. ލޯބި މީވެސް އަސްތާ އަޖައިބެއްތާ ދޯ….! އޭނާގެ އެ ތޫނު ދެލޮލާއި، ސްޓްރޯބެރީއެއް ފަދަ ތުންފަތުގެ ޗާލު ހިނިތުންވުމާއި، ގޮތްދޫނުކުރާ ގޮތްގަނޑާއި، ރުޅިއައިސްފައި ހުންނައިރުވެސް އެ ފެންނަ މައުސޫމްކަން… އޭނާގެ ހުރިހާ ކަމެއް މަގޭ ސިކުންޑީގައި މިދަނީ ހަލާކުވެފައިވާ ރެކޯޑް ކެސެޓެއްހެން ތަކުރާރުވަމުން! އޭނާގެ ކިބައިގައި ހުންނަނީ ކޮން ކަހަލަ ސިހުރެއްކަމެއް މަށަކަށް ނޭނގެ، އެކަމަކު އޭނާ މަގޭ މުޅި ދިރިއުޅުން ނުހަނު ރީތިކޮށް ހަލާކުކޮށްލައިފި!"

ރާމިޔާގެ ހިތް ފުރިގެން އައިސް، ހިތަށް ތަދުވާ ފަދަ ބޮޑު އަސަރެއް ކުރިއެވެ. އޭނާގެ ކޮލުން ތިރިއަށް ފޭބި ކަރުނަތިއްކެއް، ރުޅިއައިސްފައި ހުރެ އަވަސްއަވަހަށް ފުހެލިއެވެ. މާހިރު އެ ބޭނުންކުރި ސިފަކުރުންތަކަކީ ނުހަނު އާދައިގެ، އެކަމަކު ހިތްގައިމު ޅެންވެރި ބަސްތަކެކެވެ. ރާމިޔާ އެކަމާ ނުހަނު ގަޔާވިއެވެ. މާހިރަށްޓަކައި ރާމިޔާގެ ހިތުގައިވެސް ޖަޒުބާތުތަކެއް އުފެދެން ފަށައިފިއެވެ. އެ ޚިޔާލު ހިތަށް ވަނީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. އޭނާ މާހިރުދެކެ އިންތިހާއަށް ގަޔާވެއްޖެއެވެ. އަދި އޭގެ މާނައަކީ، މާހިރު އޭނާގެ ހަޔާތާ ދުރުގައި ބެހެއްޓުމަށްޓަކައި ކުރިއަށްވުރެ ދެގުނަ ބޮޑަށް ހަރުކަށިވާންޖެހޭނެ ކަމެވެ. އެ ޚިޔާލު އައުމާއެކު ރާމިޔާގެ ހިތް ފިސްފިސްވެގެން ދިޔަ ފަދައެވެ.

"އޯކޭ އޯކޭ… މަ ދުވަހަކުވެސް ނުދެކެން ލޯބީގަ ތިހާ ދީވާނާވެފަ ހުރި މީހެއް…" ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރަހުމަތްތެރިޔާ ބުންޏެވެ. "ދެން… އަހަރުންނަށްވެސް ދައްކާލަބަލަ ފަހަރިގެ ފޮޓޮއެއް.."

ރާމިޔާ ނޭވާހިފަހައްޓާލިއެވެ. މުޅި ފެންޑާ ތެރެއަށް ކުއްލިއަކަށް ހިމޭންކަން ވެރިވި ކަހަލައެވެ.

"އޭނ؟ ކީކޭ ތިޔަބުނީ؟" މާހިރު އަޅައިގަންނަމުން ބުންޏެވެ.

"ތިބުނާ އަންހެން ކުއްޖާގެ ފޮޓޯ މާހިރޫ… ޔޯރ ޑްރީމް ގާލްގެ ފޮޓޯ… ވޭތުވެދިޔަ ދިހަ މިނެޓު ވަންދެން، ތައުރީފުގެ ބަސްތައް އޮއްސަމުންދިޔަ އަންހެންކުއްޖާގެ ފޮޓޯ ދައްކަބަލާށޭ މި ބުނީ… އޭރުން ދޯ އަހަރުންނަށްވެސް އެހީއެއް ވެވޭނީ…"

"އާހ…. ވެއިޓް ވެއިޓް…"

ރާމިޔާ ފެނުމާއެކު މާހިރުގެ އަޑު ކުއްލިއަކަށް އަރުތެރޭގައި ތާށިވެ، ހާސްކަމުގެ ކުލަވަރު އެ މޫނުމަތިން ފާޅުވާން ފެށިއެވެ. "އޭން ކީކޭ.. ކޮން އަންހެން ކުއްޖެކޭ… ކާކުގެ ފޮޓޮއެއް؟ އަހަރެން އެއްވެސް އަންހެންކުއްޖެއްގެ ވާހަކައެއް ނުދައްކަމެއްނު…!"

ރާމިޔާއަށް ހައިރާންކަމާއެކު އެސްފިޔަޖަހާލަންވެސް ހަނދާންނެތުނު ކަހަލައެވެ. ކަރުނުން ފުރިފައިވާ އޭނާގެ ރުޅިވެރި މޫނުމަތިން މިހާރު ފާޅުވަނީ މުޅިން އޮޅުންބޮޅުންވުމުގެ ކުލަވަރެވެ.

"ކަލޭމެން ބޭނުން އެއްޗެއް ގަބޫލުކުރޭ! އަހަރެން ފަރުވާލެއް ނެތް! އަހަރެން މިދަނީ!" މާހިރުގެ އަޑު ތުރުތުރުއަޅަން ފެށިއެވެ. އޭނާގެ ފިޔަވަޅުތަކުގެ އަޑުން، ވަރަށް ބޮޑަށް ހާސްވެގެން އެކުވެރިންނާ ދުރަށް ފަހަތަށް ޖެހެމުންދާކަން އެނގެއެވެ. "އަހަންނަށް އެނގޭހާވެސް އެއްޗަކީ، ހަމަ މި ކޮލެޖުގެ ކޮންމެވެސް ތަނެއްގައި، ވަރަށް ހާއްސަ، ވަރަށް ބޮލަށް އުނދަގޫ، ވަރަށް ގޮތްދޫނުކުރާ އަންހެން ކުއްޖަކު އެބައުޅޭކަން. އޭނާ އަހަރެންގެ ސިކުނޑިން ބޭރުވާކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވޭ. އާދޭ ކުލާހަށް ދާން…ބްރޭކް ގަޑިވެސް މި ނިމުނީ…!"

އަމިއްލައަށް ލަދުގަންނަން ޖެހުނު އެ މާހައުލުން ސަލާމަތްވާން މާހިރު ދުވެފައި ކަހަލަ ގޮތަކަށް ކޮރިޑޯއިން ދިޔައިރު، އޭނާގެ އެކުވެރިން މަލާމާތްކޮށް ހޭ އަޑު މަޑުވަމުން ދިޔައެވެ. އޭނާ ދުވަމުން ދިޔައިރު ބޫޓުގެ އަޑު ތަޅުންގަނޑުމަތީގައި ގަދައަށް ހުއްޓެވެ.

ތަނބުގެ ފުރަގަހުގައި ހުރި ރާމިޔާ، ވަރަށް ގިނައިރު ވަންދެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. އޭނާގެ އަތް އަދިވެސް ތުރުތުރުއަޅައެވެ. އޭނާ މަޑުމަޑުން ނިވާވެގެން ހުރި ތަނުން ނުކުމެ، މާހިރު ދެންމެ ހުރި ލޮކަރުތަކާ ދިމާލަށް ބަލައިލިއެވެ.

އެތަނުން ހިނގާފައި ދިޔަ ފްރެޝްމަނުންގެ ގްރޫޕެއް ފެނުމާއެކު، ރާމިޔާގެ މޫނުމަތިން ވަގުތުން ރުޅިވެރިކަމާއި ނުރުހުންތެރިކަން ފެންނަން ފެށިއެވެ. ނަމަވެސް އޭނާގެ ހިތުގެ އެތެރޭގައި އާދަޔާ ހިލާފު، ބިރުވެރި އެހެނަސް ހިތްގައިމު އުފާވެރިކަމެއް އުފެދުނެވެ. އޭނާ އަދިވެސް ހުރީ ބިރުންނެވެ. ގޭންގު މީހުންގެ ނުރައްކާ އަދިވެސް އެބައޮތެވެ، ދަރަނިތަކުގެ ބުރަ އަދިވެސް ބޮޑެވެ، އަދި އޭނާގެ ދިރިއުޅުން އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އެކަމަކު ދަބަހުގެ ވާގަނޑު ރަނގަޅުކޮށްލަމުން ދެން އޮތް ކްލާހަށް ދާން ހިނގައިގަތްއިރު، އޭނާގެ ހިތުގައި އުއްމީދުގެ ކުޑަ ކުޑަ ކުލަވަރެއް ޖެހުނެވެ.

"މާހިރް… ޕްލީސް އަހަރެން ހިތުގަ ޖެހޭފަދަ ކަމެއް ނުކުރައްޗޭ…" ހަރުކަށި އަޒުމަކާއި ސިއްރުވެރި ލޯތްބެއް އެކުލެވިފައިވާ ގޮތަކަށް ރާމިޔާގެ ލޮލުން ވިދާލިއެވެ. "އަހަރެން މި ހުރިހާ ކަމެއް ހަމައަކަށް އަޅުވާ… އެ ނުލަފާ މީހުން އަހަރެންގެ ދިރިއުޅުމުން ބޭރުކޮށްލުމަށްފަހު… އަހަރެންގެ މި ހިތުން ތި ނޫން އިތުރު އެއްވެސް މީހަކަށް ޖާގައެއް ނުދޭނަން… އަހަރެންގެ މި މުޅި ހިތް މާހިރްއަށް ވެދުން ކުރާނަން… މީ އަހަރެން މާހިރްއަށް ވާ ވައުދެއް…"

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ