ވާހަކަ: ކަލާޔަށްޓަކާ ހަމަހިމޭންވީ…އެޕިސޯޑް 185އިން 190އަށް

(ބުރާސްފަތި ދުވަހުގެ ބައިތަކާއި ގުޅޭ… ބުރާސްފަތި ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ..)

****

ގޭތެރެއަށް އާދަޔާޚިލާފު ހިމޭންކަމެއް ވެރިވެފައި އޮތުމުގެ ސަބަބުން، ހުސް ފާރުތަކުގެ މެދުގައި ގަޑީގެ ހިނގުން އިވެމުންދިޔައީ އާދަޔާޚިލާފަށް ބާރަށެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ވަންނަމުންދިޔަ މެންދުރުފަހުގެ ވައި ވަނީ ހޫނުވެފައެވެ. މެހެކް އެނދުމަތީގައި އޮތްއިރު، އޭނާގެ މުޅި ހަށިގަނޑުގައި އުފެދިފައިވާ ރިހުމަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. މެންދުރުފަހުގެ އަލީގެ ތެރޭގައި އޭނާގެ ހަންގަނޑު ވަނީ ދޮންވެ ފަނޑުވެފައެވެ. އަދި ކުއްލިއަކަށް އައި ބާރުގަދަ ކަރުހިއްކުމެއްގެ ސަބަބުން އޭނާގެ ތުންފަތަށް ދިއައީ ހިކި، އަނދަމުންދާ ފަދަ އިހުސާސެއް ކުރެވެމުންނެވެ.

މެހެކް މަޑުމަޑުން ބޯ އަނބުރާލުމަށްފަހު، މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ރާމިޔާގެ އެނދު އޮތީ ހުސްކޮށެވެ. ރާމިޔާ ކޮލެޖައް ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. ކޮޓަރި ތެރޭގައި މެހެކް އިނީ މުޅިން އެކަނިވެފައެވެ. އެ ހުސް ކޮޓަރިން އޭނާއަށް އިހުސާސްވަމުންދިޔައީ ފުން ފަޅުކަމެކެވެ.

"ހާދަ ބޮޑަކަށޭ މި ކަރުހިއްކަނީ…" މެހެކްގެ ހިތަށްއެރިއެވެ. އޭނާގެ ޚިޔާލުތައް ބަލިކަށި، އާދޭހުގެ ކުދިކިޔުމަކަށް ބަދަލުވެގެންދިޔައެވެ. އަހަރެންގެ ސިކުނޑި މާ ބޮޑަށް ބަރުވެއްޖެއެވެ. ހީވަނީ އެ މިނިކާ ސިހުރުވެރިންގެ އަނދިރި ހިޔަނިތައް އަދިވެސް އަހަރެން ތިރިއަށް ދަމަމުންދާ ހެންނެވެ. ބިރުވެރިކަމުގެ ރަހަ ފޮހެލުމަށްޓަކައި އަހަންނަށް އެންމެ ފެންފޮދެއް ނަމަވެސް އެބަ ބޭނުންވެއެވެ. މި ގޭގެ ހިމޭންކަން މިހާ ބާރަށް މި އިވެނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް މިއީ އަހަރެން އުޅެންޖެހޭ ދުނިޔެއެއް ނޫން ދުނިޔެއެއްގައި ދައުރުވާ ރޫހެއް ފަދައިން އިހުސާސް މި ކުރެވެނީ ކީއްވެ ހެއްޔެވެ؟"

ލަސްލަހުން ހިތްވަރާއެކު، މެހެކް އޭނާގެ ހަށިގަނޑުގެ ބަރުދަން އެނދުގެ އަރިމައްޗަށް ބަދަލުކުރަން ފެށިއެވެ. ކޮންމެ ހަރަކާތަކީވެސް އަމިއްލަ ޖިސްމާނީ ބަލިކަށިކަމާ ދެކޮޅަށް ކުރެވުނު ބޮޑު ހަނގުރާމައެކެވެ. އޭނާ އެނދުގެ އަރިމަތިން ފައި ތިރިކޮށްލުމާއެކު، އޭނާގެ ހުސްފައި ބީހުނީ ފިނި، ލަކުޑި ތަޅުންގަނޑުގައެވެ. މެހެކް ކޮޅަށް ތެދުވިއެވެ. އޭނާގެ ބަރުދަން ނުއުފުލިގެން އޭނާގެ ކަކޫ އިންތިހާއަށް ރޫރޫއަޅަން ފެށިއެވެ. އެއާއެކު އައި ކުއްލި އެނބުރުން ފިލައިދަންދެން، އޭނާއަށް މަޖުބޫރުވީ އެނދުގެ ފަޑީގައި ބާރަށް ހިފަހައްޓައިގެން ހުންނާށެވެ. ލަސްލަހުން، ކޮންމެ ފިޔަވަޅަކާއެކު، އޭނާ ކޮޓަރީގެ ދޮރާ ދިމާއަށް އަމިއްލަ ހަށިގަނޑު ދަމަމުން ގެންދިޔައެވެ. އޭނާގެ ރޫރޫއަޅަމުންދިޔަ އިނގިލިތައް ދިއްކޮށްލީ ދޮރުގެ ރަންކުލައިގެ ތަޅަށެވެ. އޭނާ މަޑުމަޑުން ތަޅު އަނބުރާލުމާއެކު، އެ ހިމޭން ގޭގެ ތެރޭގައި ތަޅުގެ މަޑު އަޑު އިވުނީ އާދަޔާޚިލާފަށް ބާރަށެވެ. އޭނާ ދޮރު ކޮއްޕާލައި ހުޅުވައިލިއެވެ.

އޭނާ ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމާއެކު، އޭނާގެ ނަޒަރު ސީދާވީ ލިވިންގ ރޫމާ ދިމާއަށެވެ. އެތަނުގައި، ދޮރުފޮތިތަކުގެ ތެރެއިން ފުރޭނިގެން އަންނަ މެންދުރުފަހުގެ މަޑު އަލީގެ ތެރޭގައި އިނީ ފަސީހެވެ.

އޭނާ އޮތީ ސޯފާގެ ބާލީސްތަކުގައި އުނދަގޫ ގޮތަކަށް ލެނގިލައިގެން، އެތަނުގައި ނިދިފައެވެ. އޭނާގެ ބޯ އަރިމައްޗަށް ލެނގިފައި އޮތްއިރު، އޭނާގެ ކަޅު އިސްތަށިގަނޑު އޮތީ ނިތްކުރިމައްޗަށް ފޭދިފައެވެ. އަދި އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައީ ކަށިތަކަށްވެސް ވެރިވެފައިވީ ފުން، ވަރުބަލިކަމެކެވެ. އެ ދެލޮލުން، ފަސީހު މެހެކް ހޯދުމަށް ނިދިނެތް އެތައް ގަޑިއިރެއް ހޭދަކުރިކަން ދަލީލުކޮށްދެމުން ދިޔައެވެ.

މެހެކް ހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނުކުރެވި ހުއްޓުނެވެ. އޭނާ ފަސީހަށް ބަލަހައްޓައިގެން ހުއްޓާ ކަރުތެރޭގައި ނޭވާ ތާށިވިއެވެ. އޭނާގެ މޭގެ ތެރޭގައި ކުއްލިއަކަށް އުފެދުނު ހަހަރުވެތި ހޫނުކަމެއްގެ ސަބަބުން، ހަށިގަނޑުގެ ޖިސްމާނީ ވޭންތަކަށް ލުޔެއް ލިބުނެވެ. ފަސީހު ހޭލަފާނެތީ، ފިޔަވަޅުތަކުގެ އަޑު ވީހާވެސް މަޑުކުރަމުން މެހެކް ސޯފާއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ނަޒަރު މުޅިންވެސް ހުއްޓިފައިވަނީ ފަސީހުގެ ނިދާފައިވީ މޫނަށެވެ. ކުއްލިއަކަށް މެހެކް އައިކަން އިހުސާސްވެ، ފަސީހަށް ނިދިން ހޭލެވުނެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް އަމާޒުވީ މެހެކްގެ ދެ ލޮލަށެވެ. އެ ޖާދުވީ ނަޒަރުގެ ތެރެއަށް ގެއްލި ދެމީހުންގެ ކަޅި ދެމީހުން ދެމީހުންގެ ކަޅިއާއި ސީދާވިއެވެ.

އެތައް އިރެއް ވަންދެން، ދެމީހުން ކުރެ އެކަކުވެސް ގުޑައެއް ނުލިއެވެ. އެމީހުންގެ ދެލޯ ސީދާވީ ފުން، އަދި ބާރުގަދަ ނަޒަރަކުންނެވެ. މެހެކްގެ ދެލޯ ހައިރާންކަމުން ބޮޑުވެފައިވާއިރު، ފަސީހުގެ ކަޅު ދެލޮލުން ނިދީގެ އަސަރުތައް ވަގުތުން ފިލައި، އޯގާތެރި އަދި ރައްކާތެރިކަމުގެ އަލިން ފުރިގެންދިޔައެވެ. އެއާއެކު މެހެކްގެ ހިތުގެ ތެޅުން ހުއްޓުނުހެން ހީވިއެވެ.

"ފަސީ…" މެހެކް މަޑުމަޑުން، އަދި ކުރެހިފައިވީ އަޑަކުން ބުންޏެވެ. "ކީއްވެ… ކީއްވެ ނިދަން ކޮޓަރިއަށް ނުގޮސް މިތާ ނިދާފަ ތިއޮތީ؟"

ފަސީހު މެހެކްގެ ދެލޮލަށް ގެއްލިފައި ހުރި ވަރުން، މެހެކް ބުނީ ކީކޭކަމެއްވެސް އޭނާއަކަށް ފަހުމެއް ނުވިއެވެ. އޭނާގެ ދެލޯ މެހެކްގެ ދޮންވެފައިވީ މޫނުގެ ބައްޓަމަށް ހުއްޓިފައި ހުރީ، މެހެކްގެ މޫނުގައި އެއްވެސް ވޭނެއްގެ އަސަރެއް ހުރިތޯ ބެލުމަށެވެ. ފަސީހު އޭނާގެ ވަރުބަލިވެފައިވީ އަތް އިސްތަށިގަނޑުގެ ތެރެއަށް ހިންގާލުމަށްފަހު، ފުން އަދި ޔަގީންކަންދޭ އަޑަކުން ބުންޏެވެ. "އަސްލު، އަސްލު ގޮތަކަށް ބުނަންޏާ، މެހެކްގެ ސެކިއުރިޓީ ގާޑަކަށް ވެގެން އިންނަން ވެގެން މިތަނުގަ މީނީ… އައި ނިވް ކޮޓަރިއަށް ގޮސް އެނދުގަ އޮށޯވެއްޖީޔާ މާ ގަދަޔަށްކަން ނިދޭނީ… އެހެންވެ މެހެކް ކަމަކަށް ބޭނުންވެސް ވެދާނެތީ.. މެހެކް ގޮވާލިޔަސް އަޑު އިވޭނެ ހިސާބުގަ ހުންނަން ވެގެން އަސްލު މިތާ މަޑު ކުރީ…. ނިދިއައި ކިތިންމެ ވަރަކަށްވެސް.. އެކަމަކު ނުނިދާ އިނދެވޭތޯ ވަރަށް ޓްރައި ކުރިން…. ބަޓް.. އެނީވޭސް… އަހަރެން ބޭނުންވީ މެހެކް ލޯ ހުޅުވާލާ ވަގުތު ރައްކާތެރިކަން އިހުސާސްކޮށްދޭން… މިގެއަކީ މެހެކްއަށް ރައްކާތެރި ތަނެއްކަން ޔަޤީންކޮށްދޭން… ސޯ ދެޓް ޔޫ ފީލް ސޭފް އެންޑް ޕްރޮޓެކްޓެޑް…"

މެހެކްގެ ދެލޯ ކުޑަކޮށް ބޮޑުވެގެންދިޔައެވެ. އަދި އޭނާގެ އިނގިލިތަކުން ހެދުމުގައި ބާރަށް ހިފަހައްޓާލެވުނެވެ. "އއެއްކަމަކު… ކީއްވެ އަހަންނަށްޓަކާ ތިހާ ބޮޑު އުނދަގުލެއް ތި އުފުލީ؟ ފަސީ ތިހެން ހަދަންޏާ އައި ވިލް ފީލް ބޭޑް… އަހަރެންނަށް ވަރަށް އުނދަގޫ އެބަ ކުރެވޭ ދޯ ފަސީ މެންނަށް… އޭމް ސޯ ސޮރީ… މިހާރު ފަސީ މެން ހީކުރާނެ ދޯ އަހަރެންނާ ހެދިވެސް ހާދަ ބޮޑު މުސީބާތެކޭ… ޕްލަސް ގަފޫރުބެވެސް…. ޕްރޮބަބްލީ ރާމިޔާވެސް… ރާމިޔާއަށްވެސް ކިހާ އުނދަގޫވާނެ.. އެ ރޫމުގަ ހުންނަން ޖެހޭތީ އައި ފީލް ލައިކް ރާމިޔާގެ ޕްރައިވެސީ ވަރަށް ބޮޑަށް އިންވޭޑް ކުރެވެޔޭ އެބަ…" މެހެކް ދެރަވެލާފައި އިސްޖަހައިލަމުން ބުންޏެވެ.

"މެހޭކް…. އަނެއްކާ ފެށުނީ ދޯ… ތިއޭ އެއްކަލަ… މެހެކް މިގޭގަ ހުންނާތީ ކާކު އުޅެނީ އުނދަގޫވެގެން… ކީއްވެ އަމިއްލައަށް ތިކަހަލަ އެއްޗެހި ބޮލަށް ތިޔަ ވައްދަނީ… އަހަރެމެން މީ މެހެކް ތި ހީކުރާކަހަލަ އަބުއި ބައެއް ނޫނޭ… މެހެކް ހުރީމަ އެންމެންވެސް ވަނީ އުފާ… ޕްލަސް ރާމިޔާ ސީސް ޔޫ އޭސް އަ ބިގް ސިސްޓަރ… ޔޫ ނޯ ރާމިޔާ ކުޑައިރުންސުރެވެސް އަބަދުވެސް ކިޔާނެ ކިހާ ރަނގަޅުވީސް ހެއްޔޭ ދައްތައެއް ހުރިނަމަ… މިހާރު އައި ފީލް ލައިކް އޭނަގެ އެ ޑްރީމް ފުލްފިލް ވެއްޖެޔޭ އަސްލު…. ޕްލަސް ފޯ މީ… ފޯ މީ… ޔޫ އަރ ވެރީ ސްޕެޝަލް… އެންޑް ވެރީ އިމްޕޯޓެންޓް…." ފަސީހު މަޑުމަޑުން ކިޔައިދިނެވެ. އޭނާގެ ނަޒަރު މެހެކްގެ މޫނުން ކުޑަކޮށްވެސް ކަސިޔާރެއް ނުވެއެވެ. "ދެން ފަހަރަކުން ތިވާހަކަ ނުދައްކައްޗޭ… ފުލް ސްޓޮޕް… މެހެކްއަށް ނޭނގުނަސް، އަހަރެންނަށް ވަރަށް ވިސްނޭ މެހެކްގެ ކަންކަމާ… މެހެކްއަށް ކުޑަވެސް އުނދަގުލެއް ވާކަށް ބޭނުމެއްނޫން… އެއްވެސް ބިރެއް އިހުސާސްކުރެވޭކަށްވެސް ބޭނުމެއްނޫން… އަހަރެން ބޭނުންވަނީ، މެހެކްގެ ހިމާޔަތްތެރިއަކަށް ވާން… ހުރިހާ ބޭޑް ފޯރސެސްއަކުން މެހެކް ސަލާމަތްކޮށްދޭން… ޕްލަސް، މެހެކް އެކަނިވެރިކަން އިހުސާސްކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން…އެންމެ ސިކުންތަކަށްވެސް…"

ފަސީހުގެ ބަސްތަކުގައިވީ ފުން އަޅާލުމާއި ގާތްކަމުގެ ސަބަބުން މެހެކްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާގެ މޭގެ ތެރޭގައި އުފެދުނު ބާރުގަދަ ހޫނުކަމެއްގެ ސަބަބުން، ކަރުނަތައް ލޮލުގައި ތާށިވިއެވެ. އެތައް އަހަރެއް ވަންދެން، އޭނާ ދިރިއުޅެމުންދިޔައީ އެކަހެރިކަމުގެ ހިޔަނިތަކުގެ ތެރޭގައެވެ. އޭނާ އަބަދުވެސް ގަބޫލުކުރަމުންދިޔައީ އޭނާގެ ދިރިއުޅުމަކީ މި ދުނިޔެއަށް އޮތް ބުރައެއްގެ ގޮތުގައެވެ. އެއްވެސް މީހަކު މީގެ ކުރިން އޭނާއަށް މިފަދަ ގޮތަކަށް ފާރަވެރިވެފައެއް ނުވެއެވެ. އަދި އޭނާއާއި އަނދިރިކަމާ ދެމެދު އައްޑަނައެއް ފަދައިން ކޮޅަށް ހުރުމަށްޓަކައި، އަމިއްލަ އަރާމާއި ނިދި ގުރުބާންކުރި އެއްވެސް މީހަކު ނެތެވެ.

އޭނާގެ ހިތް މޭގެ ތެރޭގައި ބާރަށް ތެޅެމުންދިޔައިރު، އެއްވެސް ބަހެއް ބުނަން ނޭނގިފައި، ފަސީހާ ދިމާއަށް ބަލަހައްޓައިގެން އޭނާ ކޮޅަށް ހުއްޓެވެ.

މެހެކްގެ ހިމޭންކަން ފަސީހަށް ފާހަގަކުރެވުމާއެކު، ކަންބޮޑުވެފައިވީ ފަދައަކުން އޭނާގެ ބުމަ ގާތްކޮށްލިއެވެ. ފަސީހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭނާގެ ދިގު ހަށިގަނޑު މެހެކްގެ ކުރިމަތީގައި އުސްކޮށް ފެންނަން ހުރިއިރުވެސް، އޭނާގެ ހަރަކާތްތަކުގައިވީ މަޑުމައިތިރިކަމެވެ. "މެހެކް؟ އަސްލު ކިހިނެއްވީ؟ ކީއްވެ ކޮޓަރިން ބޭރަށް ތި ނިކުތީ؟ މާ ބޮޑަށް ރިހެނީތަ؟"

މެހެކް ބުނާނެ އެއްޗެއް ބަލައި، ވާހަކަދެއްކޭތޯ ކަރުތެރެއިން ކޮޅަށް ހިތްވަރުލިއެވެ. "އަހަރެން… އަހަރެން މާ ބޮޑަށް ކަރުހިއްކާތީ… އައި ޖަސްޓް ނީޑެޑް ސަމް ވޯޓަރ…" މެހެކް ޖެހިލުންވެފައިހުރެ މަޑުމަޑުން ބުންޏެވެ. "ކޮޓަރި ތެރޭގަ ހުރި ޖަގުގަ ހުރީ ފެން ހުސްވެފަ.."

ވަގުތުން ފަސީހުގެ މޫނުމަތިން ދެރަވުމާއި އަމިއްލަ ނަފުސަށް ކުށްވެރިކުރުމުގެ އަސަރު ފާޅުވިއެވެ. އޭނާ މަޑު ނޭވާއެއް ދޫކޮށްލަމުން، ނިތްކުރީގެ ދެފަރާތުގައި އަތް ހާކައިލިއެވެ. "އަހަންނަށް މާފުކުރޭ މެހެކް. އެހާ ސިމްޕަލް ކަމެއް އަހަރެން ހަނދާންނެތުނީމަ އޭމް ސޮރީ… އައި ޝުޑް ހޭވް ޗެކްޑް އިޓް ބިފޯރ…"

ފަސީހު އަވަސްއަވަހަށް ބަދިގެޔާއި ދިމާއަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތައް ހުރީ އަވަސް އަދި ސާބިތުކަމާއެކުގައެވެ. ދެތިން ސިކުންތުވެސް ނުވަނީވެސް، އޭނާ އެނބުރި އައީ ތާޒާ ފެންފުޅިއަކާއި ސާފު ތައްޓަކާ އެކުގައެވެ. އޭނާ މެހެކްގެ ގާތަށް ކައިރިވިއެވެ. އޭނާގެ އަތުން މެހެކްގެ އުޅަނބޮށީގައި މަޑުމަޑުން ހިފަހައްޓައިލިއެވެ. އެ ބަލިކަށި ހަށިގަނޑަށް އެއްވެސް އުނދަގުލެއްނެތް، ރައްކާތެރި ބާރެއް ދެމުން، އޭނާ މެހެކް ގޮވައިގެން އެނބުރި ކޮޓަރިއަށް ވަނެވެ.

މެހެކް އެނދުގެ އަރިމަތީގައި އިށީނދެ، ބާލީސްތަކަށް ލެނގިލަމުން ހިތްހަމަޖެހުމުގެ މަޑު ނޭވާއެއް ދޫކޮށްލިއެވެ. ފަސީހު އެނދު ކައިރީގައި ހުރި ލަކުޑި ގޮނޑި ދަމާލުމަށްފަހު، އެނދުގެ އަރިމަތީގައި އިށީނދެލިއެވެ. އޭނާ ތައްޓަށް ފެން އަޅަން ފެށިއެވެ. ފެން އެޅޭ މަޑު އަޑުން ކޮޓަރީގެ ތެރޭގައިވީ ހިމޭން ގާތްކަން އިތުރަށް ފާޅުވެގެންދިޔައެވެ. އޭނާ އަތްދިއްކޮށްލުމަށްފަހު، ފެން ތަށި މެހެކާ ދިމާއަށް ދިއްކޮށްލިއެވެ.

މެހެކް ރޫރޫއަޅަމުންދިޔަ އަތަކުން އެ ތައްޓަށް ބަލައި އަތްދިއްކޮށްލިއެވެ. އޭނާގެ އިނގިލިތައް ފަސީހުގެ އިނގިލިތަކުގައި ބީހުމާއެކު، ދެމީހުންގެ އަތް މުޅިން ޖެހުނެވެ.

އެއާއެކު ދެމީހުންގެ ހަންގަނޑުގެ ތެރެއިން ކަރަންޓު ރާޅެއް ފަދަ ހޫނުކަމެއް ދަތުރުކޮށްލިއެވެ. ކުއްލިއަކަށް އުފެދުނު އެ ބާރުގަދަ ގުޅުމުގެ ސަބަބުން ކޮޓަރީގެ ވައިވެސް ހުއްޓުނުހެން ހީވިއެވެ. ފަސީހުގެ ހޫނު އަތްތިލައިގެ އިހުސާސް ކުރެވުމާއެކު، މެހެކްގެ އިނގިލިތައް ތަށީގެ ވަށައިގެން ހަރުވިއެވެ. އަދި އޭނާގެ ނޭވާ ތާށިވިއެވެ. ފަސީހުވެސް އޭނާގެ އަތް ވަގުތުން ދުރަކަށް ނުލިއެވެ. އޭނާގެ އިނގިލިތައް މެހެކްގެ އިނގިލިތަކުގައި އިތުރު ހިތުގެ ތެޅުމެއްގެ ވަގުތަށް ހަރުލާފައި ހުއްޓެވެ. އޭނާގެ ކަޅު ދެލޯ މެހެކްގެ ދެލޮލަށް ހުއްޓުނީ ކުއްލި ބާރަކާއެކުގައެވެ. އެއާއެކު މެހެކްގެ މުޅި ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއީ ދެމީހުންކުރެ އެކަކަށްވެސް މާނަކުރަން ނޭނގުނު އިހުސާސެކެވެ. އެއީ އެމީހުންގެ ފުރާނައިގެ ދުރުމިން ގާތްކޮށްދިން ހިތްގައިމު، ފަސްޖެހެވޭ ފަދަ ދަމާބާރެކެވެ.

މެހެކް މަޑުމަޑުން އޭނާގެ އަތް ފަހަތަށް ދަމާލުމަށްފަހު، ފެންތަށި ތުންފަތުގައި ޖައްސައި، ފިނި ފެންފޮދު ބޯން ފެށިއެވެ. އޭރުވެސް އޭނާގެ ދެލޯ ހުއްޓިފައިވަނީ ފަސީހުގެ މޫނަށެވެ. ފަސީހު އޭނާއަށް ބަލަހައްޓައިގެން އިންއިރު، އޭނާގެ މޫނުމަތީގެ އަސަރުތައް މަޑުމައިތިރިވެގެންދިޔައެވެ. ނަމަވެސް މެހެކް ފެން ބޮއެ ނިމި، އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ތަށި ބެހެއްޓުމާއެކު، ފަސީހުގެ ދެލޯ ސީރިއަސްވިއެވެ. އެ ދެލޮލުން ފާޅުވަމުންދިޔައީ މުޅި ދުވަހު އޭނާގެ ހިތުގައި ފުނިޖެހެމުންދިޔަ ބަރު، އަސަރުގަދަ ޖަޒުބާތުތަކެވެ.

އޭނާ ކުރިއަށް ގުދުވެލުމަށްފަހު، އޭނާގެ އުޅަނބޮށި ކަކޫމަތީގައި ވިއްދާލިއެވެ. އަދި އޭނާގެ އަޑު ތިރިކޮށްލަމުން، އިޚްލާޞްތެރި، އަދި އަސަރުން ފުރިގެންވީ ބީދައަކުން ވާހަކަދައްކަން ފެށިއެވެ.

"މެހެކް، ކޭން ޔޫ އިވެން އިމޭޖިން… މެހެކް ނުފެނިގެން އަހަރެންނަށް ވީ ވަރު..؟" ފަސީހުގެ ވާހަކަ ފެށިއެވެ. އޭނާގެ އަޑު ވަނީ ޖަޒުބާތުތަކުގެ ބާރުގަދަކަމުން ކުޑަކޮށް ރޫރޫއަޅާފައެވެ. "އޭމް ސޯ ހެޕީ.. މެހެކް ސަލާމަތުން ހުއްޓާ ފެނުނީމަ… އަލްހަމްދުލިﷲ…. މެހެކްއަށް އަންދާޒާވެސް ނުކޮށްލެވޭނެ… މެހެކް ނުފެނިގެން އަހަރެންނަށް ވީ ވަރު…"

މެހެކް ފަސީހަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ތުންފަތް ކުޑަކޮށް ހުޅުވިގެންދިޔަ ނަމަވެސް، އޭނާ އިނީ ހިމޭނުންނެވެ. ފަސީހުގެ މޫނުމަތިން ފާޅުވަމުންދިޔަ ސާފު، އަދި ހާމަކަން ބޮޑު އަސަރުތަކުގެ ސަބަބުން އޭނާގެ ހިތް ވަނީ އެކަމުގެ ތެރެއަށް ޣަރަޤުވެފައެވެ.

"އަހަރެން ހީކުރީ، މެހެކް ގެއަށް އައިސް ކަމަށް ހުންނާނީ… ޖޫ އެކްސިޑެންޓް ވީމަ އަހަރެން ޕެނިކް ވީވަރުން، އަހަރެންނަށް ނޭނގުނު އެގަޑީ ހެދުނު ނުހެދުނު އެއްޗެއްވެސް… އެހެންވެ އަހަރެންނަށް މެހެކް ބަހައްޓާފަ ޖޫ ގޮވައިގެން ދެވުނީ… ދެން ޖޫ ގެއަށް ގެންގޮސްދީފަ ގެއަށް އައިތަނުން އިހުސާސްވީ، މެހެކް ނުލާކަން މި އާދެވުނީ… އެވަގުތު އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ފަދަ…" ފަސީހު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާގެ ދެލޮލުން މެހެކްގެ ދެލޮލަށް ބަލަހައްޓައިގެން އިނީ އާދޭހުން ފުރިގެންވީ ބާރުގަދަ ނަޒަރަކުންނެވެ. "އަހަރެންގެ މުޅި ހަށިން ނޭވާ ހުސްވީ ފަދަ…. އަހަރެން ހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގިފަ ހުރިން… މީ ދުވަހަކުވެސް އަހަރެންނަށް ފީލް ކުރެވުނު ކަންކަމެއް ނޫން…. އަހަރެން ދުވަހަކުވެސް މީހަކަށް ޓަކާ މިހާ ބޮޑަށް ހާސްނުވޭ…."

ފަސީހު އޭނާގެ އަމިއްލަ ބަސްތަކުގެ ބަރުކަމުން، އެއްތަނެއްގައި މަޑުން ހުންނަން އުނދަގޫވެގެން އޭނާ ކޮޅަށް ތެދުވިއެވެ. އަދި ކުޑަކޮށް ހިނގާލުމަށްފަހު، އަނބުރާ މެހެކާ ދިމާއަށް އެނބުރުނެވެ. އޭރު އޭނާގެ މޭ ދެމެމުންދިޔައީ ބާރަށެވެ.

"އަހަރެން އެންމެ ސިކުންތެއްވެސް ބޭކާރެއް ނުކުރަން…" އޭނާގެ އަޑުން ފާޅުވަމުންދިޔައީ ޖަޒުބާތުން ފުރިގެންވީ، ރައްކާތެރިކަމުގެ ބާރެކެވެ. "އަހަރެން މި ގެއިން ނިކުމެގެން ދުވެފައި ގޮސް، މެހެކް ހޯދުމަށްޓަކައި ނުދާ ތަނެއް ނޯންނާނެ… މެހެކްއަށް ގުޅޭތޯވެސް އެވަރަށް މަސައްކަތްކުރިން…. ބަޓް ޔޫ ޑިޑް ނޮޓް ޕިކަޕް… އަހަރެން ފުރަތަމަ ހީކުރީ މެހެކް އަހަރެންދެކެ ރުޅިއައިސްފަ ފޯނު ނުނަގަންވެގެން ހުރީކަމަށް… މީހެއްގެ ފަރާތުން ގެއްލުމެއް ލިބިދާނޭ ހިތަށް އަރާފަވެސް، އަހަރެން ވަރަށް ހާސްވި…"

ފަސީހު އެނދާއި ދިމާއަށް ފިޔަވަޅެއް ކައިރިއަށް ޖެހިލުމާއެކު، އޭނާގެ ހިޔަނި މެހެކްގެ މައްޗަށް އެޅިގެންދިޔައެވެ.

"އަހަންނަށް އެނގޭ… ތީ ވަރަށް ހިމޭން އަންހެން ކުއްޖެއްކަން… މެހެކް އުޅެނީ އަމިއްލައަށް އެކަހެރިކޮށްކަން… އަބަދުވެސް ކޮންމެވެސް ބިރެއްގެ ތެރޭގަކަން… މެހެކްގެ މާޒީއާ ލައިފްއާ އަހަރެމެންނަށް ވަރަށް ބޮޑަށް ސިއްރުކުރާކަން… އަދި މެހެކްގެ ހިތުގައި ހިނގާ ޚިޔާލުތަކާ ކުރެވޭ އިހުސާސްތައް އަހަރުމެންނަށް ކިޔައި ނުދޭކަން… މެހެކް އަހަރުމެންނާ އެއް ފުރާޅެއްގެ ދަށުގައި އުޅުނަސް ތިޔަ އުޅެނީ ހިމޭން ސިއްރެއް ފަދައިން…. އޯލްވޭސް ރިމެމްބަރ.. އަބަދުވެސް ހަނދާން ބަހައްޓާތި… އަހަރުމެން އަބަދުވެސް މެހެކް އިންތަކަށް އިހުތިރާމްކުރަން.. އަދި ކުރިއަށް އޮތްތަނުގަވެސް ވީ ވިލް ރެސްޕެކްޓް ޔޯރ ބައުންޑަރީސް…. އެކަމަކު މިހާރު މެހެކް އެއް ކަންތައް ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ… ތިއީ މިހާރު ހަމައެކަނި މިގޭގައި މަޑުކޮށްލައިގެން ހުރި މެހެމާނެއްނޫން… ތީ ހަމްދަރުދީއެއްގެ ސަބަބުން އަހަރުމެން ހިޔާވަހިކަން ދީގެން އުޅޭ ބީރައްޓެއްސެއްވެސް ނޫން…. މިހާރު ތިއީ، އަހަރެންގެ ދިރިއުޅުމުގެ މުހިންމު ހިއްސާއެއް… މިހާރު ތިއީ، އަހަރެންގެ އެއްބައި…"

މެހެކްގެ މޭގެ ތެރޭގައި ނޭވާ ތާށިވިއެވެ. ފަސީހުގެ ބަސްތައް އޭނާގެ ރޫހުގެ ތެރެއަށް އޮހިގެންދިޔައީ ހޫނު އޮއިވަރެއް ފަދައިންނެވެ. އެއާއެކު އޭނާގެ އިނގިލިތަކުން ބެޑްޝީޓުގައި ބާރަށް ހިފަހައްޓާލެވުނެވެ.

"މެހެކް ކުއްލިއަކަށް ގެއްލުމުން، މި ބިންގަނޑު އަހަރެންގެ ފައިދަށުން ދަމައިގަތް ފަދަ އިހުސާސެއް ކުރެވުނު" ޖަޒުބާތުން ފުރިގެންވީ އަޑަކުން ފަސީހު ބުންޏެވެ. "އަހަންނަށް ސީދާކޮށް ވިސްނާކަށްވެސް ނޭނގުނު… ނޭވާލާންވެސް އުނދަގޫވި… އަހަރެންގެ މުޅި ހަށިގަނޑު ބިރުވެރިކަމުގެ ތެރެއަށް ޣަރަޤުވި. މެހެކް ހޯދުމަށްޓަކައި އަހަރެން ހޭދަކުރި ވޭންދެނިވި، ދިގު ގަޑިއިރުތަކުގެ ތެރޭގަ، މެހެކްގެ އަގު އަހަރެންގެ ހިތުގައި އޮތް މިންވަރު އަހަންނަށް ވިސްނުނު… މި ގޭގަ މެހެކް ނެތް ދިރިއުޅުމެއް… މެހެކްގެ ދެލޮލަށް ބަލާނުލެވޭ ނޫނީ މެހެކްގެ އަޑު ނީވޭ ދިރިއުޅުމަކީ، އަހަރެން ދުވަހަކުވެސް ކުރިމަތިލާން ބޭނުންވާނޭ ކަމެއް ނޫންކަން އަހަންނަށް ޔަގީންވީ…"

ފަސީހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކުއްލިއަކަށް އޭނާގެ މޫނުމަތިން ދިފާއީ ރުޅިވެރިކަމެއްގެ އަސަރު ފާޅުވިއެވެ. އެއީ ހަމައެކަނި ފުން، އަދި އާދޭހުން ފުރިގެންވީ ލޯތްބެއްގެ ތެރެއިން ނޫނީ އުފަންނުވާނޭ ފަދަ ރުޅިވެރިކަމެކެވެ.

"އަސްލު ތެދަށް ބުނާނަމަ، އޭމް ވެރީ އެންގްރީ ވިތު ޔޫ…. ކީއްވެ އަހަރެން އެވަރަށް ގުޅީމަވެސް ފޯނު ނުނެގީ..؟" ފަސީހުގެ ކަޅު ދެލޮލުން ވިދާލި އަސަރުތަކާއެކު އޭނާ ސުވާލުކުރިއެވެ. "ކީއްވެ އަހަރެން ދިރިހުއްޓާ މިހަށިން ފުރާނަ ދާވަރު ކޮށްލީ؟ މެހެކް އަހަރެން މުޅިން އެކަނިވެރިކޮށްލާ، މެހެކް ރައްކާތެރިކުރުމަށް އެއްވެސް ބާރެއް ނެތް މީހެއްގެ ގޮތުގަ ވިސްނާދިނީމަ، އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި… ދެރަވެސްވި… ރުޅިވެސް އައި… އެކަމަކު މެހެކް ސަލާމަތުން އަދި އެއްވެސް އަނިޔާއެއްނެތި ފެނުނު ހިސާބުން ފެށިގެން އެ ހުރިހާ ރުޅިވެރިކަމެއް މުޅިން ފިލައިގެންދިޔަ.. އެ ރުޅިވެރިކަން ފިލައިދިޔައީ މެހެކް ދިރިހުރިތަން ފެނުމުން ލިބުނު ހިތްހަމަޖެހުމާ، މެހެކްގެ ހިތް އަދިވެސް ތެޅެމުންދާކަން އެނގުމުން ލިބުނު އުފާވެރިކަން މާ ބޮޑުވީމަ.."

ފަސީހު ތިރިއަށް ގުދުވެލިއެވެ. އޭނާގެ މޫނު މެހެކްގެ މޫނާ އެންމެ އިންޗިއެއްހާ ގާތްވެގެންދިޔައެވެ. އަދި އޭނާގެ އަޑު ތިރިވެ، މެހެކްގެ މުޅި ހަށިގަނޑު ތެޅިލާ ފަދަ ފުން، ބާރުގަދަ ސިއްރު ބަހަކަށް ބަދަލުވިއެވެ.

"އަހަރެން މެހެކްއަށް މި ހުރިހާ ވާހަކައެއް މި ކިޔައިދެނީ، މެހެކްގެ އަމަލުތަކުގެ ހަގީގަތް މެހެކްއަށް އެނގެންޖެހޭނެތީ…." މެހެކްގެ ރޫރޫއަޅަމުންދިޔަ ތުންފަތަށް ބަލަހައްޓައިގެން ހުރެ ފަސީހު ބުންޏެވެ. "ކަންތައްތައް އުނދަގޫވިޔަސް މެހެކްއަށް ފިލައިގެންނެއް ނުދެވޭނެ… މެހެކް. އެކަހެރިވާން ހިތަށްއަރާ ކޮންމެ ފަހަރަކު އަނދިރީގެ ތެރެއަށް ގެއްލިގެންނެއް ނުދެވޭނެ… ކަންބޮޑުވުމާއި ނޭވާ ހާސްކުރުވާ ފަދަ ބިރުވެރިކަމުގެ ކަނޑެއްގެ ތެރެއަށް އަހަރެން ދޫކޮށްލާފައި މެހެކްއަކަށް ނުދެވޭނެ. އަހަންނަށް މެހެކް އިންތިހާއަށް މުހިންމު…. މެހެކްގެ ހާޒިރުވުމުން މި ގެއަށް ގެނެސްދެނީ، މީގެ ކުރިން މަދުވެގެން އުޅުނުކަންވެސް އަހަންނަށް ނޭނގޭ ފަދަ އަލިކަމެއް.. މެހެކް ނެތްތަން ދައްކަނީ، މި ދުނިޔޭގެ އެހެން އެއްވެސް ކަމަކުން ދުވަހަކުވެސް ފުރިހަމަނުކުރެވޭނޭ ފަދަ ބޮޑު، ވޭންދެނިވި ހުސްކަމެއް.. އެހެންވީމާ އާދޭސްކޮށްފަ މި ބުނަނީ… ޕްލީސް ނެވަ ލީވް މީ… ފޯ ނަވް.. ޖަސްޓް ރެސްޓް.. މިވަގުތު މެހެކް އަހަރެން މި ދެއްކި ވާހަކަތަކަށް އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް.. މެހެކް ތައްޔާރުނުވަނީސް، މެހެކްގެ ސިއްރުތައް އަހަންނަށް ކިޔައި ނުދޭތި.. އެކަމަކު އަހަރެން ބޭނުންވޭ މެހެކް އަހަންނަށް މިހާރުން މިހާރަށް ވައުދެއް ވާން… ޕްލީސް ނެވަ ލީވް މީ.. މެހެކް ތާކަށް ދަންޏާވެސް، ދާ ތާކަށް އަހަރެން ގޮވައިން ދާތި…"

މެހެކް އެއްވެސް ހަރަކާތެއްނެތް ގޮތުގައި ފަސީހުގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ. އޭނާގެ މުޅި ހަށިގަނޑު އައްސިވެފައިވާ ފަދައެވެ. އަދި ފަސީހުގެ އެ ބާރުގަދަ އިއުތިރާފުގެ ބަރުކަމުގެ ސަބަބުން އޭނާގެ ސިކުނޑި އެނބުރެމުންދިޔައެވެ. އެތައް އިރެއްގެ ހިމޭންކަމަށްފަހު، އެ ކޮޓަރީގެ ތެރެއިން އިވޭ ހަމައެކަނި އަޑަކީ އެމީހުންގެ ކުރު ނޭވާގެ އަޑެވެ.

މެހެކްގެ ރޫހުގެ ތެރޭގައި ފުން ހަނގުރާމައެއް ފެށުނެވެ. އޭނާ ސަލާމަތްކުރުމަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރި އެ ފިރިހެނާއަށްޓަކައި އޭނާގެ ހިތުގައި ފުން، އަދި ބާރުގަދަ ކުލުނެއް އުފެދުނެވެ. ނަމަވެސް އިއްޔެގެ ހިޔަނި އަދިވެސް އެމީހުންގެ ދެމެދުގައި ހުރީ ގުޑާލަން ނޭނގޭ ފާރެއް ފަދައިންނެވެ. އެކަންތައް ފަސީހަށް ފަހުމް ނުވިޔަސް، މެހެކްގެ ހިތަކުން އެ މަންޒަރު ފިލައިގެނެއް ނުދިޔައެވެ. އޭނާގެ ހަނދާނަށް އައީ ޖޫލީގެ ކާރު އެކްސިޑެންޓްވި ވަގުތެވެ. ޖޫލީއާއި ދިމާއަށް ފަސީހު ދުވުނުއިރު، އޭނާގެ ދެލޮލުގައި ހުރި އަސަރެވެ.

މެހެކް މަޑުމަޑުން އޭނާގެ ބޯ އަނބުރާލިއެވެ. އަދި ފަސީހުގެ އެ ބާރުގަދަ ނަޒަރުން އޭނާގެ ދެލޯ ދުރުކޮށްލަމުން، ފަސީހަށް ސުވާލެއް އަމާޒުކޮށްލިއެވެ.

"ފަސީ… އަހަރެން ބޭނުން ފަސީއާ ސުވާލެއް ކުރަން… މި ސުވާލު އަހަރެންގެ ސިކުނޑީގަ އެނބުރޭތާ ވަރަށް އިރުވެއްޖެ… ނޭނގެ އަސްލު މި ސުވާލު ފަސީއާ ކުރުމުގެ ހުއްދަ، ނޫނީ މި ސުވާލު ކުރުމުގެ ހައްގެއް ނޫނީ ހައިސިއްޔަތެއްވެސް އަހަރެންގެ އޮތް ހެނެއް.. ބަޓް، އައި ކާންޓް ކީޕް ދިސް ސްޕިނިންގެ އެރައުންޑް މައި ހެޑް… އައި ނީޑް އަ ވެރީ ކްލިއަރ އާންސާރ.." މެހެކްގެ އަޑުގައި އެއްވެސް ދިރުމެއް ނެތެވެ. އެހެނަސް އޭނާ އިނީ ކިހާ ކެތްމަދުވެފައިކަން ފަސީހަށް ޔަޤީންވިއެވެ. "ފަސީ.. އަދިވެސް ޖޫލީދެކެ ވަރަށް ލޯބިވޭ ދޯ؟"

އެއާއެކު ފަސީހުގެ މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދިޔަ ޖަޒުބާތީ ބާރުގަދަކަން ކުއްލިއަކަށް ފިލައިގޮސް، އެ މަގާމު ހައިރާންކަމުން ފުރުނެވެ. އޭނާ މެހެކާ ދިމާއަށް ބަލަހައްޓައިގެން ހުރީ އިންތިހާއަށް އޮޅުންބޮޅުންވެފައިވީ ފަދައަކުންނެވެ. "ކީއްވެ… ކީއްވެ ތި ސުވާލު ތި ކުރީ، މެހެކް؟"

މެހެކް އަނެއްކާވެސް ބޯ އަނބުރާލައި ފަސީހާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދެލޯ ވަނީ ހިފަހައްޓައިގެން ހުރި ހިތްދަތި ކަރުނަތަކުން ބާރަށް ވިދާލާފައެވެ. "އަހަންނަށް އެ މަންޒަރު ފެނުނީމަ މި ސުވާލު ކުރަން މަޖުބޫރުވީ… އޭމް ސޯ ސޮރީ… ފަސީގެ ޕާސަނަލް ލައިފްއަށް އިންޓަފިއަރ ކުރާކަށްނޫން… އެކަމް… ޖޫލީގެ ކާރު އެކްސިޑެންޓްވި ވަގުތު… އަހަރެން ނުވެސް ދަންނަ މީހަކަށްހެން ހަދާލާފަ… އަހަރެން އެތާ ހުރިކަންވެސް ހަނދާން ނައްތާލާފަ…. ބީރައްޓެހި ރަށެއްގެ ތެރެއަށް އަހަރެން އެކަނި ކޮށްލާފަ، ފަސީ ޖޫލީއާ ދިމާއަށް ދުވި ގޮތާ، އޭނާގެ ގައިގައި ބައްދާލި ގޮތާ، އޭނައަށް އަޅާލަމުންދިޔަ ގޮތް އަހަރެންނަށް ފެނުނޭ.. ޔޫ ވަރ ކެއަރިންގ ފޯ ހާ ޖަސްޓް ލައިކް އިޓް ވޯސް ދި އިންޑް އޮފް ދިސް ވާރލްޑް.. އަހަރެން ދެލޮލުން އެ އަސަރު ދުށީމޭ… އިޓްސް ނަތިން ބަޓް އެއީ މުޅިން އާދޭހުން ފުރިގެންވީ، ފުން ލޯބީގެ ނަޒަރެއް…. މައި އައިސް ކެނޮޓް ލައި…. އަހަރެން ފަސީ ކައިރި ދެއްކި ހުރިހާ ވާހަކަތަކެއް އެހާ އަވަހަށް ހަނދާން ނައްތާލީދޯ؟ އެހާ ވަރަށް ނަސޭހަތް ދިނީމަވެސް، ކީއްވެ އަދިވެސް ތި ހިތުން ޖޫލީ ބޭރު ނުކޮށްލެވިގެން ތި އުޅެނީ… ވަޓް ޑޫ ޔޫ އިވެން ސީ އިން ހާ… އެއީ މީހެއްގެ އަނތްބެކޭ… މިހާރު އެމީހުންގެ ކައިވެންޏަށްވެސް 7 އަހަރު ވެއްޖެއެއްނު…… ތި ކުރަނީ ހާދަ ބޮޑު ފާފައެކޭ… މީހެއްގެ އަނތްބަކާމެދު އެފަދަ ނަޒަރަކުން ދެކެން ފަސީ ބިރެއް ނުގަނޭތަ؟

ފަސީހު މުޅިން ހިމޭންވިއެވެ. އޭނާގެ ތުންފަތް ކުޑަކޮށް ތުރުތުރުއަޅައިލި ނަމަވެސް، އޭނާގެ ދުލުން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. މެހެކްގެ ކުށްވެރިކުރުމުގެ ނަޒަރުގެ ކުރިމަތީގައި، ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ހުރެވުނީއެވެ.

"ޖޫލީއަށް އަޅާލުމުގެ ތެރޭގަ… ފަސީ އަހަރެންގެ މަތިން ހަނދާންނެތުނީ…." މެހެކްގެ އަޑު މެދުކެނޑުނެވެ. އަދި އެންމެ ފަހުން އޭނާގެ ދެލޮލުން ކަރުނަތިއްކެއް ނިރުނުވެ، މަޑުމަޑުން ކޯތާފަތްމަތިން ތިރިއަށް ދެމިގެންދިޔައެވެ. "ފަސީ އަހަރެން އެ ޖަންގަލި ކައިރިއަށް ގެންގޮސްފައި، ޖޫލީ ވޭނުގައި އުޅޭތަން ފެނުމުން، އަހަރެން އެތާ ހުރިކަންވެސް ފަސީގެ ސިކުންޑިން މުޅިން ފިލައިގެންދިޔައީ…. ޖަސްޓް ލައިކް އައި ޑިޑް ނޮޓް އިވެން އެގްސިސްޓް…. އިޓް ބްރޯކް މައި ހާޓް…"

"މެހެކް.. ތި ހީކުރެވެނީ ވަރަށް ގޯސްކޮށް…އިޓްސް ނޮޓް ލައިކް ދެޓް. އައި ސްވެއަރ…" ފަސީހު ވާހަކަދައްކަން އުޅުނެވެ. އޭނާގެ އަޑު ނިކުތީ ކުރަކި ސިއްރު ބަހެއްގެ ގޮތުގައެވެ. ނަމަވެސް މެހެކް އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާގެ ބަސްތައް ބޭރުވަމުންދިޔައީ ހިތްކަނޑައިގެންދާ ފަދަ ބާރުގަދަ އަސަރަކާއެކުގައެވެ.

"ފަސީ އަހަރެން އެތަނަށް އެކަނި ދޫކޮށްނުލިނަމަ… ފަހަރުގައި… ފަހަރުގައި އެ މިނިމަސްކާ ސިހުރުވެރިންގެ އަތްދަށަށް އަހަރެން ނުދިޔައީސް ކަންނޭނގެ…." މެހެކް ރޮމުން ބުންޏެވެ. އެ ބިރުވެރި ހާދިސާގެ ހަނދާންތަކާއެކު އޭނާގެ ހަށިގަނޑު ރޫރޫއަޅަން ފެށިއެވެ. "އަހަރެން ތަހައްމަލުކުރި ވޭނާ ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ފަސީމެންނަށް އަންދާޒާކޮށްލަންވެސް ނޭނގޭނެ… އަހަރެން ހާދަ އިންތިޒާރެއްކުރީމޭ… ފަސީ އަހަރެން ބަލައި އާދޭތޯ ހާދަ އިރަކު އެތަނުގަ މަޑުކުރީމޭ… ދެ ގަޑިއިރު. ދެ ގަޑިއިރު އައި ވޯސް ވެއިޓިންގ ފޯ ޔޫ… ބަޓް ޔޫ ޑިޑް ނޮޓް ކޭމް…"

މެހެކްގެ އެ ކުށްވެރިކުރުންތަކުން ފަސީހުގެ ހިތް ކުދިކުދިވެގެންދިޔައެވެ. އޭނާ ވޭނުން ފުރިގެންވީ ދެލޮލުން މެހެކާ ދިމާއަށް ބަލައިލިއެވެ. "މެހެކް… މެހެކް އަހަރެންގެ ފަހަތުން ނައީ ކީއްވެތަ؟ އެތާ ކޮޅަށް ހުރުމުގެ ބަދަލުގައި، އަހަރެން ފަހަތުން ނައީ ކީއްވެ؟ އަހަރެންނަށް ތިގޮތަށް ބްލޭމް ކުރާނެ ފުރުސަތެއް ހޯދަންވެގެންދޯ ނައިސް މަޑުކުރީ.. ރައިޓް؟"

ހިތްދަތި، މާޔޫސީ ހީނލުމެއް މެހެކްގެ ތުންފަތުން ބޭރުވިއެވެ. ނަމަވެސް އެ އަޑު ވަގުތުން ކަރުނައިގެ ގިސްލުމެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. "މިހާރު ތިޔަ ދައްކާ ވާހަކައިގެ މާނައެއް ނެތްކަން ފަސީއަށް ހަމަ ނުވިސްނެނީތަ..؟ ޕްލަސް، އަހަރެން ދޯ ފަހުގަޑީގަ މި ގޯސްވީ… ބަޓް ސްޓިލް، ތިޔަ ބުނި ބަހަކީ މިކަމާ އެއްވެސް ގުޅުމެއް ނެތް ވާހަކައެއްކަން ފަސީއަށް ނޭނގޭތަ؟ ފަސީގެ ފަހަތުން ނުދިޔަ ކަމުގެ ކުށް ތިޔަ އަޅުވަނީ އަހަރެންގެ ބޮލުގަ… އަދި އަހަރެން އެވާހަކަ ބުނީމަ ތި ބުނަނީ، އަހަރެން ފަސީއަށް ބްލޭމް ކުރާނެ ފުރުސަތެއް ހޯދަންވެގެން ކުރިކަމެކޭ އެއީ… އައިމީން ހަވް ކުޑް ޔޫ… ކީއްވެތަ ހަޤީޤަތް އޮޅުވާލަން ތިއުޅެނީ…. ހަގީގަތަކީ ޖޫލީ ފެންނަ ހިސާބުގައި ހުންނަނަމަ… ފަސީ އެހެން އެންމެންގެ މަތިން ހަނދާންނެތޭ ކަން… ފަސީގެ ދެލޮލަށް ފެންނާނީ ހަމައެކަނި ޖޫލީ…. ފަސީގެ ހިތް ތެޅޭނީ ހަމައެކަނި އޭނާއަށްޓަކާ…. އިޓް ފީލްސް ލައިކް ޔޫ ލިވް ޖަސްޓް ފޯ ހާ…"

މެހެކްގެ ދެއަތުން މޫނު ނިވާކޮށްލިއެވެ. ކަރުނައިގެ އާރު މުޅިން ފަޅައިގެން ދިއުމާއެކު އޭނާގެ ކޮނޑު ރޫރޫއަޅަމުންދިޔައެވެ. "އެ ނުބައި ޝައިތާނުންގެ ފަރާތުން އަހަރެންގެ މުޅި ދިރިއުޅުމުގައިވެސް ކުރިމަތިނުވާ ފަދަ ބޮޑު ނަފްސާނީ އަނިޔާއެއް ލިބުނީ… އެ ހުރިހާ ކަމެއްވީ ހަމައެކަނި ފަސީގެ ސަބަބުން…. ވެހުނު ހުރިހާ ވާރޭގަ އަހަރެން ހުރީ އެކަނިވެ ބާކީވެފަ ތެމި ފޯވެފަ… ދާނެ މިސްރާބެއް ނޭނގިފަ… އަހަރެން ރައްކާތެރިކޮށްދޭނެ ކަމަށް ހީކުރި ހަމައެކަނި މީހާ އަހަރެން ބާކީކޮށްލި ފަދަ އިހުސާސެއް އަހަރެންނަށް ކުރެވުނީ… ފަސީގެ ބަހާ އަމަލާ ދިމާނުވަނީ ކީއްވެތަ؟"

ފަސީހު އެނދު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނާގެ މޫނުމަތި ވަނީ ދޮންވެފައެވެ. އަދި މެހެކްގެ ފުން ހިތާމައިގެ ބަރުކަމުން އޭނާގެ މޭ ފިތެމުންދިޔައެވެ. މެހެކް އޮއްސަމުންދިޔަ ކޮންމެ ކަރުނަތިއްކަކީ އޭނާގެ ރޫހަށް ލިބެމުންދިޔަ ބާރުގަދަ ހަމަލާއެއް ފަދައެވެ. އެއީ އޭނާގެ އަމިއްލަ ނާކާމިޔާބީގެ ހެއްކެކެވެ. އޭނާ އަތްދިއްކޮށްލުމަށްފަހު، މެހެކްގެ ރޫރޫއަޅަމުންދިޔަ ހަށިގަނޑުގައި ބައްދާލައި، އޭނާގެ މޭގެ ތެރެއަށް ފިތާލަން ބޭނުންވިއެވެ. ނަމަވެސް މެހެކްގެ ބަސްތަކުން އެމީހުންގެ ދެމެދުގައި ވަނީ ހުރަސްނުކުރެވޭނޭ ފަދަ ބޮޑު ފާރެއް ބިނާވެފައެވެ. އޭނާއަށް ވަނީ މެހެކްގެ ހިތް ހަލާކުކޮށްލެވިފައެވެ. އެންމެންގެ ސަލާމަތްތެރިޔާއަށް ވުމަށް ކުރި އާދޭހުގެ ތެރެއިން، އޭނާގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވީ ހަމައެކަނި އަންހެން ކުއްޖާ، އަނދިރީގެ ތެރެއަށް ޣަރަޤުވާން ދޫކޮށްލެވުނީއެވެ.

އޭނާ ހިމޭން ވޭނަކުން ފުރިގެންވީ ދެލޮލުން، މެހެކް ރޮމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އަމިއްލަ ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. އެރޭ އޭނާގެ ސިކުނޑިއަށް ވެރިވެފައިވީ ހަލަބޮލި ތޫފާން ކިޔައިދޭންވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ފަސީހު ބަރު، މަޑުމަޑު ފިޔަވަޅުތަކަކާއެކު އެނދާ ދުރުވިއެވެ. އަދި މުޅިން ހިމޭންކަމާއެކު ކޮޓަރިން ބޭރަށް ނިކުމެ، ކޮޓަރީގެ ހިމޭން ހިޔަނިތަކުގެ ތެރޭގައި މެހެކް އެކަނި ރޯން ދޫކޮށްލުމަށްފަހު، މަޑުމަޑުން ދޮރު ލެއްޕިއެވެ.

****

ޒުނާމް އާއި ޖޫލީގެ ކޮޓަރި ތެރެއަށް ވަނީ މަޑުމައިތިރި ހިމޭންކަމެއް ވެރިވެފައެވެ. މެންދުރުގެ އަވިން ސަލާމަތްވުމަށްޓަކައި ބަރު ވެލްވެޓް ދޮރުފޮތިތައް ވަނީ ބާރަށް ދަމާލާފައެވެ. އެއާއެކު މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ، އެ ދެމީހުންގެ އެކަހެރި ދުނިޔެ ރަމްޒުކޮށްދޭ ފަދަ ފަނޑު، ހިތްހަމަޖެހޭ މާހައުލެކެވެ. ޖޫލީ އެނދުމަތީގައި ބޮނޑިވެލައިގެން އޮތްއިރު، އޭނާގެ ނޭވާލުން ހުރީ މަޑުމަޑުން އަދި އޮމާންކޮށެވެ. ފާއިތުވި ސައުވީސް ގަޑިއިރުގެ ވަރުބަލިކުރުވަނިވި ހާދިސާތަކަށްފަހު، އެންމެ ފަހުން އޭނާއަށް ވަނީ ހަމަ ނިދި ލިބިފައެވެ. އެ ނިދީގެ ތެރެއިން އޭނާގެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ ފުން ރޮނގުތައް ފިލައިގެންގޮސްފައިވެއެވެ.

އެނދުގެ އަނެއްކޮޅުން، ޒުނާމް މަޑުމަޑުން ހޭލިއެވެ. އޭނާގެ ދެލޯ ހުޅުވުނު ނަމަވެސް، އޭނާގެ ނަޒަރުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ.

އޭނާ އެނދުމަތީގައި ތެދުވެ އިށީނދެލިއެވެ. އޭނާގެ ހަރަކާތްތައް ހުރީ ހިމޭންކޮށް އަދި ރައްކާތެރިކަމާއެކުގައެވެ. އޭނާގެ ހަށިގަނޑު ކުޑަކޮށް އަނބުރާލުމާއެކު، އޭނާގެ ދެލޯ ވަގުތުން ހުއްޓުނީ ނިދާފައި އޮތް ޖޫލީގެ ހަށިގަނޑަށެވެ. އޭނާ ޖޫލީގެ މޫނަށް ބަލަހައްޓައިގެން އިނީ، މޮޔަވުމާ ގާތްވެފައިވީ ފަދަ ފުން އާދޭހަކުން ފުރުނު ބާރުގަދަ، އަދި ސަމާލުކަން ދީގެންވީ ނަޒަރަކުންނެވެ.

އޭނާ ރޫރޫއަޅަމުންދިޔަ އަތްދިއްކޮށްލިއެވެ. އަދި ޖޫލީގެ އިނގިލިތަކުގެ މަތީގައި  އޭނާގެ އިނގިލިތައް ޖެހިލުންވުމާއެކު ސިކުންތަކަށް މަޑުޖެހިލުމަށްފަހު، މަޑުމަޑުން، އޮމާންކަމާއެކު އޭނާގެ މަޑު އަތްތިލައިގައި ބީހިލިއެވެ. އޭނާ އެ އަތުގައި ބާރަށް ހިފައެއް ނުލައެވެ. ހަމައެކަނި އޭނާގެ އިނގިލިތައް ޖޫލީގެ ހަމުގައި ޖައްސާލީ، އެ ހަށިގަނޑުގައި ހޫނުކަން ހުރިތޯ ބެލުމަށެވެ. އޭނާ އާދޭހާއެކު ހޯދަމުންދިޔައީ ޖޫލީ ދިރިހުރިކަމުގެ ޔަގީންކަމެވެ. ޒުނާމްގެ އެބަންޑަންޓްމެންޓް ފިއަރ ނުވަތަ އެންމެ ލޯބިވާ މީހާ ގެއްލިދާނެކަމުގެ ބިރު ހީވާ ބަލި ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުންނެވެ. އެއްބައި ފަހަރު ވަރަށް ފަސޭހައިން އެ ހިޔާލުތަކާއި ދުރުވެވެއެވެ. އެހެނަސް އެހެން މީހުންނާއި އެކަހެރިވެ އެދެމީހުން އެކަނިން ތިބޭ އިރު، ނުވަތަ ޖޫލީއާއި ދުރުގައި ވަކިން ހުންނަން ޖެހޭއިރު، އޭނާއަށް ވާ އުނދަގޫތައް އިންތިހާއެވެ. އެއްވެސް ފަރުވާއެއް ނެތެވެ. ބޭހަކަށްވެސް ނުކަތައެވެ. އެ ހިޔާލުތަކާއި ދުރުވާން ޒުނާމް ވަރަށް މަސައްކަތްކުރެއެވެ. ޖޫލީއަށް ސިއްރުން އޭނާ އެ ބައްޔަށް ފަރުވާވެސް ކުރެއެވެ. ބޭސްވެސް ކައެވެ. ދީނީ ކަންތައްތަކަށްވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ.

ޒުނާމްގެ ހިތުގައި އުފެދިފައިވާ ތޫފާނުގެ އެއްވެސް ހިލަމެއް ނެތި، ޖޫލީ އޮތީ އޭނާގެ ކައިރީގައި ވަރަށް އަމާންކަމާއެކު ނިދާފައެވެ. ޖޫލީ ނޭވާލާ މަޑު އަޑު ފިޔަވައި މުޅި ކޮޓަރި އޮތީ ހިމޭންކޮށެވެ. ނަމަވެސް ޒުނާމްގެ ހިތަށް އިހުސާސްވަމުން ދިޔައީ މުޅި ދުނިޔޭގެ ބަރުދަން އޭނާގެ ބޮލުގައި އެޅިފައިވާ ފަދަ ގޮތަކަށެވެ. ނިދާފައި އޮތް ޖޫލީގެ މޫނަށް ބަލަހައްޓައިގެން އިންއިރު، ކުއްލިއަކަށް ބިރުވެރިކަމުގެ ރާޅެއް އޭނާގެ ހިތަށް ބިންދާލިއެވެ. އެއީ ޖޫލީއަށް ކަމެއް ނުބައިކޮށް ކުރެވިގެންނެއް ނޫނެވެ. ނުވަތަ އޭނާ ދޫކޮށްލާފައި ދާނެކަމުގެ އިންޒާރެއް ދީގެންނެއްވެސް ނޫނެވެ. އަދި އެމީހުންގެ ކައިވެނީގައި އެއްވެސް މައްސަލައެއް އޮވެގެންނެއްވެސް ނޫނެވެ. ހަގީގަތުގައި ޖޫލީ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ޝައްކުކުރާނެ އެންމެ ސަބަބެއްވެސް ދުވަހަކުވެސް ދީފައެއް ނުވެއެވެ. އެހެންނަމަވެސް، ޒުނާމްގެ ސިކުނޑިއަށް ވަންނަމުންދިޔަ ބިރުވެރި ޚިޔާލުތައް ހުއްޓުވޭގޮތެއް އޭނާއަކަށް ނުވިއެވެ. ކޮންމެވެސް ދުވަހަކުން ޖޫލީ އޭނާދެކެ ލޯބިވުން ހުއްޓާލައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެއްދުވަހަކު ހެނދުނު ހޭލައިގެން، އޭނާ ބޭނުންވަނީ އެހެން ދިރިއުޅުމެކޭ ބުނެފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަބަދުގެ އަބަދަށް ޒުނާމް ދޫކޮށްލާފައި ހިނގައްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މި ބިރުވެރިކަން އިހުސާސްވަނީ އެއީ ހަގީގަތެއް ފަދައިންނެވެ. އެކަމުގެ ސަބަބުން، ފެންނަން ނެތް ކަސްތޮޅުތަކަކުން އޭނާގެ މޭ ފިއްތާލާފައިވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

ޒުނާމަށް މި އިހުސާސް ކުރެވެނީ 'ފިއަރ އޮފް އެބެންޑަންމަންޓް' ނުވަތަ ދޫކޮށްލާފާނެކަމުގެ ބިރު ނަމަކަށް ކިޔާ ނަފްސާނީ ހާލަތެކެވެ. މިއީ ތިމާ ލޯބިވާ މީހުން ތިމާ ދޫކޮށްލާފާނެ ކަމަށް ނުވަތަ ބާކީކޮށްލާފާނެ ކަމަށް އަބަދު ބިރުގަތުމަށް މެދުވެރިވާ ސީރިއަސް ހާލަތެކެވެ. ބޭރު ފުށުން ބަލާ މީހަކަށް މި ބިރުވެރިކަމަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ސަބަބަކީ އެފަދަ ކަމެއް ހިނގައިފާނެ ކަމުގެ އެއްވެސް ހެއްކެއް ގިނަ ފަހަރަށް ނޯންނާތީއެވެ. ނަމަވެސް، މިކަން ތަހައްމަލު ކުރާ މީހާއަށް އެ ބިރުވެރިކަން އިހުސާސްވަނީ މުޅިން ހަގީގަތެއްގެ ގޮތުގައެވެ. އެމީހުންގެ ސިކުނޑި ތާށިވަނީ އެންމެ ގޯސްކޮށް ކަންތައް ވެދާނެ ގޮތްތަކުގެ ތެރޭގައެވެ. އަދި ލޯބިވާ މީހުން ކިތަންމެ އިޚްލާޞްތެރިކަމާއި ލޯބި ދިން ކަމުގައިވިޔަސް، އެމީހުން ކޮންމެވެސް ދުވަހަކުން ދޫކޮށްލާފައި ދާނެކަމަށް ސިކުނޑި ގަބޫލުކުރުވަނީއެވެ. މިއީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ހާލަތެކެވެ. ސަބަބަކީ އެމީހަކު އަބަދުވެސް އިންތިޒާރު ކުރަމުންދަނީ ދުވަހަކުވެސް ކުރިމަތިނުވެދާނެ ބޮޑު މުސީބާތަކަށް ކަމަށްވާތީއެވެ.

ޒުނާމްއާއި ޖެހިގެން، ޖޫލީ ވަރަށް ފުން ނިންޖެއްގައި އޮތްއިރު ޒުނާމްގެ ސިކުނޑީގައި ޚިޔާލީ އެތައް މަންޒަރެއް ސިފަވަމުން ދިޔައެވެ. ޖޫލީ އޭނާގެ ފޮށިތައް ބަންނަ މަންޒަރު އޭނާއަށް ސިފަވިއެވެ. އޭނާ ވަކިވެގެންދާއިރު 'ބައި-ބައި' ބުނާ މަންޒަރު ސިފަވިއެވެ. ގެއަށް އަންނައިރު މުޅި ގެ ހުސްކޮށް އޮންނަ މަންޒަރު އޭނާއަށް ސިފަވިއެވެ. މިކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ހިނގާފައި ނުވި ނަމަވެސް، ކޮންމެ މަންޒަރަކުންވެސް އޭނާއަށް ވޭނީ އަސަރުތަކެއް ކުރަމުން ދިޔައެވެ. މިއީ ދޫކޮށްލާފާނެކަމުގެ ބިރުގެ ހިތްދަތި ސިފައެވެ. އެއީ ހަމައެކަނި ޚިޔާލީ ދުނިޔޭގައި ހިނގާ ކަންކަމުން ހަގީގީ ނަފްސާނީ ވޭން އުފައްދައިދޭ ކަމެކެވެ. މި ހާލަތު ތަހައްމަލު ކުރާ މީހުންނަށް އަބަދުވެސް އަނެކާގެ ޔަގީންކަން ބޭނުންވެއެވެ. އެމީހުން ތަކުރާރުކޮށް ބައިވެރިޔާ ގާތު ލޯބިވޭތޯ އަހާފާނެއެވެ. މެސެޖަކަށް ޖަވާބު ނުލިބި ލަސްވެއްޖެނަމަ އިންތިހާއަށް ކަންބޮޑުވެދާނެއެވެ. ނުވަތަ ބައިވެރިޔާގެ މިޒާޖަށް އަންނަ ކުދިކުދި ބަދަލުތައް މާ ބޮޑަށް ދިރާސާކޮށް ހާސްވެދާނެއެވެ. ކިތަންމެ ވަރަކަށް ޔަގީންކަން ދިން ކަމުގައިވިޔަސް، އެއީ ދާއިމީ ހައްލަކަށް ނުވެއެވެ. ސަބަބަކީ އެ ބިރުވެރިކަން އަބަދުވެސް އެނބުރި އަންނާނެ މަގެއް ހޯދާތީއެވެ.

މި ހާލަތުގެ އަސްލު ގުޅިފައިވަނީ އާންމުކޮށް ކުޑައިރު ލިބިފައިވާ ނަފްސާނީ އަނިޔާތަކާއެވެ. މިސާލަކަށް ކުޑައިރު އަޅާނުލާ ދޫކޮށްލުން، ބާކީކޮށްލުން، އިތުބާރު ގެއްލުން ނުވަތަ ލޯބިވާ މީހަކު ވަކިވެދިއުން ފަދަ ކަންކަމެވެ. ފަހުން ދިރިއުޅުމުގައި ލޯބިވާ، ހަމަޖެހޭ ގުޅުންތަކެއް ލިބުނު ކަމުގައިވިޔަސް، ސިކުނޑި އަބަދުވެސް އިންތިޒާރު ކުރަނީ ދޫކޮށްލާފާނެ ވަގުތަކަށެވެ. އެއީ އެއްވެސް ނުރައްކަލެއް ނެތް ތަންތަނުން ނުރައްކާ ދެނެގަންނަން ސިކުނޑި ދަސްކޮށްފައިވާތީއެވެ. ޒުނާމްގެ ހިތާމައަކީ އެއީއެވެ. އޭނާ ގެއްލިދާނެތީ ބިރުގަންނަ އަންހެންމީހާ އެ އޮތީ ހަމަ އޭނާގެ ކައިރީގައެވެ. މުޅި ޖާނާއި ހިތުން އޭނާދެކެ ލޯބިވެއެވެ. ނަމަވެސް އެ ލޯބީގެ އުފާ ފުރިހަމައަށް ލިބިގަންނާކަށް ޒުނާމަކަށް ނޭނގެއެވެ. ސަބަބަކީ އެ ލޯބި ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޭނާއަށް އުނދަގޫ ކުރަމުންދާތީއެވެ. ޖޫލީ އަމާންކަމާއެކު ނިދާފައި އޮތްއިރު، ޒުނާމް ކުރަމުންދިޔައީ ހަމައެކަނި އޭނާގެ ސިކުނޑީގެ ތެރޭގައި އުފެދިފައިވާ ފެންނަން ނެތް ހަނގުރާމައެކެވެ. މިއިން އެނގިގެންދަނީ، ބައެއް ފަހަރު އެންމެ ވޭންދެނިވި ޒަޚަމްތަކަކީ އެހެން މީހުންނަށް ފެންނަން ނުހުންނަ ޒަޚަމްތައް ކަމެވެ.

އޭނާ ޖޫލީއަށް ބަލަހައްޓައިގެން އިންއިރު، އޭނާގެ ސިކުނޑި ކަޅު، ބިރުވެރި ޚިޔާލުތަކެއްގެ ތެރެއަށް ދެމިގެންދާން ފެށިއެވެ. އެކަނިވެރިވެދާނެތީ އޭނާގެ ހިތުގައި އޮތް ފުން ބިރުވެރިކަމުގެ ސަބަބުން، އެ އެނދުމައްޗަށް ބިރުވެރި މަންޒަރެއް ސިފަވާން ފެށިއެވެ. އޭނާއަށް ސިފަކުރެވުނީ ޖޫލީ ގެއްލިފައިވާ ތަނެވެ. އޭނާގެ ގާތުގައި އޮތް ބައި އޮތީ ހުސްކޮށެވެ. އޭނާއަށް ސިފަކުރެވުނީ، އެންމެ ފަހުން ޖޫލީ އޭނާ ދޫކޮށް ހިނގައްޖެ ދުނިޔެއެކެވެ. އެ ބޮޑު ގޭގެ ފަޅު ހިމޭންކަމުގެ ތެރޭގައި އޭނާ އެކަނިވެރިވެ، މާޔޫސްވާން ދޫކޮށްލާފައިވާ ތަނެވެ. އެއީ އޭނާގެ އާދޭހުން ފުރިގެންވީ ފުން ލޯބީގެ ބަދަލުގައި، ޖޫލީ މުޅިން އެހެން ލޯތްބެއްގެ ހަނދާންތައް އިޚްތިޔާރުކުރި ދުނިޔެއެކެވެ.

"ޖޫ އަހަރެން ދޫކޮށްލާފައި ހިނގައިދާނެ…" އޭނާގެ ހިތް މަޑުމަޑުން ބުންޏެވެ. އެއާއެކު ފިނި ބިރުވެރިކަމެއް އޭނާގެ ކަރުގައި ބާރަށް ހިފަހައްޓާލިއެވެ. "އެމީހުން އަބަދުވެސް ދަނީ… އަހަރެން އަބަދުވެސް މި ދުނިޔެއަށް ގިނަވަނީ… އަހަރެން ދެކެ ފުންކޮށް ލޯބިވި ކޮންމެ މީހަކު، އަދި އަހަރެން ހިފަހައްޓަން މަސައްކަތްކުރި ކޮންމެ މީހަކުވެސް، އެންމެ ފަހުން އަހަރެންގެ އިނގިލިތަކުގެ ދެމެދުން ލުހިގެން ދިޔައީ…. ޖޫލީ… ޖޫ އަހަރެން ދޫކޮށްލައިފިނަމަ، އަހަރެންގެ އެއްވެސް އެއްޗެއް ބާކީއެއް ނޯންނާނެ… އަހަރެންގެ މުޅި ދިރިއުޅުން ގެއްލޭނެ… އަހަރެންގެ ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވާނެ… އަހަރެން ދިރިހުއްޓާ މަރުވާނެ… އަހަރެން މި އަނދިރީގެ ތެރެއަށް ވިރިގެން ހިނގައިދާނެ.."

ޒުނާމްގެ ނޭވާލުން ކުއްލިއަކަށް ހަމައިން ނައްޓައި، ކުރު އަދި އުނދަގޫ ނޭވާތަކަކަށް ބަދަލުވިއެވެ. އެ ބިރުވެރިކަން އޭނާގެ މޭގެ ތެރެއިން ޖިސްމާނީ ގޮތުން ފާޅުވާން ފެށިއެވެ. އޭނާގެ ހިތް އަވަސްވެ، މޭގެ ކަށިތަކުގައި ބާރަށް ތެޅެން ފެށިއެވެ. ޖޫލީ ނެތްތަން ދައްކާފާނެ ކަމުގެ ބިރުވެރިކަން މާ ބޮޑަށް ހަގީގަތަކަށްވެ، ކައިރިވުމުން، އޭނާއަށް އެކަން އިތުރަށް ހިފަހައްޓައެއް ނުލެވުނެވެ.

ކުއްލިއަކަށް، ހާސްކަމުން ފުރިގެންވީ ހަރަކާތަކާއެކު، ޒުނާމް ކުރިއަށް ގުދުވެލައި، ނިދާފައި އޮތް ޖޫލީގެ ހަށިގަނޑު އޭނާގެ މޭގެ ތެރެއަށް ދަމާލިއެވެ. އަދި އޭނާގެ ބާރުގަދަ ދެއަތް ޖޫލީގެ އުނަނގަޑާއި ކޮނޑުގައި ވަށާލުމަށްފަހު، ތަދުވާ ފަދަ ބާރު، އާދޭހުން ފުރިގެންވީ ބާރަކާއެކު ބައްދާލިއެވެ.

ޖޫލީގެ ނޭވާ ތާށިވިއެވެ. އޭނާގެ އޮމާން ނިދިން ކުއްލިއަކަށް ހޭލެވުމުން، އިންތިހާއަށް ހައިރާންވެފައި އޭނާގެ ދެލޯ ބޮޑުވިއެވެ. ޒުނާމްގެ މޭގެ ތެރޭގައި އޭނާ ތާށިވެފައި އޮތުމުން، އޭނާގެ ހިތް ވަނީ ބިރުވެރިކަމުން ނުހަނު އަވަސްވެފައެވެ.

"ޒުނާމް…؟" ޖޫލީގެ އަޑު ތާށިވިއެވެ. އެ އަޑުގައި ވަނީ އޮޅުންބޮޅުންވުމާއި ބިރުވެރިކަމެވެ. "ކީއް… ކީއްވީ؟"

ޒުނާމް ޖޫލީގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ޖޫލީގެ ހަށިގަނޑުގައި އިތުރަށް ބާރުކޮށްލަމުން، ޖޫލީގެ ބޯކޮށް އޮތް އިސްތަށިގަނޑުގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ. އަދި ޖޫލީގެ އިސްތަށިގަނޑުން ދުވަމުންދިޔަ މީރު، ފަރިތަ ވަސް ފުންކޮށް އެތެރެއަށް ދަމަން ފެށިއެވެ. އޭނާ އާދޭހާއެކު އެ ވަހުގެ އެހީގައި ހަގީގަތާ ގުޅެން މަސައްކަތްކުރިއެވެ. އެއީ ޖޫލީ އަދިވެސް އޭނާގެ ކައިރީގައި ހުރިކަމާ، އަނދިރީގެ ތެރެއަށް ގެއްލިގެން ނުދާކަން އޭނާގެ ހާސްވެފައިވީ ސިކުންޑިއަށް ޔަގީންކޮށްދިނުމަށެވެ.

"ޖަސްޓް ސްޓޭ ވިތު މީ…" ޒުނާމް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑު ނިކުތީ އަމިއްލަ ހިޔަންޏަށްވެސް ބިރުގަންނަ ފަދަ، ކުދިކުދިވެފައިވީ ރޫރޫއަޅާ އާދޭހެއްގެ ގޮތުގައެވެ. "އައި ޖަސްޓް ނީޑް ޔޫ ހިއަރ ވިތު މީ.. ޕްލީސް…"

ޖޫލީ، ޒުނާމްގެ ބާރު ބައްދާލުމުގެ ތެރޭގައި އެއްވެސް ހަރަކާތެއްނެތި އޮތެވެ. އޭނާގެ ކޮނޑުގައި ޖެހެމުންދިޔަ ޒުނާމްގެ ހިތުގެ ބާރު ތެޅުންތަކަށް ސަމާލުކަން ދެމުން، އޭނާގެ ދެލޯ ބޮޑުވެފައި ހުއްޓެވެ. އެވަގުތު އޭނާގެ އަމިއްލަ ހިތްދަތި ހިތާމަތައް ސިއްރުވެގެންދިޔައީ، އެ ދެމީހުން އަމިއްލައަށް ބިނާކޮށްފައިވީ ޖަލުގެ ފުންކަން އޭނާގެ ހިތަށް އިހުސާސުވުމުންނެވެ.

(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ