އެމެރިކާގެ ރައީސް ޓްރަމްޕާއެކު އޭނާގެ އަނބިކަނބަލުން އަދި ފީފާގެ ރައީސް އިންފަންޓީނޯ--

މި އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް ބޭއްވުނު އެންމެ ކާމިޔާބު މުބާރާތް: ޓްރަމްޕް

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ މިހާތަނަށް ތާރީޚުގައި ވެސް ބޭއްވުނު އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، މުބާރާތުގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބްނާންގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި މުބާރާތް ކުރިއަށްދިޔަ މުޅި ދުވަސްވަރު އެއްވެސް މުޒާހަރާއެއް ނުވަތަ ކުށުގެ އަމަލެއް ހިނގާފައި ނުވާކަމަށާއި، މުބާރާތުގެ ކޮންމެ މެޗެއް ވެސް ފެނިގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބުކުރުމަށް އެމެރިކާގެ ރައްޔިތުން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

  • މުބާރާތުގެ ސަބަބުން އެމެރިކާއާމެދު ބޭރުގެ މީހުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދިޔަ ކަމަށާއި، ސްކޮޓްލަންޑާއި ނޯވޭ ފަދަ ޤައުމުތަކުގެ ސަޕޯޓަރުން އެނބުރި ޤައުމަށް ދިޔައީ ވަރަށް އުފަލުން، އެމެރިކާއަށް އޮތް ލޯބި ހާމަކޮށްފައި ކަމަށް ވިދާޅުވިއެވެ.

  • މިފަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް އެހެން އެއްވެސް މުބާރާތެއްގައި ނުވާވަރަށް ބޮޑު މާލީ ފައިދާއެއްވި މުބާރާތެއް ކަމަށް ވިދާޅުވިއެވެ.

  • ފައިނަލް މެޗު ނިމުމުގެ ކުރިން މިއިން އެއްވެސް ކަމެއް ހާމަނުކުރެއްވީ އެންމެ ފަހު ވަގުތުވެސް ކަމެއް ގޯސްކޮށް ހިނގައިދާނެތީ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރަމްޕް ވަނީ މުބާރާތް އަލުން އެމެރިކާގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަލުން އެމެރިކާއަށް މުބާރާތް ބޭއްވުމުގެ ފުރުޞަތު އެހެން އަވަހަކަށް ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ