އެއްމާބަނޑު އަންހެން ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނަށްވެ، ރާއްޖޭގެ ސިއްޙީ ތާރީޚުން ޚާއްޞަ ޖާގައެއް ހޯދައިފިއެވެ.
ގދ. ތިނަދުއަށް އުފަން މި ދެބެއިންނަކީ ޑރ. އަލްތާފު އަދުނާން އިސްމާއިލާއި ޑރ. އަލްމާސް އަދުނާން އިސްމާއިލެވެ. މީގެ ތެރެއިން ޑރ. އަލްތާފަކީ އުރަމަތީ ކެންސަރަށް ޚާއްޞަ ސަބް ސްޕެޝަލިސްޓެކެވެ. އަދި ޑރ. އަލްމާސަކީ ލޮލުގެ ބަލިތަކަށް ޚާއްޞަވެ، ގްލޯކޯމާ (ލޮލުގެ ނާރުހަލާކުވުން) ދާއިރާގެ ސަބް ސްޕެޝަލިސްޓެކެވެ.
މި ދެ ޑޮކްޓަރުންވެސް ޚިދުމަތް ކުރައްވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ޑރ. އަލްމާސް ގްލޯކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރެއްވީ ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޝަން އައި ހޮސްޕިޓަލުންނެވެ. އަދި ޑރ. އަލްތާފު ސަބް ސްޕެޝަލްޓީއަށް ތަމްރީނު ހޯއްދެވީ އިންޑިއާގެ ރާޖީވް ގާންދީ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސްއިންނެވެ.


