މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެހައި ފަރުދުންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށާއި، ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި އަމާނާތްތައް ފުރިހަމައަށް އަދާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
"މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫޢަށް ޚާއްޞަކޮށްގެން ދެއްވި މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ މުޖުތަމަޢެއްގެ ހުރިހާ ކަމެއްމެ ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރުމާއި، ޒިންމާދާރުވުމާއި އަދި ޢަދުލުއިންޞާފުގެ މައްޗަށެވެ.
އަދި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއްކަން ފާހަގަކުރައްވައި، ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެންޖެހޭނެކަން ކީރިތި ރަސޫލާ ﷺ ގެ ސީރަތުން ދަލީލު ނަންގަވައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އަހަރެމެން ކުރާ ކޮންމެ ޢަމަލަކާމެދު މާތް ﷲގެ ޙަޟުރަތުގައާއި މުޖުތަމަޢުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެއެވެ. ވަކިން ޚާއްޞަކޮށް، އެކި ފެންވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ހަވާލުވެތިބި މީހުން، އެބައިމީހުންގެ އަހުދުތަކާއި ހުވާތަކަށް ހުރުމަތްތެރިކޮށްހިތައި، ވަޒީފާ އަދާކުރި ގޮތާމެދު ޤިޔާމަތްދުވަހުން ވަކިވަކިން ސުވާލުވެވޭނެކަން ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި ޛާތީ މަޞްލަޙަތަށްވުރެ އަނެކުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަން ފާހަގަކުރައްވައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ޤައުމުގެ ކުރިއެރުމާއި، ތަރައްޤީއާއި، ތަނަވަސްކަން ބިނާވެގެންވަނީ ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ އަމާނާތްތަކަށް ޚިޔާނާތްތެރިނުވެ، ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ މައްޗަށްކަމުގައި މިއަދުގެ ޚުޠުބާގައި އަލިއަޅުވާލެއްވިއެވެ.


