މި އަހަރު ނިމުމުގެ ކުރިން ޣައްޒާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ނުރައްކާތެރި މިންވަރަކަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރާނެ ކަމަށް ދުނިޔޭގައި ބަނޑުހައިހޫނުކަން އޮތް މިންވަރު ދިރާސާކުރާ ބައިނަލްއަޤްވާމީ އިދާރާ، އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން ކާބޯތަކެތި ލިބޭ މިންވަރު އިތުރުވެ ކާޑުބަލި ޖެހޭ މީހުންގެ އަދަދު ކުރިން ދަށްވި ނަމަވެސް، މިހާރު އެ ކުރިއެރުންތައް ހުއްޓި އަލުން ހާލަތު ދަނީ ގޯސްވަމުންނެވެ. އެގޮތުން ގިނަ އާއިލާތަކަކަށް ފުދޭވަރަށް ކާބޯތަކެތި ނުލިބި، ސަލާންޖަހައި ސުންނާފަތިވެފައިވާ ތަންތަނުން ކާބޯތަކެތި ހޯދަންޖެހިފައިވާ ކަމަށް އައިޕީސީއިން ބުނެއެވެ.
އައިޕީސީގެ ދިރާސާއިން ދައްކާ ގޮތުގައި އޭޕްރިލް މެދަކުން ޖޫންގެ ނިޔަލަށް ޣައްޒާގެ 1.2 މިލިއަން މީހުން (އާބާދީގެ 59 އިންސައްތަ) ވަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ބަނޑުހައިހޫނުކަން ތަހައްމަލްކޮށްފައެވެ. އަދި މި އަހަރުގެ ޑިސެމްބަރާ ހަމައަށް ދާއިރު އެ އަދަދު 1.4 މިލިއަނަށް (އާބާދީގެ 67 އިންސައްތައަށް) އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
އެހީދޭ ޖަމްޢިއްޔާތަކަށް ފައިސާ ލިބުމުގެ ދަތިތަކާއި ހުރަސްތަކާ ހުރެ އެހީ ފޯރުކޮށްދެވޭ މިންވަރު މަދުވަމުންދާއިރު، މާބަނޑު މީހުންނާއި ގާތުންދޭ މައިންނަށް ކާބޯތަކެތި ފޯރުކޮށްދޭ މިންވަރުވެސް ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްވެފައެވެ.


