ވަރޓިކަލް ފަރމިންގެ މަޝްރޫޢޫ ކުރިއަށް ގެންދިޔުމަށް 5 ރަށެއް ކަނޑައަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްނިއުސްއިން ގެނެސްދޭ "ހަފްތާ 52″ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަކީ ސަރުކާރުން މުހިއްމު ސިޔާސަތެއްކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަރޓިކަލް ފާމިންގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު އެކަމަށް 5 ރަށެއް ކަނޑައަޅާ އެކަން އެރަށްތަކަށް އަންގާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރަމުންދަނީ ވަރޓިކަލް ފާމިންގެ ސްޓްރަކްޗަރ ރާއްޖެއަށް ގެނައުމުގެ މަސައްކަތްކަމަށެވެ.
މިމަޝްރޫޢޫގެ ދަށުން ވަރޓިކަލް ފާމިންގެ މަސައްކަތް ފުރަތަމަ ފަށާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ނ. ކެނދިކުޅުދޫ، ޅ.ނައިފަރު، ރ.ހުޅުދުއްފާރު، އއ.މަތިވެރި، އަދި ތ. ކިނބިދޫ ގައެވެ.
ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ސްޓްރަކްޗަރތައް ގެނައުމަށްފަހު ދެން ރަށްރަށުގެ ރައްޔިތުންނަށް ވަރޓިކަލް ފާމިންގެ ތަމްރީންތައް ދޭންފެށުމަށް ރާވާފައިވާކަމަށެވެ.
މިސިސްޓަމްތައް ބޭނުންކޮށްގެން ގަސް ހެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޔޫއެންޑިޕީގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ޒަމާނީ ގޮތަކަށް ތަރައްޤީކުރުމަށް ކުރަމުންދާއިރު، ހައިޑްރޯފޯނިކްސް އާއި ގްރީންހައުސްގައި ހައިޑްރޯފޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން މިހާރު ޢާއްމުވަމުން އަންނަކަން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ރާއްޖެއަށް ޢާއްމުކޮށް އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ، ތަރުކާރީއާއި މޭވާގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްކަމަށްޓަކައި އިކޮނޮމިކް ޒޯނެއް ކަނޑައަޅައި 200 ހެކްޓަރުގެ ބިމެއްގައި ދަނޑިވެރިކަމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުންވަނީ ޢިއުލާންކުރައްވާފައެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
މިސަރުކާރުންކުރާކޮއްމއކަމެއްގައި މަތިވެރި މަތިވެރ މަތިވެރި މީކޮންކަމެއް މެމްބަރަކުވަޔައްއުޅުނަސް މިވަރުތަންކޮޅެއްބޮޑު
މިނިސްޓަރު ދަނޑުވެރިކަމުގެޕްލޭނުހައްދަވަނީކިހިނެއް