(ހޮނިހިރު ދުވަހުގެ ބަޔާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައި ކިޔާލެއްވުމަށް ފިއްތަވާލަށްވާ..)
މަތިންދާބޯޓުގެ ދޮރު ހުޅުވިގެންދިޔައީ ފުންވެގެންވީ ފަޅުކަމެއްގެ ތެރެއަށް ކަނޑައިގެންދިޔަ ބަރު އަޑަކާއެކީގައެވެ. އެއާއެކު، ދެކުނުގެ އެ އަތޮޅުގެ އިސްތިވާއީ ގަދަ ހޫނުގަނޑު، އެއްވެސް ހުރަހެއްނެތި ބޯޓުގެ އެތެރެއަށް ބާރަށް ވެރިވެގަތެވެ. އައްޑޫގެ ބޭރު ފަރުތަކަށް ބިންދަމުންދިޔަ ރާޅުތަކުގެ ދުރު، މަޑު، އަދި ހިމޭންވީ ހިތްދަތި ރާގުވެސް އެ ހޫނުގެ ތެރެއިން އިވެމުންދިޔައެވެ.
ގަފޫރު، ބޯއްޓުން ފައިބަން ސިޑިން ތިރިއަށް ފިޔަވަޅެއް އެޅި ވަގުތު، މެންދުރުގެ އިރުގެ ދިލަ އަވި އޭނާގެ މޫނަށް އެރީ ހަށިގަނޑަށް ފޮނުވައިލި ފުން އެތިފަހަރެއް ފަދައިންނެވެ. އެއާއެކު، ލޯބާރުކޮށްލަން އޭނާއަށް މަޖުބޫރުވިއެވެ. އޭނާގެ މުސްކުޅި، ވަރުބަލިވެފައިވީ ހަށިގަނޑު ވަށާލި އެ ބަރު، ނޭވާހާސްކުރުވާ ހޫނުގެ ތެރޭގައިވެސް، ފިނި، ގަނޑުވެފައިވީ ބިރުވެރިކަމެއް އޭނާގެ ކަށިތަކުގެ ފުންމިނަށް ވާސިލުވެ، މުޅި ރޫޙު ރޫރޫ އަޅުވައިލިއެވެ. އައްޑޫގެ ވައިގައި އޭނާއަށް ނޭވާލާންވެސް އުނދަގޫ ވާހާ، ބަރު ބާރެއް ހުރިހެން އިހުސާސްކުރެވުނެވެ. އެ ވައިގެ ތެރޭގައިވަނީ އޭނާ ފިލައިގެން ދިއުމަށް ފާއިތުވީ ނަވާވީސް އަހަރު މަސައްކަތްކުރި މާޒީގެ ހިތްދަތި ހަނދާންތަކެވެ. ނަމަވެސް، އެ ހުރިހާ ހަނދާންތަކެއް އޭނާގެ އިންތިޒާރުގައި ތިބި ކަހަލައެވެ.
"މަގޭ ހިތް މިހާ ބާރަށް މި ތެޅެނީ ކީއްވެބާ؟" އެއާފީލްޑުގެ ހާމަ ފަޅުތަނަށް ބަލަހައްޓައިގެން ހުރެ ގަފޫރު ހިތަށްއެރިއެވެ. "ގާތްގަނޑަކަށް ތިރީސް އަހަރު ވަންދެން އަހަރެން އުޅުނީ އަމިއްލައަށް އިހުތިޔާރުކުރި އަރުވާލުމެއްގައެވެ. އަހަރެމެންގެ ދެމެދުގައި ކަނޑު އޮތްހާ ހިނދަކު ދޮންދީދީ ސަލާމަތުން ހުންނާނެ ކަމަށް އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. ދޮންދީދީގެ ހިމޭންކަމަކީ ހަމައެކަނި ދޮންދީދީ އަހަރެން ދެކެ އައިސްފައިވާ ރުޅިކަމަށާއި، އެއީ އަހަރެންގެ ހިޔަނި އޭނާގެ އަލިކަމާ ދުރުގައި ބެހެއްޓުމަށް އޭނާ ކުރި ކަމެއް ކަމަށް އަހަރެން ގަބޫލުކުރީމެވެ. އެކަމަކު މިހާރު… މިހާރު އެ ދުރުމިން ނެތިދިޔުމުން، މި ވައިރޯޅިވެސް އަހަންނަށް އެ ތުހުމަތުކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން މިއީ އަމިއްލަ މަރުގެ ހުކުމާ ދިމާލަށް ހިނގާފައިދާ މީހެއް ފަދައިން އަހަރެންނަށް މި އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟"
ގަފޫރުގެ ފަހަތުން، ފާތުމަ ހިނގަމުންދިޔައީ ހިމޭންކަމާ އެކީގައެވެ. އޭނާގެ ކަޅު ބުރުގާގެ ކޮޅުތައް، ކަނޑުގެ ރޯޅިތަކާއެކު މަޑުމަޑުން ހޫރެމުންދިޔައީ ހިތާމައިގައި އުދުހިފައި ދިޔަ ކޮވެއްޔެއްގެ ފިޔަތަކެއް ފަދައިންނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކޮޅެއް ނެތް ފުން، ހިމޭން ހިތާމައެއްގެ ކުލަވަރެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ ސީދާ ތާރުގަނޑަށެވެ. އުޑުމައްޗާ ހަތަރުކަޅި ހަމަކުރަންވެސް އޭނާ ބޭނުންނުވާ ކަހަލައެވެ. އޭނާ އެ އުފުލަނީ މީހެއްގެ ރޫހު ފުނޑުފުނޑުކޮށްލާ ފަދަ ބިރުވެރި، ހިތްދަތި ސިއްރެކެވެ. އެއީ ރަށުން ފުރައިގެން އައްޑުއަށް ކުރި މުޅި ދަތުރުގައި، އޭނާގެ ތުންފަތުގެ ފުރަގަހުގައި ތަޅުލައި ފޮރުވައިގެން އުޅުނު، އެހާމެ ބަރު އަދި ތޫނު ހަގީގަތެކެވެ. އެ ހަގީގަތުގެ ހިތްދަތިކަން ބޮޑުކަމުން، ގަފޫރު ދުނިޔެއިން މޮޔަވެދާނެކަމުގެ ބިރުވެސް ފާތުމަގެ ހިތުގައި ތަތްލަވާފައި އޮތެވެ. އެ ހަގީގަތް އެނގުމުން ގަފޫރުގެ ހިތުގައި އަޅާނެ ވޭނާއި ކެކުޅުން ބަލަން ހުންނާނެ ހިތްވަރު ހުދު އޭނާގެ އަމިއްލަ ނަފުސުގައިވެސް ނެތްކަން ފާތުމައަށް ރަނގަޅަށް އެނގެއެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކުމެ ފާތުމަގެ ހިތުގެ ވިންދި ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންދިޔައެވެ. ވާނޭ ގޮތެއް ނޭނގޭތީ މާތްﷲ އަށް ވަކީލުކުރުން ނޫން ގޮތެއް ނެތްކަން ފާތުމައަށް ވިސްނުނެވެ.
އޭނާ ގަފޫރުގެ މޫނަށް އަރިމަތިން ބަލައިލިއެވެ. ގަފޫރުގެ ލޮލުގައި ހުރި ހާސްކަމާއި، އޭނާގެ ދަތްދޮޅިއަށް އަންނަމުންދިޔަ ކުޑަ ރޫރޫއެޅުން ފާތުމައަށް ފާހަގަކުރެވުނެވެ. ޔާ ﷲ! ހިތްދަތި، ވޭނީ ދުޢާއަކުން އޭނާގެ ހިތް ގޮވައިލިއެވެ. އަހަރެން ބޭބެ ގާތު މި ވާހަކަ ބުނާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މަގޭ ބޭބޭގެ ލޮލަށް ބަލާނީ ކިހިނެއް ހެއްޔެވެ؟ ބޭބެގެ ހަޔާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ދޮންދީދީ ދިރިހުއްޓައި ދޮންދީދީއާއި ބައްދަލުވުމެވެ. ދޮންދީދީގެ މާފު ލިބުމެވެ. އަދި އެ ދުވަހު ކަންތައް އަސްލު ވީ ގޮތުގެ ހަގީގަތް ދޮންދީދީއަށް ކިޔައިދިނުމެވެ. ބޭބެގެ މުޅި އުމުރު އެ ހުސްކޮށްލަނީ، އެ ކުށުގެ ސަޒާ އޭނަގެ އަމިއްލަ ނަފްސަށް ދީދީއެވެ. އަހަރެންގެ ބޭބެއަކީ، ނުވެސް ކުރާ ކުށަކަށް މައާފު ލިބޭނެ ހިނދުކޮޅެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ދުވަސްތައް ގުނަމުންއައި ނިކަމެތި އިންސާނެކެވެ. ބޭބެ ދޮންދީދީ ދެކެ ވާ ލޯބި ތަސައްވުރުކޮށްލަންވެސް ޚުދު އަހަރެންނަށްވެސް ނޭނގޭނެއެވެ. އެވަރުވެފައި ހުރި މީހެއް ގާތުގައި، އޭނާގެ މި ދަތުރުގެ މަންޒިލަކީ އޭނާ ހިތް އެދިއެދި ހުރި މަންޒިލް ނޫންކަން ބުނެދޭނީ ފަހެ ކިހިނަކުން ހެއްޔެވެ. ބޭބެ އެ އަޑެއްގެ އިންތިޒާރުގައި ހުރި އަޑު، ދާއިމަށް ހިމޭންވެއްޖެ ކަމަށް ބުނާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
އެމީހުން ސިޑިން ފޭބީ ވަރަށް ލަސްލަހުންނެވެ. ހޫނު ތާރުގަނޑުމަތީގައި އެޅުނު އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ގުގުމަމުން ދިޔައީ، ދުނިޔެ ނިމުމުގެ ވަގުތު ކައިރިވަމުންދާކަން އަންގައިދޭ ގަޑިއެއްގެ ސިކުންތުކަށި ހިނގާ ފަދަ ހަމަހިމޭން އަދި އެހާމެ ބިރުވެރި ގޮތަކަށެވެ. ގަފޫރުށް އިހުސާސް ކުރެވެމުން ދިޔައީ، ކޮންމެ ފިޔަވަޅަކީވެސް ތިރީސް އަހަރުވަންދެން ދުލުން ބޭރުނުކޮށް ހިފަހައްޓާފައިވާ މާފަށް އެދުމުގެ ބަރުދަނުން އުފެދިފައިވާ، ފެންނަން ނެތް ބޮޑު ބަރު ހިލަގަނޑެއް ދަމަމުންދާ ފަދަ ކަމެއްގެ ގޮތުގައެވެ. އޭނާގެ މޭގެ ތެރޭގައި އުފެދިފައިވާ ހަލަބޮލި ތޫފާނާ އެއްވަރަށް، ހިތް ދިޔައީ މޭކަށިގަނޑުގައި ބާރަށް ތަޅަމުންނެވެ. ވޭތުވެދިޔަ ތިރީސް އަހަރު ދުވަހު، އޭނާގެ ރޫހު އޮތީ ދޮންދީދީގެ ހަނދާންތަކުގެ ތެރޭގައި މަގުއޮޅި، ފަޅުވެފައިވާ ސަހަރާއެއް ފަދައިންނެވެ. އެއީ އޭނާގެ ހިތުގެ ހަގީގީ މިލްކުވެރިޔާއެވެ.
އޭނާ އުޅުނީ ޒުހުރާއާއެކު މަޖުބޫރުވެގެން ކުރި ކައިވެންޏެއްގައެވެ. ދަރިން ބޮޑުކޮށް، މުޖުތަމައުގައި ގަދަރުވެރި ނަމެއް ހޯދައި، މީސްތަކުންގެ ކުރިމަތީގައި މުސްކުޅިވިއެވެ. ނަމަވެސް، އެ ފެންނަން އޮތް އަމާން ދިރިއުޅުމުގެ އަޑީގައި، އޭނާގެ ރޫހު ވަނީ އެންމެ ހިނދުކޮޅެއްގައި ހުއްޓިފައެވެ. އެއީ އޭނާގެ މަންމަ އެންމެ ފަހު ނޭވައިގައި ކުރި ވަސިއްޔަތް ފުއްދައިދިނުމަށްޓަކައި، ދޮންދީދީގެ ސާފު ތާހިރު ލޯބި ގުރުބާންކޮށް، އޭނާގެ މުގައްދަސް ވަޢުދުތައް އުވާލި، ހިތް ފުނޑުފުނޑުވެގެންދިޔަ ވަގުތެވެ. ގަފޫރު އެތައް އަހަރެއް ހޭދަކުރީ، ދެކުނުގެ ދުރު ރަށެއްގައި، ރުއްތަކުގެ ހިޔަލުގައި ދޮންދީދީ މުސްކުޅިވަމުންދާނެ ގޮތް ހިތަށް އަރުވައިގެންނެވެ. ދޮންދީދީގެ ހިތުގައި ގަފޫރުށްޓަކައި އޮންނާނެ ނަފުރަތަކީ، އޭނާގެ ހަނދާންތަކުގައި ދޮންދީދީ ދިރުވައިދިން ހަމައެކަނި އުންމީދެވެ. އޭނާގެ ދުނިޔެވީ ހަޔާތް ނިމުމުގެ ކުރިން، އެ ދެލޮލުން ނަފުރަތު ފެނުނު ކަމުގައި ވިޔަސް، އެންމެ ފަހު ފަހަރަށް މާފަށް އެދުމަށް އޭނާ ނުހަނު ބޭނުންވިއެވެ.
"އޭނާ އަހަރެންދެކެ ނަފުރަތު ކުރާނަމަ، އަދިވެސް އަހަރެންގެ މަތިން ހަނދާން ކުރާނެ.." މިއީ ވޭތުވެދިޔަ ތިރީސް އަހަރު އޭނާ އަމިއްލަ ނަފުސަށް ކިޔައިދެމުން އައި ހިތާމަވެރި ވާހަކައެވެ. ގަފޫރު ހިތަށްއެރިއެވެ. ދޮންދީދީގެ ހިތުގައި އޭނާއަށްޓަކައި އޮވެދާނެ ރުޅިވެރިކަމާއި ނަފްރަތަކީ، ދޮންދީދީ މި ދުނިޔޭގައި ހިފަހައްޓައިދޭ ވަސީލަތް ކަމުގައި ލައްވާށިއެވެ. އޭނާ މި ދުނިޔޭގެ އިރުގެ އަލީގައި ހިނގައި، މި ކަނޑުގެ ވަޔަށް ނޭވާލާނަމަ، އޭނާގެ ނަފުރަތުގެ އަލިފާނުގައި އަބަދަށް އަނދަންވެސް އަހަރެން މިހުރީ ތައްޔާރަށެވެ.
އެމީހުން އެއާޕޯޓް ޓާމިނަލުން ނުކުމެ، މީހުން މަޑުކޮށްގެން ތިބޭ ސަރަހައްދަށް ދިޔައިރު، އެމީހުންނާ އެއް އުމުރެއްގެ، އިސްކޮޅުން ދިގު، ހަށިގަނޑު ވަރުގަދަވެފައި ފުޅާ ފިރިހެނަކު ކުރިއަށް ޖެހިލިއެވެ. އޭނާގެ އިސްތަށިގަނޑުގައި އޮތީ ހުސް ނުރައެވެ. އަދި ގަދަ އަވީގައި އޭނާގެ ހަންގަނޑު ވަނީ ކަޅުވެ، ރޫޖެހިފައެވެ. އޭނާގެ އޯގާތެރި ނަމަވެސް ސީރިއަސް ދެލޮލުން ފަހަރަކު މީހަކަށް ބަލަމުން ގޮސް، ފާތުމައާ ހަތަރުކަޅި ހަމަވުމާއެކު އެއީ ކާކުކަން ވަގުތުން ދެނެގަތެވެ.
"އައްބާސް…" ފާތުމަ މަޑުމަޑުން ބުނެލިއެވެ. އެއާޕޯޓުގެ މެޝިންތަކުގެ އަޑުގެ ތެރެއިން އެ އަޑު އިވުނީ ކިރިޔާއެވެ. ނަމަވެސް އެ އަޑުގައި ވަނީ ވަރުބަލިކަމުން ފުރިގެންވީ ހިތްހަމަޖެހުމެކެވެ.
އެ ރިހި އިސްތަށިގަނޑުގެ ވެރިޔާ އެމީހުންނާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ގަދީމީ ރަހުމަތްތެރިކަމާއި ހިއްސާކުރެވޭ ހިތާމަތަކުގެ އަސަރެވެ. ފާތުމަ ގަފޫރާއި ދިމާއަށް އެނބުރިލިއެވެ. އަދި ގަފޫރުގެ ތުރުތުރުއަޅަމުންދިޔަ އަތުގައި ރައްކާތެރިކަމާއެކު އަތްލިއެވެ.
"ބޭބޭ… މިއީ އައްބާސް.." ފާތުމަގެ އަޑު ތުރުތުރުލަމުން ދިޔައެވެ. "މިއީ އަހަރެން އެ ބުނި ގާތް ރަހުމަތްތެރިޔާއަކީ. އަހަރެމެން މި ހޯދަން އުޅޭ މައުލޫމާތުތައް ހޯދުމުގައި ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްކޮށްދިން މީހަކީ މީ… އައްބާސް އަހަރެމެން ދޮންދީދީގެ ގާތަށް ގެންގޮސްދޭނެ."
ގަފޫރުގެ ނޭވާ ކަރުތެރޭގައި ތާށިވިއެވެ. އޭނާ އައްބާހަށް ބަލަހައްޓައިގެން ހުއްޓެވެ. މުޅި އެ ހިނދުކޮޅުގެ ބަރުދަން، ނޭވާހާސްކުރުވާ ފަދަ ސާލެއް ފަދައިން އޭނާގެ ބޯމައްޗަށް ވެއްޓުމާއެކު، ހިނދުކޮޅަކަށް އޭނާގެ ލޮލުގެ ފެނުން ފުސްވެގެންދިޔައެވެ. އެ ކުރިމަތީގައި ހުރި މީހާގެ އަތުގައި އެވަނީ، ތިން ދަހަރެއްހާ ދުވަހު އޭނާގެ ރޫހު ކޮށާލި ސިއްރުގެ ތަޅުދަނޑިއެވެ. ލަސްލަހުން، ޖެހިލުންވެ ހުރެ، ގަފޫރު އޭނާގެ އަތް ދިއްކޮށްލިއެވެ. އޭނާގެ އިނގިލިތައް ވަނީ ފިނިވެފައެވެ. އަދި އޭނާއަށް ފޮރުވަން ނުކުޅެދުނު ގަދަ ރޫރޫއެޅުމަކުން މުޅި އަތް ތެޅެމުންދިޔައެވެ. އެއީ އޭނާގެ ހިތުގައި މޫލާފައިވީ ބިރުވެރިކަމުގެ ބޭރުފުށުގެ ސިފަވުމެވެ.
އައްބާސް ކުރިއަށް ޖެހިލައި ގަފޫރުގެ އަތުގައި ހިފިއެވެ. އަދި އޭނާގެ ހޫނު، ވަރުގަދަ، އަދި ހަރު އަތްތިލައިން އެ އަތް ވަށައިލިއެވެ. އެ ސަލާމްކުރުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ދެއްކުންތެރި، ބޭރުފުށުގެ އަދަބުވެރިކަމެއްވެސް ނެތެވެ. އޭގައި އޮތީ އެމީހުން އުފުލަމުންދިޔަ ހިތްދަތި ބަރުދަނުގެ ހިމޭން، ދެފަރާތުގެ ވިސްނުމެވެ. އައްބާސް ގަފޫރުގެ ދެލޮލަށް ބަލައިލިއެވެ. ގަފޫރުގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުގެ ފުން ރޫތަކާއި، ގަދަ ވައިރޯޅިއެއްގެ ތެރޭގައި ނިވުމާ ގާތްވެފައިވާ އުއްބައްތިއެއް ފަދައިން އޭނާގެ ކަޅީގެ ތެރޭގައި ތެޅެމުންދިޔަ ނިކަމެތި، އާދޭހުގެ އުންމީދު އައްބާހަށް ފެނުނެވެ.
"އައްޑޫއަށް މަރުޙަބާ، ގަފޫރު.. އަދި އަލަށް ދޯ ތި އައީ…" އައްބާސް ބުންޏެވެ. އޭނާގެ ފުން، މަޑު އަޑުގައިވަނީ ދެކުނު ބަހުރުވައިގެ އެ ތަފާތު ހަމަޔާއި އޮމާންކަމެވެ. "އަހަރެން އެދުނީ އަހަރެމެންގެ މި ބައްދަލުވުން މިއަށްވުރެ އުފާވެރި އުޑެއްގެ ދަށުން ވުން. އެކަމަކު، އެތައް އަހަރަކު ގަފޫރަށް ނުލިބިފައިވާ ހިތުގެ ހަމަޖެހުން ހޯދައިދިނުމުގައި އެހީތެރިވާން އަހަރެން މިހުރީ ތައްޔާރަށް… މިއަދު ގަފޫރު ތި ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު، އަހަރެން ހޯދަދޭނަން… ތި ދިގު އިންތިޒާރަށް އަހަރެން މިއަދު ނިމުމެއް ގެނެސްދޭނަން…"
"ޝުކުރިއްޔާ، އައްބާސް… އަހަރެންނަކަށް ނޭނގެ، އަހަރެން ކިހިނެއް ކަމެއްވެސް އައްބާހަށް ޝުކުރުއަދާކުރާނީ…" ހިތުގެ ޖަޒުބާތުތަކުގެ ބަރުކަމުން އަޑު ކުރެހިފައިވީ ހާލު، ކިރިޔާ އިވޭނޭހާ މަޑުން ގަފޫރުށް ބުނެވުނެވެ. "މި ހުރިހާ އަހަރަކު… އަހަރެން މިއުޅުނީ އަނދިރީގަ… މަގޭ މުޅި ދިރިއުޅުމަކީ ހިމޭން އިންތިޒާރުގެ ހަވޭއްޔެއް… ދޮންދީދީ ހުރިތަނެއް އެނގުން… އެކަން އެކަނި… އެއީ މި ފަސްގަނޑު އަހަރެންގެ ހަށިގަނޑު ދިރުވައިލުމުގެ ކުރިން މަގޭ ރޫހު އެދޭ އެންމެ ބޮޑު އެއް ކަންތައް…"
އައްބާސް ހިމޭންކަމާއެކު ބޯޖަހައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބަފައެއް ފަދަ އޯގާތެރި، މަޑުމޮޅި ހަމްދަރުދީއެކެވެ. އޭނާ ތިރިވެ، އެމީހުންގެ ދަބަސްތައް ފަސޭހަކަމާއެކު އުފުލައިލަމުން، ބަމްބުކެޔޮ ގަހެއްގެ ފުން ހިޔަލުގައި ޕާކުކޮށްފައި އޮތް އޭނާގެ ކާރާއި ދިމާއަށް އެމީހުން ގޮވައިގެން ހިނގައިގަތެވެ. އެ ކާރު ދިޔައީ ގަދަ އަވީގެ ތެރޭގައި ބަބުޅަމުންނެވެ. ނަމަވެސް، އެމީހުން ކާރަށް އެރިއިރު، އޭގެ އެތެރެއޮތީ ފިނިކޮށް، ބޭރުގެ ހަރުކަށި ހޫނުން ރައްކާތެރިކުރެވިފައެވެ.
****
ގޭގެ ހިމޭން އަމާންކަމުގެ ތެރެއަށް އެނބުރި އާދެވުމުން، ރާމިޔާ އާއި މެހެކް މިހާރު ތިބީ ބޮޑު އެނދުގައި ޖެހިޖެހިގެން އޮށޯވެގެންނެވެ. ކޮޓަރީގެ ދޮރުފޮތިތައް ބާރަށް ދަމާލެވިފައި ހުރުމުގެ ސަބަބުން، މުޅި ކޮޓަރިއަށް ވަނީ ބޭރު ދުނިޔޭގެ ބެލުންތަކުން ރައްކާތެރިކަންދޭ ފަދަ ހަމަޖެހޭ، މަޑު އަނދިރިކަމެއް ވެރިވެފައެވެ. އެއާކޮންޑިޝަނަރުގެ މަޑު އަޑާއެކު، ކޮޓަރިތެރެއަށް ފިނިކަން ފެތުރިފައި އޮތެވެ. ރާމިޔާ އޮތީ އެއްއަރިއަކަށް އޮށޯވެ، އަތުން ބޯހިފަހައްޓާލައިގެން، މެހެކްގެ ދޮން، ނާޒުކު މޫނަށް ފުންކޮށް ބަލާށެވެ. މެހެކް އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދެއަތުން ރަޖާގެ އަރިމަތީގައި ބާރަށް ހިފަހައްޓާލައިގެން އޮތީ، އެއީ ރޭގައި ދިމާވި ހާދިސާގެ ހަނދާންތަކުން އޭނާ ރައްކާތެރިކޮށްދޭނޭ އައްޑަނައެއް ފަދައިންނެވެ.
"މެހެކް…" ރާމިޔާ ވަރަށް މަޑުމަޑުން ވާހަކަދެއްކިއެވެ. އޯގާތެރިކަމާއި ރޫހާނީ ހަމަޖެހުމުން ފުރިގެންވީ އަޑަކުން އޭނާ އެ ހިމޭންކަން މުގުރާލިއެވެ. "އެކަހަލަ ނުބައި ޚިޔާލުތައް ސިކުނޑިއަށް ވެރިވާން އުޅޭ ކޮންމެ ފަހަރަކު، އެ ޚިޔާލުތަކާ ދެކޮޅަށް ހިތްވަރުކުރަންވާނެ. ދުޢާތައް ކިޔާ. ހިތުގެ އަޑުން ކީރިތި ޤުރުއާން ކިޔަވާ. ﷲގެ ކަލާމްފުޅަކީ މި ދުނިޔޭގައިވާ ހުރިހާ ނުބައިކަމަކުން އިންސާނާ ރައްކާތެރިކޮށްދޭ އެންމެ ބޮޑު އައްޑަނަ. މިހާރު އިތުރަށް އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތް. ތިޔައީ އަހަރެމެންގެ ހިޔާވަހިކަމުގެ ދަށުގައި ހުރި ކުއްޖެއް. ބޭބެވެސް، ބައްޕަވެސް، އަދި އަހަރެންވެސް، ދުވަހަކުވެސް އެއްވެސް މީހަކު މެހެކަށް ދެރައެއްދޭކަށް ފުރުޞަތެއް ނުދޭނަން…"
މެހެކް އޭނާގެ ބޯ ކުޑަކޮށް އަނބުރާލުމަށްފަހު، ރާމިޔާއަށް ބަލައިލިއެވެ. އެ ދެލޮލުން ފާޅުވަމުންދިޔައީ ބަލިކަށި، ނަމަވެސް ކޮޅެއްނެތް ފުން ޝުކުރުވެރިކަމެކެވެ. "އަހަރެން ތި ބުނި ހުރިހާ ކަމެއްވެސް ކުރާނަން.. ތެންކްސް ރާމި….. ތިޔަ ދެއްކި ވާހަކަތަކުން މަގޭ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ.."
ރާމިޔާ ހިނިތުންވެލިއެވެ. ނަމަވެސް އެއަށްފަހު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ފުން ވިސްނުމަކަށް ގެނބުނެވެ. އެއީ ވަކި ވާހަކައެއް ދައްކަންވީތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސާ ސުވާލުކުރާ ފަދަ ގޮތަކަށެވެ. އޭނާ ކުޑަހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އަދި އެނދުގެ ބެޑްޝީޓުގައި އިނގިލިތަކުން ކުރެހުމެއް ކުރަހާލުމަށްފަހު، އެންމެ ފަހުން ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރި ޝައުގުވެރިކަމެކެވެ.
"މެހެކް… އަހަރެން މެހެކް ގާތު ބުނަން ބޭނުންވާ ވާހަކައެއް އެބައޮތޭ…" ރާމިޔާ ވާހަކަދައްކަން ފެށިއެވެ. އޭނާގެ ދެލޯ ހުރީ މެހެކްގެ މޫނަށް ހުއްޓިފައެވެ. "ރޭގަ މެހެކްގެ ފޯނަށް މީހަކު ގުޅިއޭ… ފޯނު ރިންގުވާތީ ފުރަތަމަ ހިތަށްއެރި މީ ކުރިން ދުވަހަކުވެސް އަޑު ނީވޭ ރިންގްޓޯންއެކޭ… އައި ވޯސް ވޯންޑަރިން ކާކުގެ ފޯނެއްބާއޭ އެ ރިންގުވަނީ.."
ރަޖާގެ ދަށުގައި އޮތް މެހެކްގެ މުޅި ހަށިގަނޑު ކުއްލިއަކަށް ގަނޑުވެގެންދިޔައެވެ. އަދި އޭނާގެ ހިތުގެ ވިންދު ބާރުވެ، ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ.
"އަހަރެން ބަލައިލިން…" އޭނާގެ އެ ބަސްތަކުން މެހެކްގެ ހިތަށް ވެރިވަމުންދިޔަ ބިރުވެރި ހާސްކަން ނޭނގޭ ހާލު، ރާމިޔާ ކުރިއަށް ގެންދިޔައެވެ. "އެމީހަކު ދެތިން ފަހަރަކު ފޯނު ކުރި. އަހަރެން މެހެކްގެ އަމިއްލަ މިނިވަންކަމުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން. އެކަމަކު ފޯނުގެ ސްކްރީނުން ފެންނަން އިން ނަން އަހަންނަށް ފާހަގަކުރެވުނު. އެ ނަން ސޭވްކޮށްފައި އިނީ 'ބައްޕި' އޭ ޖަހާފަ.. ސޯ އިޓް މަސްޓް ބީ ޔޯރ ޑޭޑް ދޯ؟…"
އެ ވާހަކަ އަޑު އިވުމާއެކު، ކުއްލިއަކަށް ބިރުވެރި ހޮނެއް އެޅި ފަދަ ސިހުމެއް މެހެކަށް ލިބުނެވެ. ހަމަ އެވަގުތު އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެ، ބާރު ހާސްކަމެއް ވެރިވިއެވެ. ކޮޅެއްނެތް ސިހުމަކާއެކު އޭނާގެ ދެލޯ ބޮޑުވެ، ތުންފަތުގެ ކުލަ މުޅިން ފަނޑުވެގެންދިޔައެވެ. ނިތްކުރިމަތިން ދާތިކިތައް ހިއްލާލިއިރު، އޭނާގެ އިނގިލިތަކުން ރަޖާގައި ހިފަހައްޓާލައިގެން އޮތީ ނިޔަފަތިތައް ފޮތިގަނޑުގެ ތެރެއަށް ވަދެގެންދާހާ ބާރަށެވެ.
މިއީ އެއްގޮތަކަށްވެސް އުންމީދުނުކޮށް ހުއްޓާ، އޭނާގެ ދިރިއުޅުމުގެ އެންމެ ބިރުވެރި ހުވަފެން ހަގީގަތަކަށް ބަދަލުވި ވަގުތެވެ. އަމިއްލަ އިޚްތިޔާރުގައި އެ ވާހަކަތައް ހިއްސާކުރަން ތައްޔާރުވުމުގެ ކުރިން، ރާމިޔާއަށް ނުވަތަ އެ އާއިލާގެ އެއްވެސް މީހަކަށް އޭނާގެ ހަގީގަތް، އޭނާ އަމިއްލައަށް ކިޔައިދިނުމުގެ ކުރިން އެނގޭކަށް މެހެކް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.
ރާމިޔާ ކުޑަކޮށް ތެދުވެ އިށީނދެލިއެވެ. މެހެކްގެ ހަށިގަނޑަށް ކުއްލިއަކަށް އައި އެ ބޮޑު ބަދަލު އޭނާއަށް ފާހަގަކުރެވުނެވެ. މެހެކްގެ ބޮޑުވެފައިވީ ދެލޮލުން ފެންނަން ހުރި ބިރުވެރިކަމާއި، މުޅިން ހުއްޓިފައިވީ ނޭވާއާއި، އެ ނާޒުކު ހަށިގަނޑުން ފާޅުވަމުންދިޔަ ބާރު ހާސްކަން ރާމިޔާއަށް ފެނުނެވެ. ނަމަވެސް، ރާމިޔާގެ ސާފު ހިތަށް އެ ހާސްކަމުގެ ހަގީގީ ސަބަބެއް ނޭނގުނެވެ. އޭނާއަށް ނުބައިކޮށް ހީކުރެވުނީ، އެއީ މިނިމަސްކާ ސިހުރުވެރިންގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން ނުވަތަ ގަދަބާރު ދައްކާ އާއިލާގެ މީހެއްގެ ސަބަބުން މެހެކްގެ ހިތުގައި އަދިވެސް އޮތް ބިރުވެރިކަމެއް ކަމަށެވެ.
"މެހެކް؟ އޭމް ސޯ ސޮރީ… އާ ޔޫ އޯކޭ؟" ރާމިޔާ ވަރަށް އޯގާތެރިކަމާއެކު އަހައިލިއެވެ. އަދި މަޑުމަޑުން މެހެކްގެ ކޮނޑުގައި އަތްޖައްސައިލިއެވެ. "އަހަރެން މެހެކްގެ ފޯނަށް ބަލައިލުމުން ބިރުގަތީ ނަމަ މާފުކުރޭ. ތިޔަހާ ބޮޑަށް ހާސްވާނެ ކަމެއް ނެތް. އަހަރެން މެހެކްއަކަށް ފޯސްއެއް ނުކުރާނަން އެއްވެސް ވާހަކައެއް ކިޔައިދޭކަށް…. މެހެކް އަމިއްލައަށް ތައްޔާރުވެވުނު ދުވަހަކުން އަހަރެމެންނަށް ހުރިހާ ހަގީގަތެއް ކިޔައިދެންދެން އަހަރެމެން މެހެކަށް އެއްވެސް ޕްރެޝަރެއް ނުކުރާނަން އިނގޭ… އޭމް ސޯ ސޮރީ އިފް ޔޫ ފެލްޓް އަންކޮމްފޯޓަބްލް…"
މެހެކް އޭނާގެ ކަރުބުޑުގައި އުފެދިފައިވީ ހާސްކަން ދިރުވައިލުމަށްފަހު، ވަރަށް އުނދަގުލުން ފުން ނޭވާއެއްލިއެވެ. އޭނާ ރޫރޫއަޅާ ހާލު، ބޯޖަހައިލަމުން ރާމިޔާގެ މޫނަށް ބަލަން ނުކެރިގެން އަނެއްކާވެސް ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. ރާމިޔާއަށް ކިހާވަރެއް އެނގިދާނެބާއޭ އަދި އޭނާގެ ސިއްރުތައް ކިހާ ދުވަހަކު ފޮރުވޭނެބާއޭ ހިތަށްއަރައި، މެހެކްގެ ސިކުނޑީގައި އެތައް ހާސް ޚިޔާލެއް އެނބުރެމުންދިޔައެވެ.
****
އައްބާސް ކާރު ސްޓާޓްކޮށް، އައްޑޫގެ ރަށްތައް ގުޅުވައިދޭ ދިގު، ތާރީޚީ ލިންކު ރޯޑުން ދުއްވަން ފެށިއެވެ. ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަކީ އެއްފަރާތުން ފެންނަ ރާޅުއޮބޭ ފަޅުތަކުގެ ނޫކުލައާއި، އަނެއްފަރާތުން ފެންނަ ހާމަ ކަނޑުގެ ފުން، ޗާލު، އަދި ކޮޅެއްނެތް ނޫކުލައެއް އެކުލެވިގެންވާ ރީތި ކުރެހުމެއް ފަދަ މަންޒަރެކެވެ. ވައިގެ ތެރޭގައި ރުއްރުކުގެ ފަންތައް ހޫރެމުންދިޔައިރު، އިރުގެ އަލީގައި އެ ފަންތަކުން ފެހި އަދި ރަންކުލައިގެ ދިލަ އަލި ބަބުޅަމުންދިޔައެވެ. މަގުމައްޗަށް އެ ފަތްތަކުގެ ހިޔަނިން ހަލަބޮލި ކުރެހުންތަކެއް އެޅެމުންދިޔައެވެ. ނަމަވެސް، ކާރުގެ އެތެރޭގައި އޮތީ މުޠުލަޤު، ބަރު، އަދި ނޭވާހާސްކުރުވާ ފަދަ ހިމޭންކަމެކެވެ. ގަފޫރު އިނީ ކުރީ ސީޓުގައެވެ. އޭނާގެ ދެލޯ ވަނީ ބޭރުގެ މަންޒަރުތަކަށް ހުއްޓިފައެވެ. ހިލަތަކުގެ ބޭރު ފާރަށް ބިންދަމުންދިޔަ ރާޅުތަކަށް އޭނާ ބަލަހައްޓައިގެން އިނެވެ. އޭނާގެ އިނގިލިތަކުން ސީޓުގެ އަރިމަތީގައި ބާރަށް ހިފަހައްޓައިގެން އިނުމުގެ ސަބަބުން، އޭނާގެ އިނގިލިތަކުގެ ބުޑުތައް ހުދުވެ، ލޭގެ ކުލަވަރުވެސް ވަނީ ފިލައިގޮސްފައެވެ.
އެ ނޭވާހާސްކުރުވާ ހިމޭންކަން މުގުރާލުމުގެ ބޭނުމުގައި، އައްބާސް މަޑުމަޑުން ކަރުކެހިލިއެވެ. އަދި ފާތުމަގެ ކަންބޮޑުވެފައިވީ ނަޒަރު ހޯދުމަށްޓަކައި ކާރުގެ ފަހަތްބަލާ ލޯގަނޑަށް ބަލައިލިއެވެ.
"އަހަރެމެން ފުރަތަމަ މިދަނީ ލިންކު ރޯޑުން.." އުފެދެމުންދިޔަ ހާސްކަން ބޮޑުވިޔަނުދިނުމަށްޓަކައި، އައްބާސް ބުންޏެވެ. އޭނާގެ އަޑުގައިވަނީ މަޑުމޮޅި، ހަމަޖެހޭ ގޮތެކެވެ. "އަހަންނަށް ފެންނަނީ އެންމެ ރަނގަޅީ ސީދާ ހިތަދޫގައި ހުރި ގެސްޓް ހައުހަށް ދިޔުން. ތިޔަ ދެމީހުން ތިޔައީ ވަރަށް ދުރު ދަތުރެއްކޮށްފައި އައި ބައެއް. ހަށިގަނޑު ހުންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފަ. ކޮޓަރިއަށް ވަދެ، ލަންޗް ނަގާލާ ކުޑަކޮށް އަރާމުކޮށްލާނީ. މެންދުރުގެ ގަދަ ހޫނު ކެނޑި، މުނާސަބު ވަގުތެއް އައުމުން، އަސުރު ނަމާދަށްފަހު އަހަރެމެން ދޮންދީދީ ހޯދަން ދާނީ. އަސުރު ނަމާދަށްފަހު ޖަނާޒާއެއްގެ ކަންތައްތަކެއްވެސް އެބައޮތް…"
'ޖަނާޒާ' މި ލަފުޒު އިވުމާއެކު، އިންސާނެއްގެ އަތަކަށްވުރެ މާ ބާރަށް، ބިރުވެރިކަމުގެ ނުފެންނަ ރިހުމެއް ގަފޫރުގެ ހިތުގައި ހިފަހައްޓައިލިއެވެ. އެ ލަފުޒު އޭނާގެ ކަންފަތުގައި ގޮވަމުންދިޔައީ ހަލާކުގެ ބަރު ރަނގަބީލެއް ފަދައިންނެވެ. މުޅި ސިކުނޑި ހުސްވެއްޖެޔޭ ހީވާވަރަށް އެ އަޑު އޭނާގެ ބޯތެރޭގައި އެނބުރެން ފެށިއެވެ. އޭނާގެ މޫނުމަތިން ލޭގެ ކުލަވަރު މުޅިން ފިލައި، އަޅިކުލައިގެ ދިރުމެއްނެތް ސިފައެއް ވެރިވިއެވެ. އޭނާ ކުއްލިއަކަށް ފާތުމައާއި ދިމާއަށް އެނބުރުނެވެ. އެއާއެކު އޭނާގެ ނޭވާ ކުރުވެ، މޮޔައެއް ފަދައިން ބިރުވެރިކަމުގެ ބޮޑު ސިލްސިލާއެއް އޭނާގެ ކަޅިން ފާޅުވާން ފެށިއެވެ.
"ޖަނާޒާއެކޭ؟" ކާރުގެ އެތެރޭގައި ހުރި ވައިރޯޅިތައް ކުއްލިއަކަށް އަޅިއަށް ބަދަލުވެގެންދިޔަ ފަދައިން، މޭ ފޮޅެމުންދިޔަ ހާލު ގަފޫރުށް ބުނެވުނެވެ. "ފާތުމަ… މިއީ ކޮން ކަމެއް؟ އައްބާސް މި ކިޔަނީ ކީކޭ؟ ޖަނާޒާއެއްގެ ވާހަކަ އެ ބުނީ ކީއްވެ؟ ކިހިނެއް… ކިހިނެއް ދޮންދީދީއާ ޖަނާޒާއާ ގުޅެނީ؟ އަހަރެން ގާތު ބުނެބަލަ! ދޮންދީދީ… ދޮންދީދީއަށް ކަމެއްވީތަ؟ ނޫނީ ދޮންދީދީއާ ގުޅޭ މީހަކު މަރުވީތަ؟!"
ފާތުމަ އިސްއުފުލައިލަންވެސް ނުކެރިފައި އިނދެ ގަފޫރުގެ މޫނަށް ބަލައިލިއެވެ. އެއާއެކު، އެތައް ގަޑިއިރެއްގެ ދިގު ދަތުރުގައި އޭނާ ހިފަހައްޓައިގެން ހުރި ހިތްވަރުގެ ހުރަސް މުޅިން ފުނޑުފުނޑުވެގެންދިޔައެވެ. އޭނާގެ ކަޅު ދެލޮލުން ކަރުނަތައް ބޮނޑިވެ، ބޭރުވެ، އެ މުސްކުޅި މޫނުގެ ރޫތަކުގެ މަތިން ހޫނު ކަރުނައިގެ ކޯރުތަކެއް ހިނގައިގަތެވެ. އޭނާ ގޮނޑިތަކުގެ ދެމެދުން އަތް ދިއްކޮށްލައި، ގަފޫރުގެ ރޫރޫއަޅަމުންދިޔަ، ފިނިވެ ގަނޑުވެފައިވީ އަތްތިލައިގައި ބާރަށް ހިފަހައްޓައިލިއެވެ. އެ ބީހުމުގައިވަނީ މައެއްގެ ހިތުގައި އުފެދޭނޭ ފަދަ ކޮޅެއްނެތް ފުން ހިތާމައެކެވެ.
"ބޭބޭ…" މުޅި ކާރުގެ ތެރެއަށް އޭގެ އަސަރު ގުގުމައިގެންދިޔަ ފަދަ ކޮޅެއްނެތް، ރޮނދުލީ ޖަޒުބާތަކާއެކު ފާތުމަ ސިއްރުސިއްރުން ބުންޏެވެ. "އާދޭސްކޮށްފައި ބުނަން، މަގޭ ވާހަކަ އަޑުއަހާބަލަ. ބޭބެ ހިތްވަރުގަދަކުރަން އެބަޖެހޭ. އަހަރެން ބޭބެ މިކޮޅަށް މިގެނައީ ތި ކަންތައް ކޮންމެވެސް ކޮޅެއްގަ ޖައްސަން ޖެހޭތީ. އެކަމަކު ހަގީގަތް… ހަގީގަތަކީ އަހަރެމެން ދެމީހުން އެކީގައި އުފުލަންޖެހޭ ބަރު ހިތާމައެއް… ހަގީގަތް އަޑުއެހުމުގެ ހިތްވަރު އެބަހުރިތަ؟ އަހަރެން ވަރަށް ބިރުގަނޭ ބޭބެއަށް ގޮތެއް ވެދާނެތީ…"
"ކޮން ހަގީގަތެއް؟!" ގަފޫރު ހާސްކަމާއެކު ސުވާލުކުރިއެވެ. އޭނާގެ ހަށިގަނޑު ދިޔައި ތުރުތުރުއަޅަމުންނެވެ. އޭނާގެ ނިތްކުރިމަތިން ފިނި ދާހިލާން ފެށިއިރު، އެ އަޑު ކަނޑައިގެންދިޔައީ ހާސް ކުދިކުދި، ލޭދައުރުވާ ނާރެއް ބުރިކޮށްލި ފަދައިންނެވެ. އޭނާގެ ހިތް އެހާ ބާރަށް ތޅެމުންދިޔުމުގެ ސަބަބުން، ބޮލުގެ ދެފަރާތުން ލޭހިނގާ ނާރުތަކުގައި މަރުތޭލައަކުން ތަޅާ ފަދައިން ބާރަށް ވިންދުޖަހާ އަޑު އިވެމުންދިޔައެވެ. "އަހަންނަށް ތިޔަހެން ނަހަދާ، ފާތުމާ! ބުނޭ އޭނާ މަރެއް ނުވެޔޭ… ބުނޭ އޭނާ އެބަ ދިރިހުއްޓޭ… ބުނޭ އޭނާ ހުރީ ގަދަވެ ސަލާމަތުންނޭ… ބުނޭ މި މަގުތަކުން ކުރެ މަގެއްގައި ހުރި ހިމޭން ގެއެއްގައި އޭނާ އެބަ ދިރިއުޅެޔޭ…! އޭނާ މަގޭދެކެ ކިތަންމެ ނަފްރަތުކުރިޔަސް، މަގޭ މޫނު ދެކެން ދުވަހަކުވެސް ބޭނުންނުވިޔަސް ހެޔޮ! އޭނާ ދިރިހުންނަން އެބަޖެހޭ… އޭނާ ދިރިހުންނަން ވާނެ!"
"ދޮންދީދީ މިދުނިޔެއަކު ނެތޭ ބޭބޭ…" ފާތުމަ ރޮމުންދިޔައީ ކެތްނުކުރެވިގެން ހާމަކަން ބޮޑު ގޮތަކަށެވެ. އެ ބިރުވެރި ބަސްތައް ދުލުން ބޭރުވުމާއެކު، އޭނާ އިސްދަށަށް ޖަހައިލިއެވެ. އެއާއެކު ކާރުގެ އެތެރޭގައި އޮތް ހިމޭންކަން މުޅިން ފުނޑުފުނޑުވެގެންދިޔައެވެ. "ދޮންދީދީ… ދޮންދީދީ ނިޔާވިތާ އަށާވީސް އަހަރު ވެއްޖެ ބޭބޭ.. އަހަރެމެން މިތަނަށް މިއައީ އޭނާއާ ބައްދަލުކުރާކަށް ނޫން ބޭބޭ.. އަހަރެމެން މިއައީ އޭނާގެ މަގުބުރާއަށް ޒިޔާރަތްކުރަން ބޭބޭ…."
އެ ބަސްތައް ގަފޫރުގެ މެޔަށް އެރީ ބަރު މަރުތޭލައަކުން ޖެހި ފަދަ ބާރު މިނެއްގައެވެ. އޭނާގެ އަރިކަށީގެ ކަށިތައް ފުނޑުފުނޑުވެ، ނޭވާ ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. ސިކުންތަކަށް، މުޅި ހަށިގަނޑު ގަނޑުވެ، ވާގިނެތޭ ފަދަ ސިހުމެއްގެ ތެރެއަށް ދިޔައެވެ. ކާރުގެ ދޮރުފަތުގެ ބޭރުން ފެންނަން ހުރި މަންޒަރުތައް، ރީތި ނޫކުލައިގެ ކަނޑާއި، ފެހި ރުއްތަކާއި، ސާފު އުޑު، އެނބުރެމުންދާ ފަދަ އިހުސާސެއް ކުރެވި، މުޅި މަންޒަރު ކަޅު، އަނދިރި ފުސްގަނޑެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. އޭނާގެ ކަންފަތަށް އިވެމުންދިޔައީ އަމިއްލަ ހިތުގެ ބާރު ވިންދުގެ ގުގުމުމެވެ. އެއަށްފަހު، ކުއްލިއަކަށް މުޅިތަން ނާމާން ހިމޭންކަމެއްގެ ތެރެއަށް ގަނޑުވިއެވެ.
ނޫނެކެވެ، އޭނާގެ ހިތް އެ ފަޅުކަމުގެ ތެރެއަށް ބާރަށް ގޮވައިލިއެވެ. ދޮންދީދީގެ ދިރިއުޅުމުގެ ނިމުމަކީ މިއީ ކަމަކަށް ނުވާނެއެވެ.
"ނޫން…" ގަފޫރު ބާރަށް ބޯހޫރާލިއެވެ. އޭނާގެ އަޑު ކުރެހި، އުންމީދު ކެނޑިފައިވީ ހާލު، އެ ހިތްދަތި ރޫހުގެ ފުންމިނުން އެ ހަގީގަތް ގަބޫލުކުރަން ދެކޮޅުހެދިއެވެ. "ނޫން! ތިޔައީ ދޮގެއް! އެހެން ނުވާނެ! އަހަރެން ގަބޫލެއް ނުކުރާނަން… ފާތުމަ، ތިޔަ ހަދަނީ ދޮގެއް! ކަލޭމެން ތިޔަ އުޅެނީ މަގޭ ފިނޑިކަމުގެ އަދަބު އަހަންނަށް ދޭންވެގެން ރޭވުމެއް ރާވައިގެން! މަގޭ ހިތުގަ، މަގޭ މި ދުނިޔެއަށް ލޯ ހުޅުވުނު ކޮންމެ ދުވަހަކުވެސް ދޮންދީދީ ދިރުވައި ބެހެއްޓިން! ދޮންދީދީ މިދުނިޔޭގަ، ހެޔޮހާލުގަ ހުރިކަމުގެ އިހުސާސް އަހަންނަށް އަބަދުވެސް ކުރެވޭ… އޭނާ މި ދުނިޔެއަށް ނޭވާލާކަން އަހަންނަށް މެހެސޫސްކުރެވެޔޭ…. ދެކުނުން ވައިރޯޅިއެއް ޖަހައިލާ ކޮންމެ ފަހަރަކު، އަހަރެން ހިތުގެ ފުންމިނުން ގަބޫލުކުރީމޭ.. އޭނާ ކޮންމެވެސް ދުރު ރަށެއްގަ، އޭނާއަށް ކެހިދިނީތީ އަހަރެންގެ މޫނު ދެކެން ބޭނުންނުވެގެން އުޅެނީ ކަމަށް… އަހަރެން ހީކުރީ… އަހަރެން ހީކުރީ އޭނާ އަހަރެންނަށް ނަފުރަތުކުރާތީ ފިލައިގެން އުޅެނީ ކަމަށް..! ފާތުމާ… ދޮންދީދީގެ ނަފުރަތާ، މަލާމާތާ، ކޯފާ ލިބުމަށް އަހަރެން ހައްގުވޭ… އެކަމަކު… އޭނާ އަދި މަރެއް ނުވާނެ…! އަހަރެން ތިޔަ ވާހަކައެއް ގަބޫލެއް ނުކުރާނަން..! އަހަރެން އެކަން ގަބޫލުކުރާނީ މަގޭ އަމިއްލަ ދެލޮލުން އެ މަންޒަރު ފެނި، އެ ހަގީގަތުން މަގޭ ރޫހު ކުދިކުދިވެގެންދާ ދުވަހަކުން…!"
"ބޭބޭ… އާދޭސްކުރަން…" ފާތުމަ ރޮމުން ބުންޏެވެ. ގަފޫރުގެ މުޅި ހަށިގަނޑު ބިރުވެރިކަމުގެ ބާރު ހާސްކަމެއްގެ ތެރޭގައި ރޫރޫއަޅަން ފެށުމުން، އޭނާގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓައިލިއެވެ. "ދޮންދީދީ މިދުނިޔޭގަ ނެތްކަން އެނގުމުން ލިބޭނޭ ވޭނަށް ކެތްކުރުމުގެ ހިތްވަރު ހަމަ ބޭބެގެ އެބަހުރިތަ؟ އެ ފިނި ހިރިގަލުގެ ކުރިމަތީގަ ހުރެ، ބޭބެގެ ޒުވާންކަމުގެ ލޯތްބަކީ މިއަދު ގަބޫލުކުރަން ބޭބެ ހަމަ ތައްޔާރުތަ؟"
"އަހަރެން ތިޔަ ކިޔާ ގެސްޓް ހައުހަކަށް ދާކަށް ބޭނުމެއް ނޫން!" ގަފޫރު ހަޅޭއްލަވައިގަތެވެ. އޭނާގެ އިނގިލިތައް ރޫރޫއަޅަމުންދިޔަލެއް ބޮޑުކަމުން، މުށްކަވައިލަންވެސް އޭނާއަށް އުނދަގޫވިއެވެ. އޭނާގެ އަޑުން ފާޅުވަމުންދިޔަ ސާފު ހިތާމައިގެ ސަބަބުން، އައްބާސް ކާރުގެ ހުންގާނުގައި ހިފަހައްޓާފައިވީ އަތް ބާރުކޮށްލިއެވެ. އެންމެ ފަހުން ގަފޫރުގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. "އައްބާސް! ހަމަ މިހާރު ކާރު އަނބުރާލާ! އަހަންނަކަށް އިތުރު އެންމެ ސިކުންތަކަށްވެސް މަޑެއް ނުކުރެވޭނެ. އަހަރެން އަރާމުކުރާކަށް ބޭނުމެއް ނޫން… މަގޭ ކުށުގެ އަދަބު މި ރަށުގެ ފަސްގަނޑުގައި ލިޔެވިފައިވާނަމަ، އަހަރެން މިހާރުން މިހާރަށް އޭނާގެ ގާތަށް ގެންގޮސްދީ! އަހަރެން ސީދާ ސަހަރާއަށް ގެންގޮސްދީ!"
އައްބާސް ބަހެއް ނުބުނެއެވެ. އޭނާ ބަލައިލީ ކާރުގެ ކުރީ ސީޓުގައި އިނދެ ގިސްލާ ރޮމުންދިޔަ، ހިތްކުދިކުދިވެފައިވީ ގަފޫރަށެވެ. އެއަށްފަހު ފާތުމައަށް ބަލައިލިއެވެ. ފާތުމަ ކަރުނުން ފުރިގެންވީ ދެލޮލާއެކު، ހިތްދަތި ގޮތަކަށް މަޑުމަޑުން ބޯޖަހައިލިއެވެ. ފާއިތުވީ އެތައް ދަހަރެއްގެ ހެކިވެރިކަން އުފުލައިދޭ ފަދަ ބަރު، ހިމޭން ފުން ނޭވާއަކަށްފަހު އައްބާސް ކާރުގެ ހުންގާނު އަނބުރާލިއެވެ. އޭނާ މައި މަގު ދޫކޮށް، ހިތަދޫގެ ހިޔާބޮޑު، ހިމޭން މަގުތަކަށް ކާރު ލަނބާލިއެވެ. އޭނާގެ މިސްރާބު ހުރީ މާޒީގެ ސިއްރުތައް ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައިވާ މަންޒިލާ ދިމާއަށެވެ.
ކުދި ވެލި މަގަކުން ލައިގެން ގޮސް، ބޯކޮށް ހެދިފައިވީ ބިޔަ ގަސްތަކުގެ ފުރަގަހުން އޮތް ހަނި މަގަކަށް ކާރު މަޑުކޮށްލިއެވެ. އެ ހިސާބުގެ ވައިރޯޅިތައް މާ ފިންޏެވެ. ތެތްކަމެއް އެކުލެވިގެންވީ އެ ވައިގެ ތެރޭގައިވަނީ މިލައިފައިވާ ފަތްތަކުގެ ވަހާއި، ކުދި ހުދު މާތަކުގެ މީރުވަހެވެ. އޭގެ އިތުރުން ރަށުގެ ހިލަ ފަރުތަކަށް ބިންދަމުންދިޔަ ރާޅުތަކުގެ ބިރުވެރި، ހިތާމަވެރި ގުގުމުން ދުރުން އިވެމުންދިޔައެވެ.
އެމީހުންގެ ކުރިމަތިން ފެންނަން އޮތީ ރަށުގެ ދުވަސްވީ ގަދީމީ ސަހަރާގެ ދޮރާއްޓެވެ. އެއީ ހައިބަތުގަދަ، މާތް ބިމެކެވެ. ހުދު ދޮންވެލިގަނޑުގެ ތެރެއިން އުފުލިފައިވާ އެތައް ސަތޭކަ ހިރިގަލުގެ މަގުބުރާތައް ފެންނަނީ، ހިމޭންކަމާއެކު ފާރަވެރިވާން ތިބި އަޅިކުލައިގެ ސިފައިންތަކެއް ފަދައިންނެވެ. އެތަނުގައި ހުރި ބިޔަ، ގަދީމީ ނިކަގަސްތަކުގެ އޮފިތައް މަތިން ގުޅިފައިވަނީ، މެންދުރުގެ ގަދަ އިރުގެ އަލި ހުރަސްކުރެވޭވަރަށްވުރެ ބޯކޮށެވެ. މުޅި ސަހަރާގެ ތެރޭގައި އޮތީ ފެހިކުލައިގެ ފުސް އަނދިރިކަމެކެވެ. އެއީ އެތަނަށް އެ ވަގުތު ވާސިލުވި ރޫހުތަކުގެ ހިތްތަކަށް ވެރިވެފައިވީ ފަޅުކަމާއި މާޔޫސީގެ ފުރިހަމަ ތަސްވީރެކެވެ.
ކާރުން ފޭބި ވަގުތު ގަފޫރުގެ ދެފައި ތެޅެމުންދިޔަލެއް ބޮޑުކަމުން، ހަށިގަނޑު ހިފަހައްޓައިލުމަށްޓަކައި ކާރުގެ ދޮރުފަތުގައި ބާރަށް ހިފަހައްޓައިލަން އޭނާއަށް މަޖުބޫރުވިއެވެ. ހިމޭންކަމާއެކު ފެތުރިފައި އޮތް އެތައް ގަބުރެއްގެ އެ ބޮޑު ސަރަހައްދަށް ބަލަހައްޓައިގެން ހުރިއިރު، އޭނާގެ މޭ ފޮޅެމުންދިޔައެވެ. ނޭވާލެވެނީ ކުރުކޮށް، ވަރަށް އުނދަގުލުންނެވެ. ކޮންމެ ނޭވާއެއްމެ އިހުސާސް ވެގެންދަނީ އަޅިގަނޑެއް ދިރުވައިލަން އުޅޭ ހެންނެވެ. އޭނާގެ އަރިމަތީގައި ހުރި ފާތުމަ އޭނާގެ ބުރުގާ ރީތިކޮށްލިއެވެ. އޭނާގެ މޫނުމަތީގައިވަނީ މަރުކުލައެވެ. މަޑު ވެލިގަނޑުގެ ތެރޭގައި ފިޔަވަޅު އަޅަމުންދިޔައިރުވެސް، އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައީ ހިމޭންކަމާއެކީގައެވެ.
"އަހަރެންގެ ފަހަތުން އާދޭ…" އައްބާސް މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައިވަނީ އިހުތިރާމުން ފުރިފައިވީ ބަރުކަމެކެވެ.
ކުދި ވެލިގަނޑުގެ ތެރޭގައި ބޫޓު ފެތެމުންދިޔަ ހާލު، ގަފޫރު އޭނާގެ ފަހަތުން ހިނގައިގަތެވެ. ކޮންމެ ފިޔަވަޅަކީވެސް ކެތްތެރިކަން ކޮޅުންލާ ފަދަ ވޭނެކެވެ. އެއީ އޭނާގެ ހިތުގައި ބާކީ އޮތް ކުޑަކުޑަ އުންމީދުގެ ހުޅުކޮޅު ދާއިމަށް ނިވިގެންދާނޭ ހިނދުކޮޅަށް ގުނަމުންދިޔަ ވޭނީ ވަގުތުތަކެކެވެ. އެމީހުން ފަސްދީފައިދިޔަ ދުވަސްވީ މަގުބުރާތަކަށް އޭނާ ބަލައިލިއެވެ. ފެއްސާއި ފަންގި ޖަހާފައިވާ ހިލަތަކާއި، ލޮނާއި ވާރޭގެ ސަބަބުން ނަންތައް ފޮހެވިފައިވާ މަގުބުރާތައް ފެނުމުން، ދުނިޔަވީ ހުރިހާ ކަމެއް ނިމިދާނޭކަމުގެ ބިރުވެރި އިހުސާސް އޭނާއަށް ކުރެވުނެވެ. މިއީ އިންސާނާގެ ހުރިހާ އުންމީދުތަކެއްގެ ނިމުމެވެ. ލޯތްބާއި، ކެހިވެރިކަމާއި، ހިތާމަތައް އެންމެ ފަހުން ވަޅުލެވި ހިމޭންވާ ފަސްގަނޑެވެ.
ދޮންދީދީ… އަހަރެމެންގެ ނިމުމަކީ މިއީ ހެއްޔެވެ؟ އަޅިކުލައިގެ ހިލަތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ގަފޫރުގެ ހިތް ކަރުނުން ފުރިގެންވީ އަޑަކުން ގޮވައިލިއެވެ.. ހަނދުގެ އަލީގައި އަހަރެމެންވީ އަހުދުތައް ވަޅުލެވިފައިވަނީ ފަހެ މިތާނގައި ހެއްޔެވެ؟
އައްބާސް އެމީހުން ގޮވައިގެން ގޮސް ހުއްޓުނީ ސަހަރާގެ އެންމެ އެކަހެރި، އެންމެ ދުރު ކަނަށެވެ. އެއީ ބިޔަ، ދުވަސްވީ މިދިލިގަހެއްގެ ހިތާމަވެރި އޮފިތަކުގެ ހިޔާ އެޅިފައިވާ ހިސާބެކެވެ. ވައިރޯޅިތަކާއެކު އެ ގަހުގެ ފަތްތައް ހަލާކުވަމުންދިޔަ އަޑު އިވެނީ، ހާސް ފުރާނައިގެ މަޑު ގިސްލުމުގެ އަޑު ފަދައިންނެވެ.
އައްބާސް ހުއްޓުނެވެ. އޭނާ އެއްފަރާތަކަށް ޖެހިލައި، އިހުތިރާމާއެކު ބޯތިރިކޮށްލަމުން، ކުޑަ، ރީތިކޮށް ބަލަހައްޓާފައިވާ މަގުބުރާއަކަށް އިޝާރާތްކުރިއެވެ. ފަސްގަނޑުގެ މަތީގައިވަނީ ރީތި، އަޅިކުލައިގެ ހިރިގަލެކެވެ. ފާއިތުވީ އަށާވީސް އަހަރުގެ ކަނޑުގެ ރޯޅިތަކުން އޭގެ ކޮޅުތައް އޮމާންވެފައިވީ ނަމަވެސް، އޭގައި ކަނޑާނަގާފައިވާ އަކުރުތައް އަދިވެސް ސާފުކޮށް ފެންނަން ހުއްޓެވެ. އެ އަޅި ހިރިގަލުގެ މަތީގައިވާ ކަޅު އަކުރުތަކުން ފާޅުވަމުންދިޔައީ އެއްވެސް ރަހުމެއްނެތް ހަގީގަތެކެވެ.
ގަފޫރު ވޭނީ، ލަސް ފިޔަވަޅެއް ކުރިއަށް އެޅިއެވެ. އޭނާގެ ކަޅި ސީދާވީ އެ މަގުބުރާގައިވާ ލިޔުމަށެވެ.
ދޮންދީދީ. ނިޔާވީ: 16 ޖޫން 1998
އޭނާގެ ފުރަތަމަ ލޯބީގެ އެ ނަން، މަހާނައިގައި ކަނޑާނަގާފައިވަނިކޮށް ފެނުމުން، ގަފޫރުގެ ރޫހުގެ އެންމެ ފަހުގެ ހިތްވަރުވެސް ފުނޑުފުނޑުވެގެންދިޔައެވެ. އެ ހިނދުކޮޅަކީ އޭނާގެ މުޅި ހަށިގަނޑު ހަލާކުކޮށްލި، ހިތް ކުދިކުދިވެގެންދިޔަ ވަގުތެކެވެ. އޭނާގެ ދެކަކޫ މުޅިން ބަލިވެ، މަހާނައިގެ ކުރިމަތީގައި އޮތް ފިނި، ތެތް ވެލިގަނޑުގެ މައްޗަށް ވެއްޓުނެވެ. އަދި ފާއިތުވީ ދިގު އަހަރުތަކުގެ ދުރުމިން ފޫއަޅުވާލަން އުޅޭ ފަދައިން، އޭނާގެ ދެއަތުން އެ ފަސްގަނޑުގައި ބާރަށް ހިފެހެއްޓިއެވެ.
އޭނާގެ މޭގެ ފުންމިނުން ބޭރުވެގެންދިޔައީ ކެތްކުރަން ދަތި، ވޭނީ އަދި ބާރު ގިސްލުމެއްގެ އަޑެވެ. އެއީ މުޅި އުމުރުގެ ހިތާމައާއި، ކުށްވެރިކަމުގެ އިހުސާސާއި، ފުނޑުފުނޑުވެފައިވީ ލޯބީގެ ވޭނުން ފުރިގެންވީ އަޑެކެވެ. އެ އަޑުން ސަހަރާގެ ހިމޭންކަން މުގުރާލައި، ބިޔަ ނިކަގަސްތަކުގެ ތެރޭގައި އެ އަޑު ގުގުމައިގެންދިޔައެވެ.
"ދޮންދީދީ!" ގަފޫރު ރޮއެގަތެވެ. އޭނާގެ މުޅި ހަށިގަނޑު ބާރަށް ރޫރޫއަޅަމުންދިޔައިރު، މަގުބުރާގެ ބުޑުގައި އޮތް ތެތް ފަސްގަނޑުގައި ނިތްކުރި ޖައްސައި އޭނާ ގުދުވިއެވެ. "ދޮންދީދީ… މަގޭ ލޯބިވާ… އަހަންނަށް އެ ކުރެވުނީ ކޮން ފަދަ ބޮޑު ކުށެއް..؟ އަހަންނަށް މާފުކުރޭ ދޮންދީދީ..! އަހަންނަށް މާފުކުރޭ…"
އޭނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނައިގެ ކޯރުން، އޭނާގެ ލޯބިވެރިޔާގެ ހަށިގަނޑު ފޮރުވާފައިވީ ފަސްގަނޑު ތެމެމުންދިޔައެވެ. އޭނާގެ ރޫރޫއަޅަމުންދިޔަ އަތްތިލަ މަޑުމަޑުން ދިއްކޮށްލައި، އެ ފިނި ހިރިގަލުގައިވާ ދޮންދީދީގެ ނަމުގެ އަކުރުތަކުގައި ފިރުމައިލިއެވެ. އެ ހިރިގަލުގެ ފިނިކަން އޭނާގެ ހަންގަނޑު ފޫއަޅުވާލާފައި ދިޔައީ، ދޮންދީދީ މިދުނިޔެއާ ވަކިވެއްޖެކަމުގެ ރަހުމެއްނެތް ހަގީގަތް ކަށަވަރުކޮށްދެމުންނެވެ. އޭނާ ލޯބިވި އެ ތާޒާ، ދިރުންހުރި އަންހެންކުއްޖާ މިއަދު އޭނާގެ ކަކޫދަށުގައި އެވަނީ ހަމައެކަނި ވެއްޔަށް ބަދަލުވެފައެވެ.
އަހަރެން ދިރިހުރީމެވެ.. ހިތް ކުދިކުދިވަމުންދިޔަ ހާލު އޭނާގެ ހިތަށް އެރިއެވެ. ދޮންދީދީ މި އަނދިރި ފަސްގަނޑުގެ ދަށުގައި އޮތްއިރު، ފާއިތުވީ އަށާވީސް އަހަރުގެ ކޮންމެ އިރުއޮއްސުމަކާއި އިރުއެރުމެއް އަހަރެން ދުށީމެވެ. މަގޭ ރޫހަށް، ދޮންދީދީ މި ދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާއު ކީ ކަމުގެ ހިލަމެއް ނުވީ ކީއްވެގެން ބާއެވެ؟ އަހަރެންނަށް އެވަރުގެ ބޮޑު ވޭނީ ހަޤީޤަތެއް ފޮރުވިފައި އޮތީ ފަހެ ކީއްވެ ހެއްޔެވެ؟ ދޮންދީދީގެ ނޭވާ ހުއްޓުނު ދުވަހު މަގޭ ހަށިގަނޑުގެ ލޭ ގަނޑުނުވީ ފަހެ ކީއްވެ ހެއްޔެވެ؟
ފާތުމަ، ގަފޫރުގެ އަރިމަތީގައި ކަކޫ މައްޗަށް ތިރިވިއެވެ. އަދި ގަފޫރުގެ ރޫރޫއަޅަމުންދިޔަ ކޮނޑުގައި ދެއަތުން ބާރަށް ބައްދާލަމުން، ގިސްލާފައި ރޮއިގަތެވެ. "ދޮންދީދީ…" އެމީހުންގެ މުޅި އާއިލާ ދިރުވައިލި ބިރުވެރި ހިތާމައިގެ ސަބަބުން ހިތްފަޅައިގެންދާ ހާލު، އަޅި ހިރިގަލުގެ މައްޗަށް ކަރުނަތައް އޮހޮރުވަމުން ގަފޫރު އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ.
"ދޮންދީދީގެ ގާތިލަކީ އަހަރެން….." އަމިއްލަ ނަފްސަށް ހުރި ގަދަ ނަފުރަތެއްގެ ސަބަބުން ކުރެހިފައިވީ އަޑަކުން ގަފޫރު ރޮމުން ބުންޏެވެ. "އަހަރެން ދޮންދީދީއަށްވީ ހުރިހާ ވައުދެއް އުވާލީން.. މަގޭ މަންމަގެ ވަސިއްޔަތް ފުއްދުމަށްޓަކައި ދޮންދީދީގެ ނިޔަނެތި ހިތް ކުދިކުދިކޮށްލީން..! އަހަރެން ޒުހުރާއާ ކައިވެނިކޮށް، ދަރިން ހޯދައި ދިރިއުޅުމެއް އުޅުނުއިރު، ދޮންދީދީ… ދޮންދީދީ މި އަނދިރީގެ ތެރޭގައި މަރުވެ ވަޅުލެވުނީ…! އަހަރެން ދޮންދީދީގެ ދިރިއުޅުން ގުރުބާންކޮށްލީ…! ދޮންދީދީ އަހަންނަށް ބަދުދުޢާ ނުކުރީ ފަހެ ކީއްވެ؟ މަގޭ ހުވަފެންތަކަށް އައިސް އަހަންނާ ދިމާއަށް ހޭރިނުގަތީ ކީއްވެ؟ ދޮންދީދީ މި ފިނި ފަސްގަނޑުގެ ދަށުގައި އޮތްއިރު، އަހަރެން ދިރިހުރެ މަރުވާން މިދުނިޔެއަށް ދޫކޮށްލީ ފަހެ ކީއްވެ؟"
އެމީހުންގެ ފަހަތުގައި ހުރި އައްބާސްގެ ދެލޯވެސް ކަރުނުން ފުރިގެންދިޔައީ ގަފޫރުގެ ހިތާމައިގެ ބޮޑުކަން ފެނިފައެވެ. އޭނާ ފުން، ރޫރޫއަޅާ ނޭވާއެއްލިއެވެ. އަދި ދޮންދީދީގެ ފަހު އަހަރުތަކުގެ ހިތްދަތި ތަފްސީލުތައް ކިޔައިދެމުން، އޭނާގެ އަޑު މަޑު، ހިތާމަވެރި ސިއްރަކަށް ބަދަލުކޮށްލިއެވެ.
"އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން މި ރަށަށް އައީ…" މާޒީގެ ބަރުދަން އެ އަޑުގައި އުފުލަމުން އައްބާސް ބުންޏެވެ. "އެމީހުން ބޭނުންވީ ތިރަށުގެ އެ ވޭނާއި ރިހުމާ ވީހާވެސް ދުރަކަށް އޭނާ ގެންދަން. އެކަމަކު އެމީހުންނަކަށް އޭނާއެއް ސަލާމަތެއް ނުކުރެވުނު. އެމީހުން މިކޮޅަށް އައިއިރުވެސް އޭނާއަކީ މައްޔިތެއް… ހަމައެކަނި ތަފާތަކީ އޭނާގެ ހިތުގައި ވިންދުހުރިކަން.. އޭނާ ނޭވާލަމުންދިޔަކަން. އޭނާގެ ދެލޯ އޮތީ މެރިފަ.. ގަފޫރު އޭނާގެ ހިތް ހަލާކުކޮށްލާފައި ފުރަގަސްދީ ހިނގައިގަތް ރެއިން ފެށިގެން އޭނާގެ ރޫހު، އޭނާގެ ހަށިގަނޑު ދޫކޮށްފައި ދިޔައީ…."
ގަފޫރުގެ ހިތުގެ ފުންމިނުން އަނެއްކާވެސް އާދޭހުގެ ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އޭނާގެ އިނގިލިތައް ފަސްގަނޑުގެ ތެރޭއަށް ފުންކޮށް ބާނަމުންދިޔައީ، އެ ފަސްގަނޑުގައި ހިފަހައްޓައިލުމުން އޭނާގެ ލޯބިވެރިޔާ ހިފެހެއްޓޭނޭ ފަދައިންނެވެ.
"އެއްވެސް މީހަކަށް އޭނާއަކަށް ފަރުވާއެއް ނުދެވުނު…" އައްބާސް އޭނާގެ ރޫރޫއަޅާ އަޑުން ކުރިއަށް ގެންދިޔައެވެ. "އެންމެ މޮޅު ހަކީމުންނާއި ޑޮކްޓަރުންގެ ގާތަށް އޭނާ ގެންދިޔަ. އެކަމަކު އޭނާ ދުވަހަކުވެސް ހެއެއް ނޭރި. ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އޭނާ އެ އެނދުގައި އޮތީ ނޭވާލާ ބުދެއް ފަދައިން. ދުލުން އެންމެ ބަހެއްވެސް ބޭރުނުކޮށް، ދުނިޔޭގެ އަލިކަން ދެކިލުމަށް އެންމެ ފަހަރަކުވެސް ލޯ ހުޅުވައިނުލާ. ދުވަހަކަށްފަހު ދުވަހެއް އޭނާ މިލަމުން، ފަނޑުވަމުންދިޔަ މަންޒަރު އޭނާގެ މައިންބަފައިން ބަލަން ތިބީ ހިތް ހަލާކުވެފައިވީ ހާލު. އޭނާގެ ހަށިގަނޑު ހިކި، ނިކަމެތިވަމުން ގޮސް… ނަވާރަސަތޭކަ އަށެއްގެ ޖޫން މަހުގެ ސޯޅަ ވިލޭރޭ، ބޯކޮށް ވާރޭވެހި ތޫފާނެއް އައި ރެއެއްގައި، އޭނާގެ ނޭވާ މުޅިން ހުއްޓުނީ. ގަފޫރު… އޭނާ ނިޔާވީ އެ އޮތް ގޮތަށް ހޭނާރާ އޮވެ. ދުނިޔެ ބަދަލުވެ، އޭނާ އެކަނިވިކަންވެސް ނޭނގި އޮވެ އޭނާ އުޚުރަވީ ހަޔާތަށް ދަތުރުކުރީ. އޭނާގެ މައިންބަފައިން އޭނާ މިތާ ވަޅުލީ. އެމީހުންގެ ހިތްތައް ވަނީ ގަފޫރަށްޓަކައި ކޮޅެއްނެތް ނަފުރަތާއި ހިތާމައިން ފުރިފަ. އޭގެ އަނެއްދުވަހު އެމީހުން މި ރަށް ދޫކޮށް ދިޔަގޮތަށް، ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް އޮބާލީ. ދުވަހަކުވެސް އެނބުރިއެއް ނާދޭ."
"އޭނާ އެ ނިމިދިޔައީ މަގޭ ސަބަބުން…" ބިރުވެރި، ފަޅު، އަދި ހިތް ހަލާކުކޮށްލާ ފަދަ ހަގީގަތެއް ގަބޫލުކުރެވުނު ފަދަ ރާގަކަށް ގަފޫރު ސިއްރުން ބުންޏެވެ. އޭނާގެ މޫނު އެ ހަރު، ފިނި ހިރިގަލުގައި ޖައްސައި ބާރުކޮށްލިއެވެ. އޭނާގެ ކަރުނުން އެ ގަލުގައި ކަނޑާނަގާފައިވާ އަކުރުތައް ދޮވެލަމުންދިޔައެވެ. "އަހަރެން އޭނާ މަރާލީ. އަހަރެންވީ ކެހިވެރިކަމަކީ އޭނާ ނިންދަވައިލި ޒަހަރު. އަހަރެންގެ ފިނޑިކަމަކީ އޭނާ މި މަގުބުރާގައި ބަންދުކުރި ތަޅުދަނޑި. ދޮންދީދީ… އަހަންނަށް ބަލައިލަބަލަ… އާދޭސްކުރަން، އެންމެ ފަހަރަކު، މަގޭ ހަނދާނުގައި ލޯ ހުޅުވައިލާފައި ދޮންދީދީއަށް މަގޭ އަޑު އިވޭކަމަށް ބުނެބަލަ! އަހަރެން މަގޭ ހަޔާތުގެ ކޮންމެ ސިކުންތެއްގައިވެސް ލޯބިވީ ހަމައެކަނި އިންސާނަކީ ތީ. އަހަރެންގެ ހިތުގެ ރާނީއަކީ ތީ… އަހަރެންނަށް ދޮންދީދީ ފިޔަވާ އިތުރު މީހަކު ދެކެ ލޯތްބެއް ނުވެވުނު ދޮންދީދީ…"
ނަމަވެސް އެ މަގުބުރާ އޮތީ ހިމޭންކަމާއެކީގައެވެ. އެ ފިނި ހިރިގަލުން އެއްވެސް ހޫނުކަމެއް، މާފެއް، ނުވަތަ އޭނާ އެތައް އަހަރެއް ވަންދެން ކުރި ދުއާތަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. މިދިލިގަހުގެ ފަތްތަކުގެ ތެރެއިން ވައިރޯޅިތައް އޭގެ ހިތާމަވެރި ރާގު އިއްވަމުންދިޔައެވެ. އެމީހުންގެ ވޭނީ ގިސްލުމުގެ އަޑު ސަހަރާ ތެރޭގައި އުފުލާލަމުންދިޔައިރު، ގަފޫރު އިނީ ދާއިމަށް ގެއްލިފައިވީ ލޯތްބެއްގެ ހިތްދަތި ހަގީގަތުގެ ކުރިމަތީގައި، ފަސްގަނޑުމަތީގައި ކަކޫޖަހައި، މުޅިން ފުނޑުފުނޑުވެފައެވެ.
(ނުނިމޭ)


