ޔަހޫދީ ވަޒަންވެރިން އަލް-އަޤްޞާ މިސްކިތަށް އަނެއްކާވެސް ވަދެގަނެފި

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ވަޒަންވެރިން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ މާތްވެގެންވާ އަލް-އަޤްޞާ މިސްކިތަށް ވަދެގަނެފިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ބަދުބަސްތައް ރައްދުކުރަމުން ޔަހޫދީން މިސްކިތުގެ ހަރިންމައަށް ވަދެގަންނަ ވީޑިއޯތައް ޤުދުސްގެ ގަވަރުނޭޓުން ވަނީ ޢާންމުކޮށްފައެވެ. 2003 ވަނަ އަހަރުން ފެށިގެން ޔަހޫދީ ސިފައިންގެ ހިމާޔަތުގައި ހުކުރު އަދި ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކުގައި ވަޒަންވެރިން މިސްކިތަށް ވައްދާއިރު، ފާއިތުވި ޖޫން މަހު އެކަނިވެސް 26 ފަހަރަކު ޔަހޫދީ ބާރުތަކުން އަޤްޞާގެ ސަރަޙައްދަށް ވަދެގަނެފައިވާ ކަމަށް ފަލަސްޠީނުގެ ދީނީ އިދާރާތަކުން ބުނެއެވެ.

ފަލަސްޠީނުގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، ޔަހޫދީންގެ ބޭނުމަކީ އިރުމަތީ ޤުދުސްއިން އިސްލާމީ އަދި ޢަރަބި ސިފަތައް ފުހެލައި، އެއީ ޔަހޫދީ ސަރަޙައްދަކަށް ހެދުމެވެ. މި މަސައްކަތުގެ ދަށުން، ޖުލައި 15 ގައި ޔަހޫދީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު ވަނީ ޤުދުސްގެ ބާޒާރުމަތީގައި ހުންނަ ޔަތީމު ކުދިންގެ މަދަރުސާއަކަށް ވަދެގަނެ، އެތަނުގެ ބޯޑާއި ފަލަސްޠީނުގެ ދިދަ ހަލާކުކޮށްލާފައެވެ. އަދި އެ ސިޓީގައި ހުންނަ ފަލަސްޠީނުގެ ތަޢުލީމީ މަރުކަޒުތައް ބަންދުކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އިރުމަތީ ޤުދުސްގައި ފަލަސްޠީނުގެ 390,000 އެއްހާ ރައްޔިތުން ދިރިއުޅެމުންދާއިރު، ޔަހޫދީންގެ ފިއްތުންތަކާއެކުވެސް ގިނަ މަދަރުސާތަކުގައި ކިޔަވައިދެނީ ފަލަސްޠީނުގެ މުޤައްރަރަށެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ ހުރެ، ބޭނުންވަނީ އެ މަދަރުސާތަކުގައި ޔަހޫދީ މުޤައްރަރު ހިންގުމަށެވެ. މިގޮތުން ވޭތުވެދިޔަ ހަފުތާތަކުގައި ޔަހޫދީ މަޖިލީހުގެ ތަޢުލީމީ ކޮމިޓީގެ މުޤައްރިރުވެސް ވަނީ ޢަރަބި މަދަރުސާތަކަށް އެކި ފަހަރުމަތިން ވަދެގަނެ، ފިއްތުންތައް ކުރިމަތިކުރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ