ޤއިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުމުގެ ތެެރެއިން، ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ފެށުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި

ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތަކާއި އަދަބު އަޚްލާޤު އަލުން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފިއެވެ. ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުން ފައްޓަވައިދެއްވީ ވަޒީރު ހީނާ ވަލީދުއެވެ.

މި މަޝްރޫޢަކީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންގެ އިޙްތިރާމް އަދާކުރުމާއި މެހެމާންދާރީގެ ރިވެތި ސިފަތަކަކީ ޒަމާނުއްސުރެ ބޭރުގެ ލިޔުންތަކުގައި ވެސް ފާހަގަކޮށްފައިވާ ކަންކަން ކަމަށާއި، ނަމަވެސް މިއަދު މުޖުތަމަޢުން އެ ސިފަތައް ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން، މުޅި މުޖުތަމަޢުގެ ޚިޔާލާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން އެ ރީތި ސިފަތައް އަލުން އަނބުރާ އަށަގަންނުވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކްލަބް ޖަމުޢިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން ތާރީޚާއި ސަޤާފަތް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތްތަކުގައި އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ