ޙަމާސްގެ ސިޔާސީ އިސްވެރިޔާގެ މަޤާމަށް އެ ޖަމާޢަތުގެ ޣައްޒާ ގޮފީގެ ކުރީގެ އިސްވެރިޔާ ޚަލީލް އަލް-ޙައްޔަ ޢައްޔަނުކޮށްފި ކަމަށް އެ ޖަމާޢަތުން އިޢުލާނުކޮށްފިއެވެ. އަލް-ޙައްޔަގެ ކުރިން މި މަޤާމުގައި ހުންނެވި ޔަޙްޔާ ސިންވާރު ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޝަހީދުކޮށްލާފައެވެ.
އަލް-ޙައްޔައަކީ ޙަމާސްގެ އިސް ސަފުގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ. ޚާއްޞަކޮށް 2024 ޖުލައި މަހު އިސްމާޢިލް ޙަނިއްޔާ އަވަހާރަކޮށްލި ފަހުން، ޙަމާސްގެ ފަރާތުން ބާއްވާ ސިޔާސީ މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވަނީ އޭނާއެވެ. 2025 ވަނަ އަހަރު ޤަޠަރުގެ ދައުޙާގައި ޔަހޫދީން ދިން ޙަމަލާއެއްގައި އަލް-ޙައްޔަ ހިމެނޭހެން ޙަމާސްގެ އިސްވެރިންތަކެއް ޝަހީދުކޮށްލަން ވެސް މަސައްކަތް ކޮށްފައިވެއެވެ.
ސިންވާރު ޝަހީދުވުމާ ގުޅިގެން އައު އިސްވެރިޔަކު ޢައްޔަނުކުރުމުގެ މަރުހަލާ މިއަހަރުގެ ޖަނަވަރީ މަހު ފެށި ނަމަވެސް، ޔަހޫދީން އީރާނާއި ލުބުނާނަށް ޙަމަލާދީ ހަނގުރާމަ ފުޅާކުރުމާއި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައެވެ. ޙަމާސްގެ އިސްވެރިޔާ ހޮވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ޖަލުތަކުގައި ތިބި މެންބަރުން ހިމެނޭހެން އެކުލެވޭ 50 މެންބަރުންގެ ޝޫރާ ކައުންސިލަކުންނެވެ.


