އާދައިގެ މަދިރިއެއް ހަފާލުމަކީ އާންމުކޮށް ކުޑަކޮށް ކަހާލުން ފިޔަވައި މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް، ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، މަދު ހާލަތްތަކެއްގައި މީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔެއް ކަމަށްވާ 'އެންސެފަލައިޓިސް' ނުވަތަ ސިކުނޑި ދުޅަވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ. މި ނުރައްކާ ހާއްސަކޮށް ބޮޑުވަނީ ވިއްސާރަ މޫސުމާއި ވިއްސާރައަށް ފަހު އަންނަ ދުވަސްވަރުގައެވެ. އެއީ މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވާތީއެވެ.
ޑޮކްޓަރުން ތަފްސީލުކޮށްދޭ ގޮތުގައި، މަދިރިއެއް ހަފާލުމުން ސީދާ ސިކުނޑި ދުޅައެއް ނުވެއެވެ. އޭގެ ބަދަލުގައި، ބައެއް ކަހަލަ މަދިރިތަކުން ލޭ ބޯއިރު، ހަށިގަނޑުގެ ލޭގެ ތެރެއަށް ވައިރަސް ފޮނުވާލައެވެ. މިގޮތަށް ބަލިޖެހޭ މަދު ބައެއްގެ ހަށިގަނޑުގައި، މި ވައިރަސްތައް މަރުކަޒީ ނާރުތަކުގެ ނިޒާމަށް ދަތުރުކޮށް، ސިކުނޑީގެ ޓިޝޫތައް ދުޅަވުމަށް މެދުވެރިވެއެވެ. މީގެ ސަބަބުން ނާރުތަކުގެ އާންމު މަސައްކަތްތަކަށް ބުރޫއަރައެވެ.
ސިކުނޑި ދުޅަވުމަށް މެދުވެރިވާ މަދިރީގެ ޒަރީއާއިން ފެތުރޭ ބައެއް ވައިރަސްތަކުގެ ތެރޭގައި ޖަޕަނީޒް އެންސެފަލައިޓިސް ވައިރަސް، ވެސްޓް ނައިލް ވައިރަސް، ސެއިންޓް ލޫއީ އެންސެފަލައިޓިސް ވައިރަސް، މަރޭ ވެލީ އެންސެފަލައިޓިސް ވައިރަސް އަދި އީސްޓަން އިކުއިން އެންސެފަލައިޓިސް ވައިރަސް ހިމެނެއެވެ. އިންޑިއާ ސަރަހައްދުގައި، ސިކުނޑި ދުޅަވުމަށް މެދުވެރިވާ މަދިރީގެ ޒަރީއާއިން ފެތުރޭ އެންމެ ބޮޑު އެއް ސަބަބަކީ ޖަޕަނީޒް އެންސެފަލައިޓިސްއެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، ގިނަ އިންފެކްޝަންތައް ފެށެނީ އާދައިގެ ވައިރަލް ހުމެއްގެ އަލާމާތްތަކާ އެކުގައެވެ. މީގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ވަރުބަލިވުން، ހަށިގަނޑުގައި ރިއްސުން، މޭނުބައިކުރުން އަދި ހޮޑުލުން ހިމެނެއެވެ. ގިނަ ހާލަތްތަކުގައި ބަލި ކުޑަ ނަމަވެސް، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންގެ މެދުގައި މި ބަލި ވަރަށް ނުރައްކާތެރިވެދާނެއެވެ.
ބޮލުގައި ވަރަށް ބޮޑަށް ރިއްސުން، ގަދައަށް ހުން އައުން، އޮޅުންބޮޅުންވުން، މާބޮޑަށް ނިދިއައުން، ވާހަކަދައްކަން އުނދަގޫވުން، ފިޓުޖެހުން، ކަރު ހަރުވުން، އަތްފައިގެ ބާރުދެރަވުން ނުވަތަ ހޭނެތުން ފަދަ އަލާމާތްތައް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ. ބަލި އަވަހަށް ދެނެގަނެވި، އެހީތެރިކަމުގެ ފަރުވާ ދެވިއްޖެނަމަ، ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެ، ނުރައްކާތެރި ނަތީޖާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.
ސިކުނޑި ދުޅަވެފައިވާކަން ކަށަވަރުކުރުމަށް ޑޮކްޓަރުން ތަފާތު ޓެސްޓުތައް ހަދައެވެ. މީގެ ތެރޭގައި ލޭގެ ޓެސްޓު، އެމް.އާރު.އައި ނުވަތަ ސީ.ޓީ ސްކޭން، ބުރަކަށިން ފެން ނަގައިގެން ޓެސްޓުކުރުން އަދި ބަލިޖެހެން މެދުވެރިވި ވައިރަސް ދެނެގަތުމަށް ހަދާ ޕީ.ސީ.އާރު ޓެސްޓު ހިމެނެއެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ގިނަ ވައިރަލް އެންސެފަލައިޓިސް ބަލިތަކަށް މިހާތަނަށް ވަކި ހާއްސަ ފަރުވާއެއް ނެތެވެ. ފަރުވާ ބިނާވެފައިވަނީ ބަލިމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކުރުން، އައިވީ ފްލުއިޑް ދިނުން، ހުން ކޮންޓްރޯލްކުރުން، ކާނާގެ އެހީތެރިކަން ފޯރުކޮށްދިނުން އަދި ބޭނުންވެއްޖެ ހާލަތެއްގައި ފިޓުޖެހުމުން ރައްކާތެރިވުމަށް ދޭ ބޭސް ހިމެނެއެވެ. ބަލި ވަރަށް ބޮޑުވާ މީހުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހިދާނެއެވެ. އެންޓިވައިރަލް ބޭސްތައް މަސައްކަތް ކުރަނީ ހަމައެކަނި ވަކި ބާވަތްތަކުގެ ވައިރަސްތަކަށެވެ.
މާހިރުން ބާރުއަޅާ ގޮތުގައި، އެންމެ ރަނގަޅު ދިފާއަކީ ރައްކާތެރިވުމެވެ. އަތްފައި ނިވާވާ ފަދަ ދިގު ހެދުން އެޅުމަށާއި، މަދިރި ފޮނުވާލާ ބޭސް ބޭނުންކުރުމަށާއި، މަދިރިގެ ބޭނުންކުރުމަށާއި، ކުޑަދޮރުތަކުގައި ދާ ޖެހުމަށާއި، އަދި މަދިރި އާލާވާ ތަންތަން ނައްތާލުމަށްޓަކައި ތަށި، މާވަށިގަނޑު، ފުރޮޅުލީ އުޅަނދުގެ ފުރޮޅު އަދި ކޫލަރު ފަދަ ތަންތަނުގައި ހަރުލާފައި ހުންނަ ފެން ހުސްކުރުމަށް އިރުޝާދު ދެއެވެ. ފެން ރައްކާކުރާ ތަންތަން މަތިޖަހާފައި ބެހެއްޓުމާއި، މުޖުތަމައުގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ވެސް މުހިންމު ކަމެކެވެ.ޖަޕަނީޒް އެންކެފަލައިޓިސް އާންމުކޮށް ފެންނަ ސަރަހައްދުތަކުގައި، ޝަރުތުހަމަވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އިރުޝާދު ދެވިދާނެއެވެ.
މަދިރީގެ ޒަރީއާއިން ޖެހޭ ސިކުނޑި ދުޅަވުމުގެ ނުރައްކާތެރި ބަލިތަކަކީ އާންމު ބަލިތަކަކަށް ނުވި ނަމަވެސް، ބަލީގެ ކުރީކޮޅު އިންޒާރުގެ ނިޝާންތައް ދެނެގަތުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ، ފުރާނައަށް ނުރައްކާވާ ފަދަ އުނދަގޫތަކުން ސަލާމަތްވުމަށް އޮތް ވަރަށް ބޮޑު ބާރެއް ކަމަށް މާހިރުން ވިދާޅުވެއެވެ.


