Saturday, 11 May 2024

ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުން ކަނޑައަޅާނީ ގުރުއަތުން

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތި، ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތުގައި 1914 މީހުން އެކަމަށް އެދިއްޖެއެވެ.

އެގޮތުން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ލިސްޓު ގެޒެޓުކޮށްފައެވެ. މި ފުރުޞަތަށް ހުޅުވާލި މުއްދަތު ހަމަވީ އޭޕްރިލް 17 ގެ ނިޔަލަށެވެ. އެމުއްދަތުގައި 1914 މީހުން ފޯމު ހުށައެޅިއެވެ.

ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލިއެވެ.

ގުޅިފަޅަށް ބަދަލުކުރަން ހުޅުވާލި ގޯތީގެ ޢަދަދާއި ސައިޒު:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

އެ ވުޒާރާއިން ކަނޑައެޅި އަދަދަށްވުރެ މަދުން ފޯމު ހުށައަޅާފައިވާތީ، 2050 އަކަފޫޓު އަދި 2450 އަކަފޫޓުގެ ގެތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ޢަދަދު:

  • 1250 އަކަފޫޓުގެ ގޯއްޗަށް 928 ފޯމް
  • 1650 އަކަފޫޓުގެ ގޯއްޗަށް 769 ފޯމް
  • 2050 އަކަފޫޓުގެ ގޯއްޗަށް 213 ފޯމް
  • 2450 އަކަފޫޓުގެ ގޯއްޗަށް 4 ފޯމް

އެ ވުޒާރާއިން ވިދާޅުވީ، 1250 އަކަފޫޓު އަދި 1650 އަކަފޫޓުގެ ކެޓަގަރީން، ކަނޑައެޅި އަދަދަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިކަމަށެވެ. މިދެކެޓަގަރީން ހުޅުވާލީ ޖުމްލަ 856 ފުރުޞަތު ނަމަވެސް އިތުރަށް 841 މީހުން ފޯމު ހުށައެޅިއެވެ.

މި ދެ ކެޓަގަރީން ފޯމު ހުށައެޅި މީހުންގެ ތެރެއިން، ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ އެކަމަށް ނަގާ ގުރުއަތަކުންނެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާއިން އިޢުލާނުކުރާނެކަންވަނީ ހާމަކުރައްވާފައެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، މޭމަހުގެ 1ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން އެވުޒާރާއަށް ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.

ނިމިދިޔަ ސަރުކާރުން ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ނިންމާ އޭގެ ލިޔުން ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެއަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން، މި ސަރުކާރުންވަނީ 1374 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުޞަތު ދީފައެވެ.

ގުޅިފަޅުން ހިއްކާފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އެ ފަޅުގައި ބާކީ އޮތް 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން މިހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *