Saturday, 11 May 2024

ޒުވާނުން ވޯޓުލުމަށް ޝައުޤުވެރިކަން ކުޑަވާ މައްސަލައަށް ހައްލު ހޯދަންޖެހޭ

18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި ހައްލު ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ. ޙަސަން މިހެން ވިދާޅުވީ، ދައުލަތުގެ މީޑިޔާ، "ޕީއެސްއެމް ނިއުސް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، މީގެކުރިން ބޭއްވި މަޖިލިސް އިންތިޚާބުތަކާ އަޅާބަލާއިރު މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މަދެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ އޭގެ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން، ކޮންމެ އިންތިޚާބަކަށް ވޯޓުލެވޭ މީހުންގެ އާބާދީ އިތުރުވާއިރު ވޯޓުލާ މީހުންގެ ނިސްބަތް އިތުރުނުވުމަކީ ގޯސް ފާލެއް ކަމަށާއި އެކަމާއި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.

ރައްޔިތުން ވޯޓުލާން ޝައުގުވެރިނުވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުންވެސް ރައްޔިތުން ވޯޓުލުމަށް ޝައުގުވެރިކުރުވުމަށް ކުރެވޭނެ ކަންކަން ދެނެގަނަން މަސައްކަތް ކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 18 އަހަރު ފުރިގެން އަލަށް ވޯޓްލުމުގެ ހައްގު ލިބޭ ގިނަ ޒުވާނުން ވޯޓުލުމަށް ޝައުގުވެރިކަން ނުހުންނަކަން މިހާތަނަށް ބެލިބެލުމުން ފާޙަގަކުރެވިފައިވާކަމަށާއި، މިއީ މުސްތަގުބަލަށްބަލާއިރު ގޯސް ފާލެއް ކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި ހައްލެއް ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ ބަސް އިއްވުމުގައި ނުވަތަ ވޯޓްލުމުގައި ފަސް ޖެހުމަކީ ދައުލަތުގެ ހުރިހާ މުއަސަސާއަކުންވެސް ސިޔާސަތުތައް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ބޭއްވި އިންތިޚާބުގައި ވޯޓުލީ މީހުން ޢަދަދު ވަނީ ނިސްބަތުން މަދުވެފައެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ މަޖިލިސް އިންތިޚާބުތަކަށް ބަލާއިރު މިއަހަރު ބޭއްވި އިންތިޚާބަކީ ވޯޓުލީ މީހުންގެ ނިސްބަތް އެންމެ މަދު އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 75 އިންސައްތައެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 78 އިންސައްތަ މީހުން ވޯޓުލާފައިވާއިރު 2014 ވަނަ އަހަރު 77 އިންސައްތަ އަދި 2019 ވަނަ އަހަރު 81 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *