ވާދަވެރި ކުޅުމަކަށްފަހު ގްރީންސްޓްރީޓްސް އިން އީގަލްސް ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސް އިން 3-2 ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްފިއެވެ. މިއީ މި ސީޒަނުގައި އެޓީމުގެ ފުރަތަމަ މޮޅެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅެވުނު މެޗުގައި އެންމެ ފުރަތަމަ ލީޑްނެގީވެސް ގްރީން ސްޓްރީޓްސްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުގެ މިސްރު ފޯވާޑް އޮބައިދާ ލީޑުނަގައިދިންއިރު، އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ ބާރު ހަމަލާއެއް އީގަލްސްގެ ގޯލު ތެރެއަށް ވައްދާލާ ގްރީން ސްޓްރީޓްސް ގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް އެއަށްފަހު އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ގްރީންގެ ހާފަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މާގިނައިރުތަކެއްނުވެ އެޓީމުގެ ޖަޕާނު މިޑްފީލްޑަރު ކިމިޝީމާ ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ގްރީންސްޓްރީސްގެ ތިންވަނަ ލަނޑު ޖެހީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ. 93 ވަނަ މިނެޓްގައި މި ލަނޑު ޖެހީ، އެޓީމުގެ ފުރަތަމަ ލަނޑުވެސް ޖަހާދިން މިސްރުގެ ފޯވާޑް އޮބައިދާއެވެ.

މި ނަތީޖާއާއެކު، ގްރީންސްޓްރީޓްސް އޮތީ ތިންޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައެވެ. އަދި، އީގަލްސް އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ