އީރާނާއި އެމެރިކާގެ މަސްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ވޮޝިންގޓަނުގެ ވިސްނުން އީރާނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވެ، އީރާނު "ބަސްއަހައިގެން އުޅުން މާ ރަނގަޅުވާނެ" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އައު އިންޒާރެއް ދެއްވައިފިއެވެ.
ޑިފެންސް އެންޑް އިނޮވޭޝަން ސަމިޓްގައި ތަޤުރީރު ކުރެއްވުމަށް ޕެންސިލްވޭނިއާ ސްޓޭޓަށް ވަޑައިގަތުމަށްފަހު، އީރާނަށް ވަކި ޚާއްޞަ މުހުލަތެއް ނުވަތަ ޑެޑްލައިނެއް ދިނުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ.
"އަޅުގަނޑު މުހުލަތުތައް ދޭން މާ ގަޔާވިއެއް ނުވޭ. ނަމަވެސް އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ—ކަންތައް އޮތްގޮތް . އެމީހުން ބަސްއަހައިގެން އުޅުން މާ ރަނގަޅުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އޭގެ ފަހުން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން ކަމަށެވެ. "އެއީ ނުލަފާ ބައެއް، ނަމަވެސް އެމީހުން ބޭނުންވަނީ އެއްބަސްވުމެއް ހަދަން. އަޅުގަނޑަށް ޔަޤީންކަމާއެކު ބުނަން ކެރިދާނެ އެމީހުން އެއްބަސްވުމަކަށް އަންނަން ބޭނުންވާކަން،" އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޕާލިމަންޓުގެ ރައީސް އަދި އެންމެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާޤިރު ޤާލީބާފް ބުދަ ދުވަހު ވިދާޅުވީ، ޤައުމީ މަޞްލަޙަތު ކުރިއެރުވުމަށްޓަކައި "ޚާރިޖީ ގުޅުންތަކުގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ" ކަމަށާއި، ނަމަވެސް ހަނގުރާމައަށް އީރާނުން "އަބަދުވެސް ތައްޔާރަށް އޮންނަންޖެހޭނެ" ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ތެހެރާނަށް ދިން ޙަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓާލުމަށްޓަކައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އަހުދުނާމާއެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ފަހަކަށް އައިސް އެމެރިކާއާއި އީރާނުން ދަނީ އެކަކު އަނެކަކަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
އަންނަ ހަފުތާގައި ތެހެރާން އަލުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އެމެރިކާއިން އެޤައުމުގެ އިންޖީނުގެތަކަށާއި ނިއުކުލިއަރ ޕްލާންޓްތަކަށް އަމާޒުކޮށް ޙަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދެމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އީރާނަށްދޭ ޙަމަލާތައް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް އިން ބުނީ، އަންގާރަ ދުވަހު އެމެރިކާގެ ފައުޖުތަކުން އީރާނަށް އިތުރު ޙަމަލާތަކެއްދީފައިވާ ކަމަށާއި، އީސްޓަން ޓައިމްއިން ހަވީރު 4 ޖެހިއިރުން (ޖީ.އެމް.ޓީން 20:00 އިން) ފެށިގެން ކަނޑުގެ މަގުން ޙިޞާރުކުރުން އަލުން ފަށާފައިވާ ކަމަށެވެ.


