ހޮހަޅައިގެ އެތެރެ ފެންނަ ފޮޓޯ( ޑޭން ޔޫރަޕް): ހޮހަޅައަށް ފީނާ މާހައުލުތަކަކީ ގުދުރަތީ ގޮތުން އިންތިހާއަށް ނުރައްކާތެރި ތަންތަން،

ރާއްޖޭގެ ކަނޑުއަޑީގެ ސިއްރު: ވ. އަތޮޅު އަލިމަތާ ހޮހަޅައިގެ ރީތިކަމާއި އެތަނުގެ ނުރައްކާތެރި ހަގީގަތް

ދިވެހިރާއްޖެއަކީ ގުދުރަތީ ރީތިކަމުން،، ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތަކުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މަންޒިލެކެވެ. ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކުގެ ތެރެއިންވެސް،  ވ. އަލިމަތާ ކަނޑަކީ ފީނުމަށް އަދި ޚާއްޞަކޮށް މިޔަރު ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރު އެހާމެ ރީތި ސަރަހައްދެކެވެ. ވ.އަލިމަތާ ކައިރީ ކަނޑު އަޑީގެ ހޮހަޅައަކީ ދުނިޔޭގެ އެކި ކޮޅުކޮޅުން އަންނަ ޑައިވަރުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. ނަމަވެސް، މި ހޮހަޅައަކީ ހަމައެކަނި ރީތި މަންޒަރުތަކެއް އެކަނި އެކުލެވޭ ތަނެއް ނޫނެވެ. ކަނޑުއަޑީގެ ހޮހަޅައެއްގެ އެތެރޭގެ ހާލަތު ބޭރާ މުޅިން ތަފާތެވެ. ހޮހަޅަތަކުގެ އެތެރެއާއި ބޭރުގައި ހިނގަނީ މުޅިން ތަފާތު، ނުރައްކާތެރި ގާނޫނުތަކެކެވެ.

އަލިމަތާ ހޮހަޅައަކީ ކަނޑުގެ ވަރަށް ހިތްގައިމު ސަރަހައްދެއްގައި، ފުން "ޑްރޮޕް-އޮފް"އެއް ނުވަތަ ފަރުގެ ތިރިއަށްދާ ފާރުގައި އުފެދިފައިވާ ތަނެކެވެ.  "ޝާކް" ކޭވްގެ ނަމުން މަޝްހޫރުވެފައިވާ މި ހޮހަޅައިގެ ވިއުގަ ފެށެނީ ގާތްގަނޑަކަށް 55 އާއި 60 މީޓަރު (180 އާއި 200 ފޫޓު) ގެ ފުންމިނުންނެވެ. މި ހޮހަޅައިގެ ނިޒާމު އެތައް ސަތޭކަ ފޫޓެއްގެ ދިގުމިނަށް ފެތުރިގެން ގޮސްފައިވާއިރު، މީގެ ފުންމިން 70 މީޓަރާއި 100 މީޓަރުގެ   އަޑިއަށް ގޮސްފައިވެއެވެ. ހޮހަޅައިގެ އެތެރޭގެ ބައެއް ބައިތަކަށް އިރުގެ އަލި އެއްގޮތަކަށްވެސް ނުވަދެއެވެ.

އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެ ބިރުވެރި ހޮހަޅައިގެ ތެރެއަށް ވަދެ، އެ ހިތްވަރުގަދަ މަސައްކަތް ކުރި ރެސްކިއު ޑައިވަރުންނަށް ހައްގު ޝުކުރާއި އިހުތިރާމް އަދާކުރަންޖެހޭ. ފޮޓޯ: ޑޭން ޔޫރަޕް

ވ. އަލިމަތާގެ ދެކުނަށް އޮންނަ ދެވަނަ ކަނޑަށް ފަތުރުވެރީން ފީނާ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ސަރަހައްދުގައި އާދަޔާ ހިލާފަށް ގިނައިން އުޅޭ ނިދަންމިޔަރު ބަލައިލުމެވެ. އަދި މިކަނޑުގެ އަޑީގައިވާ "މިއަރު" ހޮޙަޅަ ބަލައިލުމެވެ. މި ކަނޑު މަޝްހޫރުވެފައިވަނީ "މިޔަރު ކަނޑު" ގެ ގޮތުގައެވެ.  މިއީ ރޭގަނޑު ޑައިވްކުރުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަނެވެ. ކަނޑުގެ އަނދިރިކަމުގެ ތެރޭގައި، ޑައިވަރުންގެ ބައްތީގެ އަލީގައި، އެތަކެއް މިޔަރެއް ޑައިވަރުންގެ ވަށައިގެން ދައުރުވާން ފަށާއިރު، އެއީ ހިތްތަކަށް ބިރުވެރިކަމާއި އުފާވެރިކަން އެއްފަހަރާ ގެނެސްދޭ ތަޖުރިބާއެކެވެ.

ސްކޫބާ ޑައިވެއްގައި، 2026 މޭ 14 ވަނަ ދުވަހު، މި ކަނޑަށް ފުންމާލީ އިޓަލީގެ ފަސް ޑައިވަރުންގެ ސަމާލުކަން ހުއްޓުނީ 55 މީޓަރުގެ އަޑީގައިވާ ހޮހަޅައަށެވެ. އެ ފަސް ޑައިވަރުންނަކީ ވެސް ފީނުމުގެ ތަޖުރިބާހުރި މީހުންނެވެ. ޑައިވްކުރުމުގެ ހޭޑިފޭޑި ދަންނަ މީހުންނެވެ. އެމީހުންގެ ތެރޭގައި ކަނޑުގެ ދިރާސާ ވެރިންނާއި ފީނުމުގެ މުދައްރިބުން ވެސް ތިއްބެވެ. ނަމަވެސް، އެ ފަސް މީހުންނަށް ކަނޑުގެ ސަތަހައަށް އެރުމުގެ ނަސީބެއް ނުލިބުނެވެ. އެމީހުންގެ ހަށިގަނޑު ފެނުމުގެ ކުރިން، މުޅި މީޑިއާއަށާއި ރަށުތެރެއަށް ތިލަވެގެންދިޔައީ އެމީހުން ގެއްލިގެން ހޯދާ ކަމުގެ ހިތާމަވެރި ޚަބަރެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ނުރައްކާތެރިކަމުންނާއި ހަނިކަމުން، އެމީހުންގެ ހަށިތައް ނެގުމަކީ އާދައިގެ ޑައިވަރުންނަށް ކުރެވޭނެ ކަމަކަށް ނުވިއެވެ. އެ ހަށިތައް ހޮހަޅައިގެ އަޑިން ނެގީ، މިފަދަ ކަންކަމަށް ޚާއްޞަ ތަމްރީނާއި ސާމާނު ހުރި ފިންލެންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ރާއްޖެ އައިސް ކުރި ވަރަށް ނުރައްކާތެރި މަސައްކަތަކުންނެވެ.

ޑައިވްކުރުމުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި، ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅަތައް ހޯދައި ބެލުމުގެ މާހިރެއް އަދި ރާއްޖޭގެ ޕްރޮފެޝަނަލް ޑައިވިންގގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޝަފްރާޒް ނައީމް ބުނީ " ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅުތަކާއި ސާމާނާއެކު، އަހަރެން އަލިމަތާ ހޮހަޅައަށް މަދުވެގެން 50 ޑައިވް ކުރިން. ކޮންމެ ފަހަރަކީވެސް ވަރަށް ފުރިހަމަ ތަޖުރިބާތަކެއް ކުރެވުނު. އެހެން ނަމަވެސް  އަހަރެން އެކަމާ ކުރިމަތިލަނީ އިންތިހާއަށް ބޮޑު ނުރައްކަލަކާކަން ދަނެގެން." ކަމަށެވެ. މޭ 18 ގައި ފިންލެންޑްގެ ޑައިވަރުންގެ ޓީމުން އަލިމަތާ ހޮހަޅައިގެ ތިންވަނަ ބައިގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހޯދި، އެ ހިތާމަވެރި ހާދިސާ ހިނގި ހޮހަޅަތަކަކީ ޝަފްރާޒުގެ ދެވަނަ ގެފަދައިން އޭނާއަށް ރަނގަޅަށް އެނގޭ ތަންތަނެވެ.

ފީނުމާ ގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ތިބެ، 55 މީޓަރުގެ ފުނުގައި ހުރި ހޮޙަޅައަކަށް އެންމެ ވައިފުޅިއެއްގައި އެ މީހުން އެތަނަށް ދާން ނިންމި ނިންމުމަކީ ޝަފްރާޒް ފަދަ ޑައިވްކުރުމުގެ ތަޖްރިބާކާރުން ހައިރާންވާކަމެވެ.

"އެންމެ އޮކްސިޖަން ފުޅިއެއް ހިފައިގެން ކަނޑުއަޑީގެ ހޮހަޅައަކަށް ވަނުމަކީ، ކިތަންމެ ތިލަ ހިސާބެއްގައިވިޔަސް، ކުރަން ހެޔޮވާނެވަރުގެ ކަމެއް ނޫން.. އެއީ ހޮހަޅައަށް ފީނުމުގެ ޚާއްޞަ ސަނަދު އޮތް މީހަކު ކުރިޔަސް، ހެދޭނެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ގޯސް." ކޭވް ޑައިވް ތަޖުރިބާކާރެއްކަމަށްވާ އެމެރިކާގެ ގަސް ގޮންޒާލޭޒް 'ޑައިވް ޓޯކް ޕްލަސް’ގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގުމާއެކު އެކި މީހުން އެކި ތިއަރީތައް އުފަންކުރުވިއެވެ. އިޓަލީގެ ސޮސައިޓީ އޮފް އަންޑަރވޯޓަރ އެންޑް ހައިޕަރބަރިކް މެޑިސިންގެ ރައީސް އަލްފޮންސޯ ބުނެފައިވަނީ، ވަރުގަދަ އޮއިވަރެއްގެ ސަބަބުން އެ ގްރޫޕް ހޮހަޅައިގެ ހަނި ދޮރުން އެތެރެއަށް ދަމައިގަތީ ކަމަށް ވެދާނެއެވެ.

މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތްކުރި ބަޠަލުން، ރެސްކިއު ޑައިވަރުން ވަނީ އެ ނުރައްކާތެރި މިޝަންގެ ވާހަކަތައް ކިޔައިދީފައެވެ.

ފިންލެންޑްގެ ރެސްކިއު ޑައިވަރު ސާމީ ޕާކަރިނެން އަކީ، މިހާދިސާގައި މަރުވި އިޓާލީގެ ހަތަރު މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތުގައި ބައިވެރިވި ޑައިވަރެކެވެ. ސާމީ ބުނީ، މިއުރިއަލް އޮޑެނީނޯ (31)، ފެޑެރީކޯ ގުއަލްޓިއޭރީ (31)، މޯނިއާ މޮންޓެފަލްކޯން (52) އަދި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮއްމަކަލް (20)ގެ ހަށިތައް ފެނިފައިވަނީ އެ ހޮހަޅައިގެ ތިންވަނަ އަދި އެންމެ ފަހު ޗެމްބަރުގެ ދޮރުމަތީގެ ކައިރިންނެވެ. އަދި އެމީހުންގެ ޑައިވިންގ އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ (44) ވެސް ފެނިފައިވަނީ އެ ޗެމްބަރުގެ ދޮރުމައްޗާ ވަރަށް ކައިރިންނެވެ. ސާމީގެ އަމިއްލަ ޑައިވިންގ ތަޖުރިބާގެ މައްޗަށް ބިނާކޮށް އޭނާ ބުނިގޮތުގައި، އެ ގްރޫޕް  އެ ހޮހަޅައިގެ އެތެރެއަށް އޮޔާ ދަމައިގަތުމަކީ އެއްގޮތަކަށްވެސް ވެދާނެ ކަމެއް ނޫނެވެ.

މަރުވި މީހުންގެ ހަށިތައް ހޯދުމުގައި މަސައްކަތްކުރި، ފިންލެންޑް ޓީމާއި ޑޭން ޔޫރަޕުން ވަނީ މިކަމާބެހޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވެއެވެ.

"މިހާތަނަށް ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު، ޑައިވަރުންނަށް ހޮހަޅައިގެ ތެރޭގައި މަގުއޮޅި، ބޭރަށް ނިކުންނާނެ މަގު ނުފެނުނީ ކަމަށް ބެލެވެއެވެ."

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި ހާލަތްތަކާ ގުޅޭގޮތުން އިތުރު ގޮތްތަކެއް ނިންމާނީ ކަމާބެހޭ ފުލުހުންނާއި ތަހުގީގީ އިދާރާތަކުންނެވެ. އެހެންކަމުން، މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، ސާބިތުނުވާ ހީތަކާއި ޚިޔާލީ ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ."

ޚާއްޞަ ހުއްދައެއް، ހޮހަޅައަށް ފީނުމުގެ ޚާއްޞަ ތަމްރީނު (ކޭވް-ޑައިވިންގ ޓްރެއިނިންގ)، އަދި އެކަމަށް ބޭނުންވާ ފަންނީ ސާމާނު ނެތި މި ހޮހަޅައިގެ ވިއުގައަށް ނުވަނުމަށް ވަރަށް ބޮޑަށް މި ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. ހޮހަޅައަށް ފީނާ މާހައުލުތަކަކީ ގުދުރަތީ ގޮތުން އިންތިހާއަށް ނުރައްކާތެރި ތަންތަންކަމަށް ވުމުން، މިފަދަ ތަންތަނަށް ފީނަންވާނީ ހަމައެކަނި އެންމެ މަތީ ފެންވަރަށް ތަމްރީނު ލިބި، ފުރިހަމައަށް ސާމާނު ހަމަކޮށްގެން ތިބޭ ޑައިވަރުން އެކަނިކަމަށް، އެމީހުންގެ ބަޔާނުގައި އިންޒާރުދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ