މިޞްރު (28 މޭ 2026): މިޞްރުގެ ސަލާމަތީ ބާރުތަކުގެ ވަރުގަދަ އޮޕަރޭޝަނެއްގައި ޣައިރުޤާނޫނީ ހިޖުރައިން ހޯދި 20 މިލިއަން ޖުނައިހު ( މިޞްރު ފައިސާ ) ފޮރުވަން އުޅުނު މީހަކު ކަފްރުއްޝައިޚު ސަރަހައްދުން އަތުލައިގަންފިއެވެ.
މިޞްރުގެ ދާޚިލީ ވުޒާރާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މާލީ ކުށްތަކާ ބެހޭ ޖެނެރަލް ޑައިރެކްޓްރޭޓުން ވަނީ ކަފްރުއްޝައިޚް ސަރަޙައްދަށް ނިސްބަތްވާ ކުށްވެރިއަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާފައެވެ. އޭނާ ވަނީ ޣައިރުޤާނޫނީ ގޮތެއްގައި މީހުން ހިޖުރަކުރުވުމުގެ މަސައްކަތް ކޮށްގެން ހޯދި ފައިސާ، ލޯންޑަރ ކުރަން މަސައްކަތް ކޮށްފައެވެ.
އޭނާ ވަނީ މި ފައިސާގެ އަސްލު އޮޅުވާލައި، އެއީ ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާގެ ގޮތުގައި ދެއްކުމަށްޓަކައި އެކި ކަންކަން ކޮށްފައެވެ. އޭގެ ތެރޭގައި، އިމާރާތްތަކާއި ދަނޑުވެރިކަން ކުރާ ބިންތައް ގަތުމާއި، ގިނަ އަދަދެއްގެ ކާރު ގަތުމާއި ތަފާތު ވިޔަފާރިތައް އިންވެސްޓްކުރުން ހިމެނެއެވެ.
މި އޮޕަރޭޝަނަކީ މަނީ ލޯންޑަރިންގްގެ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ކުށްވެރިންގެ މުދަލާއި ފައިސާ ހޯދައި ބެލެހެއްޓުމަށް ދާޚިލީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
އޮފިޝަލުން ލަފާކުރާ ގޮތުގައި އޭނާ ލޯންޑަރ ކުރަން އުޅުނު ފައިސާގެ ޖުމްލަ އަދަދު 20 މިލިއަން މިސްރު ޖުނައިހު (Egyptian Pounds) އަށް އަރައެވެ.
މިހާރު އޭނާއާ މެދު ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ވަނީ ފަށާފައެވެ.


