ގޭގައި ވައި-ފައިގެ ސްޕީޑް މާ ބޮޑަށް "ސްލޯ" ވާނަމަ އެނގުން މުހިންމު ކަންތައްތައް

ގިނަ މީހުން ވައިފައި ލަސްވުމުން އެކަމުގެ އިލްޒާމް އަޅުވަނީ އިންޓަނެޓް ފޯރުކޮށްދޭ ކުންފުންޏަށް ނުވަތަ ބާވެފައިވާ ރައުޓަރަށެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި އަސްލު މައްސަލަ އުޅެނީ ތިބާގެ ގޭތެރޭގައި ލޮލަށް ފެންނަން ހުރި ކަންތައްތަކެއްގައެވެ. މަސްފެންގަނޑުން ފެށިގެން މައިކްރޯވޭވް އަވަނާ ހަމައަށް، ގޭތެރޭގައި ބޭނުންކުރާ ބައެއް އާދައިގެ ތަކެތީގެ ސަބަބުން ވައިފައި ސިގްނަލް ބަލިކޮށްލައި، ވީޑިއޯ ބަލާއިރު މެދުކެނޑުމާއި، ކޯލްތައް ކެނޑުމާއި އަދި ޑައުންލޯޑް ކުރާއިރު އިންތިހާއަށް ލަސްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ވައިފައި އަކީ ޒަމާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ޓެކްނޮލޮޖީއެވެ. މިއީ ސްމާޓްފޯނާއި ލެޕްޓޮޕުން ފެށިގެން ޓީވީއާއި ސްމާޓް ހޯމް ޑިވައިސްތައް ގުޅުވައިދޭ ވަސީލަތެވެ. ނަމަވެސް، ވައިފައި މަސައްކަތް ކުރަނީ ރޭޑިއޯ ރާޅުތަކުގެ އެހީގައި ކަމަށްވާތީ، ގިނަ މީހުން ޝައްކުވެސް ނުކުރާ ކަހަލަ އާދައިގެ ތަކެތީގެ ސަބަބުން މި ސިގްނަލަށް ބުރޫއަރައެވެ.

1993 ވަނަ އަހަރު ދުނިޔޭގެ އެންމެ ފުރަތަމަ ބޮޑު ވަޔަރލެސް ނެޓްވޯކް އުފެއްދުމުގައި އިސްކޮށް އުޅުއްވި ވައިފައި ޓެކްނޮލޮޖީގެ އެއް މާހިރު އެލެކްސް ހިލްސް، މިފަދަ ސިގްނަލް ހުރަސްކުރާ ތަކެއްޗަށް ނިސްބަތްކުރައްވަނީ ވައިފައިގެ "ބޭޑް ބޯއިސް" ނުވަތަ "ނުލަފާ" ތަކެތީގެ ގޮތުގައެވެ. އޭނާ ވިދާޅުވާ ގޮތުގައި، އަގުބޮޑު އަޕްގްރޭޑްތަކަށް ޚަރަދު ކުރުމުގެ ބަދަލުގައި، މިފަދަ ފޮރުވިފައިވާ ހުރަސްތައް ދެނެގަތުމަކީ އިންޓަނެޓްގެ ފެންވަރު ރަނގަޅު ކުރުމަށް އޮތް އެންމެ މުހިންމު މަގެވެ.

މިގޮތުން އެންމެ ބޮޑު މައްސަލައެއް ކުރިމަތިވަނީ މައިކްރޯވޭވް އަވަނުގެ ސަބަބުންނެވެ. ކުރީގެ ގިނަ މައިކްރޯވޭވް އަވަންތައް މަސައްކަތް ކުރަނީ ގިނަ ވައިފައި ރައުޓަރުތަކުން ބޭނުންކުރާ 2.4 GHz ފްރީކުއެންސީގައެވެ. އާ މައިކްރޯވޭވްތަކަކީ ސިގްނަލް ބޭރުނުވާނެހެން ރައްކާތެރިކޮށްފައިވާ އެއްޗެހި ކަމަށްވިޔަސް، ބާވެފައިވާ އަވަންތަކުން ނުވަތަ މަސައްކަތް ނިމުމުގެ ކުރިން ދޮރު ހުޅުވުމުން ރޭޑިއޯ ރާޅުތައް ބޭރުވެ، ކައިރީގައި ހުންނަ ވައިފައި ސިގްނަލަށް ހުރަސްއެޅެއެވެ. އާ ރައުޓަރުތަކުގައި މާ ހަލުވި 5 GHz ބޭންޑް ބޭނުންކުރި ނަމަވެސް، ބާ އާލާތްތައް ބޭނުންކުރާ ގޭގޭގައި ކާއެއްޗެއް ހޫނުކުރާ ކޮންމެ ފަހަރަކު އިންޓަނެޓް ލަސްވާކަން ފާހަގަކުރެވޭނެއެވެ.

މަސްފެންގަނޑުތަކަކީ ވެސް ހީނުކުރާ ފަދަ ގޮތަކަށް ވައިފައި ސިގްނަލް ދަށްކުރާ އެއްޗެކެވެ. ފެނަކީ ރޭޑިއޯ ސިގްނަލްތައް ދަމައިގަންނަ އެއްޗަކަށް ވުމުން، ރައުޓަރާއި ޑިވައިސްއާ ދެމެދު ބޮޑު މަސްފެންގަނޑެއް ހުރެއްޖެނަމަ ސިގްނަލް ވަރަށް ބޮޑަށް ބަލިކޮށްލައެވެ. ބޯ ސިމެންތި ނުވަތަ ގާ ފާރުތަކުން ވެސް ރޭޑިއޯ ރާޅުތައް ހުރަސްކޮށް، އެހެން ކޮޓަރިތަކަށް ސިގްނަލް ފޯރުމަށް ދަތިތަކާ ކުރިމަތިވެއެވެ.

ލޯގަނޑާއި، ބޮޑެތި ޓީވީތަކާއި، އަދި ދަގަނޑުގެ ބާވަތްތައް ހިމެނޭ ފާރުތަކުގެ ސަބަބުން ވައިފައި ސިގްނަލް އެތެރެއަށް ވަނުމުގެ ބަދަލުގައި ބޭރަށް ރިފްލެކްޓްވެ ނުވަތަ ބޭރުވެގެންދެއެވެ. މީގެ ސަބަބުން އިންޓަނެޓް ކަނެކްޝަން ވަރުގަދަ ނަމަވެސް، ގޭގެ ބައެއް ސަރަހައްދުތަކަށް ސިގްނަލް ލިބުން ދަތިވެއެވެ.

މާހިރުން ލަފާދެނީ ރައުޓަރު ގޭގެ މެދުތެރޭގައި އަދި ވީހާވެސް އުސް ތަނެއްގައި ބެހެއްޓުމަށެވެ. އޭރުން މުޅި ގޭތެރެއަށް ސިގްނަލް އެއްވަރަކަށް ފެތުރޭނެއެވެ. އަދިވެސް ސިގްނަލް ދަށްނަމަ، ވައިފައި އެކްސްޓެންޑަރ ނުވަތަ މެޝް ވައިފައި ސިސްޓަމެއް ބޭނުންކޮށްގެން ސިގްނަލް ނުލިބޭ ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދެވިދާނެއެވެ.

މީގެ އިތުރުން، މޫސުން ގޯސްވުމަކީ ވެސް އިންޓަނެޓްގެ ސްޕީޑަށް އަސަރުކުރާ ކަމެކެވެ. ބޯކޮށް ވާރެ ވެހުމާއި، ގަދަ ފިންޏާއި، އަދި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން މުވާސަލާތީ އިންފްރާސްޓްރަކްޗަރަށް ގެއްލުންވެ ނުވަތަ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރައެވެ. ތޫފާންތަކާއި ގޯސް މޫސުމުގައި އިންޓަނެޓް ލަސްވަނީ ގިނަ ބަޔަކު ގޭގައި ތިބެގެން އެއްވަގުތެއްގައި ނެޓްވޯކް ބޭނުންކުރާ މިންވަރު އިތުރުވުމުން ވެސް މެއެވެ.ދެން ފަހަރަކުން ވައިފައިގެ މައްސަލައެއް ދިމާވެއްޖެނަމަ، އޭގެ ހައްލަކީ ސަރވިސް ޕްރޮވައިޑަރަށް ގުޅުމުގެ ބަދަލުގައި، ރައުޓަރު ހުރި ތަން ބަދަލުކޮށްލުން، މަސްފެންގަނޑު އެހެން ތަނަކަށް ބަދަލުކުރުން ނުވަތަ މައިކްރޯވޭވްއާ ދުރުގައި ބެހެއްޓުން ކަމަށް ވެދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ