ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން ދިޔަވެ، އަޑިއަށްދިޔަ "ޖަޒީރާ Q-10″ ނަމަކަށްކިޔާ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދިޔަ މި ބޯޓު ދިޔަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 15:27 ހާއިރުއެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ޙާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ދެ ދިވެހިންނާއި ފަސް ބިދޭސީ ފަޅުވެރިން ވަނީ "ހަތަ" ނަމަކަށް ކިޔާ ލޯންޗަކަށް ނަގައި، ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.


