ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ މާރިޗު މަހު ތަޢާރަފުކުރި %100 ދިވެހި ޑިޖިޓަލް ވޮލެޓް "ސްވައިޕް" ބޭނުންކުރާ މީހުންގެ އަދަދު 20,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ ޔޫތު އެންޓްރަޕްރިނިއަރސް ފޯރަމްގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި 2030 އަންނަންވާއިރަށް ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދަށް ހިއްސާކުރުމުގެ ލަނޑުދަނޑި ޙާޞިލުކުރުމުގައި ސްވައިޕް ބޮޑު ދައުރެއް އަދާކުރާނެއެވެ.
ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ މި ވޮލެޓް މެދުވެރިކޮށް އެއްވެސް އިތުރު ފީއަކާ ނުލައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ބޭރުން ފައިސާ ބަލައިގަތުމުގެ އިތުރުން ރާއްޖޭގެ 3,300 އަށްވުރެ ގިނަ ވިޔަފާރިތަކަށް ފައިސާ ދެއްކޭނެއެވެ. ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އީ-ކޭވައިސީ ފުރިހަމަކޮށްގެން މީގައި ރަޖިސްޓްރީ ވެވޭއިރު، ފިޒިކަލް ކާޑެއް ނެތި ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް އަލިޕޭ، ވީޗެޓް ޕޭ، ވީސާ އަދި މާސްޓަރކާޑާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މި ޚިދުމަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ސްވައިޕް މެދުވެރިކޮށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން ބައިނަލްއަޤުވާމީ އެކައުންޓްތައް ހުޅުވައި، އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް ލިބޭނެ އިންތިޒާމް ވެސް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސަރުންނަށް ބޭރު ޤައުމުތަކުން ފޮނުވާ ފައިސާ، އެ ޤައުމެއްގެ ލޯކަލް ޕޭމަންޓެއް ފަދައިން ވަގުތުން ސްވައިޕް ވޮލެޓަށް ލިބި، ބޭނުން ވަގުތަކު ޑޮލަރު އެކައުންޓަށް ބަދަލުކޮށްލެވޭނެއެވެ. ބޭންކުން ސިފަކުރި ގޮތުގައި މިއީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް ލިބިގެންދިޔަ އިންގިލާބީ ކުރިއެރުމެކެވެ.


