ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެކި ސަބަބުތަކާހުރެ މިހާތަނަށް 1,755 ފަރާތަކަށް ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުނުކުރެވިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގުޅިފަޅުން ޖުމްލަ 3,548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ކުރިއަށްދާ މަސައްކަތުގެ ދަށުން މިހާތަނަށް 3,043 ގޯއްޗެއްގެ ރަޖިސްޓްރީ އާއި އެއްބަސްވުން ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބިން ހަވާލުކުރިކަމުގެ ލިޔުން 1,793 ފަރާތަކަށް ދޫކޮށްފައިވެއެވެ. ލިޔުން ހަވާލުނުކުރެވި ތިބި 1,755 ފަރާތުގެ ބިންތައް ހުރީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުތަކުގައި ނުވަތަ އެއީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނެވެ.
މީގެކުރިން ގުޅިފަޅަށް ގޮސްގެން ބިން ދެއްކުމަށްފަހު ލިޔުން ދޫކުރަމުން އައި ނަމަވެސް، މިހާރު ވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި ލިޔުން އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނީ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، މަސައްކަތު ސައިޓުތަކުގައި ހުރި ބިންތަކުގެ ލިޔުން ދޫކުރާނީ އެ މަސައްކަތްތައް ނިމުމުން ކަމަށް ވުޒާރާއިން ބުންޏެވެ. ތިން ފަހަރެއްގެ މަތިން ބަދަލުތައް ގެނައި ގުޅީފަޅުގެ ޕްލޭންގައި ދިރިއުޅުމުގެ ބިންތަކުގެ އިތުރުން ސޯޝަލް ހައުސިން، ތަޢުލީމީ، ޞިއްޙީ، އިންޑަސްޓްރިއަލް ސަރަހައްދުތަކާއި ހިތްފަސޭހަ ޕާކުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.


