މާލޭ ނޯތު ހާބަރުގައި މުދާ ބަރުކުރުމަށް އުޅަނދުފަހަރު ކިޔޫގައި ޖެހުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މީގެކުރިން އެއް އުޅަނދަކަށް އެއްފަހަރާ ތިން ޒޯނެއްގެ ކިޔޫގައި ޖެހެވުނު ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ކޮންމެ އުޅަނދަކަށްވެސް ނަން ނޯޓު ކުރެވޭނީ އެންމެ ކިޔޫއެއްގައެވެ. މި ބަދަލު ގެނައީ ކިޔޫތައް ދިގުވެ، މުދާ ބަރުކުރަން 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއް މަޑުކުރަންޖެހޭތީ އޮޑިވެރިންގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ.
އައު އުސޫލުގެ ދަށުން ނޯތު ހާބަރުގެ އޭ ޒޯން، ސީ ޒޯން ނުވަތަ އެކްސްޕްރެސް ޒޯނުގެ ތެރެއިން އިހްތިޔާރު ކުރެވޭނީ އެންމެ ކިޔޫއެކެވެ. މީގެއިތުރުން، ކީވޯލުން ޖާގަ ދިނުމަށް ގުޅުމުން ކައިރި ނުކުރެވިއްޖެ ނަމަ، ފަސް ދުވަހަށް ކިޔޫ ހޯލްޑް ކުރެވޭ ގޮތަށް އޮތް އުސޫލުވެސް މިހާރު ވަނީ އުވާލާފައެވެ. ޖާގައަށް ކައިރި ނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކޮށްދިނުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެއަށްވުރެ އިތުރުވެއްޖެ ނަމަ ކިޔޫއިން ނަން އުނިވާނެއެވެ.
މި އާ ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން ނޯތު ހާބަރުގެ ތޮއްޖެހުން ކުޑަވެ، މުދާ ބަރުކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.


