ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން، ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ޕްރޮގްރާމްގެ ފައިދާ ލިބޭ ފަރާތްތަކަށް ބީސީސީން މި ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ވިޔަފާރިތައް ފަށައި، ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

މި ޕާޓްނަރޝިޕް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫންކަމަށެވެ. އެ ބޭންކުން ބޭނުންވަނީ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަދި ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ބާރުވެރިކުރުވަންކަމަށެވެ.

"ބީސީސީއާއެކު މި ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި، މެންޓަރޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުގެ ވިޔަފާރިތަކަށް ވަރުގަދަ ބިންގަލެއް އެޅުމަށް." ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މި ޕާޓްނަރޝިޕް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސަދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެއްވާ ހާއްސަ އަހަންމިއްޔަތުކަމާއި ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ހައްގުކަމަށެވެ. ޒުވާން ވިޔަފާރިވެރިންނަކީ އައު އީޖާދުތަކާއި، އުފެއްދުންތެރި ވިސްނުންތަކުގެ އިތުރުން އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

"ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމުކޮށްދެވިއްޖެނަމަ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އުއްމީދީ އައު ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ. މީގެއިތުރުން މިއީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް." އިބްރާހިމް ޒިޔާއު ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ އަމަލީ ގޮތުން ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް ގުޅުވާލައިގެން ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން ކުރާ ގުޅިފައިވާ މަސައްކަތެކެވެ. މިގޮތުން، ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިންގ މަރުހަލާއާ ހަމައަށް އެހީތެރިކަން ލިބި، ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެ، މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި، ފަސޭހަ، އަވަސް އަދި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ އެޕްލިކޭޝަން މަރުހަލާއެއް ހިމެނޭ ޕްރޮގްރާމެކެވެ.

ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ