ބީއެމްއެލްގައި މައި އިމާރާތް

ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ލިބޭ ކިޔަވާ ލޯނު ބީއެމްއެލްއިން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގަށް ބޮޑު ބަދަލެއް ގެނެސް، އެއްވެސް ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ބޭންކުން ހާމަކުރި ގޮތުގައި މި ބަދަލާއެކު ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، ކޯސްތަކާ ގުޅުންހުރި ސެޓިފިކޭޝަން ފީތައް ދެއްކުމަށް ޑޮލަރުން ފައިނޭންސް ލިބޭނެއެވެ. މީގެ ސަބަބުން ބޭރު ފައިސާގެ މުއާމަލާތްތައް ދަރިވަރުންނަށް މާ ފަސޭހައިން ކުރިއަށް ގެންދެވޭނެއެވެ.

މި ފައިނޭންސިންގްގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ކިޔަވަންދާ ކުދިންނަށް ދޫކުރާ ސްޓައިޕެންޑް އެލަވަންސް ސީދާ ދަރިވަރުގެ އެކައުންޓަށް ޖަމާކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކިޔަވާ ލޯނަށް ގެނައި މި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްގެ އަމާޒަކީ އީޖާދީ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ