މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާގެ ޢަދަދު އިތުރުވާނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އަންދާޒާކޮށްފިއެވެ. ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވި ގޮތުގައި، ޒަކާތުގެ ފުރަތަމަ ޤާނޫނާއެކު ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ އިތުބާރާއި ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން ޒަކާތް ދައްކާ މިންވަރު ދަނީ މަތިވަމުންނެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 79.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 61.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ. ވަކިން ޖޫން މަހަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހު 10.6 މިލިޔަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖޫން މަހު ވަނީ 100 އިންސައްތައިގެ ކުރިއެރުމަކާއެކު 21.2 މިލިޔަން ރުފިޔާ ލިބިފައެވެ.
ރާއްޖޭގެ ތާރީޚުގައި ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ މިދިޔަ އަހަރުއެވެ. އެއީ ޖުމްލަ 107 މިލިޔަން ރުފިޔާއެވެ. މުދަލު ޒަކާތަކީ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. ރިހީގެ އަގަށް ބަލައިގެން މިހާރު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 21,836.50 ރުފިޔާއެވެ. އަލަށް އަމަލުކުރަން ފެށި ޒަކާތުގެ ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ ޒަކާތުގެ ޝަރުޢީ މަޤުޞަދުތައް ޙާޞިލުކުރުމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށް ޒަކާތުގެ ފައިސާ ފުރިހަމަ ގޮތުގައި ބޭނުންކުރުމެވެ.


