މީގެ 66 މިލިއަން އަހަރު ކުރިން ޑައިނަސޯތައް ނެތިދިއުމަށް މެދުވެރިވި ކަމަށް ބެލެވޭ ނާދިރު ބާވަތުގެ މީޓިއޮރައިޓް ނުވަތަ ގިނިހިލަ ސައިންސްވެރިން ދެނެގަނެފިއެވެ. މިއީ ދުނިޔޭގައި ހިނގާފައިވާ އެންމެ މަޝްހޫރު މާސް އެކްސްޓިންކްޝަން ނުވަތަ ދިރޭތަކެތި ނެތިދިއުމުގެ ހާދިސާއާ ގުޅިފައިވާ އެންމެ ބޮޑު އެއް ސިއްރު ހައްލުކޮށްދިން ހޯދުމެކެވެ. ބައިނަލްއަގުވާމީ ދިރާސާއަކުން ނިންމާފައިވާ ގޮތުގައި، ބޮޑު ހަލާކެއް ކުރިމަތިކުރުވި 'ޗިކްސުލޫބް' ހާދިސާއަށް ޒިންމާވާ އެސްޓެރޮއިޑަކީ ކާބޮނޭޝަސް CO ކޮންޑްރައިޓް އެކެވެ. މިއީ އިރުގެ ނިޒާމުގައިވާ އެންމެ ނާދިރު އަދި އެންމެ ދުވަސްވީ ބާވަތުގެ މީޓިއޮރައިޓްތަކުގެ ތެރެއިން ބާވަތެކެވެ.
މި ހޯދުން ހޯދާފައިވަނީ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އާއި ޕެރިސް، ބްރަސަލްސް އަދި ވިއެނާގެ މުއައްސަސާތަކުގެ ދިރާސާވެރިން ހިމެނޭ ބައިނަލްއަގުވާމީ ޓީމަކުންނެވެ. 'ސައިންސް އެޑްވާންސަސް' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ހޯދުންތައް ބިނާވެފައިވަނީ، ކްރެޓޭޝަސް-ޕެލިއޯޖީން އިންޕެކްޓް ހާދިސާއަށްފަހު އުފެދުނު މަށީގެ ތުނި ފަށަލައެއްގައި ރައްކާވެފައިވާ ނިކަލް އައިސޯޓޯޕްތައް ތަހުލީލުކޮށްގެންނެވެ.
މީގެ ގާތްގަނޑަކަށް 66 މިލިއަން އަހަރު ކުރިން، ގާތްގަނޑަކަށް 10 ކިލޯމީޓަރުގެ ފުޅާމިން ހުރި އެސްޓެރޮއިޑެއް މިހާރުގެ މެކްސިކޯގެ ޔުކަޓާން ޕެނިންސިއުލާއަށް ވެއްޓުނުކަން ސައިންސްވެރިންނަށް މާކުރިންވެސް އެނގެއެވެ. މި ކުރިމަތިލުމުގެ ސަބަބުން ބިޔަ ޗިކްސުލޫބް ކްރޭޓަރ ނުވަތަ ވަޅުގަނޑު އުފެދި ދުނިޔޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި އެކްސްޓިންކްޝަން ހާދިސާ މެދުވެރިވިއެވެ. މީގެ ސަބަބުން އޭރު ދުނިޔޭގައި އުޅުނު ދިރޭތަކެތީގެ ބާވަތްތަކުގެ ގާތްގަނޑަކަށް 75 އިންސައްތަ ނެތިދިޔައެވެ. މީގެ ތެރޭގައި އުދުހޭ ބާވަތްތައް ފިޔަވައި ހުރިހާ ޑައިނަސޯން ހިމެނެއެވެ.
މި ކުރިމަތިލުމުގެ ސަބަބުން ނުރައްކާތެރި ބިންހެލުންތަކާއި، ބިޔަ ސުނާމީތަކާއި، ފުޅާދާއިރާއެއްގައި ފަޔަރވައިލްޑް ނުވަތަ ބޮޑެތި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގިއެވެ. އަދި އިންތިހާއަށް ގިނަ އަދަދެއްގެ ހިރަފުހާއި ގޭސް ޖައްވުގެ މަތީ ފަށަލައަށް ބޭރުވެ، އިރުގެ އަލި ހުރަސްއަޅައި، ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. މީގެ ސަބަބުން މޫސުމީ ނިޒާމު މުޅިން ބުރޫއަރައި، ގިނަގުނަ ދިރޭތަކެތި ދިރިތިބުމަށް ނުކުޅެދޭ ފަދަ ހާލަތަކަށް ދުނިޔެ ދިޔައެވެ.
އާ ދިރާސާއިން ހާމަވާ ގޮތުގައި، ދުނިޔޭގައި ޖެހުނު މި ހިލައަކީ ކާބޮނޭޝަސް CO ކޮންޑްރައިޓް އެކެވެ. މިއީ ދުނިޔެއިން ފެންނަ މީޓިއޮރައިޓްތަކުގެ ތެރެއިން އެންމެ ފަސް އިންސައްތަ ހިއްސާކުރާ ބާވަތެކެވެ. ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މިއީ ޖުޕިޓަރާ ކައިރީގައިވާ ބޭރު އެސްޓެރޮއިޑް ބެލްޓުން ނުވަތަ އިރުގެ ނިޒާމުގެ ބޭރު ސަރަހައްދެއްގައިވާ ކުނިބުނި ގިނަ ހިސާބަކުން އައިސްފައިވާ އެއްޗެކެވެ.
އެސްޓެރޮއިޑް އައި ތަން ދެނެގަތުމުގެ އިތުރުން، މި ދިރާސާއިން ވަނީ މި ހާދިސާ މިހާ ބޮޑު ހަލާކަކަށް ވާން މެދުވެރިވި ސަބަބާ ބެހޭ އާ މައުލޫމާތުތަކެއް ވެސް ހާމަކޮށްފައެވެ. އެހެން ގިނަ ބާވަތްތަކުގެ މީޓިއޮރައިޓްތަކާ ޚިލާފަށް، CO ކޮންޑްރައިޓްތަކުގައި ސަލްފަރ، ކާބަން، ޒިންކް އަދި ފެން ފަދަ އަވަހަށް އާތްވަށް ބަދަލުވާ މާއްދާތައް ހުންނަނީ ނިސްބަތުން މަދުންނެވެ. މީގެއިން ދޭހަވަނީ ދުނިޔޭގެ ތިމާވެއްޓަށް ކުރިމަތިވި ބޮޑު ކާރިސާގެ މައިގަނޑު ސަބަބަކީ އެސްޓެރޮއިޑުން ބޭރުވި ސަލްފަރ ނޫން ކަމެވެ.
އޭގެ ބަދަލުގައި، ސައިންސްވެރިން ބުނާ ގޮތުގައި މައިގަނޑު ސަބަބަކީ އެސްޓެރޮއިޑް ޖެހުނު ވަގުތު ޖައްވުގެ ތެރެއަށް ބޭރުވި އިންތިހާއަށް ގިނަ ހިރަފުހާއި ކުނިބުންޏެވެ. މި ބޯ ހިރަފުހުގެ ވިލާގަނޑު އަހަރުތަކެއް ވަންދެން އިރުގެ އަލި ހުރަސްއަޅައި، ދުނިޔޭގެ މޫސުމާއި ކާނާގެ ސިލްސިލާއަށް ބޮޑެތި ބުރޫތަކެއް އަރުވައި، އެންމެ ފަހުން ގިނަ ދިރޭތަކެތި ނެތިދިއުމަށް މަގުފަހިކުރިއެވެ.
ދިރާސާވެރިން ބުނާ ގޮތުގައި މި ހޯދުންތަކުން މި ހާދިސާގެ އާދަޔާޚިލާފުކަން ހާމަވެއެވެ. އޭރު ދުނިޔޭގައި ޖެހިފައިވަނީ، މިހާތަނަށް އެނގިފައިވާ އެންމެ ނާދިރު އެއް ބާވަތުގެ މީޓިއޮރައިޓް ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ ދިރުންތަކުގެ މިސްރާބު ދާއިމީކޮށް ބަދަލުވެގެން ދިޔަކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.


