ފްރާންސާއި ސްޕެއިންގައި އަލިފާންގަނޑުތަކެއް ފެތުރި ނުރައްކަލަށް!

ފަރަންސޭސިވިލާތާއި ސްޕެއިންގައި ހަލުވިކަމާއެކު ފެތުރެމުންދާ ބޮޑެތި އަލިފާންގަނޑުތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގެ ޢާންމު ގޭބިސީތަކާއި ރިސޯޓުތަކުން 250,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެއްޖެއެވެ.

މި ނުރައްކާތެރި ޙާލަތާ ގުޅިގެން ފަރަންސޭސިވިލާތުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައިވާއިރު، ސްޕެއިނުން ވަނީ ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. ސްޕެއިންގެ ވެރިރަށް މެޑްރިޑް ކައިރީގައި ރޯވި އަލިފާނުގެ ސަބަބުން އެ ސަރަޙައްދުން 10,000 ހެކްޓަރު އަދި އަވިލާ ސަރަޙައްދުން 15,000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، އެ ޤައުމުގެ ކަމާބެހޭ އޮފިޝަލުން ވަނީ އަލިފާންގަނޑު މިހާރު ހުރީ ކޮންޓްރޯލް ނުކުރެވޭފަދަ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެފައެވެ.

ފަރަންސޭސިވިލާތުގެ ބޯޑޯ އަދި ލަންދް ސަރަޙައްދުތަކުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ކެޕް ފެރޭ ޕެނިންސިއުލާއިން އެކަނިވެސް 44,000 މީހުން ވަނީ ސަލާމަތީ ސަރަޙައްދުތަކަށް ގޮސްފައެވެ. ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ރޯވި އަލިފާނުގެ ސަބަބުން ގާތްގަނޑަކަށް 98,000 ހެކްޓަރުގެ ބިން އަނދާފައިވާއިރު، މިއީ ތާރީޚީ ރެކޯޑެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވި ހީޓްވޭވްތަކާއި ހަނަފަސްކަމުގެ ސަބަބުން މިފަދަ އަލިފާނުގެ ހާދިސާތައް ހިނގުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް މޫސުމީ ދިރާސާތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ