އާންމު ދިރިއުޅުމުގައި އިވޭ އަޑުތަކުން އަޑުއިވުމުގެ ހިއްސު ގެއްލިދާނެތަ؟

ކަންފަތުގެ އިވުން ދަށްވުމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ އާދަޔާ ހިލާފަށް ގަދަ އަޑުތަކަށް ހުށަހެޅޭ މީހުންނަށް އެކަނި ދިމާވާ މައްސަލައެއް ކަމަށް މިހާރު ނުބެލެވެއެވެ. އޮޑިއޮލޮޖިސްޓުން (ކަންފަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން) ފާހަގަކުރާ ގޮތުގައި ފުރާވަރުގެ ކުދިންނާއި، ޒުވާނުން އަދި ކުޑަކުދިންގެ ކިބައިން ވެސް އިވުމަށް ގެއްލުންވުމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ހެޑްފޯނު ބޭނުންކުރުމާއި، ކޮންސަރޓްތަކަށް ދިއުމާއި، ވިނަކޮށާ މެޝިން ބޭނުންކުރުން ނުވަތަ ކާރުގެ ކުޑަދޮރުތައް ތިރިކޮށްގެން ދުއްވުން ފަދަ އާންމު ކަންކަމުގެ ސަބަބުން، މަޑުމަޑުން ގޮސް ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލިދާނެ ކަމަށް އެ ބޭފުޅުން އިންޒާރު ދެއްވައެވެ.

ކަސްރަތުކޮށްގެން ވަރުގަދަކުރެވޭ މަސްތަކާ ހިލާފަށް، ކަންފަތުގެ އިވުމަށް ގެއްލުމެއް ލިބުމުން އެއީ އަލުން އިއާދަކުރެވޭނެ އެއްޗެއް ނޫންކަމަށް މާހިރުން ބުނެއެވެ. ކްލީވްލޭންޑް ކްލިނިކްގެ އޮޑިއޮލޮޖިސްޓް ވެލެރީ ޕެވްލޮވިޗް ރަފް ވިދާޅުވާ ގޮތުގައި، ކަންފަތުގެ އެތެރޭގައިވާ 'ކޮކްލިއާ' (ހިލިހިލާ ބުރެއްގެ ބައްޓަމަށް އިންނަ ގުނަވަނެއް) ގައި ހުންނަ ކުދިކުދި އިސްތަށިތަކަކީ އުފަންވާއިރު ހުންނަ، އަދި ހަލާކުވުމުން އަލުން ނުފަޅާ އެއްޗެހިތަކެކެވެ. މި ކުދިކުދި ސެލްތަކަކީ އަޑުގެ ތުރުތުރުތައް އިލެކްޓްރިކަލް ސިގްނަލްތަކަށް ބަދަލުކޮށް، ސިކުނޑިއަށް އަޑު އިއްވައިދޭ ސެލްތަކެވެ. ގިނަ ވަގުތު ގަދަ އަޑަށް ހުށަހެޅުމުގެ ސަބަބުން މި ސެލްތައް ލެނބި ނުވަތަ ދާއިމީކޮށް ހަލާކުވެދެއެވެ.

މާހިރުން ބުނާ ގޮތުގައި، ގަދަ އަޑުތަކަށް ތަކުރާރުކޮށް ހުށަހެޅުމުން ލިބޭ ގެއްލުން ވަގުތުން ފާހަގަނުވި ނަމަވެސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް އެ ގެއްލުން އިތުރުވަމުންދެއެވެ. މޭޔޯ ކްލިނިކްގެ އޮޑިއޮލޮޖިސްޓް ޖޭމީ ބޯގްލް ފާހަގަކުރެއްވި ގޮތުގައި، ޒުވާން އުމުރުގައި ކަންފަތް ރައްކާތެރިކުރުމަށް މީހުން ސަމާލުކަން ނުދޭ ނަމަވެސް، އޭގެ ނޭދެވޭ އަސަރުތައް ފެންނަނީ އަހަރުތަކެއް ފަހުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިވުމުގެ ބާރު ދަށްވުމުގެ ސަބަބުން ސިއްހީ އެހެނިހެން މައްސަލަތައް ވެސް ކުރިމަތިވެދާނެއެވެ. އިވުމުގެ މައްސަލަ ހުންނަ އުމުރުން ދުވަސްވީ މީހުންނަށް ވާހަކަދައްކައި އުޅުމުގައި ދަތިތަކާ ކުރިމަތިވާތީ، މުޖުތަމައާ އެކަހެރިވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، އުމުރާ ގުޅިގެން އިވުމުގެ ބާރު ދަށްވުމާއި، ވިސްނުން ކޮށިވުމާއި އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އާ ގުޅުމެއް ހުރިކަން ދިރާސާތަކުން ދައްކައެވެ. ނަމަވެސް ސައިންސްވެރިން އަދި މިކަމުގެ ސީދާ ސަބަބާއި ނަތީޖާ ކަށަވަރެއް ނުކުރެއެވެ.

ކޮންސަރޓްތަކާއި، ކުޅިވަރު ހަރަކާތްތަކާއި އަދި އަމިއްލައަށް އަޑުއަހަން ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އޮޑިއޮލޮޖިސްޓުން ލަފާދެނީ އާދައިގެ ފޯމް އިޔަރޕްލަގްގެ ބަދަލުގައި 'ހައި-ފިޑެލިޓީ' އިޔަރޕްލަގް ބޭނުންކުރުމަށެވެ. ސަބަބަކީ މިއީ މިއުޒިކްގެ ފެންވަރަށް ބަދަލު ނުގެނެސް އަޑުގެ ބާރުމިން ކުޑަކޮށްދޭ އެއްޗެހިތަކަކަށް ވާތީއެވެ. އަދި ހެޑްފޯނުގެ އަޑު ރައްކާތެރި މިންވަރެއްގައި ބެހެއްޓުމަށް މާހިރުން އިރުޝާދުދެއެވެ. ކައިރީގައި ހުންނަ މީހަކަށް ވާހަކަ ދައްކާއިރު ހަޅޭއްލަވަން ޖެހޭ ނަމަ، އޭގެ މާނައަކީ އަޑު ހުރީ މާ ބާރަށެވެ.

ސްވިޑަންގައި ނުވަ އަހަރުގެ ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ގަވާއިދުން ހެޑްފޯނު ބޭނުންކުރާ ކުދިންނާއި ވަރަށް މަދުން ބޭނުންކުރާ ކުދިންގެ އިވުމުގެ ފެންވަރުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ދިރާސާވެރިން އަންދާޒާކުރާ ގޮތުގައި، ގަދަ އަޑަށް ގިނަ ވަގުތު ހުށަހެޅުމުގެ ސަބަބުން، އުމުރުން 35 އަހަރުން ދަށުގެ ގާތްގަނޑަކަށް 1.35 ބިލިއަން މީހުންނަށް، އުމުރަށްވުރެ ކުރިން އިވުމުގެ ބާރު ދަށްވުމުގެ ނުރައްކާ އެބައޮތެވެ.

ގޭތެރޭގެ މަސައްކަތްތަކުން ވެސް ނުރައްކާ ކުރިމަތިވެދާނެއެވެ. ވިނަކޮށާ މެޝިނާއި، ކަރަންޓު ސާމާނުތަކުން އުފައްދާ އަޑަކީ އިވުމަށް ގެއްލުން ދެވޭ ފަދަ ބާރު އަޑުތަކަކަށް ވާތީ، ކަންފަތް ރައްކާތެރިކުރުން މުހިންމެވެ. ސައިކަލު ދުއްވާ މީހުންނާއި، ހައިވޭތަކުގައި ބާރު ދުވެލީގައި ކާރުގެ ދޮރު ހުޅުވައިގެން ދުއްވާ މީހުން ވެސް ކަންފަތް ރައްކާތެރިކުރާ ސާމާނު ބޭނުންކުރުމަށް ނުވަތަ ވައިގެ އަޑަށް ހުށަހެޅޭ ވަގުތު މަދުކުރުމަށް ލަފާދެއެވެ.

އެހެންނަމަވެސް، މާ ގިނައިން އިޔަރޕްލަގް ބޭނުންކުރުމާ މެދު މާހިރުން އިންޒާރު ދެއެވެ. ސަބަބަކީ ގިނަގިނައިން ކަންފަތަށް އެއްޗެހި ލެއްވުމުން ކަންފަތު ފީނި އެތެރެއަށް ފިތި، އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވާތީއެވެ.އޭގެ ބަދަލުގައި، ކަންފަތް ގޮވުން، ވާހަކަދައްކާއިރު ދޭހަވާން އުނދަގޫވުން ނުވަތަ އަޑުއިވުމުގެ މައްސަލައެއް ހުރިކަމުގެ އެހެން ނިޝާނެއް ފެނިއްޖެނަމަ، އުމުރަށް ބެލުމެއްނެތި ލަސްނުކޮށް އަޑުއިވުމުގެ ޓެސްޓެއް ހަދަންވާނެއެވެ. ސަބަބަކީ، އަޑުއިވުމުގެ މައްސަލަތައް ކުރީބައިގައި ދެނެގަނެވިއްޖެނަމަ، އެކަން އިތުރަށް ގޯސްވުމުގެ ކުރިން އެކަމަށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ