އިންޑިއާގައި މެޑިކަލް ދާއިރާއަށް ވަނުމަށްދޭ ނީޓް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ކުރި މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލަތައް ބާތިލުކުރުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ.
އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން ގިނަ ދަރިވަރުންތަކެއް އަމިއްލައަށް މަރުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދްރަ ޕްރަދާން އިސްތިއުފާ ދެއްވުމަށާއި، އިމްތިހާނު ބާއްވާ ނިޒާމު ބަދަލުކުރުމަށް ގޮވާލާފައެވެ. މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.
ސީޖޭޕީގެ ތަރުޖަމާނު މިއަދު ހާމަކުރި ގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހުރިހާ މައްސަލައެއް ބާތިލުކުރުމުގެ އިތުރުން، އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށްވެސް ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން، މުޒާހަރާގެ ބައިވެރިންނާ މެދު އަނިޔާވެރިކޮށް އަމަލުކުރި ފުލުހުންނަށް ފިޔަވަޅު އެޅުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ އެދިފައެވެ.


