އިސްރާއީލުގެ ރައްޔިތުން މެލޭޝިއާއަށް ވަނުން މަނާކޮށްފައި އޮންނަ އޮތުން ބަދަލުނުކޮށްފިނަމަ، އެމެރިކާއިން ދޭ އަސްކަރީ ތަމްރީނުގެ އެހީތައް މެދުކަނޑާލާނެ ކަމަށް ބުނެ އެމެރިކާގެ ކޮންގްރެސްގެ އަށް މެންބަރަކު ދިން އިންޒާރުތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސެރެމްބަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، ޤައުމަށް އެތެރެވާ މީހުން ކޮންޓްރޯލް ކުރުމަކީ މެލޭޝިއާގެ މިނިވަން، މުސްތަޤިއްލު ޙައްޤެއް ކަމަށާއި އިސްރާއީލު ރައްޔިތުން ވަނުން މަނާކުރުމަކީ އެތައް އަހަރެއްގެ ކުރިން ފެށިގެން އެ ޤައުމުން ގެންގުޅޭ ދާއިމީ ސިޔާސަތެއް ކަމަށެވެ. އަދި އެއީ ޔަހޫދީންނަށް ވީތީ ނޫން ކަމަށާއި، ފަލަސްޠީނާއި ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި އަނިޔާވެރިކަމުގައި އެ މީހުން ބައިވެރިވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހޫނުވީ އެމެރިކާގެ ކޮންގްރެސް މެންބަރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ފޮނުއްވި ސިޓީއެއްގައި، 15 ދުވަހުގެ ތެރޭގައި އެ ސިޔާސަތު ބަދަލުނުކޮށްފިނަމަ އަސްކަރީ ފަންޑުތައް ހުއްޓާލުމަށް ގޮވާލުމުންނެވެ. އަދި މެލޭޝިއާއިން ޙަމާސްއަށް ތަމްރީނު ދޭ ކަމަށް ކުރި ތުހުމަތުތައް އަންވަރު ދޮގުކުރެއްވިއެވެ.
މެލޭޝިއާގެ ޖޮހޯރުގައި ހިންގާ "ނެޓްވޯކް ސްކޫލް" އިން އިސްރާއީލު މީހުން އެހެން ޕާސްޕޯޓު ބޭނުންކޮށްގެން އުޅުނު މައްސަލައިގައި އެ ތަނުގެ ލައިސަންސް ބާތިލުކޮށްފައިވާއިރު، އަންވަރު ވަނީ އެމެރިކާގެ އިންޒާރުތަކާއެކުވެސް ޤައުމީ ކަރާމާތާއި ފަލަސްޠީނުގެ ޙައްޤުގައި މެލޭޝިއާއިން ސާބިތުވެ އޮންނާނެ ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ.


