ޣައްޒާގެ މައްސާލަގައި ތުރުކީން އިސްރާއީލާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އަންގާރަ ދުވަހު ތުރުކީގެ ޓްރޭޑް މިނިސްޓްރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީގެ 54 ބާވަތެއްގެ މުދާ އިސްރާއީލަށް އެކްސްޕޯޓް ކުރުން މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން، އެލްމިނިއަމާއި، ދަގަނޑާއި އިމާރާތް ކުރުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލް އާއި ހަތިޔާރުގެ ގޮތުގައި ބޭނުން ހިފިދާނެ ތަކެތި އިސްރާއީލަށް ނުވިއްކަން ވަނީ ނިންމާފައެވެ.
ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އިސްރާއީލާ މެދު އަންކާރާއިން ގެންގުޅޭ ސިޔާސަތަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރީން އަންކާރާއިން ދެކެމުން އައީ، ސިޔާސީ ދެބަސްވުންތަކާއި އިގްތިސާދީ ގުޅުން ތަކަކީ ވަކި ސިޔާސަތުތަކެއްގެ ގޮތުގައެވެ. ނަމަވެސް ތުރުކީން އިސްރާއީލާ ދެކޮޅަށް މިއެޅި ފިޔަވަޅުތަކުގެ ސަބަބުން މި ސިޔާސަތަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެއެވެ.
ޣައްޒާގެ މައްސަލާގައި ތުރުކީން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގްތިސާދީގޮތުން އިސްރާއީލަށް ވަރަށް ހިތްދަތި، ނުހަނު އުނދަގޫ ފިޔަވަޅުތަކެއް ކަމަށް އިސްރާއީލުގެ މީޑިތަކުން ބުނެއެވެ.
މީޑިއާއަށް އަށް މައުލޫމާތު ދެއްވަމުން އިސްރާއީލުގެ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) ގެ ސީނިއާ ރިސާޗް ފެލޯ ގަލިއާ ލިންޑެންސްޓްރަސް ވިދާޅުވީ، ތުރުކީގެ މި ނިންމުން އިސްރާއީލަށް ވޭންދެނިވި ނިންމުމަކަށްވީ، މި ދެގައުމަކީ ވިޔަފާރީގެ މުހިންމު ދެ ބައިވެރިންނަށް ވާތީއާއި، ސިޔާސީ ގޮތުން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް ވިޔަފާރީގެ ގުޅުންތަކާ މެދު، އަދި މިހާތަނަށް އައިއިރު ތުރުކީން އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށެވެ.
މި ފިޔަވަޅުތައް ތުރުކީން އަޅާފައިވަނީ، ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ތުރުކީން ޣައްޒާއަށް ދޭ އެހީ ވައިގެ މަގުން ފޯރުކޮށް ދިނުމަށް އިސްރާއީލުން ހުރަސްއެޅި ކަމަށް ވިދާޅުވެ، ހަނގުރާމަ ހުއްޓާލައި އެ ސަރަހައްދަށް ދާއިމީ ގޮތެއްގައި އެހީ ފޯރުކޮށް ނުދެވޭހާ ހިނދަކު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ވައުދުވިތާ އެއް ދުވަސް ފަހުންނެވެ. ފިދާންގެ ބަޔާނަށް އިޒްރޭލުން ޖަވާބެއް ނުދެއެވެ.
މުރާސިލުން ދެކޭގޮތުގައި އިސްރާއީލާ ދެކޮޅަށް ތުރުކީން ދަތިކުރުމުގެ ފިޔަވަޅުތައް މިއެޅީ، ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި އިސްރާއީލާ ގުޅުންތައް ކަނޑާލުމަށް ތުރުކީގެ ރައްޔިތުން އެގައުމުގެ ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ޔިސްރާއެލް ކާޓްސް ވިދާޅުވީ، ބޮއިކޮޓް ކުރުމުގެ ގާނޫނުތަކާ ހިލާފަށް އިސްރާއީލާ ދެކޮޅަށް ތުރުކީން އެޅި ފިޔަވަޅުތައް ބަލައި އެއާ އެއްގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ކޮންގްރެސްގައި ތިބި އިސްރާއީލުގެ ރައްޓެހިންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.


