ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑުން ލަލީގާގެ އެއްވަނައިގައި ހަމަޖެހިލައިފި

އެލްކްލެސިކޯގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑުން ލަލީގާގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މެޗު ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިން ނެތް ބްލައުގްރާނާގެ ފަރާތުން  ފާހަގަކޮށްލެވޭފަދަ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޑްރިޑުން މެޗު ފެށީ އަވަސް ކުޅުމަކުންނެވެ.މެޗުގެ ކުރީކޮޅު ވީނިސިއަސް ޖޫނިއަރ ޕެނަލްޓީ އޭރިއާ ތެރޭގައި ވެއްޓުމުން ޕެނަލްޓީއެއް ލިބުނު ކަމަށް ހީކުރި ނަމަވެސް، ވީއޭއާރުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މީގެ ކުޑަ ހިނދެއް ފަހުން ވެސް ރެފްރީންގެ ނިންމުންތައް ވަނީ ސަމާލުކަމަށް އައިސްފައެވެ.އަދި އެމްބާޕޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، މެޑްރިޑްގެ ސްޓްރައިކަރު ހުރީ ކުޑަ ވަރަކަށް އޮފްސައިޑްގައި ކަމަށް ނިންމިއެވެ.

އެމްބާޕޭ ވަނީ ބެލިންގހަމް ދިން މޮޅު ތްރޫ-ބޯޅައަކަށް ދުވެގޮސް މޮޅަށް ނިންމާލައިގެން މެޗުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އޭގެ ފަހުން އެމްބާޕޭ އާއި ޑީން ހުއިސެން ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ކީޕަރުވޮއިޗެކް ޝެޒްނީ ވަނީ މޮޅަށް ދިފާއުކޮށްފައެވެ. މި ސޭވްތަކުގެ ސަބަބުން ބާސާ އަށް މެޗުގައި ކޮންޓްރޯލް ނެގުނުއިރު، މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ކައިރިން އަރުދާ ގުލާ ބޯޅަ ގެއްލުވައިލުމުން މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ފާމިން ލޮޕޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޑްރިޑުން ވަނީ އަލުން ލީޑު ނަގައިފައެވެ. މިއީ އެޑާ މިލިޓާއޯ ޕެނަލްޓީ އޭރިއާ ހުރަސްކޮށް ބޮލުން ދިން ބޯޅައަކުން ބެލިންގހަމް މުޅިން ހުސްކޮށްހުރެ ޖެހި ގޯލެކެވެ. ދެވަނަ ހާފް ފެށިތާ މާގިނައިރުތަކެއް ނުވެ، އެރިކް ގާސިއާ ޕެނަލްޓީ އޭރިއާ ތެރޭގައި އަތުން ބޯޅަ ހިފުމުން މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ބާސާ އިން ދެވަނަ ހަމަހަމަ ގޯލެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ބެންޗުން ނެރެވޭނެ ކުޅުންތެރިން މަދުވުމުގެ ސަބަބުން ތިބޯ ކޯޓުއާސް އަށް ގޮންޖެހުން ދެވޭ ފަދަ މާބޮޑު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ އިތުރުވަގުތުގައި ބާސެލޯނާގެ ޕެޑްރީ ކުރި ފައުލަކަށް ރެފްރީވަނީ ރަތްކާޑެއް ދައްކާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ