އިނގިރޭސި ޕްރިމިއާ ލީގުގައި އެބެރެޗީ އެޒޭގެ އާސެނަލަށް ޖަހައިދިން ފުރަތަމަ ގޯލާއެކު އާސެނަލްއިން ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށްފިއެވެ. އާސެނަލްގެ މި މޮޅާއެކު، ޕްރިމިއާ ލީގުގެ އެއްވަނައިގައި އެ ޓީމުން ވަނީ 4 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޒޭ މި ގޯލު ޖެހީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލުގެ ގޮތުގައެވެ.
އާސެނަލްއިން ޕެލަސްއާ ދެކޮޅަށް މުޅިން ހިތްހަމަޖެހޭ ކުޅުމެއް ނުދެއްކި ނަމަވެސް، ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްއަށް މި ހަފްތާ ބަންދުގައި ޕޮއިންޓު ގެއްލުނު ވަގުތެއްގައި، މި މޮޅަކީ ވަރަށް މުހިންމު 3 ޕޮއިންޓެވެ.
އެޒޭ ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމާ ގާތްވެފައި ވަނިކޮށް ޕެލަސްކޮޅަށްް ގޯލު ވައްދާލާފައެވެ. ޕެލަސްއިން ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އާސެނަލްއިން ވަނީ ލީޑު ދަމަހައްޓާފައެވެ.
މިރޭ ދެންކުޅުނު މެޗުތަކަށް ބަލާލާއިރު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ 3-0 އިން އެވަޓަން ބަލިކޮށްފައެވެ. އަދި މެންޗެސްޓަރ ސިޓީ އެސްޓަން ވިލާ އަތްދަށުވިއިރު ބޯންމައުތުން ވަނީ 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ.
މި ނަތީޖާތަކާއެކު އާސެނަލުން ލީގުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި 18 ޕޮއިންޓާއެކު އޮތީ ބޯންމައުތެވެ. ތިންވަނައިގައި 17 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާސް އަދި ސަންޑަލޭންޑް އޮތްއިރު 5 ވަނައިގައި 16 ޕޮއިންޓާއެކު އޮތީ މެންސިޓީއެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ 7ވަނައިގައެވެ.


