މެންޗެސްޓަރ ޔުނައިޓެޑަށް ބޭނުންވަނީ ކްލަބަށްޓަކައި ފުރާނަދޭން ތައްޔާރަށް ތިބޭ ކުޅުންތެރިން

މެންޗެސްޓަރ ޔުނައިޓެޑުން މިވަނީ ޓްރާންފަރ ވިންޑޯގައި ކްލަބަށް ކުޅުންތެރިން ހޯދުމުގައި އެންމެ އިސްކަންދޭ ކަންތައް ހާމަކޮށްފައެވެ. އެގޮތުން މިހާރު އެ ކްލަބުން ބަލަނީ "ކްލަބަށްޓަކައި ފުރާނަ ދޭނެ" ކުޅުންތެރިންނަށެވެ. އެ ކްލަބުން އަމާޒު ހިފާފައިވަނީ އެ ކްލަބުގެ ކުރީގެ ޝަޚްސިއްޔަތު އަނބުރާ ގެނެސް، އޯލްޑް ޓްރެފޯޑްގައި ކުރީގެ ކާމިޔާބީގެ ދުވަސްތައް އަނބުރާ ގެނައުމަށެވެ. އަދި އެ ކްލަބުން ވަނީ އާ ކުޅުންތެރިން ހޯދުމުގެ ހަރުދަނާ ފިކުރެއް ފަށާފައެވެ. އެއީ މަޝްހޫރުކަމަށްވުރެ ބޮޑަށް ކުޅުމަށް ބޭނުންވުމާއި، މަޑުމައިތިރިކަމާއި، ހިތްވަރަށް އިސްކަންދޭ ފިކުރެކެވެ.

އެޓީމުގެ ފުޓްބޯޅަ ޑިރެކްޓަރު ޖޭސަން ވިލްކޮކްސް ބުނާގޮތުގައި އޯލްޑް ޓްރެފޯޑްގެ ބޮޑެތި ކުޅުންތެރިން މިހާރު ދަނީ ސުޕަރސްޓާރުން ސޮއިކުރުމުން ދުރުވެ، ރަނގަޅު މެންޓަލިޓީއެއް ހުންނަ "ސާފު ދިރިއުޅުމެއް އުޅޭ ޕްރޮފެޝަނަލުން" ހޯދުމަށް ކަމަށެވެ. މިދިޔަ ސަމަރ ޓްރާންސްފަރ ވިންޑޯއަކީ އޭނާ މިބުނި ވާހަކަ އިމްތިހާނުކުރި ދުވަސްވަރެކެވެ. ޔުނައިޓެޑް މުޅިން ހަލަބޮލި ވެފައިވާ ދަނޑި ވަޅެއްގައި އެޓީމުން ވަނީ ފަސް ކުޅުންތެރިން ހޯދުމަށް 216 މިލިއަން ޕައުންޑް (288 މިލިއަން ޑޮލަރު) ޚަރަދުކޮށްފައެވެ. އެއީ ފޯވާޑްސް މެތިއުސް ކުންހާ، ބްރަޔަން އެމްބިއުމޯ، އަދި ބެންޖަމިން ސެސްކޯގެ އިތުރުން ޒުވާން ގޯލްކީޕަރު ސެން ލެމެންސް އަދި 17 އަހަރުގެ ލެފްޓް-ބެކް ޑިއޭގޯ ލިއޯންއެވެ. ރޫބެން އަމޯރިމްގެ ދަށުން އޯލްޑް ޓްރެފޯޑްގައި މުޅިން އާ ޓީމެއް ބިނާ ކުރަމުން ދާއިރު، ވިލްކޮކްސް އުންމީދު ކުރަނީ އެތައް އަހަރެއްގެ ނާކާމިޔާބީތަކަށްފަހު ޔުނައިޓެޑަށް އާ ދުވަސްވަރެއް ފެށިގެންދާނެ ކަމަށެވެ.

ކްލަބުގެ 'އިންސައިޑް ކެރިންގްޓަން' ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިލްކޮކްސް ވިދާޅުވީ މި ޑީލްތައް ހަދާފައިވަނީ ހާސްކަމެއްގެ ތެރެއިން ނޫން ކަމަށާއި، އެއީ ވަކި އުސޫލުތަކެއްގެ ދަށުން ރާވައިގެން ކުރި ކަންތައްތަކެއް ކަމަށެވެ.

"ތިބާ ގެންނަންޖެހޭނީ ޗޭންޖިން ރޫމަށް ތަފާތު ކަމެއް ގެނެސްދޭ ކުޅުންތެރިން. އެކަމަކު އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެން މިތަނަށް ގެންނަ ކޮންމެ ކުޅުންތެރިއަކުވެސް ކުރިއެރުމަށް ބޭނުންވާންޖެހޭނެ. އަދި އެމީހުން ޓީމް ޕްލޭޔަރަކަށް ވާންޖެހޭނެ. އަދި ކާމިޔާބު ޓީމެއްގެ ބައެއްގެ ގޮތުގައި ހުރުމުގެ މާނަ އެނގެންޖެހޭނެ،" އޭނާ ބުންޏެވެ.

"މިއީ ހާލެމް ގްލޯބްޓްރޮޓަރސް (އެމެރިކާގެ ބާސްކެޓްބޯޅަ ޓީމެއް) އެއްކުރުމެއް ނޫން. މާޒީގައި އަޅުގަނޑުމެންގެ ކާމިޔާބު މެން ޔުނައިޓެޑް ސްކޮޑްސްތަކަށް ބަލާއިރު، އެ ޓީމުތަކުގައި ކްލަބަށްޓަކައި ފުރާނަ ދޭނެ ވަރަށް ފަންކްޝަނަލް ކުޅުންތެރިން ތިބި. އަދި ބައެއް މޭވަރިކްސް (އާދަޔާ ޚިލާފު ކުޅުންތެރިން) ވެސް ތިބި."

ވިލްކޮކްސް ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑުން މިހާރު ހޯދަމުންދަނީ ކްލަބުގެ ރޫހު ހިފަހައްޓާ، ރަތް ކުލައިގައި ކާމިޔާބު ހޯދުމަށްޓަކައި ހުރިހާ ކަމެއް ގުރުބާންކުރާނެ ކުޅުންތެރިންނެވެ. އަދި 2026 ވަނަ އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯއަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. "މިދިޔަ އަހަރުގެ ސަމަރ ވިންޑޯއަށްވުރެ މި އަހަރުގެ ވިންޑޯ ވަރަށް ބޮޑަށް ހަމަހިމޭން،" އޭނާ އެއްބަސްވިއެވެ. "މި އަހަރުގެ ވިންޑޯ ވަރަށް ހަމަޖެހިފައި އޮތީ. އަޅުގަނޑުމެންނަށް ޕްލޭން އެނގޭ. އަޅުގަނޑުމެން ޓާގެޓް ކުރާނެ ކުޅުންތެރިން އެނގޭ. އަޅުގަނޑުމެންގެ ލިސްޓްތައް އެބަހުރި. ރަނގަޅު ކުރަންޖެހެނީ ޕިޗުގެ ކޮން އޭރިއާއެއްކަން އެނގޭ."

މި ސީޒަންގައި ޔުނައިޓެޑްގެ ފެށުން ވަރަށް ދަށްކޮށް ފެނުނު ނަމަވެސް، އަމޯރިމްގެ ދަށުން ޔުނައިޓެޑްގެ ސީޒަން މިހާރު ވަނީ ހަމަޖެހިފައެވެ. ޕޯޗުގަލްގެ މި ކޯޗަށް ސީޒަންގެ ކުރީކޮޅު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެއީ ހުރިހާ މުބާރާތެއްގައި ވެސް ފުރަތަމަ ހަތް މެޗުގެ ތެރެއިން ޔުނައިޓެޑަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗު ކަމަށް ވުމުންނެވެ. ނަމަވެސް، ނޮޓިންހަމް ފޮރެސްޓާ އެއްކޮށް 2-2 އިން އެއްވަރުވުމަށް ފަހު، މިހާރު އޭނާގެ ޓީމު ލީގުގެ ހަތަރު މެޗުން ބަލިނުވެ ވަނީ ހިފަހައްޓާފައެވެ. މިއާއެކު އެ ޓީމު ޕްރިމިއާ ލީގުގެ އަށްވަނައިގައި އޮތް ނަމަވެސް، ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު ހުރީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި ޖެހިޖެހިގެން ދެ މެޗު ކާމިޔާބު ކުރުމަށްޓަކައި އަމޮރިމްއަށް ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނެގިއެވެ. ނަމަވެސް، ވިލްކޮކްސް ބުނާ ގޮތުގައި މެނޭޖަރުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

"ރޫބެންއަށް ވަރަށް ސާފު ވިޝަން އެއް އެބައޮތް. އެ ވިޝަން އަކީ މީހުން ހީކުރާ ވަރަށް ވުރެ މާ ބޮޑަށް ފުޅާ ވިޝަންއެއް،" ވިލްކޮކްސް އިތުރަށް ބުންޏެވެ. "އަހަރެމެން ފަށަން ޖެހޭނީ ނިމުން ހިތުގައި ބާއްވައިގެން، އަދި ގޭމް މޮޑެލް، މެންޗެސްޓަރ ޔުނައިޓެޑް އޮންނަ ގޮތް، މިއީ ވަރަށް މުހިންމު ކަމެއްކަން ދޭހަވާން ޖެހޭ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ