ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ފީފާ ދަ ބެސްޓް އެވާޑް ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އަށް ލިބިއްޖެއެވެ.
ޑެމްބެލޭ ވަނީ 2024-2025 ވަނަ އަހަރުގެ ސީޒަންގައި ދެއްކި ތަފާތު މޮޅު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ބެލޮންޑޯ އެވޯޑު ވެސް ހޯދާފަައެވެ.
ފްރާންސްގެ މި ފޯވަޑަކީ ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އިން ތާރީޚީ ކޮންޓިނެންޓަލް ޓްރެބަލް ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެގޮތުން، އެ ކްލަބުން ވަނީ ލީގު 1 ގެ ޓައިޓަލާއި، ކޫޕް ޑެ ފްރާންސް އާއި، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ހޯދާފައެވެ. ޓްރެބަލްގެ އިތުރުން، އޭނާ ވަނީ ޓްރޮފީ ޑެ ޗެމްޕިއަންސް އާއި ސުޕަރ ކަޕްވެސް ހޯދުމުގައި އެހީތެރިވެދީފައެވެ. މިއީ 2024-2025 ވަނަ ސީޒަންގައި އަދި 2025-2026 ވަނަ ސީޒަންގެ ފެށުމުގައި، އެއް ކަލަންޑަރު އަހަރެއްގެ ތެރޭގައި ފަސް ޓްރޮފީ ހޯދައި، މިހާތަނަށް އެހެންޓީމަކަށް ހޯދިފައިނުވާ ކާމިޔާބީއެކެވެ.
ޑެމްބެލޭގެ ފުރިހަމަ ކުޅުން، އެއީ ހުރިހާ މުބާރާތްތަކެއްގައި 35 ގޯލާއި 16 އެސިސްޓް ހިމެނޭ ކުޅުމެކެވެ. އަނިޔާގެ ސަބަބުން ހުނަރު ގެއްލިފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި، ދުނިޔޭގެ ސުޕަރސްޓާރަކަށް އޭނާ ބަދަލުވުމަކީ، ފުޓްބޯޅައިގެ ތާރީހުގައި ޑެމްބެލޭގެ ނަން ލިޔެވިގެންދާނޭ ކަމެކެވެ.
މީގެ ޢިތުރުން ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ ބާސެލޯނާގެ އައިޓާނާ ބޮންމަޓީއެވެ.
އެންމެ މޮޅު ކީޕަރަކަށް ޕީއެސްޖީގެ ކުރީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ ހޮވުންއިރު އެންމެ މޮޅު ކޯޗަކީ ޕީއެސްޖީގެ ލުއިސް އެންރީކޭއެވެ.


