ކ. ގިރިފުށި ބިންހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ކ. ގިރިފުށި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސް މި މަސައްކަތް ބައްލަވާލެއްވީ ސިފައިންގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެމަނިކުފާނުގެ އަރިހުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. މަޝްރޫޢުގެ ދަށުން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ އިތުރުން، އެލް-ބްލޮކް ކީ-ވޯލް ހެދުމާއި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުން ހިމެނެއެވެ. އަދި މިހާރު އޮތް 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ހަދާނެއެވެ.

މި މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް މަރުހަލާތަކުގައި ގިރިފުށި ވެގެންދާނީ "ދިވެހި ވަޠަނީ ޚިދުމަތް" ތަމްރީންތަކުގެ މައި މަރުކަޒަށެވެ. އަދި އެ ރަށުގައި އަސްކަރިއްޔާގެ އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ ޒަމާނީ އުމްރާނީ ވަޞީލަތްތަކާއި، އެކޮމޮޑޭޝަން ފެސިލިޓީތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ